ވާހަކަ

ވީމޭ ކަލާޔާނުލާ

(11 ސެޕްޓެމްބަރ 2021އާ ގުޅޭ)

"ލިވިޔާ.." ޒަކްވާން މަޑުމަޑުން ލިވިޔާގެ މޫނުމަތީގައި އަޅާފައިވާ އަތް ނަގައިލިއެވެ. ލިވިޔާގެ ލޮލުން ހޯސްލާފައި ފައިބަމުންދާ ކަރުނަތައް ދިޔައީ ލިވިޔާގެ ދަތްދޮޅިން ތިކިތިކި ޖަހަމުންނެވެ. އެއްވެސް ޙާލެއްގައި އެމަންޒަރު ބަލަން ހުންނާކަށް ޒަކްވާނަށް ފަސޭހައެއް ނުވިއެވެ. ކޮންމެ ގޮތެއް ހަދާފައި ނަމަވެސް، ޒަކްވާން ބޭނުން ވެފައި ހުރީ ލިވިޔާ ހަމައަކަށް އަޅުވާށެވެ.

"ލިވިޔާ ހުއްޓާލަބަލަ! މިހާރު ކީއްވެތަ ތި ރޮނީ؟ މިއޮތް ހުރިހާ ދުވަހު ވެސް ކެތްކުރީ ދޯ؟ ދެން މިހާރު ކީއްވެތަ ތި ރޮނީ؟ ހުރިހާ ކަމެއް ކޮށްފަ ރުއިމުގެ ބޭނުމެއް ނެތެއްނު؟ ލިވިޔާ ބޭނުން ގޮތަށް ކަންތައް ކޮށްފަ ދެން ރުއިމަކުން އެއްވެސް ފައިދާއެއް ނުކުރާނޭ." ޒަކްވާން ވާހަކަދައްކަމުން ދިޔައީ ލިވިޔާގެ ކުރިމަތީގައި ހުއްޓިލައިގެން ހުރެއެވެ.

"ސޮރީ." ކުއްލިއަކަށް ހުރެފައި، ލިވިޔާ އޭނާގެ ދެއަތުގެ ނުފުށުން މޫނުގައި އަތް ކާއްތާލިއެވެ. އަދި ލޮލުގައި ދެތިން ފަހަރަކު އަތް އުނގުޅައިލުމަށްފަހުގައި، ލިވިޔާ ގަދަކަމުން ހީނލިއެވެ.

"ރަނގަޅު ވާހަކައެއް! އަހަރެން އިތުރަށް ރުއިމަކުން ފައިދާއެއް ނެތް. އަހަރެން ކުރިން ވެސް ހިތްވަރު ކުރީ.. ދެން ވެސް އަހަރެން ޖެހޭނީ ހިތްވަރު ކުރަން. އެކަން އަހަރެންނަށް ވާނެ. މިދަރިފުޅަށްޓަކައި ނަމަވެސް އަހަރެން އެކަންތައް ކުރާނަން." ލިވިޔާ އޭނާގެ ކަނާއަތުން މަޑުމަޑުން ބަނޑުގައި ފިރުމައިލަމުން ބުނެލިއެވެ. ލިވިޔާގެ މޫނަށް ބަލައިލަމުން ޒަކްވާން ހިނިތުންވެލީ އެއްވެސް މާނައެއް ނެތް ފަދަ ގޮތަކަށް، ގަދަކަމުންނެވެ.

***

ދުވަސްތައް މާޒީގެ ސަފުޙާގެ ތެރެއަށް ވަދެ، ގެއްލެމުން ދެއެވެ. ވޭތުވަމުންދާ ކޮންމެ ދުވަހަކީ އެތައް ކަމެއް ވަމުންދާ ދުވަސްތަކެކެވެ. އެކި މީހުންގެ ޙަޔާތަށް އެކި ކަހަލަ އިމްތިހާނުތައް އަންނަމުން ދެއެވެ. އެއްބަޔަކަށް ދުނިޔެމަތިން ދައްކަމުންދާ އިމްތިހާނުތަކުން ފެއިލް ވަމުން ދާއިރު، އަނެއް ބަޔަކު ދިރިއުޅެމުން ދަނީ ވަރަށް ކާމިޔާބު ކަމާއި އާރޯ ކަމުން ގެތިގެން ގޮސްފައިވާ އުފާވެރި ދިރިއުޅުމެކެވެ. ޙަޔާތެކެވެ. އެގޮތުގެ މަތިން 14 ދުވަސް ވޭތުވެގެން ގޮސްފިއެވެ.

