ވާހަކަ

ސިއްތާ

(8 ސެޕްޓެމްބަރ 2021 އާ ގުޅޭ)

"ހިނގާ ފުރަން... މިތާ މަޑުކުރާ ހިތެއްނެތް." އީހާނުގެ ތުނިކޮށް ހުރި ތުނބުޅީގައި ފިރުމާލަމުން ނީރާ ބުންޏެވެ.

"އަހަރެންވެސް ބޭނުންވަނީ އެގޮތް." އީހާނު ބުނެލިއެވެ. ނީރާ ބޯޖަހާލީ އޭނާ ގަބޫލޭ ބުނާ ފަދައިންނެވެ.

އީހާން ހަމައަކަށް އެޅުމުން އޭނާ އެނދުގައި ބައިންދާފައި ލަކުޑިތަޅުން މަތީ ހުރި ލޭތައް ނީރާ ސާފުކުރިއެވެ. ބިއްދޮށަށް ނުކުންނަން ހުޅުވާފައި ހުރި ދޮރުން ކުލަފަނޑުވަމުންދިޔަ އުޑުމަތިން އިރުއޮއްސެން އުޅޭކަމުގެ އަލާމާތްތައް ދައްކާލަފައިފިއެވެ. ނީރާ އައިސް އެނދުގައި އީހާނުގެ ކައިރީ އިށީނެވެ. ނިދާލަން ނީރާ އެދުނެވެ. ކީއްވެކަމެއް ނޭނގެއެވެ. ނީރާ ބުނާ ގޮތް އީހާނު ހެދިއެވެ.

"ދުރައް ނުދައްޗޭ." އޮށޯވެލުމާއެކު ނީރާގެ އަތުގައި ހިފާލަމުން އީހާނު ބުނެލިއެވެ. ނީރާ މަޑުމަޑުން ބޯޖަހާލީއެވެ. އީހާންގެ ހޭވިފައި އޮތް ބުޅި އިސްތަށިތައް މޫނުން އެއްފަރާތްކޮށްލަ ދިނެވެ. ނީރާ ކައިރީގަ އިންކަން އީހާނަށް ބުނެދޭން އުޅޭ ފަދައިންނެވެ. އީހާން ލޯ މަރާލިއެވެ. އޭނާގެ އަތުން ނީރާ ދޫކޮށެއް ނުލައެވެ.

