އިޒްރޭލުގެ ގިލްބޯ ޖަލުން ފިލި ފަލަސްތީން ހަ މީހުންގެ ތެރެއިން ހަތަރު މީހަކު އަތުލައިފި އެވެ. އޭގެ ތެރޭގައި އިޒްރޭލުން ހޯދަން އެންމެ ބޮޑަށް ބޭނުންވި ޒަކަރިއްޔާ ޒުބޭދީ ވެސް ހިމެނެ އެވެ.
އިޒްރޭލުން ކުރިން ބުނި ގޮތާ ޚިލާފަށް މިހާރު ބުނަނީ ޖަލު ކުށްވެރިން ފިލަން ރޭވި ރޭވުމަކީ އެމީހުން އަމިއްލައަށް ކުރި ކަމެއް ކަމަށެވެ. އަދި ޖަލު ބޭރުން އެއްވެސް އެހީތެރިކަމެއް އެމީހުންނަށް ލިބިފައި ނުވާ ކަމަށެވެ.
މަންޒަރު ދުށް މީހަކު އިޒްރޭލު މީޑިއާއަށް ކިޔައިދިން ގޮތުގައި އިޒްރޭލު ސިފައިން ކުށްވެރިން އަތުލައިގަތީ ޓްރަކެއް ދަށުގައި ފިލާ ތިއްބައި އިޒްރޭލު އަވަށެއްގެ ތެރެއިންނެވެ.
އިޒްރޭލު ސިފައިންނާއި ފުލުހުން އަދި ބޯޑަރު ބަލަހައްޓާ އޮފިޝަލުން މިހާރު ގެންދަނީ ބާކީ ތިބި ދެމީހުން ހޯދަމުންނެވެ. ސަލާމަތީ ބާރުން ބޮޑަށް އަންދާޒާކުރާ ގޮތުގައި ޖަލުކުށްވެރިން އަދި ވެސް ތިބޭނީ އިޒްރޭލުގަ އެވެ.
ގިލްބޯ ޖަލަކީ ސަލާމަތީ ގޮތުން ގަދަފަދަ ފިޔަވަޅު އަޅާފައި އޮންނަ ޖަލެކެވެ. އިންޓަނެޓަށް އާންމުވެފައި ހުރި ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަނީ ގިލްބޯ ޖަލުތައި އެމީހުން ތިބި ގޮޅިން ބޭރަށް ނުކުތުމަށް ހަދާފައި އޮތް ބިންގަރާހަށް ވަންނަ ހޮރާއި ނުކުންނަ ހޮރެވެ.
ކަޅުސައިތައްޓެއް ގިރަން ލިބޭ ކުޑަ ސަމުސަލެއް ފިޔަވައި އިތުރު އެއްވެސް އެއްޗެއް އަތުނުޖެހޭ ޖަލު ކުށްވެރިންތަކެއް ވަޅުކޮނެ ބިންގަރާސް ހަދަން ވަގުތު ލިބުނު ގޮތަކާ މެދު އިޒްރޭލުގެ ސަލާމަތީ ބާރުތަކުން މިހާރު ތިބީ ވާގިދޫވެފަ އެވެ. އެމީހުންގެ ބާރުވެރިކާއި ކުޅަދާނަ ކަމަށް ބޮޑާވެ ތިބި ކިބުރުވެރި ޔަހޫދީން މިހާރު ތިބީ މިކަމާ ފިކުރުކޮށްކޮށް ބުއްދި ފިލާފަ އެވެ.
ޖަލުކުށްވެރިން ފިލި ގޮތާ ބެހޭ ގޮތުން އިޒްރޭލު ފުލުހުން ބުނީ ބިންގަރާސް ކޮނެ ޖަލުން ބޭރަށް ހަ މީހަކު ނުކުމެފައި ވަނީ ސީދާ ސެކިއުރިޓީ ޗެކް ޕޯސްޓެއް ކުރިމައްޗަށް ކަމަށެވެ. އެވަރުން ވެސް އެމީހުން ވަނީ އެ ސަރަހައްދުން ފިލާފަ އެވެ.
ގިލްބޯ ޖަލުގައި އާންމުކޮށް ތިބެނީ ބޮޑެތި ކުށްވެރިންނެވެ. އުމުރަށް ޖަލު ހުކުމްކޮށް އަދި ޝަރީއަތް ނުނިމޭ ކުށްވެރިން ވެސް ތިބެ އެވެ.