ވާހަކަ

ސިއްތާ

(9 ސެޕްޓެމްބަރ 2021 އާ ގުޅޭ)

ދުރުގައި އޮތް ކަޅުކުލައިގެ ކާރު ކައިރިން ނުކުތް ލައިޒަލް ފެނުނީ ދެނެވެ. އޭނާ ހުއްޓިލުމާއެކު ހުރީ ސީދާ ނީރާއަށް ބަލާށެވެ. އޭނާ ފޯނަށް ސަމާލުކަން ދީފައި އިސް އުފުލާލި ހިނދު ނީރާގެ ފޯނަށް މެސެޖު އަތުވެއްޖެއެވެ.

"މިރޭ އެންމެންނާއެކު ފެންނާނެތަ؟" ލައިޒަލް އަހާފައި އޮތެވެ.

ފޯނަށް ބަލާލާފައި ދުރުގައި ފެންނަން ހުރި ލައިޒަލްއަށް އަނެއްކާ ވެސް ނީރާ ބަލަން ފެށިއެވެ. ލައިޒަލް ހުރި ހިސާބުން އެ މޫނުގައިވި ހުރިހާ އަސަރެއް ދެނެގަންނަން ފަސޭހައެއް ނުވިއެވެ. އެ ދެ ލޮލުގައިވަނީ ކީކޭ ކަމެއް ބުނާކަށް ނޭނގެއެވެ. ލައިޒަލް އަދިވެސް ނީރާގެ ނިންމުން ބަދަލުކުރަން ބޭނުންވަނީބާއެވެ. ނީރާއަކަށް ނުވިސްނުނެވެ. މިވީ މަސް ދުވަހުގެ ތެރޭގައި ލައިޒަލް އޭނާއަށް އިޝާރާތެއްކޮށް ނުލައެވެ. ދެން މާލެ އައުމުން މަރުހަބާކިޔެވެ. އެއަށްފަހު ނީރާގެ ކުރިމައްޗަށް އޭނާ އެރީ އަދިކިރިޔާއެވެ. ލައިޒަލް ރާވަނީ ކޮންކަމެއް ހެއްޔެވެ. ނީރާގެ ކުޑަކުޑަ އިޝާރާތަކުން ވެސް ލައިޒަލްގެ އުންމީދުތައް އާވެދާނެއެވެ. ނީރާ އެގޮތް ބޭނުމެއްނުވެއެވެ. ލައިޒަލްގެ ހިތަށް ތުރާ ދޭން ނޭތީއެވެ. ހަގީގަތެއްނެތް އުންމީދުތަކެއް ލައިޒަލްއަށް ދޭން ނޭދެނީއެވެ.

ނީރާއާއި ލައިޒަލްގެ ދެމެދަށް އެޅުނު ހުރަހަކަށް ގޭޓު ކައިރީ މަޑުކޮށްލި ކާރުވިއެވެ. އިސްއޮބާލައި ފުން ނޭވާއެއް ނީރާ ލިއެވެ. މަޑުމަޑުން އައިސް ކާރުގެ ދޮރުފަތް ހުޅުވާލިއެވެ. އީހާނާއި ޖެހިގެން ކުރީގައި ހުރި ސީޓުގައި އޭނާ ހަމަޖެހިލިއެވެ. ކާރު ދުއްވާލުމުން ސިއްރު ގޮތަކަށް ނީރާ މަގުމައްޗަށް ބަލާލިއެވެ. ލައިޒަލް އެ ހުރި ފިޔަވަޅުމަތީ ހުއްޓާ ފެނުނެވެ. ނީރާއަށް ތުންފިއްތާލެވުނެވެ.

"ޝޮޕިންއަށް ދާނަން. ޗޮކޮރީނާ ގަނެދޭނަން." އީހާނު އަހާލިއެވެ. ދޮރުފަތުގެ ބިއްލޫރިގަނޑުން ބޭރު ބަލަން އިން ނީރާ މަޑުމަޑުން ދެފަރާތަށް ބޯހޫރާލީއެވެ. ނުވިސްނާ ހުއްޓާ ހަޔާތައް ބިންދާލި ރާޅުން ނީރާގެ މުޅި ދިރިއުޅުން ގެއްލިއްޖެއެވެ. އެއީ ކުރީގެ ނީރާއެއް ނޫނެވެ. ކުރީގެ ނީރާނަމަ އޭނާ ހުންނާނީ އީހާނު އެހެން ނުބުނެގެންނެވެ. އޭނާ ބޭނުން ކޮންމެ އެއްޗެއް އަގަކަށް ބެލުމެއްނެތި އީހާނު ގަނެދޭނެއެވެ. ހާއްސަކޮށް އައިސްކުރީމެވެ. ޗޮކުލެޓެވެ. އެކަމަކު އެ ދެމެދުގައި އޮތް އެ ގުޅުން ބަދަލުވެއްޖެއެވެ. އޭރުށް ދުށް ގާތްކަމެއް އީހާނާ މެދު ނީރާގެ ހިތަކު ނެތެވެ. އެއަށްވުރެ ނަފުރަތުގެ ފާރެއްވަނީ ލެވިފައެވެ. އެ ފާރު ދުވަހަކަށްވުރެ ދުވަހެއް އަންނަނީ ބޯވަމުންނެވެ. ދުނިޔެމަތިން ނީރާ ފޫހިވެއްޖެއެވެ. ވަޒީފާއަށް ނުކުންނަނީ ގޭތެރޭގައި ނުހުންނާށެވެ. ދެއްކެން އޮތީ ހަމައެކަނި އެ އުޒުރުކަމަށްވީމައެވެ. އެ ގޭތެރޭގައި އޭނާގެ ނޭވާ ހާސްވަނީއެވެ.