އީހާންގެ މޫނަށް ބަލަން ނީރާ އިނީއެވެ. އެ އަތުގެ ތެރޭގައިވި އީހާންގެ އަތްތިލަ އިން ވާގި ނެތެން ފެށުމުން އޭނާއަށް ނިދުނީ ކަމުގައި ނީރާ ގަބޫލުކުރިއެވެ. އެ އަތުން މަޑުމަޑުން ދޫކޮށްލާ އެނދުގައި ބާއްވާލިއެވެ. ނަމަވެސް އީހާންގެ މޫނުން ނީރާގެ ނަޒަރު ވަތްކެއް ނުވެއެވެ. އީހާން ހަގީގަތުގައި ވެސް ނިދީކަން ޔަގީން ނުވަނީއެވެ. ގުޑި ވެސް ނުލާ އެތައް އިރެއްވާންދޭން ނީރާ އިނީ އެހެންވެއެވެ. އޭނާ ތެދުވާން އުޅުނު އިރު ހަރަކާތެއް ނުކޮށް ގިނައިރު ފައި ކުރުކޮށްލައިގެން އިނުމުގެ ސަބަބުން ވައަތު ފައި ވަނީ އައްސިވެފައެވެ. އެހެންވިޔަސް އޭނާ އެނދުން ތެދުވީ ސިއްރުންނެވެ. ތެދުވެގެން އައިސް މޫދާ ދިމާއަށް ނުކުމެވެން ހުރި ކޮޓަރީގެ ފަހަތު ދޮރުން ނުކުތެވެ. ފަތާފެންގަނޑުގެ އަލިން އެތަން އޮތީ ހިސާބަކަށް އަލިވެފައެވެ. އެއްފަރާތުގައި ހުރި ދިގު ސޯފާގައި ނީރާ އައިސް އިށީނެވެ. ތަފާތު ހިމޭންކަމެއް އެ ނަފްސަށް ވެރިވެފައި ވިއެވެ. ގޮނޑީގައި ލެނގިނުލައި ފައިގެ ދެފަރާތުން ގޮނޑީގައި އަތް ވިދެލައި ކުރިއަށް ގުދުވެލައިގެން ނީރާ އިނެވެ. ވިސްނަނީއެވެ. ކަންތައްތައް ހިނގައިދިޔަ ގޮތާމެދުއެވެ. ޖީބަށް ޖަހާލެވިފައި އޮތް ފޯނު ނީރާ ނެގިއެވެ. ލައިޒަލްގެ މެސެޖުތައް ފުލުފުލުން އައިސްފަ ހުއްޓެވެ. ދެން ފެށީ އެ މެސެޖުތައް ކިޔާށެވެ. އެއަށްފަހު ފޯނުގައިވީ "ބްލެކް ނައިޓް" ފޯލްޑާ ހުޅުވާލިއެވެ. އޭގައި ހުރި ލައިޒަލްގެ ފޮޓޯތަކަށް ނީރާ ބަލަން ފެށިއެވެ. ލައިޒަލްގެ ހަނދާނުގެ ފޮތް ސިކުނޑީގެ ކުތުބުހާނާއިން ނީރާ ހުޅުވާލިއެވެ. ދެމީހުންގެ ފުރަތަމަ ބައްދަލުވުމެވެ. އެހެން ލޯބިވެރީން ފަދައިން ދެމީހުން ނުވީ ކީއްވެބާއޭ ނީރާގެ ހިތް ސުވާލު ކުރެއެވެ. ލޯބިވެރީންނަށް ވާން ދެމީހުންކުރެ އެކަކުވެސް ނާހައެވެ. ނީރާ ހުރީ ލައިޒަލް ޝައުގުވެރިކަން ފާޅުކުރީތީ އޭނާއާ ރައްޓެހިވާން އަހާނޭ ކަމަށެވެ. އެ މަރުހަލާ އެ ދެމެދަށް ނާންނަނީސް ދެމެދުގައިވި އިން ފަހަނައަޅައި ދިޔައީ ގަސްދަކާ ނުލައެވެ. ޖިސްމުގެ ގުޅުމެއް އުފެދި ދެ މީހުން ވެސް ތިބީ އެ ގާތްކަމަށް ބޭނުންވެފައި ކަހަލައެވެ. ދެމެދުގައި ރަނގަޅު މުއާމަލާތެއް ހިނގާނޭ ވަގުތެއް ނުވިއެވެ. ލައިޒަލްއާ ބެހޭ ގޮތުން ނީރާއަށް އެނގެނީ ކުޑަ މިންވަރެކެވެ. އެކަމަކު ނީރާ ވަނީ އޭނާއާ ބެހޭ ގޮތުން އެތައް ވާހަކައެއް ލައިޒަލްއަށް ކިޔާދީފައެވެ. މުސްތަގުބަލަށް ކުރާ އުންމީދެއްގެ ވާހަކަ ލައިޒަލް ހާމައެއް ނުކުރެއެވެ. އޭނާގެ ހަޔާތުގައި ނީރާގެ ހަގީގީ މަގާމާމެދު ނީރާ ސުވާލު އުފެދެނީ އެހެންވެއެވެ. ލައިޒަލްއޭ އޭނާ ދޫކޮށް ދުރަށްދާނީ އަބަދު ހީވަނީ އެހެންވެއެވެ. އެކަމަކު ކަންތައް މިވީ ކިހިނެއް ހެއްޔެވެ. ލައިޒަލް ޚިޔާރުކުރަން އެދުމުން ވެސް އޭނާ ދޫކޮށްލީ ނީރާއެވެ. އިންތިހާއަށް ލޯބިވާއިރު ވެސް އެ ލޯތްބާ ދުރަށް އައީ ނީރާއެވެ. މުސްތަގުބަލާ މެދު ލައިޒަލް ދެކޭ ގޮތް ހާމަކުރިއިރު އެ މުސްތަގުބަލުން ނީރާ ގެއްލިއްޖެއެވެ. އަމިއްލަ ނިންމި ނިންމުންތަކުގެ ސަބަބުންނެވެ.

ފިނި ނޭވާއެއް ނީރާ ދޫކޮށްލިއެވެ. ލައިޒަލްއަށް ގުޅިއެވެ. ފޯނުކޯލު ލައިޒަލް ނެގިއިރު ހީވީ ނީރާ ނުގުޅައިގެން ހުރީ ހެންނެވެ. ވަގުތުން ސުވާލު ކުރަން ލައިޒަލް ފެށިއެވެ. ނީރާގެ ހިމޭންކަން ފާހަގަވީ އިރުކޮޅެއް ފަހުންނެވެ. އެއާއެކު ލައިޒަލް ވެސް ވާހަކަ ދެއްކުން ހުއްޓާލައިފިއެވެ.

"ނީ..." ނީރާ ނުބުނި ނަމަވެސް ކަމެއްވެއްޖެކަން އެ ހިމޭންކަމުން ލައިޒަލް ނަގައިގަތެވެ. ނީރާ ހޫން ލައްވާލިއެވެ.

