ޓޫރިޒަމް

ސޭވް ދަ ޑްރީމްގެ ވެރިންނަށް ފެނާއި ކަރަންޓު ދީފި

Sep 13, 2021

ސަބްލީޒް އެއްބަސްވުމެއްގެ ދަށުން ރިހިވެލި ރިސޯޓު ހިންގަމުން ދިޔަ ސޭވް ދަ ޑްރީމް މޯލްޑިވްސްގެ ވެރިން އެ ރިސޯޓުގައި ތިއްބަވަނިކޮށް އެ މީހުން ތިއްބެވި ތަންތަނުން ފެނާއި ކަރަންޓްގެ ހިދުމަތް ކަނޑާލުމަށް ފަހު އަލުން އެ ހިދުމަތް ދީފި އެވެ.

އަލުން ފެނާއި ކަރަންޓުގެ ހިދުމަތް ދިނީ ފުލުހުން މެދުވެރިކޮށް ކުރި މަސައްކަތުން ކަމަށް ސޭވް ދަ ޑްރީމް މޯލްޑިވްސްގެ ގާނޫނީ ޓީމުން ބުންޏެވެ.

ސޭވް ދަ ޑްރީމް މޯލްޑިވްސްގެ ވެރިން ތިއްބެވި ތަންތަނުން އަސާސީ ހިދުމަތްތައް ކަނޑާލީ ރިސޯޓުގެ އަސްލު ވެރިފަރާތް ކަމަށްވާ މަހަލް ޓްއާސް ޕްރައިވެޓް ލިމިޓެޑުންނެވެ. އަސާސީ ހިދުމަތްތައް ކަނޑާލުމުގެ ކުރިން މަހަލް ކުންފުނިން ވަނީ ސޭވް ދަ ޑްރީމް މޯލްޑިވްސްގެ ވެރިން ރިހިވެލި ރިސޯޓުން ބޭލުމަށް އަމުރެއް ހޯދުމަށް ސިވިލް ކޯޓަށް ހުށަހަޅާފަ އެވެ. ނަމަވެސް އެފަދަ އަމުރެއް ސިވިލް ކޯޓުން ދީފައެއް ނުވެ އެވެ.

ރިހިވެލީގެ ވެރިފަރާތާއި ސަބްލީޒް އެއްބަސްވުމެއްގެ ދަށުން ހިންގަމުން ދިޔަ ފަރާތާއި ދެމެދު މައްސަލަ ޖެހި ދެ ފަރާތުގެ ދެމެދުގައި މާރާމާރީ ހިންގާ ހިސާބަށް ކަންކަން ގޮސް، ސޭވް ދަ ޑްރީމް މޯލްޑިވްސްގެ ވެރިން ވަނީ ރިހިވެލި ރިސޯޓުން ފައިބަން ދެކޮޅު ހަދާފަ އެވެ.

ސިވިލް ކޯޓުން މިދިޔަ މަހުގެ 31 ވަނަ ދުވަހު ކުރި ހުކުމްގައި ބުނެފައި ވަނީ ރިހިވެލި ރިސޯޓް ހިންގުމަށް ސޭވް ދަ ޑްރީމް މޯލްޑިވްސް އާއެކު މަހަލް ޓްއާސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހަދާފައިވާ ސަބްލީސް އެއްބަސްވުން ބާތިލް ކުރުމަށް މާހަލް އިން ފޮނުވާފައިވާ ނޯޓިހަކީ ސައްހަ ނޯޓިހެއް ކަމަށް ކަމަށެވެ. އެ ނޯޓިސްގެ ދަށުން ސަބްލީސް އެއްބަސްވުން ބާތިލްވެފައި ވާތީ ސޭވް ދަ ޑްރީމް މޯލްޑިވްސް އަށް ނުވަތަ އެ ކުންފުނީގެ ހިއްސާދާރަކަށް ވެސް މާހަލް ޓުއާސްގެ ނުރުހުމުގައި ރިހިވެލި ބީޗު ރިސޯޓުގައި އިތުރަށް ދެމިތިބުމުގެ ނުވަތަ އެ ތަނުން މަންފާ ހާސިލް ކުުރުމުގެ ހައްގެއް ލިބިގެން ނުވާ ކަމަށެވެ.

