މީހުން

މިއީ މަޖާކަމެއް ނޫން! އަސަދުﷲ ވަރަށް ސީރިއަސް!

"އެންމެ ކުޑައިރު ކުޅުނީ ސެންޓަ ބެކަކަށް. އެއީ އޭރު ތަންކޮޅެއް ފަލަކޮށް ހުންނާތީ. ފަލަކޮށް އެގޮތަށް ތިބޭ ކުދިން އޭރު ތިބޭނީ ފަހަތުގައި. އޭރު އަނެއްހެން ކުޅޭ ހިތްވާ ވަކި މަގާމެއް ނެތް. އެތަނަށް ކުޅެން ބުނީމަ ކުޅުނީ. ސެންޓަ ބެކަކަށް ވެސް ރަނގަޅަށް ކުޅެވުނު އޭރު."

މިއީ ގައުމީ ފުޓްބޯޅަ ޓީމު އަދި މާޒިޔާ ސްޕޯޓްސް ކްލަބްގެ ފޯވާޑް އަސަދުﷲ އަބްދުﷲގެ ފުޓްބޯޅައިގެ ހަޔާތް ފެށުނު ގޮތެވެ.

އޭނާ ބުނީ އެންމެ ފަހަތަށް ކުޅެން އުޅެފައި އެންމެ ކުރިއަށް އަރަން ބޭނުންވީ އެހެން ހުރިހައި ކުޅުންތެރިން ވެސް ދެކޭ ހުވަފެނެއްގައި އޭނާ ވެސް ޖެހުމުން ކަމަށެވެ.

"އެންމެން ވެސް ބޭނުންވާނެތާ ގޯލު ޖަހަން. އެގޮތަށް ގޮސް އެންމެފަހުން ކުރިއަށް ކުޅެން ފެށީ."

މިއަދު މި ޒުވާން ކުޅުންތެރިޔާ އަކީ ރާއްޖޭގެ ފުޓްބޯޅަ ލީގުގައި އެންމެ ގިނަ ލަނޑު ޖަހާ އެއް ކުޅުންތެރިޔާ އެވެ. ނިމިގެން ދިޔަ ސީޒަނުގައި 30 ލަނޑު ޖަހައިގެން ރަންބޫޓް ހާސިލުކޮށްފައިވާއިރު މި ސީޒަނުގައި ވެސް ޓޮޕް ސްކޯރާ އަކީ އަދި އޭނާ އެވެ.

"މި ސީޒަނުގައި އަދި ޖެހުނީ 13 ގޯލު. އެއީ މުޅި މި ސީޒަނުގައި ވެސް އެހެން ކުޅުންތެރިންގެ ވެސް ސްކޯރިން ދަށް. މެޗުތައް ތަންކޮޅެއް މަދުކޮށް މި އުޅެނީ މި ސީޒަނުގައި އަދި،" އުމުރުން 25 އަހަރުގެ ކުޅުންތެރިޔާ ބުންޏެވެ.

އެހެން ނަމަވެސް އޭނާ ހުރީ މިފަހަރު ވެސް ރަން ބޫޓް ގެންދެވޭނެ ކަމުގެ އުއްމީދުގަ އެވެ.

ދެން އެހެން ވާހަކަ އެކެވެ. އދ. މަހިބަދޫ އަށް އުފަން މި ކުޅުންތެރިޔާ ދިވެހިންނަށް މުހިންމުވާ ސަބަބަކީ ކޮބައި ހެއްޔެވެ؟ ގައުމީ ޓީމުގެ އެއްވަނަ ފޯވާޑް އަލީ އަޝްފާގްގެ ރިޓަޔާމަންޓްގެ ކުޅުން ފެށިފައިވާއިރު އޭނާ ހުރި މަގާމުގެ ޒިންމާ ދެން އުފުލަން ހުރި ކުޅުންތެރިޔަކަށް އަސަދުﷲ ވުމެވެ.