ހުރިހާ ކަމެއް ރަނގަޅުތޯ ލައިޒަލް އަހާލިއެވެ. ދެން ވެސް ނީރާ ލައްވާލީ ހޫން އެކެވެ. ވާހަކަނުދައްކާ ވަގުތުކޮޅެއް ދިއުމަށްފަހު ލައިޒަލްގެ ނަމުން ނީރާ ގޮވާލިއެވެ. އެހިނދު ފޯނުގެ އަނެއްކޮޅުގައި އެބަހުރީމޭ ލައިޒަލް ބުނެލިއެވެ. ނީރާ ވާހަކަދެއްކީ ދެނެވެ. އޭނާ އެނބުރި ނާންނާނެއޭ ނީރާ ބުނެލިއެވެ. ނީރާއަށް ޓަކައި ލައިޒަލް އިންތިޒާރު ނުކުރުމަށް ބުންޏެވެ. ލައިޒަލްގެ އެއްވެސް އެދުމެއް ފުރިހަމަކޮށްދެވޭން ނީރާއަށް ނެތީކަން ބުންޏެވެ. ކީއްވެތޯ ލައިޒަލް ސުވާލުކުރިއެވެ. ނީރާއަށް ހާއްސަވާން ޖެހޭނެ މީހަކީ ލައިޒަލްކަމާއި އެއްފަހަރު ވެސް ލައިޒަލްއާ މެދު ނީރާ ވިސްނާލާނެނަމައޭ ބުނެލީ ހިތްހަމަނުޖެހިފައި ހުރެއެވެ. ހުރިހާ އެއްޗެއް ދޫކޮށްލާފައި އަންނަން ނުކެރޭންވީ ކީއްވެތޯ ލައިޒަލް ސުވާލު ކުރިއެވެ. ހިމޭންވެ އިނދެ ލައިޒަލްގެ ހުރިހާ ޝަކުވާއެއް ނީރާ އަޑު އެއްސެވެ. އެކަމަކު ލައިޒަލްގެ އުންމީދު އާކޮށެއް ނުދިނެވެ. ކުއްލިއަކަށް ލައިޒަލް ފޯނުކޯލު ކަނޑާލީއެވެ. ދެން ވީޑިއޯކޯލް ކުރިއެވެ. އެ ކޯލަށް ނީރާ އިޖާބަދިނެވެ. ލައިޒަލް ފެނުމުން ވާހަކަދައްކަން ނީރާއަށް އުނދަގޫވިއެވެ. އެ މޫނުގައިވާ މާޔޫސްކަން ސިއްރެނުވެއެވެ. އެކަކުއަނެކަކަށް ބަލަން އިރުކޮޅަކު ދެ މީހުން ވެސް ތިއްބެވެ. ލައިޒަލް ބައްދަލުވާން އެދުނެވެ. އަނގައިން ބުނުމެއްނެތި ނީރާ ދެފަރާތަށް ބޯހޫރާލީއެވެ. ފަހުފަހަރަށޭ ލައިޒަލް ބުނެލީ ނީރާއާ ބައްދަލުކުރަން ބޭނުންވެފައި ހުރި ވަރުންނެވެ. ނަމަވެސް ނީރާ އެއްބަހެއްނުވިއެވެ. ލައިޒަލްގެ ކައިރިއަށް ހިނގައްޖެނަމަ ނަފްސުގެ ހިފެހެއްޓުން ގެއްލޭނެކަން ނީރާ ބުނެލިއެވެ. އެ ދެމެދުގައި އޮތް ގުޅުން ނިމިއްޖެކަން ނީރާ ބުނުމުން ލައިޒަލް ހިމޭންވިއެވެ. ލައިޒަލް ގުޅިޔަސް ދެން ނީރާ ފޯނު ނުނަގާނޭކަން ބުނެލިއެވެ. އެއާއެކު ލައިޒަލް ދެބުމަ ހިއްލާލީ ގަބޫލުނުކުރެވިގެންނެވެ. ލައިޒަލްގެ ވާހަކަދައްކަން ފެށިއިރު އެ އަޑުގައި ކުރިންވީ ހިތްހަމަނުޖެހުމާއި ހަރުކަށިން ގެއްލިއްޖެއެވެ. ނީރާ ގަސްދުކުރަނީ އީހާނާއެކު ދިރިއުޅޭންތޯ އޭނާ އަހާލީ މޮޅިގޮތަކަށެވެ. ނީރާއަށް ލަފުޒުތަކަކުން ޖަވާބުދޭން ދަތިވުމުން ހަމައެކަނި ބޯޖަހާލީއެވެ. ހަގީގަތުގައި ނީރާ ބޭނުންވާ ގޮތަކީ އެއީއެއް ނޫނެވެ.

"ސޯ... ދެޓްސް އިޓް." ލައިޒަލްއަށް ބުނެލެވުނެވެ. ހުރިހާކަމެއް ނިމުމަކަށް އައި ފަދައިންނެވެ. ނީރާ ހޫން ލައްވާލީ އެއްބަސްވާށެވެ.

