އެކްސިޑެންޓް

އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް އަނިޔާ

ސިނަމާލެ ބުރިޖު ނިމޭ ހިސާބުން ހުޅުލޭ ޓްރެފިކް ލައިޓް ކައިރީ އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް އަނިޔާ ވެއްޖެ އެވެ.

ފުލުހުން މިއަދު ބުނީ އެ އެކްސިޑެންޓް ހިނގީ ރޭ ދަންވަރު 12:45 ކަންހާއިރު ކަމަށެވެ. އެކްސިޑެންޓް ހިނގީ ދެ ސައިކަލެއް ޖެހިގެން ކަމަށާއި ސައިކަލު ދުއްވި ދެ މީހުނަށް ވެސް އެކިވަރުގެ އަނިޔާ ލިބުނު ކަމަށެވެ.

އޭގެ ތެރެއިން އެކަކު ގެންދިޔައީ ޓްރީޓޮޕް ހޮސްޕިޓަލަށެވެ. އަނެއް މީހާ ހުޅުމާލޭ ހޮސްޕިޓަލަށެވެ. މީހުންނަށް ލިބުނު އަނިޔާގެ ތަފްސީލު ފުލުހުން ސާފު ކޮށެއް ނުދެ އެވެ.

އެ ހާދިސާ ހިނގިއިރު އެއް ސައިކަލު ދުއްވަން އިން މީހާގެ ލައިސެންސެއް ނެތެވެ. އަދި އެކްސިޑެންޓް ހިނގަން މެދުވެރިވީ ޓްރެފިކް ލައިޓް ރަތްވެފައި ހުއްޓާ އެއް ސައިކަލު ލައިޓަށް މަޑުނުކޮށް ދުއްވުމުން، ހުޅުމާލެއިން އެއާޕޯޓަށް ދިޔަ ސައިކަލެއްގައި ޖެހިގެނެވެ.