މެކްސިކޯ އަންހެނަކު ޖިމެއްގައި މާ ބަރުކޮށް ބާބެލްއެއް އުފުލަން އުޅެނިކޮށް އޭގެ ދަށުވެ މަރުވެއްޖެ އެވެ.
މި މީހާ ބާބެލް އުފުލާ މަންޒަރުގެ ވީޑީއޯ މިހާރު ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.
މި ވީޑިއޯގައި ފެންނަނީ މި ބަރު އުފުލަން އެމީހާ ހިތްވަރާ އެކު މަސައްކަތް ކުރާ ތަނެވެ. ނަމަވެސް ވަކި ހިސާބަކަށް އުފުއްލުނު ތަނާ އޭނާއަށް އެ ބާބެލް ނުހިފެހެއްޓިގެން ވެއްޓުނުއިރު އޭގެ މެދު ދަނޑި ދިމާވީ އަންހެން މީހާގެ ކަރަށެވެ. އަދި އެމީހާ ވަނީ ވަގުތުން މަރުވެފަ އެވެ.
މި އަންހެން މީހާ ހިފީ 180 ކިލޯގްރާމްގެ ބާބެލް އެކެވެ. އޭނާއަށް އެ އުފުލަން ޖެހޭ ގޮތަށް ނުއުފުލި ވެއްޓުނީ އެވެ.
އަންހެން މީހާ ޖިމަށް ގޮސްގެން އުޅުނީ އޭނާގެ އަންހެން ދަރިފުޅު ވެސް ގޮވައިގެންނެވެ.
މި ވީޑިއޯ ފުޓޭޖްގައި އެ ކުއްޖާ ވެސް ފެނެ އެވެ. އަދި ޖިމަށް ގޮސް ތިބި އެހެން ބައެއް މީހުންނަށް ވެސް މި މަންޒަރު ވަރަށް ރީތިކޮށް ފެނިފައި ވެއެވެ. އެމީހާގެ ކަރާ ދިމާލަށް ބާބެލް ވެއްޓުމާއެކު އެންމެން އޭނާ އަށް އެހީތެރިވުމަށް ދުއްވައިގަތެވެ. ނަމަވެސް އޭރުވެސް އަންހެން މީހާގެ އެއްވެސް ހަރަކާތެއް ނެތެވެ.
މި ހާދިސާ ހިނގާފައިވަނީ މެކްސިކޯ ސިޓީގެ ޖިމް ފިޓްނަސް ސްޕޯޓްސް ޖިމްނޭޒިއަމްގައި މިދިޔަ ހޯމަ ދުވަހު އެވެ.
ނަން ހާމަކޮށްފައިވާ ނުވާ މި އަންހެން މީހާގެ އުމުރު އުޅޭނީ 35 އަހަރާއި 40 އަހަރާ ދެމެދުގައި ކަމަށް ރިޕޯޓްތައް ބުނެ އެވެ.
އަންހެންމީހާ އޭނާގެ ބެންޗުގައި އިށީނދެ ބާބެލް ކަރުގައި ޖައްސާލައި އެ އުފުލާލަން މަސައްކަތްކުރާ ތަން ވީޑިއޯގައި ފެނެ އެވެ. ނަމަވެސް އެންމެ ފުރަތަމަ ވެސް އެ އަންހެން މީހާއަށް ބާބެލް ރަނގަޅަށް އުފުއްލަން ކުޅަދާނަ ނުވެގެން އުޅޭކަން ވެސް ވީޑިއޯ ބަލާލުމުން ޔަގީން ކުރެވެ އެވެ. ވަކި ހިސާބަކަށް އުފުއްލާލެވުނު ތަނާ ބާބެލް އެމީހާގެ ކޮންޓްރޯލުން ދޫވެގެން ކަރާ ދިމާލަށް ވެއްޓުނީ އެވެ.
ކައިރީގައި ހުރި ފިރިހެން މީހާ އާއި މަރުވި އަންހެން މީހާގެ ދަރިފުޅު ވަގުތުން ގޮސް އެ ބާބެލް ނެގޭތޯ ވަރަށް މަސައްކަތްކުރާ ތަން ވެސް ވީޑިއޯގައި ފެނެ އެވެ. ނަމަވެސް އެ ދެމީހުންނަށް ވެގެން ވެސް އެ ބާބެލް އުފުލާ ނުލެވުނެވެ.
މި ހާދިސާއަށްފަހު އަންހެން މީހާގެ ދަރިފުޅަށް ވަނީ ވަރަށް ފުން އަސަރުތަކެއް ކޮށްފަ އެވެ. އަދި އޭނާއަށް ސައިކޮލޮޖިކަލް ސަޕޯޓް ދެމުންދާ ކަމަށް ޚަބަރުތައް ބުނެ އެވެ.
މިހާރު މެކްސިކޯ ފުލުހުން ގެންދަނީ މިކަން ވީގޮތް ތަހުގީގުކުރަމުންނެވެ.