ލައިފްސްޓައިލް

ލޯބީގެ ދަލުގައި ޖައްސައިގެން ގެންގޮސް ގުނަވަންތައް ނަގައިފި

އޮންލައިނުން ބައްދަލުވެ ލޯބީގެ ގުޅުމެއް އުފެދުނު ލޯބިވެރިޔާއާ ބައްދަލުކުރަން ޕެރޫ އަށް ދިޔަ މެކްސިކޯ އަންހެނަކު އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނިއްޖެ އެވެ.

އުމުރުން 51 އަހަރުގެ އަންހެން މީހާ 3000 މޭލުގެ ދުރު ދަތުރެއް ކޮށްފައި ޕެރޫއަށް ދިޔައީ ޑޮކްޓަރުކަން ކިޔަވާ ދަރިވަރެއްގެ އަވައިގައި ޖެހިގެންނެވެ. ނަމަވެސް އެމީހާ ހީކުރި ގޮތާއި މި ލޯބީގެ ހަގީގަތް ދިމާ އިދިކޮޅެވެ.

އޮޅުވާލައިގެން އަންހެން މީހާ ޕެރޫއަށް ގެންދިޔައީ އިންސާނުންގެ އޯގަންތައް ވަގަށް ނަގައިގެން ވިއްކާ ބައެކެވެ. އަންހެން މީހާ ޖެހުނީ މިފަދަ ބައެއްގެ މަޅީގަ އެވެ.

ބްލަންކޯ އަރެއްލާނޯ ޕެރޫއަށް ދަތުރުކުރީ މިއަހަރުގެ ޖުލައި މަހު އެވެ. ޕެރޫގެ މެޑިކަލް ސްޓޫޑެންޓެއް ކަމަށްވާ ޖުއާން ޕަބްލޯ ޖޭސަސް ވިލާފުއާޓޭގެ ލޯބީގެ ދަލުގައި ޖެހިގެންނެވެ. އޭގެ ފަހުން އެތައް މަހެއް ފާއިތުވީއިރުވެސް ބްލަންކޯގެ އާއިލާގެ މީހުން ގަބޫލުކޮށްގެން ތިބީ އޭނާ ޕެރޫގައި ލޯބިވެރިޔާ އާއެކު ވަރަށް އުފާވެރި ދިރިއުޅުމެއް އުޅެމުންދާ ކަމަށެވެ.

ބްލަންކޯއަށް ދިމާވި ކަންތައްތަކުގެ ވާހަކަ ޓުވިޓާގައި ހިއްސާކޮށްފައިވަނީ އޭނާއަށް ބޮޑުދައިތަ ކިޔާ ޒުވާން އަންހެން ކުއްޖެއް ކަމަށްވާ ކާލާ އާރެއްލާނޯ އެވެ.

ކާލާ ބުނި ގޮތުގައި ޕެރޫއަށް ދިޔަ ފަހުން އޭނާގެ ބޮޑުދައިތައާ ފޯނުން އަބަދުވެސް ގުޅެ އެވެ. ނަމަވެސް މި ހިނގާ ނޮވެމްބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން ބޮޑުދައިތަގެ ފޯނަކާ ނުގުޅެ އެވެ. އަދި އޭގެ ފަހުން އެއްވެސް ޚަބަރެއް ވެސް ނުވެ އެވެ. އެހިސާބުން ބްލާންކޯގެ އާއިލާގެ މީހުން ގުޅީ އޭނާގެ ޕެރޫގެ ލޯބިވެރިޔާ ވިލާފުއާޓޭ އާއެވެ. އަދި މި ފޯނު ކޯލަށްފަހު ބްލާންކޯގެ ރައްކާތެރިކަމާ މެދު އާއިލާއިން އިންތިހާއަށް ކަންބޮޑުވި އެވެ.

"ވިލާފުއާޓޭ އާ ގުޅުމުން ބުނީ މިދިޔަ އާދިއްތަ ދުވަހު ކުއްލިއަކަށް ބޮޑުދައިތަ (ބްލަންކޯ) މެކްސިކޯއަށް ދާން ނިންމިއްޔޭ. އޭރު އެމީހުން ތިބީ ޕެރޫގެ ހުއާޗޯ ކިޔާ ރަށެއްގައި ކަމަށާއި ބޮޑުދައިތަ އަމިއްލައަށް ލީމާ އަށް ގޮސްފައި މެކްސިކޯއަށް ދާނީ ކަމަށް ބުނެފައި ހިނގައްޖެ ކަމަށް ވިލާފުއާޓޭ ބުނީ. ނަމަވެސް އެކަންވީ އެހެނެއް ނޫން،" ކާލާ ބުންޏެވެ.

