ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލްގެ އެހީގައި ފައިނުގައި ކޮމިއުނިޓީ ލައިބްރަރީއެއް

Sep 11, 2021

ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑުގެ އެހީގައި ރ. ފައިނުގެ ކޮމިއުނިޓީ ސެންޓަރުގައި އާންމުމަށް ހާއްސަ ލައިބްރަރީއެއް ހުޅުވައިފި އެވެ.

ބީއެމްއެލް އިން ބުނީ މި ޕްރޮޖެކްޓްގެ އަމާޒަކީ ރަށުގެ ޒުވާނުން ފޮތް ކިއުމަށް ޝައުގުވެރިކަން އިތުރު ކުރުމާއި އިލްމީ މުޖުތަމައުއެއް ބިނާކުރުން ކަމަށެވެ.

މި ލައިބްރަރީގައި ކޮމްޕިއުޓާ ލެބެއް ވެސް ވަނީ ގާއިމްކޮށްފަ އެވެ. އެގޮތުން ދަރިވަރުންނަށް ސްކޫލުގެ އެކިއެކި މަސައްކަތްތައް ކުރުމާއި، ރިސާޗް މަސައްކަތް ކުރުމަށް ތިން ކޮމްޕިއުޓަރު ސިސްޓަމް ބަހައްޓާފައި ވާނެ ކަމަށް ބޭންކުން ބުނެ އެވެ.

ކޮމިއުނިޓީ ފަންޑުގެ ދަށުން މި ޕްރޮޕޯސަލް ކާމިޔާބު ކޮށްފައި ވަނީ ފައިނު އެސޯސިއޭޝަން ފޯ ކޮމިއުނިޓީ އެންޑެވާރސް (ފޭސް) ޖަމިއްޔާ އެވެ. މި ޕްރޮޖެކްޓްގެ ސަބަބުން ރަށުގެ އެކި ފަންތީގެ މީހުން ފޮތްކިޔުމަށް އަހުލުވެރިވެ، އިލްމީ މުޖުތަމައުއެއް ބިނާ ކުރުމަށް އެހީވެދޭނެ ކަމަށް އެ ޖަމިއްޔާއިން ވަނީ ބުނެފަ އެވެ.

ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކާއި ތައުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ.