ޑރ. ހުސައިން ރަޝީދު ހަސަން

ހުސައިން، އިންތިހާބަށް ނުފޫޒު ފޯރުވާ ކަމުގެ ތުހުމަތު

އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަން ނަގުވަން ޖުމްހޫރީ ޕާޓީގެ ނައިބު ރައީސް އަދި ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ގުޅުއްވަމުން ގެންދަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ގައުމީ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ރައީސް މުހައްމަދު ވަހީދު ތުހުމަތު ކުރައްވައިފި އެވެ.

ވަހީދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަން ނަގުވަން ޖުމްހޫރީ ޕާޓީގެ ނައިބް ރައީސް އަދި ފިޝަރީޒް މިނިސްޓަރު ގުޅުއްވަމުން ގެންދަވައެވެ. އަދި އެ ގޮތަށް ގުޅުއްވާ އެފަދަ އެންގުންތަކެއް އެންގުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް ވިދާޅުވިއެވެ.

"މި ޕާޓީގެ ޑިމޮކްރެޓިކް ނިޒާމު ފުނޑާލައި ޖޭޕީގެ ހަޑި ހުތުރު ގޮތްތައް ވައްދަން ނޫޅުއްވާ،" ހުސައިންނަށް ޓެގް ކުރައްވާ ވަހީދު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

ނަމަވެސް އިތުރު ތަފްސީލެއް ނުދެއްވައެވެ. ހުސައިން ގުޅުއްވާ ނަން ނެންގެވުމަށް އެދިފައިވަނީ ކޮން ކެންޑިޑޭޓެއްގެ އަރިހުގައި ކަމެއް ވިދާޅެއް ނުވެއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ކޮންޓްރޯލް ހޯއްދެވުމަށް އިސް ލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އާއި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ގެންދަވަނީ ވަރުގަދައަށް މަސައްކަތް ކުރައްވަމުންނެވެ. އިންތިހާބަށް ދެ ރައީސުންގެ ތާއީދު ލިބިގެން ކެންޑިޑޭޓުން ނެރުއްވާފައިވެއެވެ. ރައީސް ސޯލިހް މި ފަހުން އަތޮޅުތަކަށް ކުރައްވާ ދަތުރުފުޅުތަކުގައި އެމަނިކުފާނުގެ ތާއީދު އޮތް ކެންޑިޑޭޓުން ބައިވެރިކުރައްވާ ތާއީދު ހޯއްދެވުމަށްވެސް މަސައްކަތް ކުރައްވައެވެ. ރަސްމީ އެ ދަތުރުފުޅުގައި ވަރަށް އިސްކަމެއްގެ ގޮތުގައި ރަށްރަށުގައި ތިބި އެމްޑީޕީގެ މެންބަރުންނާއި ބައްދަލުކުރެއްވުން އޮވެއެވެ.

ރައީސް ނަޝީދާއި ރައީސް ސޯލިހްގެ ގުޅުން ގޯސްވެފައިވާއިރު މިހާރު އޮތް ގައުމީ މަޖިލީހުގެ މެޖޯރިޓީވެސް އޮތީ ރައީސް ސޯލިހަށެވެ. އެންމެ ފަހުން އޮތް އިސްތިއުނާފުގެ ފަނޑިޔާރުންގެ މަޖީލިހަށްވެސް މުޅީންވެސް ހޮވިވަޑައިގެންނެވީ ރައީސް ސޯލިހްގެ ތާއީދު އޮތް ކެންޑިޑޭޓުންނެވެ. ނަޝީދު ތާއީދު ކުރެއްވި ނުވަ ކެންޑިޑޭޓުންވެސް ފެއިލްވީއެވެ.