"އައި ސަމްތިން ފޯ ޔޫ." އީހާނު ހިނިތުންވުމަކާއެކު ބުނެލިއެވެ.

ނީރާ ބަލާނުލުމުން އޭނާގެ ކޯތާފަތުގައި އީހާނު އަތްތިލަ ޖައްސާލިއެވެ. ފަރުވާކުޑަ ގޮތަކަށް ނީރާ މޫނު އަނބުރާލިއެވެ. އެއާއެކު ފަހަތު ސީޓުގައި މާބޮނޑިއެއްހެން ޗޮކުލެޓާއި ފިނިފެންމަލުން ހަދާފައިވާ ހަދިޔާ އީހާނު ދައްކާލިއެވެ. ނީރާ ފަހަތަށް ބަލަން އިނދެފައި އީހާނަށް ބަލާލިއެވެ. ދެން ލުއި ހިނިތުންވުމެއް ބަދަލުކޮށްލަމުން ޝުކުރު އަދާކުރިއެވެ.

ގޭތެރެއަށް ވަދެގެން އައި ދެމަފިރިން ސޯފާގައި ލަމްހާއަށް ފެނުނެވެ. އޭނާއަށް އީހާނުގެ އަތުގައި އޮތް ހަދިޔާ ފެނުނެވެ. ފުޅާ ހިނިތުންވުމަކާއެކު ކޮންކަމެއްތޯ އެއީ ލަމްހާ އަހާލިއެވެ. މަންމައަށް އީހާނު ބަލާލައި ހީނލިއެވެ. ނީރާއަށް އެ އަޑު ނީވޭ ކަހަލައެވެ. ބުދެއްހެން ހިނގާފައި ގޮސް އޭނާ ވަނީ ކޮޓަރިއަށެވެ.

"މިހާރު ކީއްކުރީ؟ ނީރާ ރިއްސަން ދޯ ތިއުޅެނީ." ނީރާ ކޮޓަރިއަށް ވަން ގޮތް ފާހަގަވުމުން ލަމްހާއަށް ބުނެވުނެވެ.

"ހެޕީ ވައިފް ހެޕީ ލައިފް. ނޫންތަ މަންމާ." އެއްލޯ މަރާލަމުން އީހާނު ބުންޏެވެ. ލަމްހާ ހީނގަތެވެ.

"އެކަން އެނގެޔޭ. ކޮންކަމަކާ ދެބަސްވީ." ލަމްހާއަށް ހީވީ އީހާނާއި ނީރާއާ ދެމެދު މައްސަލައެއް ޖެހުނީއެވެ.

"ކަމެއްނުވޭ. ހަދިޔާއެއް ދޭހިތްވީ... މަންމަ ހީކުރަނީ އަހަރެން އަބަދު ނީރާ ރުޅިއަރުވާފައޭތަ ހުންނަނީ." އީހާނު ބުނެލިއެވެ. ލަމްހާ ދެފަރާތަށް ބޯހޫރާލިއެވެ. ފިރިހެން ދަރިފުޅު ގޮސް ކޮޓަރިއަށް ވަންނަންދެން ލަމްހާ ބަލަން އިނެވެ. ލޯމައްޗަށް އެ ދަރިފުޅު ގެއްލުމާއެކު ލަމްހާގެ މޫނުން ނުތަނަވަސްކަން ފާޅުވެލައިފިއެވެ.

ރޭގަނޑުގެ ވަގުތެވެ. ދިހައެއް ޖަހައިފިއެވެ. ކެފޭގައި އުޅެފައި އީހާނު ގެއަށް އައީ ނީރާ ބަލައެވެ. ނީރާ ތައްޔާރުވަންދެން އީހާނު އިނީ ސިޓިންރޫމުގައެވެ. ނަމަވެސް ތެދުވެގެން އެތެރެއަށް އައީ ނީރާ ނުކުތުން ގިނައިރު ވެގެންނެވެ. ކޮޓަރިއަށް ވަންއިރު ރީތިވާ މޭޒުކައިރީ އިށީނދެ ނީރާ އިނީއެވެ. އީހާނު ގޮވާލުމުން ނީރާ ބަލާލިއެވެ. އެހެން ދުނިޔެއެއްގައިވީ މީހަކު ފަދައިންނެވެ.

"ނިމުނިއްޔާ ހިނގާ ދާން. ލަސްވެއްޖެ." އީހާނު ބުނެލިއެވެ. ބޯޖަހާލުމާއެކު ނީރާ ތެދުވީ ދެނެވެ.

މާލެއައިފަހުން ޒަރޫރީ ބޭނުމަކަށް ނޫން ގޮތަކަށް ދެ މީހުން އެކުގައި ނުކުންނާން ނީރާ ފުރުސަތެއް ނުދެއެވެ. އެކުވެރީންނާއެކު ވަގުތު ހޭދަކޮށްލުމަށް ރާވާ އެއްވެސް ފަހަރަކު ނީރާ ބައިވެރިވާކަށް ބޭނުމެއްނުވެއެވެ. ހުރިހާ ފަހަރަކު އަނބިމީހާ ނުލާ ދާން އީހާނު ވެސް ނޭދެއެވެ. މިރޭ ނީރާ އެއިނީ މަޖުބޫރުވެފައެވެ. ތެދަށް ބުނަންޏާ މިރޭ އެންމެންގެ ތެރެއަށް ނީރާ އެ ގެންދަނީ އިހާނުގެ ބާރުގައެވެ.

