(06 ސެޕްޓެމްބަރ 2021އާ ގުޅޭ)
"މީ ލިވިޔާގެ ރޭވުން. މި ޢާއިލާގެ ތެެރޭގަ މައްސަލަ އުފައްދަން އުޅޭ މީހަކީ ހަމަ ލިވިޔާ." ޝަހުރު ރުޅި އައިސްގެން ހިނގާފައި ގޮސް ވަނީ އޭނާގެ ކޮޓަރިއަށެވެ. އަދި ވަރަށް އަވަސްކޮށް ޝަހުރު ގޮސް ނެގީ، މޭޒުމަތީގައި އޮތް އޭނާގެ ފޯނެވެ. ޝަހުރުގެ ފަހަތުން ހުސްނާ އާއި ޝީލާ ވެސް ދިޔައެވެ. ޖެހިލުންވެ ހުރެ ޔޫހާ ވެސް ގޮސް ހުއްޓެލީ ޝަހުރުގެ ކޮޓަރީގެ ދޮރުމަތީގައެވެ. ވަރަށް އަވަހަަށް ޝަހުރު ގުޅައިލީ ލިވިޔާއަށެވެ.
"ހަލޯ!" ދެ ޚިޔާލެއްގައި ހުރެމެ، ލިވިޔާ ފޯނަށް ޖަވާބު ދެމުން ބުނެލިއެވެ. އެއާއެކު، ލިވިޔާގެ ކަންފަތުގެ ހިނދުރި ފޫއަޅުވައިލީ ޝަހުރުގެ ބާރު އަޑުންނެވެ. ޝަހުރު ފެށީ ޒުވާބު ކުރާށެވެ.
"ކަލޭ ހީނުކުރައްޗޭ އަހަރެންގެ ދިރިއުޅުން ހަލާކު ކޮށްލެވިދާނެ ކަމަށް. ނުވާނެ! ތިކަމެއް ނުވާނެ! އަހަރެންގެ ޢާއިލާއާ އަހަރެން ޖައްސައިލަން ކުރާ ތި މަސައްކަތް ވާނީ ނާކާމިޔާބު. އަހަރެންނަށް ބަލަ ލިވިޔާ ދަސްވެއްޖެއޭ. ތިކަހަލަ މުޑުދާރު މީހެއް އަހަރެން މުޅި ދުނިޔެއިން ވެސް ނުދެެކެން.." ޝަހުރު ޒުވާބު ކުރާ އަޑު އަހަން ހުންނަން ލިވިޔާގެ އެއްވެސް ޝައުޤެއް ނެތެވެ. ލިވިޔާ ފޯނު ކަނޑައިލީ ޝަހުރުގެ ކަންފަތް މައްޗަށެވެ. އެއްވެސް ރައްދެއް، އެއްވެސް އެއްޗެއް ނުބުނެއެވެ. އެ ފޯނަށް ޖަވާބު ދިނުމުން، ލިވިޔާއަށް ހިތްދަތިކަން ނޫން އިތުރު ކަމެެއް ނުލިބުނެވެ.
"އެ ފޯނު ކަނޑައިލީ. މަންމާ. ހާސް ނުވޭ! ދެރަނުވޭ! އަހަރެން ލިވިޔާ ދައްކާ ވާހަކަ ޤަބޫލެއް ނުކުރަން. ޒަކްވާން ކޮއްކޮއަށް ވަސްވާސް ދީީގެން އެއުޅެނީ ލިވިޔާ، ޒަކްވާނަށް ލާހިކެއް ނޫން ލިވިޔާއާ ގުޅޭކަށް. އެ އުޅެނީ ޒަކްވާންގެ ޅަސިކުނޑިއަށް ސަވާރުވެގެން އޭނަ ވެސް ހަލާކު ކޮށްލަން." ޝަހުރު ގާތަށް އައިސްފައިވާ ރުޅިން އޭނާގެ މުޅި ގައި ވެސް ދިޔައީ ތުރުތުރު އަޅަމުންނެވެ.
