ތިންހާހެއް މީހުން ދިރިއުޅޭ ރ. އަލިފުށި މަޝްހޫރީ ކުޅަދާނަ މާވަޑިން ތިބި ރަށެއްގެ ގޮތުގަ އެވެ. އޮޑި ބަންނަ އޮޑީގެ ފަށަން ދަމާލަން ކުޅަދާނަ ހުނަރުވެރިން ދިރިއުޅޭ ރަށެއްގެ ގޮތުގަ އެވެ. ނަމަވެސް އެމްޑީޕީ ތެރޭގައި ދެ ފެކްޝަން އުފެދި "ފެކްޝަން ވޯ" އެއް ފެށިފައި ވަނިކޮށް ޕާޓީގެ އެތެރޭގެ އިންތިހާބަށް ދުންމާރި ފުމެން ފެށުމާއެކު މި އަޑުގެ ތެރޭން "އަލިފުށީގެ ބިގަރު" ދިއްލާލައި ރަށުގެ ނަން ތަފާތު ސިފައެއްގައި ފެންނަން ފަށައިފި އެވެ. ބަޖެޓުގެ އެންމެ ސަފުހާއެއްގައި ވެސް ކުރިން ނެތް ބޮޑެތި ބިޔަ މަޝްރޫއު ތަކެއް ކުއްލިއަކަށް މި ރަށުގެ ގޮނޑުދޮށުން "ތިލަވެއްޖެ" އެވެ. ކުއްލިއަކަށް އެއާޕޯޓެއް ވެސް ފެނިއްޖެ އެވެ. ކުލިގޮތަކަށް އެ ރަށުގެ ފަޅު ތެރެއިން ރިސޯޓެއް ވެސް ފެންމަތި ވަނީ އެވެ. ޖޫނިޔާ ކޮލެޖާއި މިނޫން ވެސް މަޝްރޫއުތައް އަލިފުއްޓަށް ލަފައިފި އެވެ. "އަލިފުށީގެ މެގަ މަޝްރޫއު" ގެ އަގު ހިސާބެއް ކުރާނަމަ ބިލިއަން ރުފިޔާ ފަހަނަޅައި އެބަދެ އެވެ.
މިއީ އިއްތިފާގެއް ހެއްޔެވެ؟ ނޫނީ މިއީ އެމްޑީޕީ އެތެރޭގެ އިންތިހާބާ ދިމާކޮށްދޭ އަލިފުއްޓަށް ބަހާލާ ހަދިޔާ ހެއްޔެވެ؟ އެހެންނާ މިއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ޅިޔަނު އަދި އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) ނުވަތަ ރައީސްގެ "ރައިޓްހޭންޑް" ރުއްސައި ދިނުމެއް ހެއްޔެވެ؟ ވެގެން މި އުޅެނީ ކީއް ހެއްޔެވެ؟
ބަޖެޓުގައި ކުޑަކޮށް ފެންނަ އަލިފުށި
އަލިފުށީގައި ފަށަން ނިންމި މަޝްރޫއުތަކުގެ ތެރެއިން އެންމެ ބޮޑު ފާޑުކިޔުން ތަކެއް އަމާޒުވެފައި ވަނީ ކުއްލި އަކަށް ބޮޑު
ހަރަދެއް ކޮށްގެން އެ ރަށުގައި އެއާޕޯޓެއް އަޅަން ނިންމި ނިންމުމަށެވެ. އެ މަޝްރޫއަށް 451.6 މިލިއަން ރުފިޔާ ހަރަދުވާއިރު އެ މަޝްރޫއު ގެންގޮސް މިހާރު ވަނީ ފަހަކަށް އައިސް ސަރުކާރު ދުއްވައިދޭ "އިންޖީނު" އެމްޓީސީސީއާ ހަވާލު ކޮށްފަ އެވެ. ހަތް ސަތޭކަ ފަންސާސް ދުވަހުން ނިންމަން ހަވާލުކުރި އެ މަޝްރޫއުގައި ބިން ވެސް ހިއްކާނެ އެވެ. އެ މަޝްރޫއާއެކު ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ރައީސް ސޯލިހުގެ ފެކްޝަންގެ "ތަޅާފޮޅުން" ހަފޮޅުން ބޭރަށް ފުންމާލައި މިހާރު އޮތީ ރައްޔިތުންގެ ކުރި މަތީގަ އެވެ.