ޔޫހާ އާއި ޝަހުރުގެ ޙަޔާތަށް އައިސްފައި ވަނީ ބަހާރު މޫސުމެކެވެ. ދެފަރާތުގެ ޢާއިލާގެ ލޯތްބާއި ރުހުމުން އުފަންވެގެން ދިޔަ އެމީހުންގެ ގުޅުން ކުޑަ ދުވަސްކޮޅެއްގެ ތެެރޭގައި ހީނުކުރާ ފަދަ ހިސާބަކަށް ވަނީ ގޮސްފައެވެ. ކައިވެންޏަށްފަހު ޝަހުރަށް ވެސް އޭނާގެ އިޙްސާސްތައް ދަސްވާ ގޮތެއް ނުވިއެވެ. ހިތުގެ އެދުމާއި އެދުންތަކާ އެއްގޮތަށް ޝަހުރުގެ ޙަޔާތަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާކަން އެއީ ޝަހުރަށް ހީވާ ޝައްކަކަށް ވުރެށް، އޭނާއަށް މާ ޔަޤީންކަން ބޮޑު ކަމެކެވެ. ކައިވެންޏަށްފަހު ޝަހުރުގެ މުޅި ހިތް ބަދަލުވެއްޖެއެވެ. ދެކޭ ގޮތާއި، ހިތުގެ ތެޅުން އެހެން މަންޒިލަކަށް ދަތުރުކޮށްފިއެވެ. ހިތުގެ ތެރޭގައި ފެވިފައިވާ ލިވިޔާގެ ނަން ފަނޑުވެގެން ދިޔައީ ޝަހުރަށް ނޭނގި، އޭނާގެ އެއްވެސް ބާރެއް ނެތިއެވެ. ބޭއިޚުތިޔާރުގައެވެ.

ކައިވެންޏަށްފަހު، ޝަހުރަށް ލިބުނީ ބަޔާން ކުރަން ދަތިވެފައިވާ ލޯތްބާއި އަޅާލުމެވެ. ޔޫހާގެ ހުރިހާ ވަގުތެއް އޭނާ ހުސްކުރަމުން ދަނީ ހަމައެކަނި ޝަހުރަށެވެ. ޔޫހާގެ ހިތުގެ ތެރޭގައި ދިރުނު ފުރަތަމަ އަދި ހަމައެކަނި ލޯތްބާ ގާތަށް އާދެވި، އެލޯބި ހާސިލުވުމުން އެ ލޯތްބަށްޓަކައި ކޮންމެ ފަދަ ޤުރުބާނީއެއް ވުން ވެސް ޔޫހާއަށް އެއްވެސް ކަމަކަށް ނުވެއެވެ. ޔޫހާގެ ފަރާތުން ހިފެހެއްޓުމެއް ނެތް ވަރަށް ލޯބި ދިޔައީ ޝަހުރަށް ލިބެމުންނެވެ.