ކާރުން ފައިބައިގެން އައިސް ކެފޭގެ ތެރެއަށް އީހާނު ވަންތަން ކައުންޓަރުގެ އެތެރޭގައި އުޅުނު ޔަމާނަށް ފެނުނެވެ. އޭނާ ވަގުތުން އަތުން އިޝާރާތްކޮށްލީ މައްޗަށެވެ. އީހާނު ބޯޖަހާލާފައި ސިޑިން އެރީ މައްޗަށެވެ. އެމީހުންގެ އާންމު ކަރޯކޭ ބޫތަށް އައިސް ވަނެވެ. އޭރު އެތަނުގައި ރިދާ އިނެވެ. ނީރާ ފެނުމާއެކު އޭނާ އަތްދިއްކޮށްލައިފިއެވެ. ނީރާ ހިނިތުންވެލިއެވެ. ރިދާ ފެށީ ޝަކުވާކުރާށެވެ. އެކުވެރީންނަކީ އެކުވެރީން ކަމަށް ވެސް ނީރާއަށް ނުވެޔޭ ރިދާ ބުނެލިއެވެ. އެކަކަށް ވެސް އަނެކާގެ ހަގީގީ ހާލަތެއް ނޭނގޭނެއެވެ. ރިދާއަށް ވެސް ނީރާގެ ނިންމުންތަކުގައިވި މަޖުބޫރެއް ނުފެނެއެވެ. ހާލަތު ބަދަލުވާން ފަޅިސުކުންތެއް ވެސް ފުދެއެވެ. އެ ހާލަތުގެ ސަބަބުން މީހާއަށް ބަދަލުވާން ޖެހޭއިރު އެކަން އެހެން މީހަކަށް ވިސްނޭނޭ ކަމަށް ހީކޮށްގެން ނުވާނެއެވެ. ތިމާ ހުރި ހާލަތު ތިމާއަށްވުރެ ބޮޑަށް އެނގޭނޭ ދެވަނަ މީހަކު ނުހުންނާނެއެވެ. ނީރާގެ ބަސްމަދުކަމާއި ހިމޭންކަން ރަމްޒުކޮށްދެނީ އޭނާގެ ހަޔާތަށް ވެރިވެފައިވާ ތޫފާނެވެ.

"އީހާނު ކީއްތަ ކުރަނީ؟ މިކުއްޖާ ހީވަނީ ބިންދައިގެން ހިނގައިދާނެހެން." ނީރާގެ ހަށިގަނޑަށް އައިސްފަ ހުރި ބަދަލާއެކު ރިދާ ބުނެލިއެވެ. އީހާނު ހިނިގަނޑެއް ޖަހާލުމާއެކު ފާޅުކޮށްލީ ސަމާސާގެ ބަހެކެވެ.

"އެހެންމީހުން މެރީކުރީމަ ވަނީ ފަލަ." ރިދާ އަނެއްކާ ވެސް އިތުރުކޮށްލިއެވެ.

ހުޅުވުނު ދޮރާއެކު ޔަމާނުގެ އަޑު އިވުނެވެ. އޭނާގެ ސަމާސާ މިޒާޖާއެކު އެންމެންގެ ތުންފަތަށް ހިނިތުންވުން ވެރިވެއެވެ. ނީރާއަށް ބަލާލާފައި ޔަމާނު ބަދަލުކޮށްލި ހިނިތުންވުން ތަފާތުވިއެވެ. އީހާނު ކައިރީ ކޮފީ ހަދަން ދާން ބުނެ އޭނާ ފޮނުވާލީ ޔަމާނެވެ. ރިދާއަށް ޔަމާނުގެ ހަރަކާތްތައް ފާހަގަނުވެ ނުދިޔައެވެ.

"ކިހިނެއް މެރީޑް ލައިފް." ޔަމާނު އަހާލިއެވެ.

"ރަނގަޅު." ނީރާ ހިނިތުންވުމަކާއެކު ބުނެލިއެވެ. ބުނަން އާދެފައިވާ ހުރި ފަދައިންނެވެ. ނަމަވެސް ޔަމާނުގެ ދެ ލޮލުން ނީރާގެ ވާހަކަ ގަބޫލުކުރާހެން ހީނުވެއެވެ. އެހެންވިޔަސް އޭނާ ބޯޖަހާލަމުން ހިނިތުންވެލީއެވެ. ހަމްދަރުދީގެ އަސަރުވާ ފަދައަކުންނެވެ. އެރޭގެ އެ ބައިވެރިވުމަށް ނީރާ ގެނެވުނީ ރޭވުމަކާއެކުއެވެ. އީހާނަށް މަޖުބޫރުވާ ހިސާބަށް ފާޑުކީ މީހަކީ ޔަމާނެވެ. އޭނާގެ މައްޗަށް ބަސް އިއްވީ އެންމެ ގާތް އެކުވެރިޔާއެވެ. ލައިޒަލްއެވެ. އެންމެންގެ ހާޟިރުގައި ވިޔަސް ނީރާ ދުށުމަށް ލައިޒަލް ބޭނުންވަނީއެވެ. އެކަމަކު އީހާނަށް ހީވާނީ މީ ޔަމާނުގެ އިސްނެގުމާއެކު އެންމެން އެއްވާ އެއްވުމެއްކަމުގައެވެ.

"ނީރާ... ތިއަޑުން ލަވައެއް ނީވޭތޯ ކޮންދުވަހެއް. އަސްލު ނީރާ ރަނގަޅޭ ޓިކްޓޮކް އެކައުންޓުގަ ޕޯސްޓްކުރަން ފަޝަން. ޔޫ އެންޑް ލައިޒަލްގެ އަޑު ވަރަށް ގުޅޭނެ." ރިދާ ގަސްދުގައި ލައިޒަލްގެ ނަން ނީރާއާ ގުޅުވާލިއެވެ.