ރައްޔިތުން މަޖިލީހުގެ ތަޅުމުގައި ރައީސް ނަޝީދަށް ތާއީދު ކުރައްވާ ބޭފުޅުންގެ ހޫނު ހަމަލާތަކާ ސަރުކާރަށް ކުރިމަތިލާން އެބަޖެހެ އެވެ. ނަޝީދު ފެކްޝަންގެ ބޭފުޅުން މި މަޝްރޫއު ސިފަ ކުރައްވަނީ އެއްވެސް ތަރުތީބެއް ނެތި ދައުލަތުގެ ފައިސާ އިން ކުރާ ބޮޑު އިސްރާފެއްގެ ގޮތުގަ އެވެ.
"ރ. އަތޮޅުގައި އިފުރު ކިޔާ އެއާޕޯޓެއް އޯލްރެޑީ އޮއްވައި. އެތަނުގައި 451 މިލިއަން ރުފިޔާގެ ބޮޑު ޕްރޮޖެކްޓެއް ހިންގަނީ. އަޅުގަނޑު ގަލޮޅު ދެކުނު ދާއިރާގެ ރައްޔިތުންނަށް ޖަވާބު ދާރީ ވާންޖެހޭ. ކޮން ޖަވާބެއްތޯ އަޅުގަނޑަށް ދެއްވޭނީ؟" ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވި އެވެ.
މީކާއިލް އެ ފަދަ އިން ވިދާޅުވި އިރު އެއަށް ބާރުދޭން ދެއްކޭނެ ވާހަކަތައް އެބަހުއްޓެވެ. ހާއްސަކޮށް ބައި ބިލިއަނަށް ވުރެ ގިނަ ރުފިޔާ ހޭދަ ކޮށްގެން އެހާ އަގު ބޮޑު މަޝްރޫއެއްގެ ގޮތުގައި އެއާޕޯޓެއް އެޅުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ ގައުމުގައި އެއަށް ވުރެ ބޮޑަށް އިސްކަން ދޭން ޖެހޭ މަޝްރޫއެއް ނެތީހެއްޔެވެ؟
ނިމިގެން ދިޔަ ސަރުކާރުގައި އެއާޕޯޓުތައް އެޅިއިރު ވެސް މިހާ ގިނަ އަދަދެއްގެ ފައިސާ އެއާޕޯޓް އަޅަން ހޭދަކޮށްފައެއް ނުވެ އެވެ. ކުޅުދުއްފުށީ ސިޓީއާއެކު ހަަތަރު ރަށެއްގައި އެއާޕޯޓެއް އަޅަން ނިމިގެން ދިޔަ ސަރުކާރުން ބަޖެޓު ކުރި އިރު ވެސް ބައި ބިލިއަން ރުފިޔާއަށް ނާރަ އެވެ. އޭގެ އިތުރުން މިއީ މި އަހަރުގެ ބެޖެޓުގައި ހިމެނައިފައިވާ މަޝްރޫއެއް ވެސް ނޫނެވެ- އެހެންވީމާ މިއީ ކުރަން ޖެހޭ ބޮޑު ސުވާލެކެވެ.
ބިޑާ ނުލައި އަލިފުށީގައި ހޮސްޕިޓަލެއް
އެއާޕޯޓެއް އެޅުމުގެ އިތުރުން ބޮޑު ހޭދައެއް ކޮށްގެން އަލިފުށީގައި ހޮސްޕިޓަލެއް އަޅަން ވެސް ވަނީ ހަވާލު ކޮށްފަ އެވެ. އަދި އެ މަޝްރޫއަށް ބޭރުގެ ކޮންޓްރެކްޓަރަކު ހޮވައި އެ ފަރާތާއެކު ސޮއި ކުރަން ޖެހޭ ފްރޭމްވޯކް އެގްރިމަންޓްގައި މިިދޔަ ޖޫން މަހު ވަނީ ސޮއި ކޮށްފަ އެވެ. މި މަަޝްރޫއު ކުރިއަށް ގެންދަނީ މާ މޮޅު ގޮތަކަށެވެ. އެއީ ބިޑް ނުކޮށް ހަވާލު ކުރާ އުސޫލުންނެވެ. މަޝްރޫއު ހަވާލުކުރި އިންޑިއާގެ ކުންފުންޏާ މިފަދަ އެހެން ބައެއް ހޮސްޕިޓަލްތައް ވެސް އަޅަން ހަވާލު ކޮށްފައި ވެއެވެ. މި ހޮސްޕިޓަލުގެ މަސައްކަތް މި އަހަރު ފަހުކޮޅު ފަށާނެ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވަނީ ވިދާޅުވެފަ އެވެ.
