ހޮޓެލް ޖެން

ޖެންގެ ސާވިސް ޗާޖަށް 620 ޑޮލަރު

Sep 14, 2021

ހޮޓަލް ޖެންގެ މުވައްޒަފުންނަށް މިދިޔަ މަހުގެ ސާވިސް ޗާޖުގެ ގޮތުގައި 620 ޑޮލަރު ދީފި އެވެ. ޝަންގްރިއްލާ އިން އޮޕަރޭޓް ކުރާ ހޮޓަލްގެ މުވައްޒިފުންނަށް މި މަހުގެ މުސާރައާ އިނާޔަތްތަކާއެކު ސާވިސް ޗާޖުގެ ގޮތުގައި 620 ޑޮލަރު ވަނީ ޖަމާ ކޮށްދީފަ އެވެ.

އެ ހޮޓަލުން ސާވިސް ޗާޖު ދީފައިވަނީ ހަމަހަމައަށް ހުރިހާ މުވައްޒިފުންނަށް ވެސް އެއް އަދަދަކަށެވެ.

ހޮޓަލް ޖެންގެ މާކެޓިން އެންޑް ކޮމިއުނިކޭޝަން މެނޭޖާ ނީނާ މުހައްމަދު ވިދާޅުވީ ޖެންގެ ސާވިސް ޗާޖު މި ރޭޓްގައި ހުރުމުން މުވައްޒަފުން ތިބީ ވަރަށް ބޮޑަށް ހިތްހަަމަ ޖެހިފައި ކަމަށެވެ.

ހޮޓެލް ޖެންއިން މިހާރުވެސް ވަނީ ވަޒީފާގެ ގިނަ ފުރުސަތުތަކެއް ހުޅުވާލާފައެވެ. ނީނާ ވިދާޅުވި ގޮތުގައި އެ ވަޒީފާތަކަށް ބޭނުން ވަނީ ދިވެހިންނެވެ. މި ވަގުތުވެސް އެފް އެންޑް ބީ އާއި ފްރަންޓް އޮފީސް އަދި ހައުސް ކީޕިންގެ އިތުރުން އިންޖިނިއަރިން ދާއިރާއަށް ދިވެހިން ދަނީ ހޯދަމުންނެވެ.

"އަޅުގަނޑުމެން ބޭނުންވަނީ މި ހުރިހާ ވަޒީފާތަކަށްވެސް ދިވެހިން. މިހާރުވެސް ބައެއް ދާއިރާތަކުގައި ދިވެހިން މަދުކަމުން އެ ދާއިރާތަކުން ހާއްސަކޮށް ވަޒީފާއަށް ވަނީ ހުޅުވާލާފައި. މި ފުރުސަތުގެ ބޭނުން ހިފުމަށް އެދެނީ،" ނީނާ ވިދާޅުވި އެވެ.