"ދަރިފުޅާ!" ހުސްނާ ހިފައިލީ ޝަހުރުގެ ދެއަތުގައެވެ.
"މަންމަ ދެރަ ނުވާތި. އަހަރެންނަށް އެނގޭ މަންމަ އަހަރެންނަށް ދެރައެއް ނުދޭނެކަން. އަހަރެންނަށް މިއަދު މިދުވަސް ދެއްކީ ވެސް މަންމަގެ ބަސް ޤަބޫލު ނުކުރެވުމުުން. އެކަން ދެން އެގޮތަށް ތަކުރާރު ވާކަށް އަހަރެން ނޭދެން." ޝަހުރު ބައްދައިލީ ހުސްނާގެ ގައިގައެވެ.
މުޅިން އައު ދުވަހަކަށް ދުނިޔެއަށް މަރުުޙަބާ ކީ، ޔޫހާ އާއި ޝަހުރުގެ ގުޅުމަށް ކައިވެނީގެ ރަނުން ކުލަ ޖެހިގެންނެވެ. ޔޫހާ އާއި ޝަހުރުގެ މޫނުމަތިން ވެސް ފެންނަނީ އުފާވެރި ކަމެވެ. ލިވިޔާއަށް ދައްކަން ވެސް، ޝަހުރު މިހާރު ބޭނުން ވަނީ ވަރަށް ވެސް އުފާވެރި ދިރިއުޅުމަކަށް މަރުޙަބާ ކިޔާށެވެ. ލިވިޔާ ދެކެ އިންތިހާއަށް ލޯބި ވިޔަސް އެކަން ބަޔަކަށް ދައްކަން ޝަހުރު ބޭނުމެއް ނުވެއެވެ. އޭގެ ބަދަލުގައި ޝަހުރު ޢަޒުމު ކަނޑައަޅައިގެން ހުރީ ޔޫހާ ދެކެ ލޯބި ވެވޭތޯއެވެ. އެކަން އެގޮތަށް ވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ޝަހުރަށް ދިޔައީ ލިބެމުންނެވެ.
***
"ލިވިޔާ!" ޒަކްވާން މަޑުމަޑުން ހިފައިލީ ލިވިޔާގެ މަޑު އަތުގައެވެ. އިސްދަަށަށް ޖަހައިގެން އިން ލިވިޔާ ބަލައިލީ ޒަކްވާންގެ މޫނަށެވެ. އެވަގުތު އެދެމީހުން ތިބީ ލިވިޔާ ދިރިއުޅެމުންދާ ގޭގައެވެ.
"އަހަރެން މިހުރީ ބުނާނެ އެއްޗެއް ވެސް ނޭނގިފަ. ދޮޮންބެ ހަމަ ޔޫހާއާ ގުޅެނީއޭ. ރަން ވެސް ކީ.. ޕިސް ޕިސް.." ޒަކްވާން އޭނާގެ ދެއަތް ނަގައި ނިތްކުރީގައި ޖައްސައިލުމަށްފަހު، އިސްޖަހައިލިއެވެ. ބޯގޮވައިގެން އުޅޭ ފަދަ ގޮތަކަށެވެ. ލިވިޔާ ބަލަން އިނީ ޒަކްވާނަށެވެ. އެކަމާ ގުޅިގެން ލިވިޔާ ބުނާނެ ހަމަ އެއްވެސް އެއްޗެއް ނެތެވެ.
"ލިވިޔާ! އަޅެ ކީއްވެތަ ތިހެން ތިހެދީ؟" ޒަކްވާން ކުއްލިއަކަށް އިސްނަގަމުން ބަލައިލީ ލިވިޔާއަށެވެ. އެއްވެސް އެއްޗެއް ނުބުނެ ލިވިޔާ ބަލަން އިނީ އެވެ.
"ބުނެބަލަ! ކީއްވެތަ މަންމަގެ ނުފޫޒުން ތިހެން ކަންތައް ކުރީ؟" ޒަކްވާން ވާހަކަދައްކަމުން ދިޔައީ ވަރަށް ޔަޤީން ކަމާއެކުގައި، ހުރިހާ ކަމެއް އެނގޭ މީހެއް ފަދައިންނެވެ.