"މިރެއަކުނޫން." ނީރާ އެއްގޮތަކަށް ވެސް ލަވަ ކިޔާކަށް ބޭނުމެއްނޫނެވެ.

"ކޮބާތަ އޭނަ؟" ޔަމާނަށް ބަލާލައި ރިދާ އަހާލިއެވެ. ލައިޒަލް އަންނަނީބާއޭ ނީރާގެ ހިތަށް އެރިއެވެ. އެހެންވިޔަސް އޭނާއަށް އަހާލާކަށް ނުކެރުނެވެ. ލައިޒަލްއާއި ނީރާއާ ދެމެދު ގުޅުމެއް އޮތްކަމަށް އެންމެ ފުރަތަމަ ވެސް ބުނި މީހަކީ ރިދާއެވެ.

"އެބައާދޭ." ޔަމާނު ބުންޏެވެ. ނީރާ ހިތް އަވަސްވާގޮތްވިއެވެ. ހަނދާންތައް ހިތުގެ ތެރޭ ބޮނޑިވެގަތެވެ. ލައިޒަލް ދުށުމަށް ބޭނުންވެފައި ވަނިކޮށް އެހާ ގާތުން އޭނާއާ އެންމެ ފުރަތަމަ ބައްދަލުވީ ތަނަކީ އެ ކަރޯކޭ ބޫތެވެ. ޔަމާނާއެކު ވަން ޒުވާނާ ތަޢާރަފްކޮށްދިން އިރު ނީރާއާއި ލައިޒަލްއާ ކުރީން ބައްދަލުވެފައި ވާކަމެއް އެކަކަށް ވެސް ނޭނގޭނެއެވެ.

އީހާނު ކޮފީ ހިފައިގެން އައިސް ވަނެވެ. އޭނާގެ ފަހަތުން އުޝާއާއެކު ވަނީ ލައިޒަލްއެވެ. ހިޔާލުތަކަށް ގެއްލި އުނގުގައި ބާއްވާލެވިފައިވާ އަތުގެ އިނގިލިތަކަށް ބަލަން އިން ފަދައިން ނީރާ އިސްޖަހާލައިގެން އިނީއެވެ. ވަށައިގެންވާ މާޙައުލަށްވުރެ އޭނާގެ އަމިއްލަ ދުނިޔޭގެ އަމާންކަމުގެ ތެރޭ ހައްޔަރުވެފައެވެ. ލައިޒަލްއާއެކުވީ ކޮންމެ ހަނދާނަކާއެކު ދިރިހުންނަން މަސައްކަތްކުރާ މީހަކު ފަދައިންނެވެ.

ލައިޒަލްގެ ނަޒަރު ނީރާއަށް ހުއްޓުނެވެ. އޭނާ ގަސްދުގައި ކަރުކެހިލި ނަމަވެސް ނީރާ ބަލައެއް ނުލިއެވެ. ނީރާއަށް ކިހިނެއްވެފަތޯ އުޝާ އަހާލިއެވެ. ނީރާގެ އިސްއުފުލުނީ އެހިނދުއެވެ. އުޝާގެ އަޑުންނެވެ. ލައިޒަލްއާ ނަޒަރު ސީދާ ވެލީ ދެނެވެ. ނީރާއަށް ބަލަން އުނދަގޫވީއެވެ. ލައިޒަލްގެ މުލައްދަނޑީގައި އުޝާ ހިފާލީމައެވެ. އިށީންނަން އުޅުމުގައި އުޝާގެ އުނަގަނޑާ ދިމާ ފަހަތުން ލައިޒަލް އަތްޖައްސާލި ގާތް ގޮތެވެ.

ނީރާގެ މައްޗަށް އަނިޔާވެރި ރެޔެއް ކަމުގައި އެރޭ ވިއެވެ. ލައިޒަލް ހިނިތުންވުމެއް ބަދަލުކޮށްލި ނަމަވެސް އެއްފަހަރު ވެސް ނީރާއަށް ގޮވާނުލިއެވެ. އޭނާގެ ހުރިހާ ސަމާލުކަމެއް ދެވިފައި ހުރީ އުޝާ އަށެވެ. އެންމެގެ ސަކަރާތުގައި ބައިވެރިވާއިރު ވެސް ލައިޒަލްއާއި އުޝާގެ ދެމެދުގައި އެހެން ކަހަލަ ސަމާސާކުރުމެއް ހިނގާ ކަހަލައެވެ. އުޝާގެ ކަންފަތްދޮށުގައި ލައިޒަލް ސިއްރުން ބުނަނީ ކީކޭކަމެއް ނޭނގެއެވެ. އުޝާގެ ހިނިތުންވުން ފުންވެއެވެ. މާނަވީ ގޮތަކަށް އެ ދެމެދުގައި ނަޒަރު ބަދަލުކޮށްލައެވެ. ބައެއްފަހަރު އުޝާ ލަދުން އުޅޭހެން ހީވެއެވެ. މޭޒުގެ ދަށުން އުޝާގެ އަތުގައި ލައިޒަލް ހިފައިގެން ހުރީއޭ ވެސް ނީރާއަށް ހީވެއެވެ. މިވަނީ ކިހިނެއްކަމެއް ޔަގީނެއްނުވެއެވެ. އަމިއްލަ ހިތަށް ވިސްނައިދިނުމުގައި ނީރާ އިނެވެ. ރޭގެ ވަގުތުތައް ފާއިތުވަމުންދިޔައިރު ނީރާގެ ހިތުގައިވީ ރިހުންވީ ގަދައެވެ. އެތަނުގައިވީ އެކަކަށް ވެސް އެ ހިތް ރޯ އަޑެއް ނީވެއެވެ. ލޮލުގައި ނީރާއަށް އަތް އަޅާލެވުނެވެ.

