މޯލްޑިވްސް ޕޮލިސް ސާވިސް

ތިޖޫރީ ފަޅާލިއިރު 70،000 ރުފިޔާ ހުރި

Sep 13, 2021
1

ތިޖޫރި ފަޅާލައި ފައިސާތައް ވަގަށް ނެގިއިރު 70،000 ރުފިޔާ ވަރު ހުންނާނެ ކަމަށް ބެލެވޭ ކަމަށް ކ. އަތޮޅު ކައުންސިލުން ބުނެފި އެވެ.

އަވަސް އަށް މިއަދު މައުލޫމާތު ދެއްވަމުން ކ. އަތޮޅު ކައުންސިލްގެ ޒިންމާދާރުވެރިޔާ އަހްމަދު ފިރާގު ވިދާޅުވީ ތިޖޫރިއާ ހަވާލުވެ ހުރި މުވައްޒަފު ބުނާ ގޮތުން 70،000 ރުފިޔާ ވަރު ތިޖުރީގައި ހުންނާނެ ކަމަށެވެ.

"އޭނާ ބުނާ ގޮތުގައި 50،000 އަށް ވުރެ ގިނަ އެކަމަކު އެއް ލައްކައަށް ވުރެ މަދު. އެހެންވީމާ ބޮޑަށް ބެލެވެނީ 70،000 ވަރު ހުންނާނެ ކަމަށް،" އަހްމަދު ވިދާޅުވި އެވެ.

މާލެ އަތޮޅުގެ ވެރިރަށް ތުލުސްދޫގައި ހުންނަ އަތޮޅު ކައުންސިލް އިދާރާގައި ސެކިއުރިޓީ އޮފިސަރަކު ހުރެ އެވެ. އެކަމަކު ތިޖޫރީ ފަޅާލައި ފައިސާ ނެގި ވަގުތެއް އެ މީހާއަށް ވެސް ނޭނގެ އެވެ. އެ އިދާރާގައި ސީސީޓީވީ ކެމަރާއެއް ނުހުރެ އެވެ. އެކަމަކު ކައުންސިލް އިދާރާއާއި ޖެހިގެން ހުރި ސައި ހޮޓަލެއްގެ ސީސީޓީވީ ކެމަރާތަކަށް ޝައްކު ކުރެވޭ ބައެއްގެ އަމަލުތައް ރެކޯޑް ކުރެވިފައި ކަމަށެވެ. އެ ކައުންސިލް އިދާރާ އަށް ވަގުން ވަދެފައިވަނީ ކުޑަދޮރުފަތެއް ހަލާކު ކޮށްލައިގެންނެވެ.

"ފުލުހުން އެ ވީޑިއޯ ހޯދައި، ތުހުމަތު ކުރެވޭ މީހުން ދެނެގަތުމުގެ މަސައްކަތުގައި އެބައުޅޭ،" އަހްމަދު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި ތިޖޫރީގައި ހުރި ފައިސާއަކީ ކައުންސިލަށް އެކި ގޮތްގޮތުން ލިބިފައި ހުރި އާމްދަނީ އެވެ. ބޭންކަށް ފައިސާ ޖަމާކޮށްފައި ނުވަނީ ހާލަތުގެ ގޮތުން ބައެއް ރަށްރަށަށް ދިއުމަށް ދަތިތަކެއް ހުރުމުންނެވެ.

ފުލުހުން އިއްޔެ ބުނީ ކ. އަތޮޅު ކައުންސިލް އިދާރާގެ ތިޖޫރި ފަޅާލައި ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގި މައްސަލަ އިއްޔެ ހެނދުނު ރިޕޯޓް ކޮށްފައިވާ ކަމަށެވެ. މިއަދު ބުނީ މައްސަލައިގެ ތުހުމަތުގައި އަދި މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.