ދީން

އާ ގެއެއްގައި ދިރިއުޅެން ފަށާއިރު ކުރުން ސުންނަތް ކަންކަން

ދުވަސްވަރަކީ ހިޔާ ފުލެޓްތައް ލިބުނު ފަރާތްތަކުން އެތާނގެ ފިނިޝިން ނިންމައި، އެތަނުގައި ދިރިއުޅެން ފެށުމަށް ތައްޔާރުވަމުންދާ ދުވަސްވަރެކެވެ. އެންމެ ޒަމާނީ، ހިތްގައިމު ތަށިމުށި، ފާރުގައިލާ ކުލަޔާއި، ފަރުނީޗަރު ގަނެ، ރެޔާއި ދުވާލު، އެޕާޓްމަންޓްގެ ކަންކަން ނިންމުމުގެ މަސައްކަތް ކުރަމުންގެންދާއިރު އައު ގެޔަކަށް ބަދަލުވާއިރު، ނުވަތަ ދިރިއުޅެންފަށާއިރު ކުރުން ސުންނަތްވެގެންވާ ކަންތައްތަކަކީ ކޮބައިތޯ ބަލައިލުން މުހިންމެވެ.

އަޅުގަނޑުމެންގެ ދިރިއުޅުމުގެ ކޮންމެ ކަމެއްގައިވެސް، މާތްވެގެންވާ އިސްލާމް ދީނުގައި އެކަމަކާ ގުޅިގެން ކުރަން އަންގަވާފައިވާ ކަންތައްތަކަކީ ކޮބައިތޯ ބަލައި، ޝަރުޢީ އަދަބުތަކާ އެއްގޮތަށް ޢަމަލުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. އެގޮތުން، އައު ގެޔަކަށް، ނުވަތަ އެޕާޓްމަންޓެއްގައި ދިރިއުޅެން ފަށާއިރު، އެތަނަށް ވަންނަހިނދު ކިޔާނޭ ދުޢާއެއް އޮވޭތޯވެސް ބައެއް މީހުން ސުވާލު ކުރެއެވެ.

އައު ގެއަކަށް ބަދަލުވާއިރު ކިޔާ ދުޢާ

ދުޢާއަކީ އަޅުކަމުގެ އަސާސެވެ. ތިމާގެ ވެރި ރައްބާ އޮންނަ ގުޅުމެވެ. ދުޢާ ކުރުމަށް އަމުރުކުރައްވައި، ދުޢާ ކުރާ އަޅުތަކުންގެ ދުޢާ އިޖާބަ ކުރައްވާނޭކަމުގައި މާތް ﷲ ވަނީ ވަޢުދުވެވޮޑިގެންފައެވެ. ދިރިއުޅުމުގެ އެކި ޙާލަތްތަކުގައި ކިޔާނޭ ދުޢާތައް ސުންނަތުން ވަނީ ސާބިވުވެފައެވެ. ނަމަވެސް އައު ގެޔަކަށް ނުވަތަ އައު އެޕާޓްމަންޓެއްގައި ދިރިއުޅެން ފަށާއިރު ކިޔާނޭ ވަކި ޚާއްޞަ ދުޢާއެއް ނޯވެއެވެ.

އާއްމުގޮތެއްގައި ގެޔަށްވަދެ އަދި ނިކުމެވާއިރު ކިޔާނޭ ޒިކުރު ސުންނަތުގައިވަނީ ބަޔާންކޮށްދެއްވާފައެވެ. އަދި މަންޒިލަކަށް ފައިބަނީނަމަ މި ދުޢާ ކިޔުން ސުންނަތް ވެގެންވެއެވެ. "أَعُوذُ بِكَلِمَاتِ اللهِ التَّامَّاتِ مِنْ شَرِّ مَا خَلَقَ" މާނައީ: "ﷲ ގެ ފުރިހަމަ ކަލިމަފުޅުތައް މެދުވެރިކޮށް، އެކަލާނގެ ޚަލްޤު ކުރެއވި ތަކެތީގެ ނުބައިކަމުން، އެކަލާނގެ ޙަޟުރަތުން މިއަޅާ ރައްކައުތެރިކަން ލިބިގަންނަމެވެ." (ރިވާކުރެއްވީ އަލްއިމާމު މުސްލިމްއެވެ.)

