ޓީޗަރުން

ޓީޗާސް ރަޖިސްޓްރޭޝަން ބޯޑު އެކުލަވާލައިފި

އަލަށް އެކުލަވާލި ތައުލީމުގެ ގާނޫނުގެ ދަށުން އުފައްދަން ޖެހޭ "ޓީޗާސް ރަޖިސްޓްރޭޝަން ބޯޑު" މިއަދު އެކުލަވާލައި އެ ބޯޑަށް މެމްބަރުން އައްޔަނު ކުރައްވައިފި އެވެ.

މިދިޔަ އަހަރު ފާސްކުރި ތައުލީމުގެ ގާނޫނުގައިވާ ގޮތުން އެ ގާނޫނުނަށް އަމަލުކުރަން ފަށާތާ މަސް ދުވަހުގެ ތެރޭގައި ފަސް މެމްބަރުންގެ މައްޗަށް އެކުލެވޭ "ޓީޗާސް ރަޖިސްޓްރޭޝަން ބޯޑު" އެޑިޔުކޭޝަން މިނިސްޓްރީން އެކުލަވާލަން ޖެހެ އެވެ.

ގާނޫނު ތަސްދީގު ކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ. ނަމަވެސް މިއަދާ ހަަމައަށް ވެސް އެ ބޯޑު އެކުލަވާ ނުލާ އޮތުމަށް މިއަދު ވަނީ ބޯޑު އެކުލަވާލައި ފަސް މެމްބަރުން އައްޔަނުކޮށްފަ އެވެ.

ބޯޑަށް އައްޔަނުކުރެއްވި ބޭފުޅުން

  • ރަޖިސްޓްރާ: އައިޝަތު އާތިޔާ ނަސީރު (އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު)
  • އެޑިޔުކޭޝަނަލް މެނޭޖްމަންޓް ދާއިރާ ނުވަތަ ތައުލީމީ ސިޔާސަތުގެ ދާއިރާ: ނަހުޒާ ޝަރީފް (އެޑިޔުކޭޝަން އޮފިސަރު)
  • ކިޔަވައިދިނުމުގެ ދާއިރާ: ޔުސްރާ މުރާދު (އެޑިޔުކޭޝަން އޮފިސަރު)
  • ތަޢުލީމީ މަންހަޖު އެކުލަވާލުމުގެ ދާއިރާ: އާމިނަތު މުހައްމަދު (އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރު ކޯޑިނޭޓަރު)
  • ޗައިލްޑް ސައިކޮލޮޖީ ނުވަތަ އެޑިޔުކޭޝަނަލް ސައިކޮލޮޖީގެ ދާއިރާ: ފައުޒިއްޔާ އަލީ (އެޑިޔުކޭޝަން އޮފިސަރު)

އާ ގާނޫނުގެ ދަށުން ރާއްޖޭގެ ޓީޗަރުން ރަޖިސްޓަރީކޮށް ޓީޗަރުންނަށް ލައިސަންސްދި ނުމުގެ ގަވާއިދުތަކާއި އުސޫލުތައް އެކުލަވާލާނީ އެ ބޯޑުންނެވެ.

ގާނޫނަށް އަމަލުކުރަން ފަށާތާ ދެ އަހަރުގެ ތެރޭގައި މިހާރު ހިދުމަތުގައި ތިބި ޓީޗަރުން ބޯޑުގައި ރަޖިސްޓްރީކުރަން ޖެހޭނެ އެވެ.