ފެންވަރާއި ހުނަރުގެ ގޮތުން އަޝްފާގާ އަޅާނުކިޔުނަސް އަޝްފާގް ނެތްތަން ގައުމީ ޓީމުގައި ފޫބައްދައިދޭން މިވަގުތަށް ލިބެން ހުރި އެންމެ ރަނގަޅު ރިޕްލޭސްމެންޓަކީ އަސަދުﷲ ކަމަށް ދިވެހި ފުޓްބޯޅައިގެ ގިނަ ތަޖުރިބާކާރުން ވެސް އިއްތިފާގުވެ އެވެ. ވަކިން ހާއްސަކޮށް ފުޓްބޯޅައިގެ ފިޒިކަލް ގޭމަށް އަސަދުﷲއާ އެއްވަރަކަށް ތައްޔާރުވެފައިހުރި މި އުމުރުގެ އެހެން ކުޅުންތެރިޔަކު ގަލޮޅު ދަނޑަކުން މިހާރަކު ނުފެނެ އެވެ.

އެކަމަކު އަސަދުﷲ މިއަދު އެހުރި މަގާމަށް އައުމަށް އޭނާ ކުރި ދަތުރަކީ އެއްގޮތަކަށް ވެސް ފަސޭހަ ދަތުރެއް ނޫނެވެ. ރަށުގައި ކިޔެވުން ނިންމާލުމަށް ފަހު ފުޓްބޯޅަ ކުޅުންތެރިޔަކަށް ވުމުގެ ހުވަފެނުގައި އޭނާ ފުރަތަމަ މާލެ އައީ އުމުރުން 16 އަހަރުގަ އެވެ. އެއީ ވިކްޓަރީ ސްޕޯޓްސް ކްލަބުން ލިބުނު ފުރުސަތެއްގައި އަޖުމަބަލައިލުމަށެވެ.

ނަމަވެސް 16 އަހަރުގެ އެ ކުޅުންތެރިޔާ އޭރުވީ ފާހަގަކޮށްލެވުނު ކުޅުންތެރިޔަކަށް ނޫނެވެ. އަނެއްކޮޅުން އޭރަކީ ވިކްޓަރީގެ އެންމެ ގަދަފަދަ އެއް އަހަރު ކަމަށްވުމުން އޭނާ އަށް ޖެހުނީ ފޮށިތަންމަތި ބަންދުކޮށް ފުރައިގެން އެނބުރި ރަށަށް ދާށެވެ. އެކަމަކު ވިކްޓަރީއާ އެކު ތަމްރީންތަކެއް ހަދާލުމުގެ ފުރުސަތު ލިބުމަކީ އޭނާގެ ނަސީބޭ ބުނެވިދާނެ އެވެ.

"އޭރު ބޮޑަށް ރެޑީވީ ކުރިއަށް އޮތް އަދި ފުރުސަތު ލިބިފައި އޮތް ޒޯން ފުޓްބޯޅަ މުބާރާތަށް. ގަވާއިދުން ވިކްޓަރީގެ ޕްރެކްޓިސްތަކުގައި ވެސް ބައިވެރިވީ ޒޯން މުބާރާތް ބޮލުގައި ބަހައްޓައިގެން،" އަސަދުﷲ ކިޔައިދިނެވެ.

އޭނާ ބުނީ ޒޯން މުބާރާތުގައި ދެއްކި ކުޅުމަށް ފަހު އެފަހަރު އަންޑަ 19ގެ ގައުމީ ޓީމަށް ކުޅުމުގެ ފުރުސަތު އެމްއޭއެމުން ދިން ކަމަށެވެ.

އެ ހިސާބުން އޭނާ އަނެއްކާވެސް މާލެ އަށް ބަދަލުވި އެވެ. އެކަމަކު މަތީ ފަންތީގައި ފުޓްބޯޅަ ކުޅޭކަށެއް ނޫނެވެ. ކިޔަވާށެވެ.

"އަސްލު ބުނާ ނަމަ ރަނގަޅަށް ނުކިޔެވުނީ ވެސް ކުޅިވަރަކާ ހެދި. ކުޑައިރު ކިޔަވާހިތްވިޔަސް ފަހުން ކިޔެވުމަށް ވުރެ ބޮޑަށް ޝައުގުވެރިވީ ކުޅިވަރަށް،" ކުޑައިރުގެ ހަނދާންތައް އާކޮށް ވާހަކަ ދައްކަމުން އަސަދުﷲ ބުންޏެވެ.