މިދުޢާއަކީ ކޮންމެ މަންޒިލެއްގައި މަޑުކުރިމަނަވެސް ކިޔުން ސުންނަތްވެގެންވާ ދުޢާއެކެވެ. މި ދުޢާ ކިޔައިފިނަމަ، އޭނާ އެތަނަކުން ހިނގައްޖައުމަށްދާނދެން، އެއްވެސް އެއްޗެއްގެ ފަރާތުން ގެއްލުމެއް އޭނާއަށް ނުލިބޭނޭކަމުގައިވެސް ކީރިތި ރަސޫލާ صلى الله عليه وسلم ވަނީ ޙަދީޘް ކުރައްވާފައެވެ. ވީމާ، އައު ގެއަކަށް ވަންނަ ހިނދުގައިވެސް މިދުޢާ ކިޔުން އެދެވިގެންވެއެވެ.

ނިޢުމަތްތަކަށް ޝުކުރު ކުރުން

މާތް ﷲ ދެއްވި ނިޢްމަތްތަކަށް ޝުކުރުވެރިވުމަކީ، އެ ނިޢްމަތުގެ ބަރަކާތް އިތުރުކުރައްވާ ކަމެކެވެ. ބޯހިޔާވަހިކަމުގެ ނިޢްމަތަކީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ބައެއް އެދިއެދި ތިބި ނިޢްމަތެކެވެ. ވީމާ، އެ ނިޢްމަތުގެ ބޭނުން ހެޔޮގޮތުގައި ހިފައި، ނިޢްމަތަށް ޝުކުރުވެރިވެރިވުމަކީ ނިޢްމަތް ރައްކާތެރިކޮށްދެއްވާ، އިތުރުކޮށްދެއްވާ ކަމެކެވެ.

މާތް ﷲ ވަހީކުރައްވާފައިވެއެވެ. ﴿وَإِذْ تَأَذَّنَ رَبُّكُمْ لَئِن شَكَرْتُمْ لأَزِيدَنَّكُمْ وَلَئِن كَفَرْتُمْ إِنَّ عَذَابِي لَشَدِيدٌ ﴾ (إبراهيم 7) މާނައީ: "އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ އެންގެވިހިނދު ހަނދުމަކުރާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުން ޝުކުރުކޮށްފިނަމަ، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް އިތުރުކޮށްދެއްވާހުށީމެވެ. އަދި ތިޔަބައިމީހުން (ޝުކުރު ނުކޮށް) ކާފިރުވެއްޖެނަމަ ދަންނާށެވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އަޒާބު ގަދަފަދަވެގެންވާކަން ކަށަވަރެވެ."

ގެއަށްވަންނަ ހިނދު މާތް ﷲ ހަނދުމަކުރުން

އިބްނުލް ޤައްޔިމު رحمه الله ވިދާޅުވެފައި ވެއެވެ. "(ކަހްފު ސޫރަތުގައި) ދެމީހެއްގެ ވާހަކަ އަންގަވައި މާތް ﷲ ވަޙީކުރައްވާފައިވެއެވެ. ﴿ وَلَوْلَا إِذْ دَخَلْتَ جَنَّتَكَ قُلْتَ مَا شَاء اللَّهُ لَا قُوَّةَ إِلَّا بِاللَّهِ إِن تَرَنِ أَنَا أَقَلَّ مِنكَ مَالاً وَوَلَداً﴾ (الكهف 39) މާނައީ: "އަދި ކަލޭގެ ބަގީޗާއަށް، ކަލޭ ވަންހިނދު، اللَّه އިރާދަކުރެއްވިކަމެއްވާނެއޭ ބުނިނަމަ، ކޮންފަދަހެއްޔެވެ! އެއްވެސް ބާރެއް ﷲ ގެ ޙަޟުރަތުން މެނުވީ ނުވެއެވެ. ކަލެޔަށްވުރެ އަހުރެންގެ މުދަލާއި ދަރިން މަދުކަމުގައި ކަލެޔަށް ފެނުނަސް، (ފަހެ، ކަލޭގެ ބަގީޗާއަށްވުރެ މާހެޔޮވެގެންވާ ނިޢްމަތް އަހުރެންގެ ވެރިރަސްކަލާނގެ އަހުރެންނަށް ދެއްވައިފާށިއެވެ!)"

