ތިމާގެ ލޯބިވާ މީހަކު ނުވަތަ އެކުވެރިޔަކު މަރުވުމުން އެއްވެސް މީހަކު އުފަލެއް ނުވާނެ އެވެ. އަދި އެ މީހެއްގެ ޖަނާޒާއަށް ގޮސް ނަށާ، މަޖާކުރާކަށް ބޭނުމެއް ނުވާނެ އެވެ. އެހެންކަމުން ޖަނާޒާތަކުން އާންމު ގޮތެއްގައި ފެންނާނީ ދެރަވެފައިވާ ނުވަތަ ރޮވިފައިވާ މޫނުތަކެވެ. ކޮންމެވެސް ބަޔަކަށް އެ ދުވަހަކީ އެމީހުންގެ ހަޔާތުގައި އައި އެންމެ ހިތާމަވެރި ދުވަހަށް ވާނެކަން ޔަގީނެވެ.
ނަމަވެސް އިނގިރޭސި ވިލާތުގައި މީގެ ދެ ދުވަހެއް ކުރިން ބޭއްވި ޖަނާޒާއަކުން ފެނިފައިވަނީ މުޅިން ތަފާތު މަންޒަރެކެވެ. ބާމިންހަމްގައި ހުންނަ ވިޓަން ގަބުރުސްތާނަށް އެ ދުވަހު ގިނަ ބަޔަކު ގޮސް ތިބީ ކެޓީ ނަމަކަށް ކިޔާ މީހެއްގެ ޖަނާޒާގައި ބައިވެރިވުމަށެވެ. ކުއްލިއަކަށް އެތަނަށް އައިސް ހުރި ޑީޖޭ އަކު މިއުޒިކް ޖަހަން ފެށި އެވެ. އެއާއެކު ހިތާމަކުރަން ތިބި އެންމެން ވެސް ނަށާ މަޖާ ކުރަން ފެށީ އެވެ. މި މަންޒަރުތައް ފެންނަ ވީޑިއޯއެއް އިއްޔެ އިންޓަނެޓުގައި ވަނީ ދައުރުވެފަ އެވެ.
ޕޯޓެބަލް ސްޕީކަރަކުން ބާރަށް ލަވަ ޖަހަމުން ދިޔައިރު ގަބުރުސްތާނުގައި ހުރި މަހާނަތަކުގެ ކައިރީ ތިބެގެން މީހުން ހެމުން ނަށަމުން ދިޔަތަން މި ވީޑީއޯގައި ވަރަށް ރީތިކޮށް ފެނެ އެވެ.
މި ވީޑިއޯ ބަލާފައި އެއްބަޔަކު އެކަމަށް ތަރުހީބުދީ ކޮމެންޓުތައް ކުރިއިރު އަނެއް ބަޔަކު ރުޅިގަދަވެގެން ކޮމެންޓް ކޮށްފައި ވެއެވެ.
"ކެޓީ އަށް ކޮންމެ ކަހަލަ ލޯބި ޓްރިބިއުޓެއް ތިދިނީ. ކެޓީ މިހާރު އޮންނާނީ އުފަލުން ހިނިތުންވެފައިކަން ޔަގީން،" ކޮމެންޓްކުރި މީހަކު ބުނެފައި ވެއެވެ.
އެއްބަޔަކަށް މިއީ ޔުނީކް ކަމަށް ވީއިރު އަނެއް ބަޔަކު ބުނީ މަހާނަތަކުގެ ކައިރީގައި ތިބެ ބިންމަތީ ބާރަށް ފައިން ތަޅަތަޅާފައި ނެށުމަކީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން ކަމަށެވެ.