ސިވިލް ކޯޓުން މަހަލް އާއި އެއްކޮޅަށް ހުކުމް ކުރިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މަހަލް ކުންފުނީގެ ފަރާތުން ރިހިވެލި ރިސޯޓާ ހަވާލު ވާން ދިޔަ ބަޔަކާއި އެވަގުތު ރިސޯޓުގައި ތިބި ސޭވް ދަ ޑްރީމް މޯލްޑިވްސްގެ ބަޔަކާ ދެމެދު އެ ދުވަހު ވެސް ވަނީ ހަމަނުޖެހުން ހިންގާފަ އެވެ. އަދި ސިވިލް ކޯޓުން މައްސަލައިގައި ހުކުމް ކުރި ގާޒީގެ މައްސަލަ ވެސް މިހާރު ވަނީ ޖޭއެސްސީ އަށް ހުށަހަޅާފަ އެވެ.

ސިވިލް ކޯޓުން މަހަލްއާ އެއްކޮޅަށް ނިންމި މައްސަލަ ސޭވް ދަ ޑްރީމް މޯލްޑިވްސް އިން އިސްތިއުނާފަށް ހުށަހެޅުމުން ހައިކޯޓުން އިއްޔެ ވަނީ މައްސަލަ ބަލައިގެންފަ އެވެ. ނަމަވެސް ޝަރީއަތް ފަށާނެ ދުވަހެއް އަދި ވަކީލުންނަށް އަންގާފައެއް ނުވެ އެވެ.

މަހަލް ކުންފުނިން ބުނާ ގޮތުގައި އެއްބަސްވުން ބާތިލްކުރީ އެއްބަސްވުމުގައިވާ ގޮތަށް ހެޑްލީސް ރެންޓާއި، ސަބްލީސް ރެންޓު، ސޭވް ދަ ޑްރީމް ކުންފުނިން ދައްކާފައި ނުވާތީ އެވެ. ސަބްލީސް ރެންޓުގެ ގޮތުގައި އެއް މިލިއަން ޑޮލަރު އަދި ހެޑްލީސް ރެންޓުގެ ގޮތުގައި 323،188 ޑޮލަރު ނުދައްކައި އޮތް ކަމަށް މަހަލް އިން ބުނެ އެވެ. މަހަލް އިން ދައްކާ ވާހަކަތަކާއި ސިވިލް ކޯޓުގެ ހުކުމަށް ބަލައި ޓޫރިޒަމް މިނިސްޓްރީން މިހާރު ވަނީ ރިހިވެލި ހިންގަން ދޫކުރި އެއްބަސްވުން ބާތިލުކޮށްފަ އެވެ.

ސޭވް ދަ ޑްރީމް މޯލްޑިވްސް އާއި މަހަލްއާ ދެމެދު ޖެހިފައިވާ މައްސަލައާއި ދާދި އެއްގޮތް އެހެން މައްސަލައެއްގައި ކާސްޓަވޭ މޯލްޑިވްސް އިން ވެސް ގެންދަނީ މަހަލް އާއި ދެކޮޅަށް ދައުވާކުރަމުންނެވެ. ރިހިވެލި ހިންގަން މަހަލްއާއި ކާސްޓަވޭއާ ދެމެދު 2014 ވަނަ އަހަރު ހެދި އެއްބަސްވުން ބާތިލްކޮށް މަހަލް އިން ވަނީ އެ މައްސަލަ ކޯޓަށް ހުށަަހަޅައިގެން ޖެނުއަރީ 2، 2018 ގައި ކާސްޓަވޭ އަތުން ވެސް ރަށް އަތުލާފަ އެވެ. އޭގެފަހުން ރިހިވެލި ހިންގުމާ ސޭވް ދަ ޑްރީމް މޯލްޑިވްސް އިން ހަވާލުވީ ފެބްރުއަރީ 15، 2018 ގައެވެ. ސަބްލީސް އެއްބަސްވުން ހެދީ 2042 ވަނަ އަހަރާ ހަމައަށް ރިސޯޓު ހިންގާ ގޮތަށެވެ.

މީގެއިތުރުން މަހަލް ޓުއާސްގެ އިސްވެރިންގެ މެދުގައިވެސް މައްސަލަ ތަކެއް ވަނީ ޖެހިފަ އެވެ. އެ މައްސަލަތައް ވެސް ކޯޓު ތަކުގައި ދަނީ ހިނގަމުންނެވެ.