"އޭރު ކުޑައިރު ހެނދުނު ހޭލައިގެން އެންމެ ފުރަތަމަ ވެސް ދާނީ ފުޓްބޯޅަ ކުޅެން. އެއީ ޓިއުޝަން ނިންމާލާފައި. ދެން ކުޅެ ނިންމާލާފައި ގެއަށް ދާނީ ފެންވަރާލައިގެން ރީތިވެލައިގެން ކިރިޔާ ގަޑިނުޖެހި ސްކޫލަށް ދެވޭވަރަށް."

ކިޔެވުމަށް މޮޅު ދަރިވަރެއްގެ ގޮތުގައި ފާހަގަކުރެވިފައި ނެތަސް އަސަދުﷲ އަކީ އަބަދުވެސް ލީޑަރެކެވެ. ހާއްސަކޮށް ކުޅިވަރުގެ ދަނޑުގަ އެވެ. އޭރު ދެ ކްލާހެއްގެ ދެމެދުގައި ފުޓްބޯޅަ މެޗެއް ކުޅުނަސް އަދި އެކުވެރިންތަކެއްގެ މެދުގައި ފުޓްބޯޅަ ކުޅެ ބައި ބެހިޔަސް އެންމެ އިސްކޮށް ހުންނާނީ އޭނާ އެވެ.

ސްކޫލްގައި އޭރު އޮންނަ އިތުރު ހަރަކާތުގެ ކަމެއްގައި ނަމަ އޭނާ ނުފެނިއެއް ނުދާނެ އެވެ. ދުވުމުގެ މުބާރާތްތަކުން ވެސް އަބަދުވެސް އެއް ވަނަ އެވެ. ލޯންގް ޖަމްޕާއި ހައި ޖަމްޕުގައި ވެސް ވަރަށް މަތިންނެވެ. ފެތުމުގެ މުބާރާތްތަކުގައި ވެސް ފާހަގަކޮށްލެވުނެވެ.

މި ކުޅިވަރުތަކެއްގައި ޖެހިގެން ކިޔެވުން އޭރު ހަރާބުވެގެން ދިޔަ ނަމަވެސް ފަހުން އޭނާ ވަނީ ކުޅިވަރަށާއި ކިޔެވުމަށް ވަގުތު ބަހާލައިގެން އިންޖިނިއަރިން ރިޕެއަރިން އެންޑް މެއިންޓެނަންސްގެ އެޑްވާސް ކޯހެއް ފުރިހަމަކޮށްފަ އެވެ. މި ކޯހެއްގައި ކިޔަވަމުންދިޔައިރު އޭނާ އަކީ ދެ ވަނަ ޑިވިޝަނުގެ ފުޓްބޯޅަ ކުޅުންތެރިއެކެވެ. އެއީ އޭވައިލްއެލްގަ އެވެ.

ފުރަތަމަ ޑިވިޝަނަށް އޭނާ ނުކުތީ އެ ޓީމާ އެކުގަ އެވެ. ނަމަވެސް ލިބުނު ބޮޑު އަނިޔާއަކާ ގުޅިގެން އެ ސީޒަނުގެ ބޮޑު ބައެއްގައި ނުކުޅެވުނެވެ.

"އޭރު މީހުން ބުނި ކަކުލަށް އެހާ ބޮޑު އަނިޔާއެއް އެހާ ޅަ އުމުރުގައިވީމަ ދެން ނުވެސް ކުޅެވިދާނެއޭ ކުރީގެ ފެންވަރުގައި،" އަސަދުﷲ ކިޔައިދިނެވެ.

ކަކުލަށް ލިބުނު އަނިޔާއާ ގުޅިގެން ހަ މަސް ދުވަހަށް ކުޅުމާ ދުރުގައި ހުންނަން ޖެހުނެވެ. އޭރު އޭނާ އަށް 17 އަހަރެވެ.

ނަމަވެސް ހުރިހާ އޮޑްސްއަކާ ދެކޮޅަށް އެންމެފަހުން އަނިޔާ އިން ރަނގަޅުވެ ކުރީގެ ފެންވަރަށް ވުރެ ވެސް މައްޗަށް އެރީ އެވެ.