"ކިހިނެއްވީ؟" ނީރާ ލޯ އުނގުޅާތީ އީހާނަށް އަހާލެވުނެވެ.

"ފާޚާނާއަށް..." ނީރާ ތެދުވަމުން ބުނެލިއެވެ.

"ހިނގާ..." ނީރާއާއެކު ދާން އީހާނު އުޅުނެވެ.

"ލޮލަށް އެއްޗެއް ވެއްޓުނީ. މޫނު ދޮވެލައިގެން އެބައަންނަން." އީހާނުގެ އަތުގައި ހިފާލުމާއެކު ނީރާ ބުނެލިއެވެ. އީހާނު ބޯޖަހާލުމުން ނީރާ އަވަހަށް އެތަނުން ނުކުތީއެވެ.

ހަލުވިކޮށް އައިސް ފާޚާނާއަށް ނީރާ ވަނެވެ. ލައްޕާލި ދޮރުފަތުގައި ލެނގިލީއިރު އެ ކޯތާފަތް ތެމިއްޖެއެވެ. ދެއަތުން ދެ ލޯ ފުހެން ފެށިއެވެ. ތުންފަތުގައި ދަތްއަޅާ ބާރުކޮށްލިއެވެ. މީހަކަށް ރޯ އަޑު އިވިދާނޭތީއެވެ. އެކަމަކު ނީރާ ނޭފަތް ދަމާލާއަޑާއެކު އޭނާ ރޮނީކަން ސިއްރެއްނުވާނެއެވެ. މޫނުގައި ދެއަތް އަޅާ ފޮރުވާލިއެވެ. އަމިއްލަ ނަފްސުގެ ކައިރީ ހަމަޖެހެން ނީރާ ބުންޏެވެ. އަމިއްލަ ބާރުން ހިތް ވީއްލުނީތީ އެ ހިތަށް ވިސްނައިދޭން ފެށީ ހަރުކަށިކަމާއެކުއެވެ. ނީރާއާއި ލައިޒަލްގެ ބާބު ނިމިއްޖެކަމެވެ. ނީރާއަކީ އީހާނުގެ އަނބިމީހާކަމެވެ. އެކަކުވެސް ލިބެންނެތް ލޯތްބެއްގެ ފަހަތަކުން ނުދުވާނެއެވެ. މިހެންމިވީ ޚުދު ނީރާގެ ސަބަބުންނެވެ. ލައިޒަލް ދޫކޮށްލީ ޚުދު ނީރާއެވެ. ލައިޒަލްގެ ބަދަލުގައި އީހާނާއި އާއިލާ ހިޔާރުކުރީ ނީރާ އަމިއްލަ އަށެވެ.

ފާޚާނާއިން ނުކުތް ނީރާ ސިހުނެވެ. އަތްދޮންނަ ތަށިކައިރީ ބުޑުޖައްސާލައިގެން ހުއްޓި ހުރީ ރިދާއެވެ. ނީރާ އަވަސް އަވަހަށް އައިސް ދެވަނަ ތަށިކައިރީ ހުއްޓިލިއެވެ. އިސްކުރު ދޫކޮށްލައި މޫނަށް ފެންގޮށްޓެއް ޖެހިއެވެ. މޫނު ދޮވެ ނިމިގެން ނީރާ ހިންދެމިލި ހިނދު ރިދާ ޓިޝޫ ދިއްކޮށްލަ ދިނެވެ. އެއިން ނީރާ މޫނު ފުހެލިއެވެ. ލޯގަނޑުން މޫނު ފެނުމުން އެ ދެ ލޯ ކައިރިއަށް ވެރިވެފައިވާ ރަތްކަން ނީރާއަށް ވެސް ފެނުނެވެ.

"ދެ ލޮލަށް ވެސް އެއްޗެއް ވެއްޓުނީތަ؟" ރިދާ ބުނެލީ ނީރާ ދެއްކި ވާހަކަ ގަބޫލުނުކުރާ މީހަކު ފަދައިންނެވެ. ނީރާ އެއްވެސް އެއްޗެއް ނުބުންޏެވެ.

"ނީރާ، ހުރިހާކަމެއް ހަމަ ރަނގަޅުތަ؟" މިފަހަރު ވެސް ރިދާ އެހީ ނީރާގެ ވާހަކަ ގަބޫލުނުކުރެވޭތީއެވެ. ފުންނޭވާއެއް ނީރާ ދޫކޮށްލިއެވެ. ދެން ހިނިތުންވުމަކާއެކު ހޫން ލައްވާލިއެވެ.

"ސްޓޮޕް އިޓް. ތި ކްރީޕީ ހިނިތުންވުން ނުދީފާނަންތަ... އަނގައިގެ ދެމިޔަކަނުގައި ހިފާ މީހަކު ގަދަކަމުން އުފުލާލީމަ ހުންނާނީ ތިހެން. އެއްވެސް އަސްލެއްނެތިފަ." ރިދާއަށް ރުޅި އާދެވުނެވެ. ނީރާގެ ދެކޮނޑުގައި ހިފައި ތަޅުވައިގަންނަން އޭނާ ބޭނުންވިއެވެ. އޭނާގެ ހަވަނަ ހިއްސު ނީރާއާއި އީހާނުގެ ކައިވެންޏާމެދު ސުވާލު އުފެއްދިއިރު އަދިވެސް ރިދާ އެވަނީ އެ ހައްލުކުރަން ނޭނގިފައިވާ އަރަތުގައި ބަނދެވިފައެވެ. ނީރާ އެއްޗެކޭ ބުނާނޭނަމައޭ ރިދާ ހިތަށް އަރައެވެ.