* * * * *

އީހާނާއި ނީރާ ފުރީ ކުއްލިއަކަށް ވިޔަސް ލައިޒަލްއާ ރިސޯޓުން އެމީހުން ބައްދަލުވިއެވެ. ދުރާލާ ކަމެއް ރާވާނޭ ވަގުތެއް ލައިޒަލްއަކަށް ނުލިބުނެވެ. ހަފްތާ ހަމަނުވަނީސް ފުރަންކަން އުޅެނީ ނީރާގެ ފަރާތުން ވެސް އެނގިފައި ނެތީމައެވެ. އޭގެ އެއްދުވަސް ވަން ދެން ރިސޯޓުގައި ހުރެފައި ލައިޒަލް ވެސް އައީ މާލެއަށެވެ. އޭނާގެ ދިރިއުޅުން އިހުފަދައިން ހިމޭންވެ އަނދިރިވެއްޖެއެވެ. އެހެންވިޔަސް ހަނދާންތަކުގައި ތާޒާކަމާއެކު ނީރާ ވިއެވެ. އެ އަންހެންކުއްޖާ ދޫކޮށްލުމުގެ ވިސްނުމެއް ނެތެވެ. އޭނާގެ މަތީން ނީރާ ހަނދާންނެތުނަކަށް ނުދޭނެއެވެ.

އީހާނު ބުނި ފަދައިން ނީރާއާއެކު އެއް މަސް ވަންދެން އޭނާ އުޅުނީ ރާއްޖޭން ބޭރުގައެވެ. އެކިއެކި ލޯބީގެ މަންޒިލްތަކަށް ދަތުރުކުރުމުގައެވެ. ދެމަފިރިން އެކުގައި ނަގާ ފޮޓޯތައް ރައްޓެހިންގެ މެދުގައި އޮންނަ ގުރޫޕަށް އީހާނު ލައެވެ. އެހެން މެންބަރުންނެކޭ އެއްގޮތަށް ލައިޒަލްއަށް ވެސް އެ ފޮޓޯތައް ފެނެއެވެ. ނީރާގެ ސޫރައަށް ބަލަން ލައިޒަލް އިނދެއެވެ. ފޮޓޯގަނޑުން ފެންނައިރު ވެސް ނީރާގެ އިހްސާސްތައް ދެނަގަންނަން ލައިޒަލްއަށް އެނގުނެވެ. ކޮންމެ ފޮޓޯއެއްގައި އީހާނާއެކު ބައިވެރި ވިޔަސް ހަގީގީ ބައިވެރިވުމެއް ނީރާގެ ފަރާތުން ނުފެނެއެވެ. ގުރޫޕުން ނީރާ ވަކިވީ ކިތައް ފަހަރުކަމެއް ނޭނގެއެވެ. އޭނާ ވަކިވާއިރަށް ގުރޫޕަށް ޖޮއިން ކުރުވަނީ އީހާނެވެ.

އޮފީހުގެ މޭޒުމަތީ ފޯނު ބާއްވާލުމާއެކު ގޮނޑިއަށް ލައިޒަލް ހަށިގަނޑު ދޫކޮށްލިއެވެ. އޭނާ ހޭންފެށިއެވެ. އީހާނަށް އަދިވެސް ނީރާގެ ހިތް މިލްކު ނުކުރެވޭކަން ލައިޒަލްއަށް ޔަގީންވާތީއެވެ. މާލެ އަންނާށޭ ލައިޒަލް ބުނެލީ ނީރާއާ މުހާތިބު ކުރި ފަދައިންނެވެ. ނީރާ ދުށުމަށް އޭނާ ވަނީ ބޭގަރާރުވެފައެވެ.

އެއް މަސް ވޭތިވީއިރު ނީރާ ވަނީ ވަރުބަލިވެފައެވެ. އިންތިހާއަށެވެ. ވީއިރު އުމުރުގެ ބާކީބައި އީހާނާއެކު ވޭތުކުރާނީ ކިހިނެއްބާއޭ އޭނާ ހިތަށް އަރައެވެ. މާލެއަށް އެ ދެމަފިރިން އައުމާއެކު ލަމްހާއާއި ސުޖާއު ތިބީ ބަލާ އައިހެވެ. މާލެ އައިކަމުގެ ޚަބަރު އެއާޕޯޓުގައި ހުރެފައި ޔަމާނަށް އީހާނު ދިނެވެ. ލަމްހާ ފުރަތަމަ ވެސް އައިސް ބައްދާލީ ނީރާގެ ގައިގައެވެ. ދިގު ފޯނުކޯލުތަކެއް ނުކުރި ނަމަވެސް ރާއްޖޭން ބޭރުގައި އުޅުނުއިރު އީހާނު މަންމައަށް ގުޅާ ކޮންމެ ފަހަރަކު ނީރާ ވެސް ލަމްހާއާ ވާހަކަދައްކައެވެ. އެމީހުންގެ ދިރިއުޅުމުގެ ހާލަތު އެކަކަށް ވެސް ނޭނގެއެވެ.