"ފުޓްބޯޅަ ކުޅެވިދާނެހެން ހީވީ ގްރޭޑް 10ގައި އުޅެނިކޮށް. ޒޯން މުބާރާތުގައި ކުޅުމުގެ ފުރުސަތު ލިބިގެން ދިޔަގޮތުން. އޭރު މާލޭގައި ވެސް މަހިބަދޫ ޒުވާނުންގެ ޓީމަށް ކުޅެފައި އެނބުރި ގޮސް އަތޮޅުތަކުގެ ޒޯން މުބާރާތުގައި ކުޅުނީ،" އަސަދުﷲ ބުންޏެވެ.

"އެ މުބާރާތަށް ފަހު ފުރުސަތު ލިބުނީ 19 އަހަރުން ދަށުގެ ގައުމީ ޓީމަށް ކުޅުމުގެ ފުރުސަތު. ބައްޕަ ބުނީ މާލެ އިން ގުޅާފައި ބުނެފިޔޯ ޓީމަށް ކުޅެން މާލެ އައުމަށް. ދެން ހިތަށް އެރީ ސކޫލް ނިންމާލާފައި ފުޓްބޯޅައޭ ކުޅޭނީ."

މިއަދު އޭނާ އަކީ ދިވެހި ފުޓްބޯޅައިގެ ސެލެބްރިޓީއެއްގެ ދަރަޖަ ވެސް ހޯދާފައިވާ ފަރާތެކެވެ. ދަނޑުގައި ލިބުނު މަޝްހޫރުކަމާ އެކު އިޝްތިހާރުތައް ކުޅުމުގެ ފުރުސަތު ވެސް ލިބިފައިވާ ކުޅުންތެރިއެކެވެ.

ނަމަވެސް އަސަދުﷲ ބުނީ އެއީ އޭނާ އަށް މުހިންމު ކަމެއް ނޫން ކަމަށެވެ.

"ހުރިހާ ވެސް ކަމަކީ، މުހިންމީ އަދި މަސައްކަތްކުރަނީ ވެސް އެއިރަކު ކުޅޭ ކްލަބަކަށް އަޅުގަނޑުގެ ފަރާތުން ދެވެން ހުރި ހުރިހާ ބާރަކާއި މަސައްކަތަކާއި ހިތްވަރެއް ދިނުން،" ހަވީރުން ހޮވާ މޮޅު ކުޅުންތެރިޔާގެ މަގާމު ހާސިލުކޮށްފައިވާ އަސަދުﷲ ބުންޏެވެ.

"ދެވެން އޮތް އެންމެ މައްޗަކަށް ދާން ބޭނުންވޭ. އެއީ ކޮންމެ މީހަކު ވެސް ބޭނުންވާނެ އެމީހަކު ކުރާ ކަމަކުން ލިބެން ހުރި ކާމިޔާބީތަކެއް ހޯދަން."

"މަސައްކަތްކުރަނީ އެންމެ ރަނގަޅު ކުޅުންތެރިޔަކަށް ވާން. އެކަމަކު ހުރިހާ ކަމެއް ފުރިހަމަ ކުޅުންތެރިޔަކަށް އެއްވެސް މީހަކަށް ނުވެނޭނެ. މަސައްކަތްކުރެވޭނީ."

އެކަމަކު އަލީ އަޝްފާގު ފެންވަރުގެ ދެ ވަނަ ކުޅުންތެރިޔަކު ރާއްޖޭގައި އުފެދިދާނެ ކަމަކަށް އޭނާ ވެސް ގަބޫލެއް ނުކުރެ އެވެ.

"އަޝްފާގު އެހުރި ފެންވަރަކަށް ރާއްޖެ އިން އެހެން ކުޅުންތެރިޔަކު ގޮސްދާނެހެން ހީއެއް ނުވޭ އެހާ އަވަހަކަށް. އެހެން ކުޅުންތެރިޔަކު އެވަރު ވާނެ ކަމަކަށް ވެސް ގަބޫލެއް ނުކުރަން. އަމިއްލަ އަށް ވެސް ގަބޫލެއް ނުކުރެވޭ އަޝްފާގުގެ ފެންވަރަށް ދެވިދާނެ ކަމަކަށް،" އަސަދުﷲ ބުންޏެވެ.

"އަޝްފާގަކީ ތަފާތު މޮޅު ކުޅުންތެރިއެއް. މި ސަރަހައްދުގައި ވެސް ނެތް ވަރުގެ ކުޅުންތެރިއެއް އޭނާ އަކީ."