އެމްއެންޑީއެފް

އިންޑިއާއަށް ކަނޑައެޅުއްވި ޑިފެންސް އެޑްވައިޒަރަކަށް ކާނަލް މުހައްމަދު އިބްރާހީމް

Sep 9, 2021

ދިވެހިރާއްޖެއިން އިންޑިއާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ޑިފެންސް އެޑްވައިޒަރުގެ މަގާމަށް ކާނަލް މުހައްމަދު އިބްރާހީމް އައްޔަންކުރައްވައިފި އެވެ.

އޭނާ އަށް މަގާމުގެ ލިޔުން ހަވާލުކޮށްދެއްވީ ބަންޑާރަކޮށީގައި އިއްޔެ ބޭއްވި ބައްދަލުވުމެއްގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލެވެ.

ދިވެހިރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ޑިފެންސް އެޑްވައިޒަރުގެ މަގާމަށް އާ ބޭފުޅަކު އައްޔަންކުރައްވާފައި މިވަނީ އެ މަގާމުގައި ހުންނެވި އަހްމަދު ތާހިރުގެ މަގާމުގެ މުއްދަތު ހަމަވުމުންނެވެ.

ކާނަލް މުހައްމަދު އިބްރާހީމް ދީދީ މީގެކުރިން ވަނީ އެމްއެންޑީއެފްގެ އެޖުޓަންޓް ޖެނަރަލް ކޯގެ އެޖުޓަންޓް ޖެނަރަލްގެ މަގާމާއި، ސެންޓްރަލް އޭރިއާގެ ކޮމާންޑަރުގެ މަގާމާއި އަދި ކޯސްޓްގާޑުގެ ޑައިރެކްޓާ ޖެނަރަލްގެ މަގާމު ވެސް އަދާކުރައްވާފަ އެވެ.

ޑިފެންސް އެޑްވައިޒަރަކަށް ކާނަލް މުހައްމަދު އިބްރާހީމް އައްޔަންކުރެއްވުމާ ގުޅިގެން ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ މިއަދު ވަނީ އޭނާއާ ބައްދަލުކުރައްވާ މަރުހަބާ ވިދާޅުވެފަ އެވެ.

އިންޑިއާ އަށް ކަނޑައަޅުއްވާ ޑިފެންސް އެޑްވައިޒަރަކީ އިންޑިއާގައި ހުންނަވާ ބޭފުޅެކެވެ. އާންމު ގޮތެއްގައި އެ މަގާމަށް ބޭފުޅުން އައްޔަންކުރަނީ ތިން އަހަރުގެ ދައުރަކަށެވެ.