އިލްހާމް އަހުމަދު

ނާޒިމް ވަކިވީ ރޭވުންތައް ފަޅާއެރުމުން: އިލްހާމް

މިދިޔަ ދެ އަހަރު ޖުމްހޫރީ ޕާޓީ އޮތީ ސިޔާސީ އެއްވެސް މަސައްކަތެއް ނެތި "ނިދާފައި" ކަމަށާ ޖުމްހޫރީ ޕާޓީއަކީ ސިޔާސީ މަސައްކަތް ކުރުމުގެ ފުރުސަތު ކުޑަ ޕާޓީއެއް ކަމަށް އެ ޕާޓީގެ ޕާލިމަންޓަރީ ގުރޫޕްގެ ކުރީގެ މެންބަރު އަދި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ އެއް ފައުންޑާ މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) ވިދާޅުވި ވިދާޅުވުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ޕޮލިޓިކަލް އެޑްވައިޒަރު އިލްހާމް އަހުމަދު ރައްދު ދެއްވައިފި އެވެ.

އަވަސްގެ ޝޯ "ސުވާލަކަށް ފަހު ސުވާލެއް" ގެ ފުރަތަމަ މެހެމާނެއްގެ ގޮތުގައި ބައިވެރިވެ ވަޑައިގެން ނާޒިމް ވިދާޅުވީ އެމްއެންޕީ އުފެއްދުމުގެ މަސައްކަތް އެ ބޭފުޅުން ފެއްޓެވީ ޖުމްހޫރީ ޕާޓީގައި ތިއްބަވައިގެން ކަމަށް އެ ޕާޓީގެ އިސް ބޭފުޅުން ކުރައްވާ ތުހުމަތަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ. ނާޒިމް ވިދާޅުވީ އެ ބޭފުޅުން ޖުމްހޫރީ ޕާޓީގައި ހޭދަކުރެއްވި ދެ އަހަރު އެއްވެސް ސިޔާސީ މަސައްކަތެއް އެ ޕާޓީން ކޮށްފައެއް ނުވެއެވެ. އަދި ޖަލްސާއެއްގެ މިންވަރު ވެސް ބާއްވާފައި ނުވާ ކަމަށެވެ.

"މިދިޔަ ދެ އަހަރު ދުވަހު ޖުމްހޫރީ ޕާޓީން ކޮން ކަމެއްތޯ ކުރީ. ޖުމްހޫރީ ޕާޓީ އޮތީ ނިދާފަ ދެއްތޯ. އެހެންވީމަ އަޅުގަނޑުމެން ޖުމްހޫރީ ޕާޓީތެރޭ ތިބެން ކުރަން ޖެހޭ ކަމެއް ނެތް. ދުވަހަކު ޖަލްސާއެއް ބޭއްވީކީއެއް ނޫން. ދެ އަހަރު ވެގެން ދިޔައީ އެއްވެސް ކަމެއް ނެތި،" ގާސިމްގެ ޕޮލިޓިކަލް އެޑްވައިޒަރަކަށް ވެސް ކުރީން ހުންނެވި ނާޒިމް ވިދާޅުވިއެވެ.

އަދި ވިދާޅުވީ ޖުމްހޫރީ ޕާޓީއަކީ ސިޔާސީ މަސައްކަތް ކުރުމުގެ ފުރުސަތު ކުޑަ ހައްގު ބަސް ބުނުމުގެ ފުރުސަތު ހަނި ޕާޓީއެއް ކަމަށެވެ. އެހެން ކަމުން އެފަދަ ޕާޓީއެއްގައި މަސައްކަތް ކުރުމަކީ ފަސޭހަ ކަމެއް ނޫން ކަމަށެވެ. އަލަށް އުފައްދާ އެމްއެންޕީއަކީ އެ ޕާޓީގެ ޕޮލިސީއާ އެއްގޮތަށް ކޮންމެ މެންބަރަކަށް ވެސް ވާހަކަ ދެއްކޭނެ ޕާޓީއެއް ކަމަށާ އެ މިނިވަންކަން އޮންނާނެ ކަމަށެވެ. ނަމަވެސް ޖުމްހޫރީ ޕާޓީއަކީ އެފަދަ މިނިވަން ކަމެއް ނެތް ޕާޓީއެއް ކަމަށް ވިދާޅުވިއެވެ.

"ޖުމްހޫރީ ޕާޓީގައި ސިޔާސީ މަސައްކަތް ކުރުމުގެ ފުރުސަތު އޮތީ ވަަރަށް ކުޑަކޮށް. އަޅުގަނޑުމެންނަށް ބަސްބުނެވޭނެ ފަދަ ޕްލެޓްފޯމެއް އުފައްދަން ޖެހޭ. އެއީ އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ގައުމީ ހިދުމަތުގައި ބުނަން ޖެހޭ އެއްޗެއް ނުބުނެއެއް ނުތިބެވޭނެ،"

އެ ވާހަަތަކާއި ގުޅިގެން ހިތްހަމަޖެހިވަޑައިނުގެން އިލްހާމް ވަނީ ނާޒިމަށް ރައްދު ދެއްވާފައެވެ. ވިދާޅުވީ ކޮވިޑާއި ގުޅިގެން ޕާޓީގެ ގިނަ ހަރަކާތްތައް ވަނީ މަޑުޖައްސާފައި ކަމަށާ އެކަން ވާނީ ރައްޔިތުންނާއިވެސް ހިއްސާކޮށްފައި ކަމަށެވެ.

އަދި މާބޮޑު ތަފްސީލެއް ނުދީ ވިދާޅުވީ ޖުމްހޫރީ ޕާޓީން ނާޒިމް ވަކިވެވަޑައިގެންނެވީ ކުރައްވަން އުޅުއްވި ކަންކަން ނުކުރެވިގެން ކަމަށެވެ.

"ސިއްރުން ކުރައްވަން އުޅުއްވި ކަންތަކަށް ޖޭޕީ ތެރެއިން ނުކުރެވުނީ ނޫންތޯ. ރޭވި ރޭވުންތައް ފަޅާ އެރީ ނޫންތޯ،" ނާޒިމަށް އިޝާރާތް ކުރައްވާ އިލްހާމް ވިދާޅުވިއެވެ.

ޑީއާރުޕީ އާއި ޕީޕީއެމްގައިވެސް ކުރީން އުޅުއްވި އިލްހާމް ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންނެވުން ގާސިމްގެ އެޑްވައިޒަރުކަން ވަނީ ދެއްވާފައެވެ. ނާޒިމް މިހާރު ފުރުއްވާ ދަނގެތީ ދާއިރާގެ މެންބަރުކަން ނިމިދިޔަ ދައުރުގައި ކުރެއްވީ އިލްހާމެވެ. ގެމަނަފުށީ ދާއިރާގެ މެންބަރުކަންވެސް ކުރީން ކުރެއްވި އިލްހާމް މިފަހަރު ކުރިމަތިލެއްވީ އުނގޫފާރު ދާއިރާއަށެވެ. ނަމަވެސް އިންތިހާބުން ކުރިމަތިވެވަޑައިގެންނެވީ ނާކާމިޔާބެވެ.