އާއިލާއެކުގައި އައިސް އެޕާޓްމެންޓަށް ވަނެވެ. އީހާނާއި ނީރާ އުޅޭން ހަމަޖައްސާފައި ހުރި އީހާނު ބޭނުންކުރި ކޮޓަރިއެވެ. ފޮށިތައް ހިފައިގެން އީހާނު ކޮޓަރިއަށް ވަންނަން ހިނގައިގަތެވެ. ނީރާ މަޑުމަޑުން އައިސް ހުޅުވާލީ އޭނާގެ ކޮޓަރިއެވެ. އެ ކޮޓަރީގެ ތަރުތީބަށް އެއްވެސް ބަދަލެއް އައިސްފައި ވާތަނެއް ނުފެނެއެވެ.

"ހުރިހާ އެއްޗެއް ހަމަތޯތަ ތިބަލާލީ." ނީރާގެ ކައިރީ ހުއްޓިލުމާއެކު ލަމްހާ ބުނެލީ ނިކަން ހިނިއައިސްފައެވެ. ނީރާ ވަކިއެއްޗެއް ނުބުނެ ކޮޓަރިން ނުކުންނަން ހިނގައިގަތެވެ. ލަމްހާ ވަރަށް ހައިރާންވިއެވެ.

"ވަރުބަލިވީތަ؟ އެކަމަކު ކައިގެން ކޮޓަރިއަށް ދާންވާނީ. ނީރާ މާބޮޑަށް ތިހިކެނީ. މިކޮޅުން ފުރިއިރު ހުރީ އެންމެ ރީތި ވަރަށް. ކާން ހުންނަ އެއްޗެހި ކަމުނުދަނީތަ؟" ނީރާގެ އަތުގައި ހިފާލައިގެން ހުރެ ބަދިގެއާ ދިމާއަށް ލަމްހާ އައެވެ. ވާހަކައިގެ ތެރޭން ނީރާގެ ބުރަކަށީގައި ލަމްހާ ފިރުމާ ވެސް ލިއެވެ. ސޯފާގައި އިން ސުޖާއު ވެސް ލަމްހާ ބުނި އެއްޗަކާ އެއްބައި ވިއެވެ. ސިފަގެއްލޭ ވަރަށް ނީރާ ހިކިއްޖެކަން އޭނާ ވެސް ފާހަގަކުރިއެވެ.

"މިހާރު ކައިފިއްޔާ މިރޭ ނުކެވޭނެ. އިރުއޮއްސެން ގިނައިރެއް ނެތެއްނު." ނީރާ ބުންޏެވެ.

"އީހާނު ކާނެތަ؟" ކާއެއްޗެހި ނަގަން އުޅެފައި ލަމްހާ މަޑުކޮށްލިއެވެ. ނީރާއަށް އެއްޗެކޭ ނުބުނެވެނީސް އީހާނު ކޮޓަރިން ނުކުމެގެން އަތުވެއްޖެއެވެ. މަންމަ ބުނި އެއްޗެއް އަޑު އިވުނީތީ އޭނާ ކާނަމޭ ބުނެލިއެވެ. މަންމައާއި އީހާނު ވާހަކަދައްކަން ފެށުމުން ނީރާ އެތަނުގައި މަޑެއް ނުކުރިއެވެ.

ކޮޓަރިއަށް ނީރާ ވަދެ ދޮރު ލައްޕާލިއެވެ. ބޮޑު ބަދަލެއް އީހާނުގެ ކޮޓަރިއަށް ގެނެސްފައި ހުއްޓެވެ. ކުލައާއި ކުރިން ހުންނަ ފަރުދާތައް ވަނީ ބަދަލުކުރެވިފައެވެ. މިހާރު ކޮޓަރިތެރެ އަލިކަމަށް ދައްކައެވެ. އެނދު ވެސް ހުރީ ކުރިއަށްވުރެ ބޮޑު އެނދެއް ހޯދާފައެވެ. ފޮށި ހުޅުވާލުމާއެކު އޭގައިވި އެއްޗެހި ހުސްކުރަން ނީރާ ފެށިއެވެ. އެ މަސައްކަތް ނިންމާލިއިރު ވެސް އީހާނު ކޮޓަރިއަކަށް ނާދެއެވެ. ނީރާ ފެންވަރާލައިގެން ނުކުމެ އެނދުގައި އޮށޯވެލީ އިރުކޮޅަކު ނިދާލާފައި ތެދުވާށެވެ.

"ނީރާ ބަލީތަ؟" ލަމްހާ އަހާލީ ކާން އިން އީހާނުގެ ގާތުގައެވެ. ފިރިހެން ދަރިފުޅަށް އެއްވެސް ބަދަލެއް އައިސްފަ ނެތްއިރު ނީރާ އަނަރޫފަވާން ޖެހުނީ ކީއްވެތޯ އެނގެން ލަމްހާ ބޭނުންވިއެވެ.

"އީހާނު އަޅާނުލަނީތަ ނީރާއަށް." ނީރާ ބައްޔެއް ނޫނޭ އީހާނު ބުނަންވާއިރަށް ލަމްހާ އަނެއްކާ ވެސް ސުވާލު ކޮށްލިއެވެ.