"ކާކު ބުނީ މަންމަގެ ނުފޫޒުންއޭ؟ އަހަރެން އެއްވެސް އެއްޗެއް ނުބުނަން ދޯ؟ ހުރިހާ ވާހަކައެއް ތިދައްކަނީ ޒަކްވާން އެއްނު؟" ލިވިޔާ ދެއްކި ވާހަކައިން ޒަކްވާން އޭނާގެ ދެއަތް ބާއްވައިލީ ލިވިޔާގެ އަތުގެ ތެރޭގައެވެ.
"ލިވިޔާ! އަހަރެންނަށް ލިވިޔާގެ ކަމެއް ވިއްޔާ އެނގޭނެ. ލިވިޔާ ކޮންމެހެން އެއްވެސް އެއްޗެއް ކިޔާދޭކަށް ނުޖެހޭނެ. ތި ދެލޮލުން އަހަރެންނަށް ހުރިހާ ވާހަކައެއް އެނގޭނެ. ދޮންބެއަށް ނޭނގުނަސް.. އަހަރެން ބޭނުމެއް ނުވޭ މެންޝަން ކުރާކަށް، އަހަރެން ލޯބިވާ ވާހަކަ. އެއީ އަހަރެން މިއަދު މިތާ މިހުރީ ލިވިޔާގެ ލޯބި ހޯދާކަށް ނޫން. އަހަރެން މިއަދު މިހުރީ އަހަރެންނަށް މުހިންމު މީހަކަށް އެހީވާން.." ޒަކްވާން އެހެން ބުނުމާ އެކު، ލިވިޔާ ގަދަކަމުން ހީނލިއެވެ.
"ލިވިޔާ! މަންމަމެންގެ ވާހަކަ ކީއްވެތަ ދޮންބެއަށް ކިޔާ ނުދިނީ؟" ޒަކްވާން ކޮޅަށް ތެދުވަމުން އަހައިލިއެވެ. އެ ސުވާލާ އެކުގައި ލިވިޔާއަށް ފުންކޮށް ނޭވާއެއް ދޫކޮށްލެވުނެވެ.
"އަހަރެން ވަކި ކީކޭ ބުނާނީ؟"ލިވިޔާގެ އަޑު ކުރަކިވެގެން ދިޔައެވެ. ހުރިހާ ވާހަކައެއް ހިތުގެ ތެރޭގައި ބާއްވައިގެން ލިވިޔާ ވާނީ ހަލާކުކަން އޭނާއަށް އިޙްސާސް ވެއެވެ.
"ބުނަން ވާނެ ދޯ؟ އޭރުން ދޯ އެނގޭނީ؟" ޒަކްވާން ބަލަހައްޓައިގެން ހުރީ ލިވިޔާއަށެވެ.
"ކީކޭ ވަކި ބުނާނީ ޒަކްވާން.." ލިވިޔާގެ ދެލޯ ވަގުތުން ފެންކަޅި ވިއެވެ. އެތައް ވާހަކައެއް ދައްކަން ލިވިޔާ ބޭނުން ވެފައި ހުރިކަން ލިވިޔާގެ ހަރަކާތްތަކުން ހާމަވެއެވެ. ހިތުގެ އުދާސްތައް މިނިވަންކަމާ އެކުގައި ބޭރުކޮށްލަން ލިވިޔާ ބޭނުން ވެފައި ހުރި މިންވަރު ޒަކްވާނަށް ދިޔައީ ފެންނަމުންނެވެ. އެ ވާހަކަތައް ލިވިޔާގެ ސިކުނޑިން ބޭރުވެ، ލިވިޔާއަށް ހަމަޖެހުމެއް ލިބުމަކީ ޒަކްވާން ބޭނުންވާ ގޮތެވެ.