***

ޝަހުރުގެ ޙަޔާތާ ބަލާފައި ލިވިޔާ ވޭތުކުރަމުން ދިޔައީ މުޅިން ތަފާތު ޙަޔާތެކެވެ. ލިވިޔާގެ ދިރިއުޅުން ސިފަ ކުރެވޭނީ ޝަހުރުގެ ދިރިއުޅުން ސިފަ ކުރަން ބޭނުން ކުރެވޭނެ ހުރިހާ ބަހެއްގެ އިނދިކޮޅު ލަފުޒުތަކުންނެވެ. ލިވިޔާގެ މުޅި ޙަޔާތް ވަށާލާފައި ވަނީ އެއްވެސް އިޙްސާސެއް ނެތް ހަތަރު ފާރުންނެވެ. އޭގެ ތެރޭގައި ލިވިޔާ ވަނީ ބަންދުވެ، ހައްޔަރުވެފައެވެ. ދުނިޔޭގައި ލިވިޔާއަށް އުފަލެއް ލިބުމަކީ އޭނާއަށް ޙައްޤު އެއްޗެއް ނޫންބާއޭ އެތައް ފަހަރަކު އޭނާގެ ހިތަށް އަރައެވެ. އެކަމާ އޭނާ ވަރަށް ގިނައިން ޝަކުވާ ވެސް ކުރެއެވެ. ނަމަވެސް އެއިން ކޮންމެ ޝަކުވާ އަކުން ވެސް ހިތަށް އިތުރު ރިހުމެއް ލިބުން ނޫން ވަކި އެއްވެސް ކަމެއް ނުވެއެވެ.

ލިވިޔާގެ ޙަޔާތް އެކަނިވެރި ނުކޮށް، އަބަދުވެސް ލިވިޔާގެ ގާތުގައި ޒަކްވާނަށް ހުރުމުގެ ހުއްދަ ލިވިޔާ ދީފައި ވުމުން ޒަކްވާން ހުންނަނީ ވަރަށް އުފާވެފައެވެ. ކޮންމެ ވެސް ސިފައެއްގައި ލިވިޔާގެ ހިތާމަތަކުގައި ބައިވެރި ވެވޭތީއެވެ. ލިވިޔާގެ އެކަނިވެރިކަން ފިލުވައިދޭނެ ބައިވެރިއެއްގެ ގޮތުގައި ޒަކްވާނަށް ހުރެވޭތީއެވެ. ޒަކްވާންގެ ޢާއިލާއާ މެދުގައި ޖެހުނު މައްސަލަތަކަށް ފަހު، ޒަކްވާން ވެސް ދިރިއުޅެމުން ދަނީ ވަކީންނެވެ. ދޭތެރެއަކުން ޝަހުރުގެ ކޯލެއް އަޔަސް، އެޔަކަށް އެއްވެސް ޖަވާބެއް ޒަކްވާނެއް ނުދެއެވެ. ދޭން ބޭނުން ވެސް ނުވަނީއެވެ. ދޮންބެގެ ފެންވަރު އެނގި، ދޮންބެ އަކީ ޒަކްވާން ހީކުރި ކަހަލަ ފިރިހެނަކަށް ނުވުމުން، ޝަހުރު ދެކެ ޒަކްވާން ހުންނަނީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައެވެ.

މުޅިން އައު ދުވަހަކަށް އިރު ދުނިޔެއަށް މަރުޙަބާ ކިޔައިފިއެވެ. ލިވިޔާ ތައްޔާރު ވެގެން ދާން މިސްރާބު ޖެހީ އޭނާގެ މައިންބަފައިންގެ ގާތަށެވެ. ހިތުގެ ތެރޭގައި ކޮންމެ ވެސް ވަރެއްގެ ބިރެއް ވެސް ލިވިޔާގެ އެބަ އޮތެވެ. ނަމަވެސް އެއްވެސް މީހަކަށް އަބަދަކު ދެރަ ގޮތެއް މާތްﷲ ނުދައްކާވާނޭ ހިތުން ބުނެ، މާތްﷲއަށް ވަކީލުކޮށްލައިގެން ލިވިޔާ ނިންމައިގެން ހުރީ މައިންބަފައިންގެ ކުރިމައްޗަށް އަރާށެވެ. ލިވިޔާގެ ޙާލަތު އޭނާގެ މައިންބަފައިނަށް އެނގޭނެ ކަމަށް އުއްމީދު ކޮށްގެންނެވެ. އެކަމަށް ދުޢާ ކުރަމުންނެވެ.

