ޓޫރިޒަމް

ޖެޓްސްކީގައި މުޅި ރާއްޖެއަށް ދަތުރުކޮށް ރެކޯޑެއް ހަދަނީ

Sep 12, 2021

ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރަން ރާއްޖޭގެ އެންމެ އުތުރުން އެންމެ ދެކުނަށް ޖެޓްސްކީ ދަތުރެއް ކުރިއަށް ގެންދަން ނިންމައިފި އެވެ.

ހުޅުމާލޭގެ ރުށްގަނޑު ސަރަހައްދުގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި މި ހަރަކާތް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހްމަދެވެ.

މޯލްޑިވްސް ވޯޓަރ ސްޕޯޓްސް އާއި އައްޑޫ ސިޓީ ކައުންސިލް ގުޅިގެން އިންތިޒާމުކޮށްފައިވާ މި ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވަނީ މިމަހުގެ 22 އިން 27 އަށެވެ.

އެމްއެންޑީއެފް އިން ދަތުރުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމާ ހަވާލުވެފައިވާއިރު ޖެޓްސްކީ ދުއްވާ ބައިވެރިން 20 ރަށަކަށް ދަތުރުކޮށް ހަތަރު ރަށެއްގައި މަޑުކުރަން ވަނީ ނިންމާފަ އެވެ.

ޖެޓްސްކީ ދަތުރުގައި އިސްކޮށް ހަރަކާތްތެރިވަނީ ކަމުގެ ތަޖުރިބާ ހުރި ހަ މީހެކެވެ. އެހެންނަމަވެސް ދަތުރުގެ އެކި ހިސާބުން ޖެޓްސްކީ ދުއްވާ ބައެއް މީހުންގެ ހަރަކާތްތައް ވެސް ދައްކާލުމަށް ހަމަޖެހިފައިވެ އެވެ.

ރާއްޖޭގެ އެންމެ އުތުރުގައިވާ ހއ. ތުރާކުނުން ފެށިގެން ރާއްޖޭގެ އެންމެ ދެކުނުގައިވާ ގަމަށް ޖެޓްސްކީގެ ބައިވެރިން ދަތުރުކޮށް ދުނިޔޭގެ ރެކޯޑެއް ހެދުމަށްވެސް މަސައްކަތް ކުރަމުންދާ ކަމަށް ހަރަކާތް އިންތިޒާމު ކުރާ ފަރާތުން ބުނެފައިވެ އެވެ.

ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ސެޕްޓެމްބަރު 27 އެވެ.

މި ދުވަސް ފާހަގަކުރުމުގެ ގޮތުން ޓޫރިޒަމް މިނިސްޓްރީއާއި ބައެއް ރިސޯޓުތައް ގުޅިގެން ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވެސް ދަނީ ތައްޔާރުވަމުންނެވެ.