"ދިސް އިޒް ނޮޓް ޔޫ." ނީރާގެ ދެއަތުގެ އުޅަންބޮށްޓާ ހަމާގައި ރިދާ އައިސް ހިފާލިއެވެ. ނީރާ ހުރިގޮތް ފެނުމުން އޭނާގެ ހިތްދަތިވާ ގޮތްވާންވީ ކީއްވެކަމެއް ރިދާއަކަށް ނޭނގެއެވެ. އެކުވެރިޔާގެ ގައިގާ ރިދާ ބައްދާލިއެވެ. އެފަދަ އެހީތެރިކަމަށް ނީރާ ބޭނުންވެފައި ހުރި ކަހަލައެވެ. އެކުވެރިޔާގެ ކޮނޑުގައި އޭނާއަށް ބޯއަޅާލެވުނީ ވަރުބަލިވެފައިވާ މީހަކު ފަދައިންނެވެ.

"އެއްވެސް ރަނގަޅުހެން ހިޔެއްނުވޭ. ނީރާ ނުބުނަންޏާ އަހަރެންނަކަށް ވެސް ނޭނގޭނެ. އަދިވެސް ހިތް ބުނަނީ ލައިޒަލްއާ ގުޅުމެއްވެޔޭ. ތިކުރި ކުއްލި ކައިވެނީގެ ހަގީގަތެއް ވެސް ނޭނގެ. އީހާނުދެކެ ލޯބިވެގެން އުޅުނުނަމަ އަހަންނަށް ވެސް ނީރާގެ ފުށުން އެކަން ފެންނާނެ."

"ޕްލީޒް ސްޓޮޕް... ޕްލީޒް ރިދާ..." ނީރާ އާދޭސްކޮށްލިއެވެ.

ނީރާ ދުރަށް ޖެހިލުމާއެކު ރިދާ ގާތުން އެދުނީ އީހާނު ކައިރީ އައިސްދޭން ބުނުމަށެވެ. އޭނާ ބޭނުންވަނީ ގެއަށްދާންކަން ނީރާ ބުންޏެވެ. ދެން ވެސް ރިދާ މާނަކުރީ ލައިޒަލް އިނުމުން އޭނާއާ ކުރިމަތިނުލާން ނީރާ އުޅެނީކަމެވެ. ނުދާށޭބުނެ ރިދާ އާދޭސްކޮށްލިއެވެ. އެންމެން ބައްދަލުވީ ކިހާ ދުވަހެއްފަހުންކަން ރިދާ ބުންޏެވެ. ނީރާ ބޯހޫރުވާލީއެވެ. ރިދާގެ ދެއަތްތިލައިގަ ހިފާލައި އީހާނު ކައިރީ އޭނާގެ އެއްޗެހި ހިފައިގެން އައިސްދޭން ބުނުމަށް ނީރާ ބުންޏެވެ. މާޔޫސްވެހުރެ ރިދާ ފާޚާނާއިން ނުކުތީއެވެ. ނީރާ ނުކުމެ ސިޑިކައިރީ މަޑުކޮށްލީއެވެ. އީހާނު ފައިބާއިރު ފެންނާނޭހެންނެވެ.

"ޑޯލް..." ސިޑިންފައިބައިގެން އައި ޔަމާނުގެ އަޑު އިވުނެވެ. ނީރާއަށް ސިޑިން މައްޗަށް ބަލާލެވުނެވެ. ޔަމާނާއެކު އީހާނު ފޭބިއެވެ. ޔަމާނު ނުދެވޭނޭ ބުނެލުމުން އީހާނު ދެކޮނޑު އަރުވާލިއެވެ. އޭނާގެ ބާރެއް އެކަމުގައި ނެތޭ ބުނާ ފަދައިންނެވެ. ނަމަވެސް އީހާނު އައިސް ނީރާގެ ގާތުގައި ހުއްޓިލިއެވެ. އެ މޫނުގައި ދެއަތުން ހިފާލިއެވެ.

"މިރޭ އެންމެންނާއެކު ދާން މަޑުކޮށްލަމާ. ޕްލީޒް." އީހާނު މަޑުމަޑުން ބުނެލިއެވެ. އަދި ނީރާގެ އަތުގައި ހިފައިގެން ސިޑިން އެރިއެވެ. ޔަމާނު ދެއްކިވާހަކައެއް ނީރާއަށް އަޑެއް ނީވުނެވެ. އަޑުއަހަން ބޭނުންނުވީއެވެ.

އެންމެން އާދޭސްކުރީމާ ވެސް ނީރާ ލަވައެއް ނުކިޔެވެ. އެހެންވިޔަސް ދެންތިބި އެންމެންގެ ފޯރި ކުޑައެއް ނުވިއެވެ. އެންމެން ބޭނުންވީ ފަދައިން ނީރާއަށް ވެސް ނުކުމެވުނީ އެމީހުންނާއެކުއެވެ.