"މަންމަ ވެސް ދޯ. މެރީ ކުރީމަ އެކި މީހުންނަށް އަންނާނީ އެކި ބަދަލު. ނީރާ ހަމަ އޯކޭ. މަންމަ ކައިރިއަށް މިއައީނު. މަންމަގެ ލޯބި ލިބެންފެށީމަ ދުވަސްކޮޅަކުން ރަނގަޅުވެދާނެ." އީހާނު ބުނެލިއެވެ.

"ނިދީ ކަންނޭނގެ ދޯ." ނީރާ ކޮޓަރިއަށް ދިޔަ ގޮތަކަށް ނުނިކުންނާތީ ލަމްހާ ލަފާކުރިއެވެ. އީހާނު ހަމައެކަނި ބޯޖަހާލީއެވެ. ޔަމާނު ގުޅީ އެވަގުތެވެ. އީހާނު އެކުވެރިޔާއާ ވާހަކަދައްކަން ފެށުމުން ލަމްހާ ހިނގައިގަތީ ދަރިފުޅު ކައިރީ ކައިނިންމާފަ ތަށި ނަގަން ބުނެފައެވެ. އޭނާ ކޮޓަރިއަށް ދަމުން އީހާނުގެ ކޮޓަރި ހުޅުވާލިއެވެ. އެނދުގައި އޮތް ނީރާ ފެނުމުން ހިނިތުންވެލިއެވެ. ވަރުބަލިވެފައި ހުރީއޭ ހީވީ ހަމަ ރަނގަޅަށްކަން ލަމްހާއަށް އެނގުނެވެ. މަޑުމަޑުން ދޮރު ލައްޕާލާފައި ލަމްހާ ހިނގައިގަތެވެ.

ކޮންއިރަކުންތޯ ދިމާވާނީ ޔަމާނު ސުވާލު ކުރަން ފެށިއެވެ. ރޭގަނޑު ކެފޭއަށް އީހާނު އަންނާނަންކަމުގައި ބުންޏެވެ. އެކުވެރީންނަށް ހަދިޔާ ގެނެސްފައި ހުންނާނޭކަން އީހާނު ބުނެލިއެވެ. އީހާނާއި ނީރާ ނެތުމުން އެކުވެރީންގެ މެދުގައި އެއްވުމެއް ވެސް ނެތްކަން ޔަމާނު ފާހަގަ ކުރިއެވެ.

"ވެލްކަމް ބެކް." ފޯނަށް އައި މެސެޖު ނީރާ ބަލާލިއެވެ. ރިސޯޓުން ފުރި ދުވަހުން ފެށިގެން ލައިޒަލްގެ ޚަބަރެއް ނުވެއެވެ. އެކަމަކު އޭނާ މާލެ އަތުވެއްޖެކަން އެނގި މަރުހަބާ ކިޔާފައި މެސެޖު އެކުރީ އޭނާއެވެ. ޖަވާބެއް ނީރާ ނުދިނެވެ. ލައިޒަލް އެ ހުރީ އޭނާ މާލެ އަންނަންދެން ބާއެވެ. ދެމީހުން ބައްދަލުވުމުން ދެން ވާނީ ކިހިނެއްބާއެވެ. ނީރާއަށް ފުންކޮށް ވިސްނާލެވުނެވެ. އޭނާއާ ލައިޒަލް ބައްދަލުކުރަން އުޅެފިނަމަ ހުއްޓުވިދާނެ ހެއްޔެވެ. ނީރާއަށް އެ ޔަގީންކަމެއް އަމިއްލަ ނަފްސަކަށް ނުދެވުނެވެ. ލޯ މަރާލުމާއެކު ވަރުބަލިކަމުގެ ފުން ނޭވާއެއް ނީރާ ލިއެވެ. ލަމްހާ އައިސް ކޮޓަރީގެ ދޮރު ހުޅުވިއިރު ވެސް ނީރާ އޮތީ ނުނިދިފައެވެ. ނިދަން ބޭނުންވުމަކުން މިހާރު އޭނާއަކަށް ނުނިދެއެވެ. ގެއަށް އާދެވުމުން ލިބުނު ހިތްހަމަޖެހުމެއް ނެތެވެ. އެ ގޭތެރެއިން ކުރީން ނީރާއަށް ލިބުނު އުފާވެރިކަމާއި ހިތްހަމަޖެހުން ގެއްލިއްޖެއެވެ.

ކޮޓަރިއަށް ވަން އީހާނަށް އެނދުގައި އޮތް ނީރާ ފެނުނެވެ. އޭނާ އައިސް އެނދަށް އަރާ ނީރާގެ ގާތަށް ޖެހިލިއެވެ. އޭނާގެ ނިއުޅާލާފައި އޮތް އިސްތަށިގަނޑުގައި ވަސްގަނެލިއެވެ. ނީރާ ބޭނުންކުރާ ކޮންޑިޝަނާ ވަސް އެ އިސްތަށިގަނޑުގައި ހަރުލާފައި ހުއްޓެވެ. ގާތްވެލަން އުޅެނިކޮށް ނީރާ ތެޅިލީ ގޮތުން އޭނާ ހޭލާކަން އޮތީ އީހާނަށް އެނގުނެވެ. އީހާނު ދުރަށް ޖެހިލީ ނިކަން އަވަހަށެވެ.

