ޖުމްހޫރީ ޕާޓީ

ޖުމްހޫރީ ޕާޓީއާ ގުޅުވާ ފަތުރަނީ ދޮގެއް: ޖޭޕީ

ކުރިއަށް އޮތް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީން ކެންޑިޑޭޓަކު ނުނެރޭނެ ކަމަށް ބުނެ ދެކެވޭ ވާހަކަތައް އެ ޕާޓީން ދޮގު ކޮށްފި އެވެ. ޖުމްހޫރީ ޕާޓީން ދެން އަންނަ ރިޔާސީ އިންތިހާބެއްގައި ވާދަނުކުރާނެ ކަމަށް ބުނެ އެ ވާހަކަ ފުރަތަމަ ސޯޝަލް މީޑިއާގައި އާންމު ކުރެއްވީ އެ ޕާޓީއަށް ނިސްބަތްވާ ބިލެއްދޫ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު މުބީން އެވެ.

މުބީން ވަނީ ޖުމްހޫރީ ޕާޓީން ކޯލިޝަން ހެދުމަށް މަޝްވަރާ ކުރަން ޖެހޭ ކޮންމެ ބަޔަކާއެކު މަޝްވަރާ ކުރާނެ ކަމަށާ އެކަމުގައި އެއްވެސް ބަޔަކު އިސްތިސްނާ ނުވާނެ ކަމަށް ވިދާޅުވެފަ އެވެ.

އެ ވާހަކަތަކާއި ގުޅިގެން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އެޑްވައިޒަރު އިލްހާމް އަހުމަދު ވިދާޅުވީ ޖޭޕީގެ ސްޓޭންޑްއާ ގުޅޭ ގޮތުން މުބީން ދެއްކެވީ އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެއްވެސް ބަޔަކާއެކު ކޯލިޝަން ހެދުމާއި ގުޅޭގޮތުން ޕާޓީެ ކައުންސިލްގައި އަދި ލީޑާޝިޕްގެ ލެވެލްގައިވެސް އެއްވެސް މަޝްވަރާއެއް ކޮށްފައިނުވާ ކަމަށެވެ.

ޖުމްހޫރީ ޕާޓީގެ ކޮންގްރެސް އިން ނުވަތަ ޕާޓީގެ ކައުންސިލް އިން އެހެން ގޮތަކަށް ނުނިންމާހާ ހިނދަކު އެ ޕާޓީގެ ކެންޑިޑޭޓަކު ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށެވެ.

"ޖުމްހޫރީ ޕާޓީގެ ކައުންސިލް އިން އެހެން ގޮތަކަށް ނުނިންމާހާ ހިނދަކު ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޕާޓީގެ ފަރާތުން ވާދަކުރައްވާނީ ލީޑަރު ގާސިމް އިބްރާހިމް،" އިލްހާމް ވިދާޅުވިއެވެ.

ކުރިއަށް އޮތް 2023 ގެ އިންތިހާބުގައި ކެންޑިޑޭޓަކު ނެރުއްވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވަނީ 2021 ވަނަ އަހަރު އިއުލާނު ކުރައްވާފައެވެ.