އެ މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި އަލިފުށީ ހޮސްޕިޓަލުގެ މަޝްރޫއު ކުރިއަށް ގެންދާނީ ހަތަރު ރަށެއްގައި ހޮސްޕިޓަލް އަޅަން ހިންގާ ޕްރޮޖެކްޓެއްގެ ތެރެއިން އެވެ. އެ ރަށްތަކުގެ ތެރޭގައި އަލިފުއްޓާއެކު ހިމެނެނީ އާބާދީ ބޮޑު އަދި މުޅިން ވެސް އަތޮޅުތަކުގެ ވެރިކަން ކުރާ ރަށްރަށެވެ. އޭގެ ތެރޭގައި ދ. ކުޑަހުވަދޫ އާއި ގއ. ވިލިނގިލި ހިމެނޭއިރު ދެން ހިމެނެނީ ހއ. ދިއްދޫ އެވެ.
ސުވާލު އުފެދެނީ މިހެން ވެއެވެ. އެ ޕްރޮޖެކްޓުގެ ތެރެއިން އާބާދީ ބޮޑު އަދި ގިނަ އަދަދެއްގެ މީހުން ހިދުމަތް ސިއްހީ ހިދުމަތް ހޯދާ ރަށްތަކުގައި ޒަމާނީ ހޮސްޕިޓަލު އަޅަން ނިންމި އިރު އަލިފުށީގައި އެ ފަދަ ހޮސްޕިޓަލެއް އެޅުމުގެ ބޭނުމަކީ ކޮބައި ހެއްޔެެވެ؟ އަލިފުށީ އެއާޕޯޓަކީ އިންޓަނޭޝަނަލް އެއާޕޯޓެއް ހެއްޔެވެ؟ އަލިފުއްޓަކީ ރ. އަތޮޅުގައި ވަރަށް ބޮޑަށް އެކެހެރިކޮށް އޮތް ރަށަަކަށް ވެފައި އަދި މިހާރުވެސް ވެރިރަށް ރ. އުނގޫފާރުގައި ބޮޑު ހޮސްޕިޓަލެއް ހުއްޓާ އަލިފުށީ ގައި ބޮޑު ހޮސްޕިޓަލެއް އަޅަން ނިންމީ ކޮން ވިސްނުމަކުން ހެއްޔެވެ؟
މި ޕްރޮޖެކްޓުގެ ދަށުން ހަތަރު ރަށުގައި ހޮސްޕިޓަލު އެޅުމަށް ގާތްގަނޑަކަށް 55 މިލިއަން ޑޮލަރުވަރު ހޭދަވާނެ ކަމަށް އަންދާޒާ ކުރެވެއެވެ. އަލިފުށި ޕްރޮޖެކްޓަށް އެކަނި ވެސް 10 ވަރަކަށް މިލިއަން ޑޮލަރު ހޭދަ ވާނެ އެވެ. މިއީ ދިވެހި ފައިސާ އިން ބަލާނަމަ 154 މިލިއަނެއްހާ ރުފިޔާގެ ހޭދަ އެކެވެ.
ޖުމްލަ މަޝްރޫއުގެ ނަމްބަރު އެއް ބިލިއަން
އަލިފުށީގެ މަޝްރޫއުތަކުގެ ލިސްޓުގައި އެއާޕޯޓާއި ހޮސްޕިޓަލުން ނިމުނީއެއް ނޫނެވެ. އަލިފުށީ ފަޅު ހިއްކައިގެން އެ ފަޅުގައި އޮންނަ އެއްތިނގިލީ ރަށް ހިމެނޭ ގޮތަށް ބޮޑު ރިސޯޓެއް އެރަށުގެ ފަޅު ތެރެއިން ތިލަކޮށްލުން ވެސް "މެގަ މަޝްރޫއު" ފުނީ ގައި އެބައޮތެވެ. މީގެ އިތުރުން މިހާރު ވެސް އެ ރަށުގައި ބައެއް ޕްރޮޖެކްޓްތައް ދަނީ ހިންގަމުންނެވެ. އޭގެ ތެރޭގައި ފެން ވިއުގައިގެ މަޝްރޫއެއްވެސް ހިމެނެ އެވެ. އަދި އެ ރަށުގައި ޖޫނިއާ ކޮލެޖެއް ގާއިމު ކުރުމަށް ވެސް ރައީސް ސޯލިހުގެ އެންމެ ފަހުގެ ދަތުރުފުޅުގައި ނިންމެވި އެވެ. މިހާރު އެ ރަށަކީ ޖޮބް ސެންޓަރެއް ވެސް ހުރި ރަށެވެ. މި ހިދުމަތް ފައްޓަވާ ދެއްވީ ވެސް ރައީސް އެންމެ ފަހުގެ ޒިޔާރަތުގަ އެވެ. އެ ހުރިހާ ޕްރޮޖްކްޓްތަކާއެކު އެރަށުގައި ހިންގާ ޕްރޮޖެކްޓްތަކުގެ އަގު އެއް ބިލިއަން ރުފިޔާ ފަހަނަ އަޅަ އެވެ.