ވީމާ އެމީހެއްގެ ބަގީޗާ ނުވަތަ ބުސްތާނަށް ވަންނައިރު، ނުވަތަ އޭނާގެ ގެއަށް ވަންނައިރުގައްޔާއި އަނބިދަރީންގެ ކިބައިން ރުހެވޭފަދަ ކަންތައްތަކެއް ފެންނަހިނދުގައި މި ކަލިމަތަށް (مَا شَاء اللَّهُ لَا قُوَّةَ إِلَّا بِاللَّهِ) ކިޔުން އެދެވިގެންވެއެވެ." (الوابل الصيب 155-156)

ގޭގައި ބަރަކާތް ލެއްވުންއެދި ކުރެވިދާނޭ ކަންތައްތައް

* ގެއަށް ވަންނަހިނދު މާތް ﷲ ހަނދުމަކުރުމަކީ ގެއަށް ޝައިޠާނާ ވަނުން މަނާކޮށްދޭ ކަމެކެވެ. ޖާބިރު ބުނު ޢަބްދު ﷲ رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. "މީހަކު އޭނާގެ ގެޔަށް ވަންނަމުން، އަދި ކެއުމުގެ ވަގުތުގައި ފެށުމުގެ ކުރިން ﷲ ގެ އިސްމުފުޅު ކިޔަފިނަމަ (އެބަހީ: بسم الله ކިޔައިފިނަމަ) ޝައިޠާނާ އެސޮރުގެ އެކުވެރިންނަށް ބުނާހުއްޓެވެ. ތިޔަބައިމީހުންނަށް މިގޭގައި ރޭގަނޑު ނިދުމާއި، މިގެއިން ރޭގަނޑު ކެއެމުގެ ޙައްޤު ލިބިގެނެއް ނުވެއވެ. އަދި (މީހާ އޭނާގެ) ގެއަށް ވަނަންމުން ﷲ ހަނދުމަ ނުކޮށްފިނަމަ، ޝައިޠާނާ ބުނާހުއްޓެވެ. ތިޔަބއިމީހުންނަށް މިގޭގައި ރޭގަނޑު ނިދުމުގެ ޙައްޤު ލިބިއްޖެއެވެ. އަދި އޭނާ ކާންފެށުމުގެ ކުރިން ﷲ ހަނދުމަ ނުކޮށްފިނަމަ ބުނާހުއްޓެވެ. ތިޔަބައިމީހުންނަށް މި ގޭގައި ރޭގަނޑުގެ ނިދުމާއި، މި ގެއިން ރޭގަނޑު ކެއުމުގެ ޙައްޤު ލިބިއްޖެއެވެ." (ރިވާކުރެއްވީ އަލްއިމާމު މުސްލިމްއެވެ.)

މިއީވެސް އައު ގެޔަކަށްވަންނަ މީހަކަށް ޚާއްޞަވެފައިވާ ޒިކުރެއް ނޫނެވެ. ކޮންމެ ގެއަކަށްވަންނަ ކޮންމެ ފަހަރަކު މާތް ﷲ ހަނދުމަކޮށް އެއިލާހުގެ އިސްމުފުޅު ޒިކުރު ކުރުން ސުންނަތްވެގެންވެއެވެ. ވީމާ، އައު ގެއަކަށް ވަންނައިރުވެސް މި ޒިކުރު ކުޔުމަކީ އެދެވިގެންވާ ކަމެކެވެ.

* ޙަސަދައާއި އެސްފީނާއިން ސަލާމަތްވުމަށް ކިޔުން ސުންނަތްވެގެންވާ ޒިކުރު ކިޔައި، އެފަދަ ސުންޕާ ކަންކަމުން ގޯތިގެދޮރު ނުވަތަ އެޕާޓްމަންޓް ރައްކާތެރި ކުރުމަށް ދުޢާކުރުމަކީވެސް އެދެވިގެންވާ ކަމެއްކަމުގައި ދަންނަބޭކަލުން ވިދާޅުވެފެއެވެ.
ޙަސަދައާއި އެސްފީނާއިން ސަލާމަތްވުން އެދި ކިޔާނޭ ޒިކުރަކީ މިއީއެވެ. ["أُعِيذُكَ بِكَلِمَاتِ اللهِ التَّامَّةِ مِن كُلِّ شَيطَانٍ وَهَامَّة ، وَمِن كُلِّ عَينٍ لَامَّةٍ"]

