މެކްސިކޯގެ 23 އަހަރުގެ ރެޕް ލަވަކިޔުންތެރިޔަކު ސާޖަރީ ހަދައިގެން ބޮލުގައި ރަނުން ހަދާފައިވާ ފަށްތަކެއް އިންދައިފި އެވެ. ޓިކްޓޮކްގައި މި މީހާ ޝެއާ ކުރި އާ ވީޑިއޯތަކެއްގައި މި މީހާ ވަނީ އޭނާގެ ބޮލުގައި އިންދާފައި ހުރި ރަން ފަށްތައް މީހުންނަށް ދައްކާލާފަ އެވެ.
ނިއު ޔޯކް ޕޯސްޓްގައި މި ޚަބަރުގައި ބުނެފައިވާ ގޮތުގައި ޑޭން ސޫރް ނަމަކަށް ކިޔާ މި މީހާ އަކީ މިގޮތަށް ބޮލުގައި އިސްތަށިތަކެއް ހެން ރަން ފަށްތައް އިންދި އެންމެ ފުރަތަމަ ރެޕް ލަވަކިޔުންތެރިޔާ ކަމަށް އޭނާ ބުނާ ކަމަށެވެ.
ޓިކްޓޮކްގައި ދެ މިލިއަން މީހުން ފޮލޯކުރާ މި މީހާ ސާޖަރީ އަށްފަހު ޝެއާ ކުރި ވީޑިއޯއެއްގައި ބުނެފައިވަނީ އޭނާ ބޭނުންވީ އެހެން މީހުން ނުކުރާ ކަހަލަ ތަފާތުކަމެއް ކުރަން ކަމަށެވެ.
"މިހާރަކަށް އައިސް އެންމެން ވެސް އުޅެނީ އިސްތަށިގަނޑުގައި އެކި ކުލަ ކުލަ ޖައްސައިގެން. އެހެންވެ ތަންކޮޅެއް ތަފާތުކަމެއް ކޮށްލަން ކުރި ކަމެއް މީ. ގަހަނާ ފިހާރައަކަށް ވަދެފައި ދެންމެ ނުކުތް މީހެއްހެން ހުންނަން އަހަރެން ބޭނުމީ،" ސޫރް ބުންޏެވެ.
ސޫރް ބުނި ގޮތުގައި އޭނާގެ ބޮލުގައި ހަރުކޮށްފައިވާ ހުރިހާ ފަށްތައް ވެސް ހުންނާނީ ހަންގަނޑުގެ އަޑިން ބޮލަށް އިންދާފައިވާ ބުޅިގަނޑުތަކެއްގައި ހަރުކޮށްފަ އެވެ.
ސޫރް މި ސާޖަރީ ހެދީ މިއަހަރުގެ އެޕްރީލް މަހުގެ ކުރީކޮޅު އެވެ. އަދި އޭނާގެ ބޮލުގައި މި އިންދި ރަން ފަށްތަކުގެ ސަބަބުން ސޯޝަލް މިޑިއާގައި އޭނާ ބޭނުންވާ މަގުސަދު ވަރަށް ރަނގަޅަށް ހާސިލުވެފައި ވެއެވެ. ކުރިން ޓިކްޓޮކްގައި އޭނާ ފޮލޯކުރަމުން ދިޔައީ 12000 މީހުންނެވެ. ނަމަވެސް މި އިމްޕްލާންޓް ހެދި ފަހުން 1.9 މިލިއަން މީހުން އޭނާ ފޮލޯކުރެ އެވެ. އަދި އިންސްޓަގްރާމްގައި ވެސް އިތުރު އެތައް ހާސް ބަޔަކު މިހާރު އޭނާ ފޮލޯ ކުރެ އެވެ.
ނަމަވެސް ބައެއް މީހުން ބުނަނީ ސޫރް އުޅެނީ ރެޕް ލަވަކިޔުންތެރިޔާ ލިލް އުޒީ ވާޓް ކޮޕީ ކުރަން ކަމަށެވެ. ލިލް އުޒީ ދާދިފަހުން ވަނީ 24 މިލިއަން ޑޮލަރުގެ އަގުހުރި "ނެޗުރަލް" ޕިންކް ޑައިމަންޑް އެއް އޭނާގެ ނިތްކުރީގައި އިންދާފަ އެވެ.