ސަލްމާން ހާން

ސަލްމާންގެ ހެޓް-ރިކެއް: "ޕްރޭމް ރަތަން ދަން ޕާޔޯ" އަށް ވެސް 200 ކްރޯޑް!

Nov 27, 2015

ސުޕަސްޓާ ސަލްމާން ޚާނާއި ބަތަލާ ސޯނަމް ކަޕޫރު ލީޑްރޯލުން ފެނިގެންދާ "ޕްރޭމް ރަތަން ދަން ޕާޔޯ" ރިލީޒްކުރިތާ ދެހަފްތާ ފަހުން 200 ކްރޯޑް (2000 މިލިއަން) ރުޕީޒް ލިބިއްޖެ އެވެ.

މިފިލްމަށް އިންޑިއާއިން އެކަނި 200 ކްރޯޑް އިއްޔެ ހަމަވެފައިވާއިރު، މިއީ ސަލްމާންގެ ތިން ފިލްމެއް ޖެހިޖެހިގެން 200 ކްރޯޑް ކްލަބަށް ވަދެ ވަނީ ހެޓްރިކް ހަދާފަ އެވެ.

މިދިޔަ އަހަރު ނިކުތް "ކިކް" އަށް ވެސް 200 ކްރޯޑް ލިބިފައިވާއިރު، މިއަހަރުގެ ފިތުރު އީދާއި ދިމާކޮށް ރިލީޒްކުރި "ބަޖްރަންގީ ބައިޖާން" އަށް ވެސް ވަނީ 200 ކްރޯޑަށް ވުރެން ގިނައިން ލިބިގެން ގޮސްފަ އެވެ.

އެހެންކަމުން "ޕްރޭމް ތަރަން ދަން ޕާޔޯ" އަށް 200 ކްރޯޑް އިންޑިއާއިން އެކަނި ލިބިގެން ދިއުމާއެކު މިއީ ޖެހިޖެހިގެން ރިލީޒްވި ސަލްމާންގެ ތިން ފިލްމަކަށް މިފަދަ ބޮޑު އާމްދަނީއެއް ލިބުނު ފުރަތަމަ ފަހަރެވެ.

ދެވަނަ ހަފްތާގައި މިފިލްމަށް ލިބުނު އާމްދަނީ ހިއްސާކުރަމުން ތަރަން އަދާޝް ކުރި ޓްވީޓެއްގައި ވަނީ އިންޑިއާގެ މާކެޓުން އެކަނި މިފިލްމަށް 200 ކްރޯޑް އިއްޔެއާއި ހަމައަށް ލިބިފައިވާ ކަމަށެވެ.

މިފިލްމަކީ މިއަހަރުގެ މިހާތަނަށް ނިކުތް ފިލްމުތަކުގެ ތެރެއިން ފުރަތަމަ ދުވަހު އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވާ ފިލްމަށްވީ ނަމަވެސް، ދެވަނަ ހަފްތާގައި ފިލްމުގެ ވިޔަފާރި ވަނީ ފުރަތަމަ ހަފްތާ އާއި އަޅާބަލާއިރު ވަރަށް ބޮޑުތަން ދަށްވެފަ އެވެ.

ސަލްމާންގެ "ބަޖްރަންގީ ބައިޖާން" އަށް އިންޑިއާއިން އެކަނި މިހާތަނަށް 315 ކްރޯޑް ލިބިފައިވާއިރު، މިފިލްމާއި "ޕްރޭމް ރަތަން ދަން ޕާޔޯ"އަށް މިހާތަނަށް އިންޑިއާއިން ލިބުނު އާމްދަނީ އެއްކޮށްލުމުން ސަލްމާންގެ ފިލްމުތަކަށް ޑޮމެސްޓިކް މާކެޓުން ލިބުނު އާމްދަނީ ވަނީ 500 ކްރޯޑު ކްލަބަށް ވަދެފަ އެވެ.

ސަލްމާން ޑަބަލް ރޯލުން ފެނިގެންދާ މިފިލްމާއި ބެހޭގޮތުން ފާޑުކިޔާފަރާތްތަކުގެ ހިޔާލު މަސްހުނި ނަމަވެސް ފިލްމުގެ ވިޔާފާރި ރަނގަޅު ކަމަށްވެ އެވެ.

"ޕްރޭމް ރަތަން ދަން ޕާޔޯ" އަކީ ސޯޅަ އަހަރުގެ މެދުކެނޑުމަކަށްފަހު، ސޫރަޖް ބަރްޖަތްޔާގެ ފިލްމެއްގައި ސަލްމާން ހަރަކާތްތެރި ފުރަތަމަ ފިލްމެވެ.

މިފިލްމުގެ މުހިންމު ރޯލުން ނީލް ނިތިން މުކޭޝް އާއި ސްވަރާ ބާސްކަރް އަދި އަނޫޕަމް ކޭރް ފެނިގެންދެ އެވެ.

މިފިލްމަށް ފުރަތަމަ ދުވަހު ލިބުނު އާމްދަނީ ބޮޑު ކަމުން، މިހާތަނަށް އެންމެ ބޮޑު އާމްދަނީ އާއެކު އޮތް "ޕީކޭ"ގެ ރެކޯޑް މުގުރާލާނެކަމަށް ބެލެވުނު ނަމަވެސް މިފިލްމަކަށް އެރެކޯޑް މުގުރައެއް ނުލެވުނެވެ.