"ހޭލާތަ؟ ޔާނު ގުޅި. މިރޭ ކެފޭއަށް ދާނަންތަ؟" އީހާނު ވާހަކަދެއްކިއެވެ. ނީރާ ދާން ބޭނުންނުވާކަން ހާމަކުރިއެވެ. އެހެންވިޔަސް މިރޭ ނީރާ ނުދިޔަ ނަމަވެސް ހުރިހާ އެކުވެރީން ބައްދަލުވާ ރެއަކު ނީރާ ދާންވާނޭކަން އީހާން ޝަރުތުކުރިއެވެ. އީހާނާއެކު އެންމެންނާ ބައްދަލުކުރުމުގެ ޝައުގުވެރިކަމެއް ނެތް ނަމަވެސް ބޮލަށް ފަސޭހަކޮށްލުމަށް ނީރާ އާނއެކޭ ބުނެލިއެވެ.

ފެންވަރާލައިގެން އީހާނު ގެއިން ނުކުތީ އެރޭ ނުވައެއް ޖެހިފަހުންނެވެ. ކެފޭގައި އުޅެފައި އެނބުރި އައިއިރު ނީރާ އިނީ ސިޓިންރޫމު ސޯފާގައެވެ. ހުޅުވާފައި ހުރި ޓީވީ އިން އިނގިރޭސި ފިލްމެއް ދައްކަނީއެވެ. އީހާނު އައީ އެކެއް ޖެހީމަ ކެފޭ ބަންދުކޮށްފައެވެ. އޭނާ އައިސް ނީރާގެ ކައިރީ އިށީނެވެ. ނީރާގެ ކޮނޑުގައި ބޯއަޅާލީ ވަރުބަލިވެފައި ހުރި މީހަކު ފަދައިންނެވެ. އީހާނުގެ އެފަދަ ބީހުންތަކަށް ނީރާ ސަމާލުކަމެއް ނުދެއެވެ. ދެމެދުގައި އޮތް ހަމައެކަނި ގާތްކަމަކީ އެފަދަ ކުދި ބީހުންތަކެވެ. ކައިވެނީގެ ހަގީގީ މީރުކަން ނީރާގެ ފުށުން އީހާނަކަށް ނުދެއެވެ. އެއްމަސް އެކުގައި ހޭދަވެގެން ދިޔައިރު ވެސް ނީރާ ހުންނަނީ ސަމާލުވެފައެވެ. އީހާނާއި ދެމެދުގައި ވަނީ އެކަމަށް އެއްބަސްވެފައެވެ. ނީރާގެ ނަފްސު ތައްޔާރުވަންދެން އޭނާއަށް ވަގުތު ދިނުމަށެވެ. އީހާން އެއްބަސްވީ ނަމަވެސް އޭނާއަށް ކެތެއްނުކުރެވޭނެކަން އެނގެއެވެ. އޭނާ އެ ގާތްކަމަށް ބޭނުންވާކަން ނީރާއަށް ސިއްރެއް ނުކުރެއެވެ. އަނބިމީހާއަށް ނީރާ ވުމުން އޭނާގެ ކުރިމަތީ އެފަދަ ބޭނުންވުމަކަށް އީހާނުގެ ހަށިގަނޑު ހޭލުން އެއީ ލަދުގަންނަންޖެހޭ ކަމެއްނޫންކަން އީހާނު ގަބޫލުކުރެއެވެ. އެކަންކަން ފާހަގަނުވާކަމަށް ހަދަނީ ނީރާއެވެ. އީހާނާއި ދުރަށް އަވަހަށް ދަނީ އޭނާއެވެ.

"ކޮންއިރަކުން ކޮޓަރިއަށް ދާނީ." އީހާނު އަހާލިއެވެ.

"އީހާނު ދާންވީނު. އަހަރެން ފަހުން ދާނަން." ނީރާ ބުނެލިއެވެ. އޭނާއަށް އީހާނު ބަލާލީ ތަފާތު ނަޒަރަކުންނެވެ. ނީރާ ބަދަލުވެފައިވާވަރު ޚުދު އޭނާއަށް ވެސް ފާހަގަވެއެވެ. އެ ބަދަލާ މެދު ކުޑަކޮށް ވެސް އީހާނު އުފަލެއް ނުވެއެވެ. ނީރާ އުޅޭއުޅުމުގައި ހީވަނީ ދިރުންނެތް މަސްގަނޑެއް ހަރަކާތްތެރިވާހެނެވެ. ވާހަކަދައްކާއިރު އަޑުގައި އެއްވެސް ޖޯޝެއް ނުހުރެއެވެ. ކަމަކާ ޝައުގުވެރި ނުވާއިރު އީހާނުދެކެ ރުޅި އައިސްގެންނެއް ވެސް ނޫޅެއެވެ. ރިސޯޓުން ފުރިފަހުން ދެމެދުގައި ޖަދަލުކުރުން ވެސް ހުއްޓުނީއެވެ. ޖަޒުބާތެއް ފާޅުނުވާ ޕްލާސްޓިކު ބުދެކޭ ނީރާއެކޭ މިހާރު ތަފާތެއް ނެތެވެ. އެހެންވިޔަސް އެކަމާ އެއްޗެކޭ ބުނެވެން އީހާނަށް ނެތީއެވެ. ނީރާ އަނެއްކާވެސް ކައިވެނި ރޫޅާލާ ފަދަ ހިޔާލެއް ކޮށްފާނެތީއެވެ.