އެހާ ބޮޑެތި މަޝްރޫއު ތަކެއް އަލިފުށީގައި އެކަނި ހިންގަން ނިންމުމަކީ ބޭއިންސާފު ކަމެއްގެ ގޮތުގައި ރ. އަތޮޅުގެ އެހެން ރަށްތަކުގެ ރައްޔިތުން ދެކެ އެވެ. އެފަދަ ބައެއް މީހުން ދެކޭގޮތުގައި އަލިފުށީގައި ހިންގާ ބައެއް މަޝްރޫއުތައް އަތޮޅުގެ އެހެން ރަށްތަކުގައި ހިންގަން މާ އައުލާކަން ބޮޑެެވެ. އޭގެ ތެރޭގައި އެ އަތޮޅުގެ އެންމެ އާބާދީ ބޮޑު ދުވާފަރު ހިމެނެ އެވެ.
ދުވާފަރު ކައުންސިލްގެ ކުރީގެ ރައީސް އިބްރާހިމް ނަސީރު ވިދާޅުވި ގޮތުގައި އެ ރަށުގައި 4900 މީހުންގެ އާބާދީއެއް އޮތްއިރު،
އެންމެން ހިދުމަތް ހޯދަން ދަނީ އެ ރަށަށެވެ. އެހެންވެ ހިދުމަތް ފުރިހަމަ ކުރަން އެރަށުގފެ މުހިންމުކަން ބޮޑެވެ.
"މިހާރު ވެސް އުނގޫފާރުގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް އެންމެ ގިނައިން ހިދުމަތް ހޯދަން ދަނީ ދުވާފަރު މީހުން. ދެން އަލިފުއްޓަކީ އަތޮޅުގެ އެންމެ ހުޅަނގު ބިތުގައި އޮންނަ ރަށެއް. ލޯންޗަކުން ފުރައިގެން އެރަށަށް ދެވޭނީ ދެ ގަޑިއިރުން. އެކަމަކު ދުވާފަރަކީ އަތޮޅުގެ މެދު. ދުވާފަރުގައި ހޮސްޕިޓަލު އަޅައިފިއްޔާ އަތޮޅުގެ ހުރިހާ ރަށްތަކުގެ މީހުންނަށް ފަސޭހައިން ދެވޭނެ. ދެން މިހާރު ވެސް ދުވާފަރުގައި ހިދުމަތް ދެނީ އެންމެ ދެ ޑޮކްޓަރުން. ރަނގަޅު ސްޕެޝަލިސްޓުންނެއް ނެތް،" އޭނާގެ ޝަކުވާތައް ބަންޑުކޮށްލި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އަލިފުށީގައި އެއާޕޯޓެއް އެޅި ނަމަވެސް އަތޮޅަށް އެއިން މާބޮޑު ފައިދާއެއް ލިބޭނެ ކަމަށް ނުބެލެވެ އެވެ. ރ. އަތޮޅުގައި ގިނަ ރިސޯޓު ތަކެއް ހުރި ކަމުގައި ވިޔަސް އަލިފުށި މާ ދުރުގައި އެކަހެރިކޮށް އޮތުމުން އަލިފުށި އެއާޕޯޓުން ރިސޯޓުތަކަށް ދާން ދިގު ދަތުރެއް ކުރަން ޖެހުމަކީ އެކަމުގައި ދެކޮޅު ނުޖެހޭނެ ކަމެކެވެ.
"އަލިފުށީގައި ޖޮބް ސެންޓަރެއް ގާއިމްކޮށްގެން ރ. އަތޮޅަށް ލިބޭނެ މާބޮޑު ފައިދާއެއް އަޅުގަނޑަަކަށް ހަމަ ނުވިސްނޭ،" ނަސީރު ވިދާޅުވި އެވެ.
