ސުޕްރީމް ކޯޓް

ރައީސް ޔާމީންގެ ޝަރީއަތް: ދެފަރާތުން އާ ހެކިތަކެއް ހުށަހަޅައިފި

ސުޕްރީމް ކޯޓުގައި މިހާރު ފަށާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިސްތިއުނާފް މައްސަލައިގައި އެމަނިކުފާނުގެ ފަރާތްޕުޅުން އަދި ދައުލަތުގެ ފަރާތުން އާ ހެކިތަކެއް ޝަރީއަތަށް ހުށަހަޅައިފި އެވެ.

ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލި މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެ އެމަނިކުފާނު ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށާއި ހަ މަސް ދުވަހުގެ ތެރޭގައި ފަސް މިލިއަން ޑޮލަަރު މީރާއަށް ދެއްކުމަށް ހުކުމް ކުރީ ނޮވެމްބަރު 28، 2019 ގައެވެ. ދަށު ކޯޓުގެ ހުކުމަށް ހައިކޯޓުން ތާއީދުކޮށް މައްސަލަ ނިންމީ މިދިޔަ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހު އެވެ.

މި މައްސަލައިގެ އިސްތިއުނާފު އަޑުއެހުންތައް މިއަދު ފަށައިފައިވާއިރު މައްސަލަ ބައްލަވާ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު މަހާޒު އަލީ ވިދާޅުވީ ދެ ފަރާތުން ވެސް އާ ހެކިތަކެއް ޝަރީއަތަށް ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް އެ ހެކިތައް ބަލައިގަތުމާ މެދު ގޮތެއް ނިންމޭނީ ވާހަކަދެއްކުމަށްފަހު ކަމަށެވެ. އެކަމާމެދު ކުރިއަށް ހުރި އަޑުއެހުންތަކުގައި ގޮތެއް ނިންމަވާނެ ކަމަށްވެސް ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ފަރާތްޕުޅުން މި މައްސަލަ އިސްތިއުނާފް ކުރިއިރު 22 ނުކުތާއެއް ވަނީ ފާހަގަކުރައްވާފަ އެވެ. އޭގެތެރެއިން ހަތް ނުކުތާ މިއަދު ވަނީ ކޯޓަށް ހުށަހަޅާފަ އެވެ.

އެގޮތުން ދައުލަތުން ރައީސް ޔާމީންގެ މައްޗަށް ދައުވާކޮށްފައި ވަނީ ތަހުގީގުގައި ސުވާލު ނުކުރާ ތުހުމަތެއްގެ މައްޗަށް ކަމަށް ވަނީ ފާހަގަކޮށްފަ އެވެ. ރައީސް ޔާމީންގެ މައްޗަށް ތަހުގީގުގައި ތުހުމަތުކޮށް، ސުވާލުކޮށްފައި ވަނީ ކޮރަޕްޝަނާ ބެހޭ ގޮތުން ކަމަށާއި މަނީލޯންޑާ ކުރި ކަމުގެ ތުހުމަތު އޭރު ކޮށްފައި ނުވާ ކަމަށެވެ.

ދައުލަތުން އުފުލާފައިވާ ދައުވާގައި ބުނާ ކުށުގެ އަމަލު ހިންގާފައިވަނީ ކޮން ތަނެއްގައި ކަމަށާއި، ކިހިނެއް ކުރި ކުށެއްކަން ދައުލަތަށް ބުނެދެވިފައި ނުވާ ކަމަށް ރައީސް ޔާމީންގެ ގާނޫނީ ވަކީލް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވި އެވެ. އެހެންކަމުން ދައުވާ ވެސް ފުރިހަމަ ނުވާ ކަން ފާހަގަކުރެއްވި އެވެ. މި ނުކުތާތަކަށް ޖަވާބު ފޮނުވިއިރުވެސް މި ކަންކަން ދައުލަތުން ސާފުކޮށްދީފައި ނުވާ ކަމަށް ވިދާޅުވި އެވެ.

އިތުރު ކަމަކަށް ފާހަގަކޮށްފައި ވަނީ ކްރިމިނަލް ކޯޓުގެ އިބްތިދާއީ މަރުހަލާގައި ލިބެންޖެހޭ ލިޔުންތަކެއއް ދައުލަތުން ހިއްސާ ނުކުރި ނުކުތާ އެވެ. އެކަމުގެ ސަބަބުން ދައުވާ ސާފު ނުވާ ކަމަށާއި ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހަޅަން ހުރަސްތަކެއް އެޅުނު ކަމަށްވެސް ޑރ. ޖަމީލް ވަނީ ފާހަގަކުރައްވާފަ އެވެ.

މީގެ އިތުރުން އިބްތިދާއީ މަރުހަލާއާއި ޝަރީއަތުގެ މަރުހަލާ އެއްކޮށް، ގާނޫނާ ހިލާފަށް ގެންދިޔަ ކަމަށް ބުނެ އެ ނުކުތާ ވެސް ވަނީ ފާހަގަކޮށްފަ އެވެ.

އިސްތިއުނާފް ފޯމާއި އެކީގައި ރައީސް ޔާމީންގެ ފަރާތްޕުޅުން ވަނީ ދެ ހުށަހެޅުމެއް ވެސް ކޯޓަށް ހުށަހަޅުއްވާފަ އެވެ. އެއީ ކަފާލާތުގެ ދަށުން ދޫކޮށްލުމާއި އަދި ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ތަންފީޒުކުރުން ފަސްކޮށްދިނުމަށެވެ. މިކަމާ ގުޅޭ ގޮތުން ވާހަކަދައްކަން ރައީސް ޔާމީނަށް ވަނީ ދެ ދުވަސް ދީފަ އެވެ.

މި މައްސަލައިގައި ދެން ހުރި ނުކުތާތަކާ ގުޅިގެން ވާހަކަދެއްކުމަށް މާދަމާ ހެނދުނު 9:00 އަށް ވަނީ އިތުރު އަޑުއެހުމެއް ތާވަލްކޮށްފަ އެވެ.