ލައިފްސްޓައިލް

މެކްސިކޯ ލަވަކިޔުންތެރިޔާގެ މަރުގެ ހަގީގަތް!

މެކްސިކޯގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި ލަވަތައް ލިޔާ ޝާއިރު ޖެރީ ޑެމާރާ ވަނީ މަރުވެފަ އެވެ. "ދަ ވޮއިސް" ގެ މެކްސިކޯ ވާޝަންގައި ވެސް ބައިވެރިވި ލަވަ ކިޔުންތެރިޔާ ނޮވެމްބަރު މަހުގެ ފަހުކޮޅު މަރުވީ ވިޓަމިން އިންޖެކްޝަނެއް ޖަހައިގެން އޭނާއަށް ކުރިމަތިވި މައްސަލަތަކެއްގަ އެވެ.

ކެލިފޯނިއާގެ ޕައިނިއާޒް މެމޯރިއަލް ހޮސްޕިޓަލުގައި އޮވެ ޖެރީ، 42، އޭނާގެ ފޮޓޯތަކެއް ވެސް ސޯޝަލް މީޑިއާގައި ޝެއާ ކުރި އެވެ. ނަމަވެސް އޭގެ މަދު ގަޑިއިރެއް ފަހުން އޭނާ ވަނީ މަރުވެފައި ކަމަށް އިނގިރޭސިވިލާތުގެ "ދަ ސަން" އިން ރިޕޯޓު ކޮށްފައި ވެއެވެ.

ޖެރީގެ އަންހެނުން ކްލައުޑިއާ ޕެލެންސިއާ އޭނާގެ ސޯޝަލް މީޑިއާ އެކައުންޓުން ކުރި މެސެޖެއްގައި ބުނި ގޮތުގައި ވިޓަމިން އިންޖެކްޝަނެއް ޖެހިފަހުން ހޮޑުލެވި ހާލު ބޮޑުވީ އެވެ. އަދި ހޮސްޕިޓަލަށް ގެންދިޔައިރު ކެތް ނުކުރޭވަރުގެ ވަރުގަދަ ވޭނެއް ފަޔާއި ފޫކޮޅުގައި އަޅާތީ އޭނާ ތެޅި ފޮޅޭ ކަމަށް ޖެރީގެ އަންހެނުން ބުނެފައި ވެއެވެ.

މިދިޔަ ނޮވެމްބަރު 28 ވަނަ ދުވަހު ޖެރީ ހޮސްޕިޓަލުގައި އޮވެގެން ސޯޝަލް މީޑިއާގައި ޝެއާ ކުރި ވީޑިއޯއެއްގައި ވިޓަމިން އިންޖެކްޝަން ޖަހައިގެން އޭނާއަށް ތަހައްމަލު ކުރަން ޖެހުނު ގަދަފަދަ ވޭނުގެ ވާހަކަތައް ކިޔައިދީފައި ވެއެވެ. އަދި އެހާ ބޮޑަށް އޭނާ ބަލިވި ސަބަބު ސާފު ނުވާ ކަމަށް އެ ވީޑިއޯގައި ޖެރީ ބުނެ އެވެ.

"އަހަރެން މި އޮތީ ހޮސްޕިޓަލުގަ. އޮޅިގެން އަހަންނަށް އިންޖެކްޝަން ތަފާތު ތިން ދުވަހެއް މަތިން ޖެހުނީ. އެ ޖަހަންވީ ގޮތަށް ނުޖެހުނީމަ ވަރަށް ވަރުގަދަޔަށް ރިއްސަން ފެށީ. ރިހުމުގެ އެންމެ މަތީ މިންވަރަކީ 12 ނަމަ އަހަރެންގެ ރިހުން ހުރީ 10 ގައި. އަދި އެގޮތަށް ހަ ގަޑިއިރު ވަންދެން ރިހުނު،" ޖެރީ މަރުވުމުގެ މަދު ގަޑިއެއް ކުރިން އޭނާ ޝެއާ ކުރި ވީޑިއޯގައި ބުނެފައި ވެއެވެ.

ނަމަވެސް އޭނާ ޖެހީ ކޮން ކަހަލަ ވިޓަމިން އިންޖެކްޝަނެއް ކަމެއް އަދި އެއީ ކީއްކުރަން ޖެހި އެއްޗެއް ކަމެއް ޖެރީ އެ ވީޑިއޯގައި ނުބުނެ އެވެ. އެނާޖީ ލެވެލް އިތުރު ކުރުމަށް ތަފާތު އިންޖެކްޝަންތައް ޖެހުމަކީ ސެލެބްރިޓީން އާއްމުކޮށް ކޮށްއުޅޭ ކަމެކެވެ.