ރައީސް އަބްދުﷲ ޔާމީން

ޝަރީއަތް ލައިވްކޮށްދޭން ރައީސް ޔާމީިން އެދި ވަޑައިގެންފި

ވ. އާރަށު މައްސަލައާއި ގުޅިގެން ކްރިމިނަލް ކޯޓުގައި މިހާރު ފަށައިފައިވާ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްސަލަ ލައިވް ކޮށްދޭން އެމަނިކުފާނުގެ ފަރާތްޕުޅުން އެދިވަޑައިގެންފި އެވެ.

ވ. އާރަށުގައި ރިސޯޓެއް ތަރައްގީ ކުރަން ކުންފުންޏަކަށް އެރަށް ވިއްކާލައިގެން ލިބުނު ފައިސާ އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް ފައިސާ ލޯންޑާ ކުރުމުގެ ތުހުމަތުގައި ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ އާއި ރިޝްވަތު ގަބޫލު ކުރެއްވުމުގެ ކުށުގެ ދައުވާ އެވެ.

މި މައްސަލައިގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި ފަށައިފައި ވަނީ މި މަހުގެ ދެ ވަނަ ދުވަހު އެވެ. އަދި އިތުރު އަޑުއެހުމެއް މިއަދު ވަނީ ބާއްވާފަ އެވެ. މި މައްސަލަ ކުރިއަށް ގެންދަނީ ހުޅުވާލައިގެން ނަމަވެސް ލައިވެއް ނުކުރެ އެވެ.

ރައީސް ޔާމީންގެ ދިފާއީ ވަކީލް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެފައި ވަނީ ރައީސް ޔާމީނާ ގުޅޭ ގޮތުން ކުރީގެ މައްސަލަތައް ވެސް ކޯޓުގައި ކުރިއަށް ގެންގޮސްފައި ވަނީ ލައިވްކޮށްގެން ކަމަށެވެ. އިންސާފުވެރި އަދި އަދުލުވެރި ޝަރީއަތެއް ކުރިއަށް ގެންދެވޭނީ ވީހާވެސް ބޮޑަށް ޝަރީއަތް ހުޅުވައިލުމުން ކަމަށެވެ.

އާ ރަށުގެ މައްސަލަ ކުރިއަށް ގެންދަނީ މި މައްސަލައިގައި ދެން ހިމެނޭ ވ. ފެލިދޫ، ހަނދުވަރީގެ، ޔޫސުފް ނައީމާ ވެސް އެކީ އެވެ. އޭނާ ވަނީ މައްސަލަ ލައިވްކޮށްގެން ކުރިއަށް ގެންދިއުމަށް އިންކާރު ކޮށްފަ އެވެ. އޭނާގެ ފަރާތުން ދިފާއީ ވަކީލް މުހައްމަދި ޝިފާޒް ވިދާޅުވެފައި ވަނީ ލައިވްކޮށްގެން ކުރިއަށް ގެންދަން ބޭނުން ނުވާ ކަމަށާއި، ލައިވް ކުރާނަމަ ޔޫސުފް ނައީމްގެ ބައި ވަކިން ކުރިއަށް ގެންދިއުމަށެވެ.

މިކަމާ ގުޅިގެން ދައުލަތުގެ ފަރާތުން ބުނެފައި ވަނީ ލައިވް ކޮށްގެން ކުރިއަށް ގެންދަން އެއްވެސް އިއުތިރާޒެއް ނެތް ކަމަށެވެ. އަދި މި މައްސަލައިގައި ޔޫސުފް ނައީމްގެ ފަރާތުން މައްސަލަ ލައިވް ނުކުރަން އެދުމުން އެކަމަށް އިއުތިރާޒްކުރި އެވެ. މިފަދަ މައްސަލަތަކަކީ ސިއްރުން ގެންދަން ޖެހޭ ފަދަ މައްސަލަތަކެއް ނޫން ކަމަށް ދައުލަތުން ވަނީ ބުނެފަ އެވެ.

މައްސަލަ ބައްލަވާ އިސް ގާޒީ އަހުމަދު ޝަކީލް ވިދާޅުވެފައި ވަނީ މައްސަލަ ލައިވް ކޮށްގެން ކުރިއަށް ގެންދިއުމާމެދު މިމަހުގެ 20 ވަނަ ދުވަހުގެ ކުރިން ގޮތެއް ނިންމައި ދެ ފަރާތަށް އަންގަވާނެ ކަމަށެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ފިޔަވައި ރައީސް ޔާމީންގެ އެހެން މައްސަލަތައް ކުރިއަށް ގެންދަނީ އެ ކޯޓުގެ ޔޫޓިއުބް ޗެނެލްގައި ލައިވްކޮށްގެނެވެ.

މި މައްސަލައިގެ އަޑުއެހުމެއް ދެން ކްރިމިނަލް ކޯޓުގައި ތާވަލްކޮށްފައި ވަނީ މިމަހުގެ 27 ވަނަ ދުވަހުގެ ހެނދުނު 9:30 ގައެވެ.