"ގެއަކަށްނޫން ދޯ ދާނީ. އެހާއަވަހަށް ގެއަށްދާނެކަމެއްނެތް. އަންނާނަން ކާރު ނަގައިގެން." ލައިޒަލް ވާހަކަދެއްކީ އުޝާއާއެވެ. އެ އަޑުއަހަން ބޭނުންނުވިޔަސް އެ ދެމީހުން ތިބީ ނީރާގެ ކައިރީގައެވެ. އެހެންވެ ދައްކާ ކޮންމެ ވާހަކައެއް ނީރާއަށް އިވެއެވެ. ވިސްނަން ބޭނުންނުވިޔަސް ސުވާލުތައް ހިތުގައި ފުނިޖެހެނީއެވެ. ނުވިސްނައެއް ނުހުރެވުނެވެ. ލައިޒަލްއާއި އުޝާ ހަގީގަތަށް ވެސް ގުޅުނީބާއެވެ. ގަޑިތަކުން އެކެއްޖަހާ ހިނގައްޖެއެވެ. ކެފާބަންދުކުރުމުގައި ޔަމާނާއެކު އީހާނު އުޅުނެވެ. މިދަންވަރު ދެން ގެއަށް ނުދަންޏާ އުޝާ ގޮވައިގެން ލައިޒަލް ދާނީ ކޮންތާކަށްބާއެވެ.

"އެޕާޓްމެންޓް..." ނީރާގެ ހިތް ބުނެލިއެވެ. އެހިނދު ނުބައިގޮތެއް އޭނާއަށް ވިއެވެ. ކުއްލިއަކަށް ލައިޒަލްއަށް ބަލާލެވުނެވެ. އެވަގުތު ލައިޒަލްގެ ނަޒަރު ވެސް ނީރާއަށް ހުއްޓިލިއެވެ. ނަމަވެސް އޭނާ ނަޒަރުވަކިކޮށްލީ ހާއްސަކަމެއްނެތް ފަދަ އާދައިގެ ގޮތެއްގައެވެ. އުޝާގެ އަތަށް ދަމާލަމުން އަންނާށޭ ލައިޒަލް ބުނެލިއެވެ. އޭނާ ހިނގައިގަތީ އުޝާ ގޮވައިގެންނެވެ. އެ ދެމީހުން ކާރުގައި ނައްޓާލީ ދުވާރުމަތީ ނީރާއާއި ރިދާ ތިއްބައެވެ.

އެރޭ އެއްގޮތަކަށް ވެސް ނީރާއަކަށް ނުނިދުނެވެ. މާޒީ ހަނދާންވަނީއެވެ. ޙާއްސަކޮށް ދެމެދުގައި އޮތް ގައިގޯޅިވުންތަކެވެ. ލައިޒަލްގެ ހޫނު ބީހުންތަކެވެ. އޭނާގެ އެޕާޓްމެންޓުގައެވެ. ހިޔާލުކުރަން ބޭނުންނުވިޔަސް އުޝާ ގޮވައިގެން އެ އެޕާޓްމެންޓަށް ލައިޒަލް ދިޔައީކަމުގައި ވާނަމަ އޭނާގެ އަމަލުތައް ހުންނާނީ ކިހިނެއްކަން ނީރާއަށް ސިފަކުރެވެއެވެ. މަގަތަށް ނީރާ އެނބުރިލިއެވެ. ގަދަ ނިދީގައިވި އީހާނަށް ނީރާ ބަލާލިއެވެ. ދެން މަޑުމަޑުން އޭނާ ތަންމަތި ދޫކޮށް ކޮޓަރިން ނުކުތެވެ. ބަދިގެ ފަރާތުން ބެލްކަނީގެ ދޮރު ހުޅުވާލައި ބޭރަށް ނީރާ ނުކުތެވެ. ފާރުކައިރީ އޭނާ އިށީނެވެ. އަތުގައި އޮތް ފޯނު ހުޅުވާލިއެވެ. ކުރަން ބޭނުންވަނީ ކީއްކަން ހުދު ނީރާއަކަށް ވެސް ނޭނގެއެވެ. ލައިޒަލްއަށް ގުޅަން ވެސް އޭނާ ހިތަށް އަރައެވެ. އެކަމަކު އޭގެ ނަތީޖާ ރަނގަޅުނުވާނޭކަން ނީރާއަށް އެނގެއެވެ.

ފަތިސް ނަމާދުކޮށްގެން ލަމްހާ ކޮޓަރިން ނުކުތީ އިރުއަރަން އުޅެނިކޮށެވެ. ދުނިޔެމަތި މުޅީން އަލިނުވެއެވެ. ބެލްކަނީގެ ދޮރުހުޅުވާފައި ހުރުމުން އޭނާ ހައިރާންވިއެވެ. ބޭރަށް ނުކުތްއިރު ގޮނޑިއަށް ދެފައި އަރުވައިގެން ކަކުލުގައި ވަށާލެވިފައި ދެއަތުގެ ތެރޭ ބޯއަޅާލައިގެން ނިދިފައި އިނީ ނީރާއެވެ.

"ނީރާ..." ލަމްހާ ގޮވާލިއެވެ.

ސިއްސައިގެން ދިޔަ ނީރާ ލޯ ހުޅުވާލުމާއެކު އަވަހަށް ގޮނޑިން ތެދުވިއެވެ. އުނގުތެރޭ އޮތް ފޯނުވެއްޓުނީ އެވަގުތެވެ. ކިހިނެއްހޭ ތިހެދީ ލަމްހާ ބުނެ ފޯނު ނަގައިދިނެވެ. ނީރާގެ ކޮނޑުގައި ހިފާލަމުން އެތެރެއަށް ލަމްހާއާއެކު ގަނައެވެ.

"ކީއްވެފަ ތިއިނީ؟ އީހާނު ކޮބާ؟" ނީރާގެ މޫނަށް ފަރުވާތެރިކަމާއެކު ބަލާލަމުން ލަމްހާ އަހާލިއެވެ.

"މީ އޭނާ ހޭލާގަޑިއެއްނޫނެންނު." ނީރާގެ އާންމު އުޅުން ހުންނަ ފަދައިން އަމަލުތައް ބެހެއްޓުމަށް އޭނާ މަސައްކަތްކުރިއެވެ.