ދޮރުގައި ޓަކި ދޭން ފެށި އަޑަށް އައިސް އަލަމާރީގެ ދޮރު ޖަހައިލުމަށްފަހު، ހާލިދާ މިސްރާބު ޖެހީ ގޭގެ ދޮރު ހުޅުވާށެވެ. އެވަގުތު މާހިރު އިނީ ހެނދުނުގެ ނާސްތާއަށް އިންސާފު ކުރާށެވެ. ދޮރު ހުޅުވައިލުމާ އެކުގައި ހާލިދާއަށް ލިބުނީ ބޮޑު ހައިރާން ކަމެކެވެ. ދޮރު ކުރިމަތީގައި ހުރި ލިވިޔާ ފެނިފައި ހާލިދާއަށް ފެށުނީ ރޯންށެވެ. އުފަލުންނެވެ. "ދަރިިފުޅާ"އޭ ގޮވައިލާފައި ނިކަން ބާރަށް ހާލިދާ ބައްދައިގަތީ ލިވިޔާގެ ގައިގައެވެ. އެ އަޑަށް ކާން އިން މާހިރު ވެސް ނިކަން އަވަހަށް ސިޓިންގރޫމަށް ނުކުތެވެ.

"ދަރިފުޅާ! މަގޭ ދަރިފުޅާ!" މާހިރަށް ވެސް ލިބުނީ ހާލިދާއަށް ލިބުނު ފަދަ ބުނެދޭން ނޭނގޭ އުފާވެރި ކަމެކެވެ. ދުވެފައި ކަހަލަ ގޮތަކަށް ގޮސް މާހިރު ވެސް ބައްދައިލީ ލިވިޔާގެ ގައިގައެވެ. އެވަގުތު މުޅިތަނުން ފެންނަމުން ދިޔައީ މައިންވަންތަ ކުލުނާއި ލޯތްބެވެ. ބައްޕަ އަކު އަންހެން ދަރިއަކަށް ކުރާ އިތުބާރާއި، އެ އިތުބާރުގެ ހުރި ވަރުގަދަކަން ފެންނަމުންދާ މަންޒަރު ދިޔައީ ހެކިކޮށްދެމުންނެވެ.

"އަހަރެންނަށް މާފު ކުރޭ މަންމާ." ލިވިޔާއަށް ފެށުނީ ރޯންށެވެ. އޭނާގެ މަންމަ އާއި ބައްޕަ ގައިގަ ބައްދަމުން ލިވިޔާއަށް އެންމެ ފުރަތަމަ ވެސް އެދުނީ މާފަށެވެ.

"ނޫން ދަރިފުޅާ! މާފު އެދެން ޖެހޭނީ ބައްޕަ. ބައްޕަމެންނަށް ދަރިފުޅަށް ކުރަން ޖެހޭ ވަރަށް އިތުބާރު ނުކުރެވުނީ. ބައްޕައަށް ވެސް، މަންމައަށް ވެސް އެނގޭ ދަރިފުޅު ގޯސް މަގަކުން ނުހިނގާނެކަން." މާހިރު އޭނާގެ ދެއަތް ބާއްވައިލީ ލިވިޔާގެ ކޮނޑުމަތީގައެވެ.

"ދަރިފުޅާ! މަންމަ މިއަދު ވަަރަށް އުފާވެއްޖެ. މަންމައަށް އެނގޭ ދަރިފުޅު އަންނާނެކަން. ދަރިފުޅު ތީ ރަނގަޅު ކުއްޖެއް. މަންމަމެން ދަރިފުޅަށް ވަރަށް އިތުބާރު ކުރަން." ހާލިދާ ގެންދިޔައީ ލިވިޔާގެ ބުރަކަށީގައި ފިރުމަމުންނެވެ. ލިވިޔާގެ މައިންބަފައިންގެ ފަރާތުން އޭނާއަށް ލިބިގެން ދިޔައީ އޭނާގެ ހިތަށް ޝިފާއެއް ލިބިގެން ދިޔަ ބަސްތަކެކެވެ. ލިވިޔާއަށް އެތައް ދުވަހަކަށްފަހު، އޭނާގެ ތުންފަތުން އުފާވެރިކަމުގެ ހިނިތުންވުމެއް ފައުޅުވިއެވެ.