"އެއްކޮޅުގަ ހުރީ އަހަރެންގެ ފިރިމީހާ. މި ދުނިޔެމަތީގަ އަހަރެން ލޯބިވި ހަމައެކަނި މީހާ. އެމީހަކަށްޓަކައި އަހަރެން ފުރާނަ ވެސް ދޭން ތައްޔާރަށް ހުރި މީހާ. ދެން ހުރީ އޭނާގެ މަންމައާ ޢާއިލާ. އަހަރެން ބޭނުން ނުވީ އަމިއްލަ އެދުން އިސްކުރަން. އަހަރެންނަށް ގޮތް ހުސްވީ. ހަދާނެ ގޮތް ނޭނގުނީ. މުޅި މީހާގެ ސިކުނޑި ސުމަކަށް ދިޔައީ. އަހަރެންގެ އަމިއްލަ މައިންބަފައިން ރޮއްވާފަ، އަހަރެން ބެލީ ޝަހުރަށް ހިތްހަމަޖެހުމެއް ހޯދޭތޯ. ޝަހުރުގެ ޢާއިލާއަށް އުފާވެރިކަން ހޯދަން." ލިވިޔާގެ ލޮލުން ފައިބަން ފެށި ކަރުނަތައް ފޮހެލުމަށްފަހު އޭނާ ކޮޅަށް ތެދުވިއެވެ.
"އަހަރެން އެދުވަހު ކުރިކަމުން މިއަދު ޝަހުރު އެހުރީ އުފަލުން. ޝަހުރުގެ މައިންބަފައިން މިއަދު ތިބީ ހެވިފަ." ލިވިޔާގެ ލޮލުން ހޯސްލާފައި ކަރުނަތައް ފައިބަމުން ދިޔައެވެ.
"އަޅެ ބުނި ނަމަ!" ޒަކްވާން ގޮސް ހުއްޓުނީ ލިވިޔާގެ ކުރިމަތީގައެވެ. ޒަކްވާންގެ ހިތަށް ވަނީ ވަރަށް ބޮޑަށް އުނދަގޫ ވެފައެވެ.
"އަހަރެން ހީކުރީ، ޝަހުރަށް އަހަރެން އެނގޭނެ ކަމަށް. އަހަރެން ކިޔާދޭން ނުޖެހޭނެ ކަމަށް.. އަހަރެން ހީކުރީ ޝަހުރު އަހަރެންނަކީ އެފަދަ މީހަކަށް ވާނެކަމަށް ޤަބޫލު ނުކުރާނެ ކަމަށް. އަހަރެން ހީކުރީ އެންމެ ފަހަރަކު ނަމަވެސް ޝަހުރު ކަމުގެ ޙަޤީޤަތް ބަލަން އުޅޭނެ ކަމަށް. ނަމަވެސް، އަހަރެންގެ ހީތައް ވީ އެއްވެސް އަގެއް ނެތް، ބޭކާރު އެއްޗަކަށް.." ލިވިޔާ ރޮމުން ވާހަކަ ކުރިއަށް ގެންދިޔައެވެ.
"އަހަރެން ކަންތައް ކުރީ ޝަހުރުގެ މަންމައާ ދޮންތަ ބުނި ގޮތަށް. އެއީ ޝަހުރުގެ މަންމައާ އޭނާގެ ޢާއިލާއަށް ހަމަޖެހުމެއް ހޯދައިދޭން. އެކަން އަހަރެންނަށް ހާސިލުވެއްޖެ. އެކަމު މިއަދި އަހަރެން މިހުރީ މުޅިން ފުޑުފުޑު ވެފަ.." ލިވިޔާ އޭނާގެ ދެއަތުން މޫނުގައި އަތް އަޅައި އަޑުގެ ނެތްކޮޅަށް ފެށީ ރޯންށެވެ. ޒަކްވާން އަވަސްވެ ގަތީ ލިވިޔާ ހަމައަކަށް އަޅުވާށެވެ. ލިވިޔާގެ ވާހަކަތަކުން ޒަކްވާންގެ ހިތުގެ ތެރޭގައި އޭނާގެ ޢާއިލާއަށް ފެތުރިގެން ދިޔައީ ނަފުރަތުގެ އަލިފާނެވެ. (ނުނިމޭ)