ކާލާގެ ޕޯސްޓުގައި ބުނެފައިވާ ގޮތުގައި ވިލާފުއާޓޭ ކުރި އެހެން މެސެޖެއްގައި ބޮޑުދައިތަ އާއި އޭނާގެ ގުޅުން ހީނަރުވެ ބޮޑުދައިތަ ފޫހިވެގެން އެ ދެ މީހުންގެ ލޯބީގެ ގުޅުން ކެނޑިފައިވާ ކަމަށް ލިޔެފައި ވެއެވެ. އަދި ބޮޑުދައިތަގެ ފޯނު ހަލާކުވެފައި ނުވަތަ ބެޓެރީ ހުސްވެފައިވާކަން ޔަގީންކަމަށް ވެސް ކާލާ އަށް ވިލާފުއާޓޭ ފޮނުވި މެސެޖުގައި ބުނެފައި ވެއެވެ.

ބްލެންކޯއަށް ވީގޮތެއް ނޭނގިގެން އާއިލާއިން އޭނާ ހޯދުމުގެ މަސައްކަތް ކުރަނިކޮށް ނޮވެމްބަރު ނުވަވަނަ ދުވަހު ޕެރޫގެ މަސްވެރިއަކަށް ޕޯޓް އޮފް ހުއާޗޯގެ ކަނޑުން މޫނު ނެތް އިންސާނެއްގެ ބޮލެއް ފެނުނެވެ. އޭގެ އެތައް ގަޑިއެއްގެ ފަހުން އިންސާނެއްގެ އަތެއް އަދި އޭގެ ފަހުން އަތާއި ފައި އަދި ބޯ ނެތް މަސްގަނޑެއް ވެސް ފެނުނެވެ. އެތެރެހަށީގައި ހުންނަން ޖެހޭ އެއްވެސް ގުނަވަނެއް މި މަސްގަނޑުގައި ނެތެވެ. މިއީ 51 އަހަރުގެ ބްލަންކޯގެ ހަށިގަނޑުގެ ބައިތަކެވެ.

ބްލަންކޯގެ މަރާއި ވިލާފުއާޓޭއާ ގުޅުންތަކެއް ހުރިކަން ޕެރޫ ފުލުހުންނަށް އެނގިގެން ނޮވެމްބަރު 17 ވަނަ ދުވަހު އޭނާ ވަނީ ހައްޔަރުކޮށްފަ އެވެ.

ފުލުހުން ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ވިލާފުއާޓޭ ހައްޔަރުކޮށްފައިވަނީ އިންސާނެއްގެ ގުނަވަންތައް ވިއްކުމުގެ ތުހުމަތުގައި ކަމަށެވެ. މި މައްސަލަ ތަހުގީގުކުރާ ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި މިއީ ވިލާފުއާޓޭ އެކަނި ކުރި ކަމެއް ނޫނެވެ. އޭނާއާއެކު މިކަމުގައި ބޮޑު ގްރޫޕެއް ޝާމިލުވެ އެވެ.

އެންމެ އަޖައިބު ކަމަކީ ބްލާންކޯ ގެއްލިގެން އޭނާގެ އާއިލާއިން އޭނާ ހޯދުމުގެ މަސައްކަތް ފެށިފަހުން ވެސް އިންސާނުންގެ އޯގަންތައް ފަޅާ ބަލައި އެނަލައިޒްކުރާ މަންޒަރުތައް ފެންނަ ގިނަ ވީޑިއޯތަކެއް ވިލާފުއާޓޭ ޓިކްޓޮކްގައި ޕޯސްޓްކޮށްފައި ވެއެވެ. އޭނާ ޝެއާކުރި ވީޑީއޯތަކުގެ ތެރޭގައި ޕެންކްރިއަސް އާއި ސިކުނޑި ބައިބައިކޮށްގެން އެނަލައިޒްކުރާތަން ފެންނަ ވީޑީއޯތައް ހިމެނެ އެވެ.

ވިލާފުއާޓޭ ހައްޔަރުކޮށް އޭނާގެ ގެ ފާސްކުރިއިރު ފާޚާނާ ތެރޭންނާއި ލޯންޑްރީ ރޫމުން އަދި ގޮދަޑިއެއްގައި ގިނަ އަދަދެއްގެ ލޭ ހުއްޓާ ވަނީ ފެނިފަ އެވެ. އަދި މިއެއްޗެތި ސާފުކުރާ ސާމާނުވެސް މި ގޭގައި ހުއްޓެވެ.

ބްލާންކޯ އަށް ބޮޑުދައިތަ ކިޔާ ކާލާ ބުނި ގޮތުގައި އޭނާގެ ބޮޑުދައިތަ އަކީ ވަރަށް ހެޔޮ، ރަނގަޅު އަދި އެހެން މީހުންނާ ވަރަށް އެކުވެރިކަމާއެކު މުއާމަލާތްކުރާ މީހެކެވެ. ވިސްނުންތޫނު އަދި ވަރަށް އުފާވެރި މިޒާޖެއްގެ މީހެކެވެ. އަދި އެންމެން ދެކެވެސް ބޮޑުދައިތަ ވަރަށް ލޯބިވާނެ އެވެ. ޕެރޫގެ ގާނޫނުތަކުގެ ދަށުން ޝަރީއަތް ހިންގައި ބޮޑުދައިތަގެ މަރަށް އިންސާފުލިބޭނެ ކަމަށް ކާލާ ޔަގީންކުރެ އެވެ.