* ގޭގައި ބަޤަރާ ސޫރަތް ކިޔެވުމަކީ ޖިންނި ޝައިޠާނުންގެ ކިބައިން ރައްކާތެރިކޮށްދެއްވާ ކަމެކެވެ. އަބޫ ހުރައިރާ رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. "ތިޔަބައިމީހުންގެ ގޭގެއަކީ ޤަބުރުސްތާނެއް ކަމުގައި ނުހަދާހުށިކަމެވެ. ހަމަކަށަވަރުން، އެ ގެއެއްގައި ސޫރަތުން ބަޤަރާ ކިޔެވޭ ގެއަކުން ޝައިޠާނާ ދުވެ ފިލައިދާ ހުއްޓެވެ."

* ގޭގައި ނަމާދުކޮށް އުޅުމަކީވެސް ބަރަކާތް އިތުރުކޮށްދޭ ކަމެކެވެ. ދެމަފިރިން ގޭގައި ނަމާދުކުރުމަކީ ދަރީންނަށް ލިބޭ ހެޔޮ ތަރުބިއްޔަތެއްގެ އިތުރު ގޭގެ ރޯދިބަރަކާތް އިތުރުކޮށްދޭކަމެކެވެ. އަދި ފިރިހެނުން މިސްކިތުގެ ޖަމާޢަތުގައި ފަރުޟު ނަމާދު ކުރުން ވާޖިބުވެގެންވިއެއްކަމަކު، ސުންނަތް ނަމާދުތައް، މިސާލަކަށް ޟުޙާ ނަމާދު، ދަމުނަމާދު، ވިތުރި އަދި ރަވާތިބު ސުންނަތްތައް ގޭގައި ކުރުމަކީ މޮޅުއިތުރުވެގެންވާ ކަމެކެވެ.

* ގޭތެރޭގައި ސޫރަ ހުންނަ ކުރެހުންތަކާއި ފޮޓޯތައް ނުބެހެއްޓުމަކީވެސް އެދެވިގެންވާ ކަމެކެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވާފައިވެއެވެ. «لاَ تَدْخُلُ المَلاَئِكَةُ بَيْتًا فِيهِ كَلْبٌ وَلاَ صُورَةٌ» މާނައީ: "އެ ގެއްގައި ކުއްތާއެއް އޮތް ގެއަކަށް، އަދި އެ ގެއްގައި ސޫރައެއް ހުރި ގެއަކަށް (ރަޙުމަތުގެ) މަލާއިކަތުން ވަދެވަޑައެއް ނުގަންނަވާހުއްޓެވެ." (ރިވާކުރެއްވީ އަލްއިމާމުލް ބުޚާރީއެވެ.)

* ގޭތެރޭގައި މާތް ﷲ ނަހީކުރެއްވި ޢަމަލުތަކުން އެއްކިބާވުމަކީ އެގެއްގައި ބަރަކާތް ލައްވާކަމެކެވެ. އެގޮތުން ބަނގުރާ ނުވަތަ މަސްތުވާތަކެތި ބޭނުންކުރުންފަދަ ކަންކަމާއި ފާހީޝް ޢަމަލުތައް ކުރުން ނުވަތަ އެފަދަ މަންޒަރުތައް ބެލުމުން އެއްކިބާވާންޖެހޭނެއެވެ. އަދި ހަމައެފަދައިން ގޭތެރޭގައި، ޣީބަ ބުނުމާއި ދޭތެރެ ޖެއްސުންފަދަ ނުބައި ވާހަކަ ދެއްކުމުންވެސް އެއްކިބާވާން ވާނެއެވެ.

އަޅުގަނޑުމެންގެ ގޯތިގެދޮރަކީ ބަރަކާތްތެރި އަދި ހިތްހަމަޖެހޭ އުފާވެރި ތަނަކަށް ހެދުމަށްޓަކައި މާތް ﷲ ރުހިވޮޑިގެންވާ ޢަމަލުތައް ގޯތިގެދޮރުގައި ކުރުން ގިނަކުރާށެވެ.