***

ހަވީރުގެ ހިތްގައިމު ވަގުތެވެ. ސޯފާގައި އިން ލިވިޔާ އާއި އޭނާގެ މައިންބަފައިން ތިބީ ވަރަށް ކަންބޮޑުވެފައެވެ. ލިވިޔާ ހާމަ ކުރި ވާހަކަތަކުން މާހިރު ވަނީ އިންތިހާ ދަރަޖައަށް ޝަހުރުގެ ޢާއިލާއަށް ރުޅި އަތުވެފައެވެ. އެމީހުންގެ ދަރިފުޅަށް އެވަރުގެ ބޮޑު ލަނޑެއް ދިނީމައެވެ. އެވަރުގެ ވޭނެއް ދިނީމައެވެ. ނަމަވެސް އެ ރުޅީގެ މައްޗަށް މާހިރު ޖެހުނީ މައިތިރި ވާށެވެ. އެނޫން ގޮތެއް ނެތީމައެވެ. ދޫ ބަންދުކޮށްލަން ލިވިޔާ އެދޭތީއެވެ. ލިވިޔާ ބަނޑުބޮޑުވުން އެއީ އޭނާގެ މައިންބަފައިންގެ އެންމެ ބޮޑަށް ނުތަނަސްވާ ކަމެވެ. ލިވިޔާގެ މުޅި ދިރިއުޅުން ހަލާކު ވެދާނެތީއެވެ. ނަމަވެސް އެ ދަރިފުޅަށް އެއްވެސް ދެރައެއް ދިނުމުގެ ޚިޔާލެއް ވެސް ލިވިޔާގެ މައިންބަފައިންގެ ސިކުނޑި ތެރެއަށް ނުވަދެއެވެ.

"ދަރިފުޅު ތީ ވަރަށް ކެތްގަދަ ކުއްޖެއް! ވަރަށް އަމިއްލަ އެދުން ކުޑަ. މަންމަ ދަރިފުޅާ މެދުގަ ފަޚުރުވެރިވަން. ދަރިފުޅު ތިވަނީ ވަރަށް އެހެން ކަހަލަ ޤުރުބާނީއެއް. މަންމަމެން އަބަދުވެސް ދަރިފުޅާ އެކުގަ ތިބޭނަން." ހާލިދާ ވަރަށް ލޯބިން ލިވިޔާގެ ގައިގައި އޮޅުލައިގަތެވެ. ދެރަ މޫނެއް ހަދައިގެން މާހިރު ބަލަން ހުރީ އެދަމައިންނަށެވެ. އޭނާގެ ދަރިފުޅުގެ ޙާލަތާ މެދުގައި ވިސްނާފައި މާހިރު ވަރަށް ދެރަވެއްޖެއެވެ.

***

މުޅި ކޮޓަރިތެރެއިން ފެންނަނީ އަނދިިރިކަމެވެ. ނިދާ ބޮކީގެ ފަނޑު އަލިކަން ނޫން އިތުރު އަލިކަމެއް ނެތެވެ. ކުއްލިއަކަށް ކޮޓަރީގެ ތެރެއަށް އަލިވެގެން ދިޔައީ ފާޚާނާ ހުޅުވައިލުމާ އެކުގައެވެ. ފާޚާނާއިން ނުކުތީ ޝަހުރެވެ.

"އާދޭ!" ވައި އަޑަކުން ޔޫހާ އެހެން ބުނެލި އިރި، އޭނާ އޮތީ އެއްވެސް ފޭރާމެއް ނެތި އެނދުމަތީގައެވެ. އެފަދަ ޙާލެއްގައި ޝަހުރު ވެސް ހުރެ، މަޑުމަޑުން ޝަހުރު ހިނގައިގަތީ އެނދާ ދިމާއަށެވެ.

"ހިނގާ ބޭބީ އަކަށް ޓްރައި ކުރަން މިފަހަރު.." ޝަހުރު މަޑުމަޑުން އައިސް އެނދު މަތީގައި އޮށޯވެލީ ޔޫހާއާ ޖެހިގެންނެވެ. ވަރަށް ލަދުން ޔޫހާ ހިނިތުންވެލީ ބޯޖަހައިލަމުންނެވެ. ޔޫހާގެ ހަރަކާތްތަކުން އޭނާ ވެސް ދަރިއަކު ބޭނުންވާކަން އެނގެއެވެ. (ނުނިމޭ)