"ހޮޓްޗޮކުލެޓް ހަދައިދެންތަ؟" ބަދިގެއަށް ވަން ލަމްހާ ވެސް ކަމެއް ފާހަގަވީ ކަމަކަށް ނުހެދިއެވެ.

މަންމައާއި ސުޖާއުއާއެކު ހެނދުނުގެ ނާސްތާކޮށްގެން ނީރާ ފޭބިއިރު ވެސް އީހާނު އަދި ނުހޭލައެވެ. އޭނާ ތެދުވީ މެންދުރު ނީރާ އެސޯސިއޭޝަނަށް ގެންގޮސްލާށެވެ. އެ ދެކުދީން ގެއިން ނުކުތްތަން ބަލަން ކާމޭޒު ދޮށުގައި ސުޖާއުއާއެކު ލަމްހާ އިނެވެ.

"ގޭތެރެ މިހާރު އެހެން ގޮތެއްހެން ހީވަނީ. ކުރީން އޮތް ދިރުން ގެއްލިއްޖެހެން ހީނުވޭތަ؟" ލަމްހާ ވާހަކަދެއްކިއެވެ.

"ލަމް، ކީއްވީ؟." ސުޖާއު އަހާލިއެވެ.

"ތަފާތުހެން ހީވަނީ." ލަމްހާ ބުނެލިއެވެ.

"ދުރުދުރުން ނުދައްކާ، ހިތުގަ އޮތް އެއްޗެއް ބުނެބަލަ." ސުޖާއު އެދުނެވެ.

"ނީރާ... ނީރާއަށް ބަދަލުތަކެއް އައިހެން ހީނުވޭތަ؟. މިގޭތެރެއިން އެކުއްޖާގެ އަޑު ކެނޑިއްޖެ." ލަމްހާއަށް ބުނެވުނެވެ.

"ކައިވެންޏާއެކު ބަދަލުތައް އަންނާނެއެއްނު." ސުޖާއު ބުނެލިއެވެ.

"މިޒާޖަށް ބަދަލުއާދޭތަ؟. އެނގޭތަ؟ އެކުއްޖާ އަހަންނަށް މަންމަ ނުކިޔާކަން." ލަމްހާގެ މޫނުން މާޔޫސްކަން ފާޅުވޭވޭ ހުއްޓެވެ.

"މަންމަ ކިޔައެއްނު." ސުޖާއުއަށް ފާހަގައެއް ނުކުރެވެއެވެ.

"މަންމަ ކީ... އެކަމަކު މިހާރަކު ނުކިޔާ. އެހެންޏާ އެކުއްޖާ ނޭވާލާން ވިޔަސް އަހަންނަށް ގޮވާނެ. އަހަރެން ކައިރީ އަދި ނުކިޔާ އެއްވެސްކަމަކު." ލަމްހާއަށް ވަރަށް ބޮޑަށް ފާހަގަވެފައި އޮތުމުން ބުނެލިއެވެ.

"ކައިވެނި ކުރީމަ ލަމް ކައިރީ ބުނަން ނުކެރެނީކަމަށް ވެދާނެއެއްނު." ސުޖާއު ބުންޏެވެ. ލަމްހާ ވަކި އެއްޗެއް ނުބުންޏެވެ. އެކަމަކު އޭނާއަށް ސުޖާއުއާ އެއްބަހެއް ނުވެވުނެވެ.

ކުލާސްތައް ނަގަމުން ދިޔަ ނީރާއާއި ދާލިއާއަށް ހުސްވަގުތެއް ލިބުނެވެ. ފެންފުޅި އަނގައިގަ ނީރާ ޖަހާލީ ކަރުހިއްކައިގަނެފައި ހުރީމައެވެ. ދާލިއާ އިނީ ފޯނަށް ގެއްލިފައެވެ. ނީރާ ވެސް ފޯނު ނެގިއެވެ. އާދައިގެ މަތިން އީހާނު ކޮންމެވެސް އެއްޗެކޭ ކިޔާ މެސެޖުކޮށްފަ އޮންނާނެކަން އެނގެއެވެ. އެކަމަކު އެ މެސެޖުތަކުގެ ތެރެއިން ނީރާއަށް ލައިޒަލްގެ މެސެޖު ފެނުނެވެ.

"ކިހިނެއްތަ؟ ރޭގަ ފިލަންތަ އުޅުނީ؟. ނީރާ ބުނީމެންނު އަހަރެން ވެސް ދިރިއުޅުމައިގެން ކުރިއަށްދާށޭ. އެގޮތް ނީރާއަށް ކަމުނުދަނީތަ؟. އަހަރެން ވެސް ކައިވެނި ކުރަން ވިސްނައިފިން. ނީރާ ވެސް މިހާރު ތީ މީހެއްގެ އަނތްބެއް. އީހާނު ކައިރިން ނީރާ ވަރިވާން ބޭނުންނުވާކަން އެނގޭ. އަހަރެން ބޭނުންވާ ގާތްކަން ނީރާއަކަށް ނުދެވޭނެ. އަހަރެން އެކަނިވެފައި ހުންނަން ނީރާ ނޭދޭތީކަން އެނގޭ ދިރިއުޅުމައިގެން ކުރިއަށްދާން ނީރާ ބުނީ. އެކަމަކު ނީރާއަށް އިންތިޒާރުކުރާށޭ ބުނެފިއްޔާ މުޅި އުމުރަށް ވެސް ހުރެދާނަން." ލައިޒަލް ފޮނުވާފައި އޮތް މެސެޖު ނީރާ ކިޔާލިއެވެ. (ނުނިމޭ)