ލައިފްސްޓައިލް

ކައިވެނިކޮށްގެން ކާރަށް އަރަނިކޮށް "އޮޅިގެން" މަރާލައިފި

ފައްޅިއެއްގައި އޮތް ކައިވެނީގެ ރަސްމިއްޔާތު ނިންމާފައި ނުކުތް ޒުވާން ދެމަފިރިންގެ ތެރެއިން ފިރިހެން މީހާ މަރާލައިފި އެވެ.

ފައްޅިން ނުކުންނަން ދަނިކޮށް އޭނާގެ ގަޔަށް ބަޑި ޖަހާ މަރާލާފައިވަނީ އެހެން މީހެއް ކަމަށް ހިތާ އޮޅިގެންނެވެ.

ފިރިމީހާއަށް ވީތާ މަދު ވަގުތުކޮޅެއްގެ ތެރޭގައި ލޯބިވެރިޔާ ލޭގެ ކޯރެއް ތެރޭގައި އޮތްތަން ފެނިފައި އަލަތު އަނބިމީހާގެ ހިތްވަނީ ކުދިކުދިވެފަ އެވެ.

މެކްސިކޯގެ ކާބޯކާގައި ދިރިއުޅޭ މާކޯ އެންޓޯނިއޯ، 32، އަކީ އައިޓީ އިންޖިނޭރެކެވެ. މެކްސިކޯގެ ގޭންގަކުން އޭނާގެ ގަޔަށް ބަޑި ޖެހީ އެމީހުން މަރާލަން ބޭނުންވެގެން އުޅޭ އެހެން މީހެއް ކަމަށް ބަލައިގެންނެވެ. މި ހާދިސާގައި އެންޓޯނިއޯގެ ދައްތަގެ ބުރަކައްޓަށް ވެސް ވަޒަނެއް އަރާފައި ވެއެވެ.

އެންޓޯނިއޯ މަރާލީ އޮޅިގެން ކަމަށް މެކްސިކޯގެ ކަމާ ބެހޭ އޮފިޝަލުން ވެސް ގަބޫލު ކުރެ އެވެ.

ކާބޯކާ އަކީ ޑްރަގުގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ ރަފެއަލް ކާރޯ ކުއެންޓެރޯގެ ރަށެވެ. އަދި މަސްތުވާތަކެތީގެ ވިޔަފާރީގެ ހާއްޔެކެވެ.

ޕްރޮސެކިއުޓަރުގެ އޮފީހުން ބުނެފައިވާ ގޮތުގައި އެންޓޯނިއޯ އަށް އަމާޒުވި ހަމަލާ އަކީ ހަމަ އެ ދުވަހުގެ އެ ވަގުތުގައި އެހެން ފައްޅިއެއްގައި ކައިވެނި ކުރި މީހަކަށް އަމާޒުކޮށް ދޭން އުޅުނު ހަމަލާ އެކެވެ.

ހަމަލާ ދޭން ފޮނުވި މީހުންނަށް އޮޅިގެން ހަމަލާ ދެވުނީ އަސްލު އެމީހުން ހަމަލާ ދާން ޖެހޭ ފައްޅިއަކަށް ނޫނެވެ. އަދި މަރާލެވުނީ އެމީހުންނަށް އޯޑަރު ލިބިފައިވާ މީހާއެއް ނޫނެވެ.

އެންޓޯނިއޯ މަރާލި ފަހުން އެހެން ފައްޅިއެއްގައި ވެސް މިފަދަ ހާދިސާއެއް ހިނގައި ކައިވެނި ކުރި ފިރިހެން މީހާގެ ގަޔަށް ބަޑި ޖަހާފައި ވެއެވެ. ހަގީގަތުގައި އެމީހުން މަރާލަން އުޅުނީ އެމީހާ ކަމަށް ފުލުހުން ލަފާ ކޮށްފައި ވެއެވެ.

ކައިވެންޏަށްފަހު އެތަނުން ނުނިކުމެވި އުޅެނިކޮށް އަލަތު ފިރިމީހާ މަރުވެގެން ވެއްޓީފައި އޮތްއިރު އޭނާގެ ކައިރީގައި އޭނާގެ އަލަތު އަނބިމީހާ ބުދެއްހެން އިންދާ ނަގާފައިވާ ފޮޓޯތައް ސޯޝަލް މީޑީއާގައި ދައުރުވެފައި ވެއެވެ. އަންހެންމީހާ ލައިގެން އިން ހުދުކުލައިގެ ކައިވެނީގެ ހެދުން އޮތީ ފިރިހެންމީހާގެ ގައިން ބުރައިގެން ދިޔަ ލެއިން ތަތްތެޅިފަ އެވެ.