އެކަކު ރުއްސަން އެއް ބިލިއަން؟
އަލިފުށީގައި ހިންގަން ނިންމި ޕްރޮޖެކްޓްތަކަކީ ވަކި މީހަކު ރުއްސަން ވެގެން ހިންގާ ޕްރޮޖެކްޓް ތަކެއް ކަމަށް ވެސް އެމްޑީޕީގެ އެތެރެއާއި ބޭރުންގެ ގިނަ ބަޔަކު ގަބޫލު ކުރެ އެވެ. މިއީ މެންބަރު ބިގޭއަށް ކޮށްދޭ ކަމެއްގެ ގޮތުގައި ސިފަ ކުރާ މީހުން ގިނަ އެވެ. ބައެއް ބޭފުޅުން ސިފަ ކުރާ ގޮތުގައި ބިގޭއަކީ ރައީސް ސޯލިހުގެ އެންމެ ވަފާތެރި އެއް ބޭފުޅާ އަދި ޅިޔަނަކަށް ވެ ވަޑައިގަންނަވާއިރު މަޖިލީހުގައި ރައީސް ސޯލިހު ބޭނުންފުޅުވާ ކަންތައްތައް ކުރައްވަނީ ބިގޭ މެދުވެރިކޮށެވެ. އެހެންކަމުން ބިގޭ ބޭނުންފުޅުވެ ވަޑައިގަންނަވާ ކަންތައްތައް ކޮންމެހެން ވެސް ކޮށްދެއްވަން ރައީސް ސޯލިހަށް ޖެހެވަަޑައިގަންނަވަނީ އެވެ.
އޭގެ ތެރޭގައި ހިމެނޭ އެހެން ވާހަކައެއް ވެސް އެބައޮތެވެ. ބިގޭއަކީ ކުރިއަށް އޮތް އެމްޑީޕީގެ ގައުމީ މަޖިލީހުގައި އަލިފުށީ ދާއިރާއަށް ވެސް ވާދަ ކުރައްވާ ބޭފުޅެކެވެ. އެ ދާއިރާއަށް ބިގޭ އާ ދެން ވާދަ ކުރައްވަނީ ރައީސް މުހައްމަދު ނަޝީދު - މަޖިލީހުގެ ރައީސްގެ "ރައިޓްހޭންޑް" އެއް ބޭފުޅާ ކަމަށްވާ އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު (ހަސަންޓޭ) އެވެެ.
މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ސިފަ ކުރައްވާ ގޮތުގައި ބަޖެޓުގައި ވެސް ނެތި އަދި ފައިސާ ހޯދާނެ ގޮތެއް ނެތި އަލިފުށީގައި އެއާޕޯޓެއް އަޅަން އިއުލާން ކުރުމަކީ ހަސަންޓޭއަށް ކޮށްލާ ސިޔާސީ ޖެއްސުމަކަށް ވާނެ އެވެ.
"ބަޖެޓުގައި ނެތް ކަމެއް ކަމެއް މިއީ. އެއާޕޯޓް އެޅުން. ދެން ވިސްނަވާ ބައްލަވާ ކިހިނެއް ތޯ މި އަށް ފައިސާ ހޯދާނީ. ދެން އޮތީ ލޯނު ނެގުން. ދެން ކޮންޓްރެކްޓާ ފައިނޭންސް ކޮށްގެން ހޮސްޕިޓަލެއް އެޅިޔަސް މިއީ ހަމަ ލޯނެއް. ދެން އެކަމަކު މިހާރު ވެސް މި އުޅެނީ ސަރުކާރުގައި ބަޖެޓުގައި ފައިސާ ނެތިގެން. އެ ތަކެއް ތެނެއްގެ ސޫކުކު އެއޮއް ވިއްކަނީ" ސައީދު ވިދާޅުވި އެވެ.
އަލިފުށީގައި ބޮޑެތި މަޝްރޫއުތައް ހިންގަން ނިންމުމަކީ މައްސަލައެއް ނޫނެވެ. ރ. އަތޮޅުގެ ރައްޔިތުން ވެސް އުއްމީދަކީ އެ އަތޮޅު މިހާރަށް ވުރެ ބޮޑަށް އިތުރަށް ތަރައްގީވެގެން ދިއުމެވެ. ނަމަވެސް އަތޮޅުގެ ރައްޔިތުންގެ ކަންބޮޑުވުމަކީ އެ މީހުންގެ ބަހެއް ނެތި ވަކި ރަށެއްގެ ފައިދާއާ މަންފާ އަށް "ބަޖެޓުގައި ވެސް ނެތް" މަަސައްކަތްތަކެއް ކުއްލިއަކަށް އޮއްސާލުމެވެ. އިންތިހާބަށް ތިލަވި އިއްތިފާގެއް ނަމަވެސް ކުއްލި ގޮތަކަށް މިފަދަ ކަންކަން ފެށިގެންދާ ދިއުމަކީ ވަނި ބަޔަކު ނުވަތަ މީހަކު ރުއްސަން ކުރާ ކަމެއްގެ ގޮތުގައި ނޫނީ ބެލެވޭނެ ގޮތަކީ ކޮބައި ހެއްޔެވެ؟