* * * * *

ދެ ހަފްތާ ފަހެވެ. ކުލާސްތައް ނިންމާލާފައި ދާލިއާއާއެކު ސްޓާފުންގެ ބަޔަށް ނީރާ އައިސް ވަނެވެ. އެވަގުތު ކިޔާންއާއެކު ނުކުންނަން އައިތަން ފެނުނީ ލައިޒަލްއެވެ. ނީރާގެ ފިޔަވަޅު މަޑުޖެހުނެވެ. ހިތުގެ ހިނގުން އަވަސްވެލިއެވެ. އަނެއްކާވެސް އެ ހިތް ތަކުރާރުކޮށް ލައިޒަލްގެ މައްޗަށް ލެނބުނު ފަދައެވެ. ފަޅިސިކުންތަކަށް ލައިޒަލްގެ އެސްފިޔަ ހިއްލިލައި ނީރާ ހުރި ދިމާއަށް ހުއްޓިލިހެން ހީވިއެވެ. ނަމަވެސް ޔަގީނެއް ނީރާއަށް ނުވެއެވެ. ސަމާލުކަމެއްނުދޭ ފަދައިން ކިޔާންއާއެކު ލައިޒަލް ނުކުމެގެން ދިޔައީ ނީރާގެ ކައިރިން އަޅާފައެވެ. މާލެ އައިފަހުން ނީރާއަށް ލައިޒަލް އަދި މިފެނުނީއެވެ.

"ލައިޒަލް." މަޑުމަޑުން ނީރާއަށް ކިޔާލެވުނެވެ. އެވަގުތު ދާލިޔާ ކޮނޑުގައި ކޮއްޓާލިއެވެ. ކީކޭތޯ ތިކިޔަނީ އޭނާ އަތުގެ އިޝާރާތުން އަހާލިއެވެ. އަދި ލައިޒަލް ސިފަކޮށްދެއްމުން އޭނާ ނީރާއާ ވާހަކަނުދައްކާތޯ ސުވާލުކުރިއެވެ.

"ވީ އާ ނޮޓް ދެޓް ކްލޯޒް." ލުއި ހިނިތުންވުމަކާއެކު ނީރާ އަތުން ބުނެލިއެވެ.

ކުރަން ހުރި އެންމެފަހުގެ މަސައްކަތްތައް ނިންމާލާފައި އަތް ދަބަސް ހިފައިގެން އެހެން ސްޓާފުންނާއެކު ނީރާއާއި ދާލިއާ ނުކުތެވެ. ނުކުންނަ ގޮތަށް ދާލިއާ ގެއާ ދިމާއަށް ނައްޓާލާނެއެވެ. ނީރާ މަޑުކޮށްލީ އީހާނު އަންނަން ދެނެވެ. ނަމަވެސް އޭނާއަށް މަޑަކުން ނުހުރެވުނެވެ. ގޭޓުން ބޭރަށް ނުކުމެ މަގުމަތި ހޯދާލެވުނެވެ. އެވަގުތު އަތްދަބަހުގެ ތެރެއިން ފޯނަށް މެސެޖެއް އައި އަޑު އިވުނެވެ. ފޯނު ނަގައި ނީރާ ބަލާލިއެވެ.

"އަހަރެންތަ ތި ހޯދަނީ." މެސެޖުގައި ލައިޒަލް ލިޔެފައި އޮތެވެ. ނީރާގެ ނަޒަރު ފޯނުން ވަކިވެ މަގަށް ހުއްޓުނެވެ. ދުރުގައި އޮތް ކަޅުކުލައިގެ ކާރު ކައިރިން ނުކުތް ލައިޒަލް ފެނުނީ ދެނެވެ. އޭނާ ހުއްޓިލުމާއެކު ހުރީ ސީދާ ނީރާއަށް ބަލާށެވެ. އޭނާ ފޯނަށް ސަމާލުކަން ދީފައި އިސް އުފުލާލި ހިނދު ނީރާގެ ފޯނަށް މެސެޖު އަތުވެއްޖެއެވެ.

"މިރޭ އެންމެންނާއެކު ފެންނާނެތަ؟" ލައިޒަލް އަހާފައި އޮތެވެ. (ނުނިމޭ)