އިދިކޮޅު ފަރާތްތައް

އިދިކޮޅުގެ މުޒާހަރާ: ހަތަރު މީހަކު ހައްޔަރު

މުޒާހަރާ ކުރުމާއި އެއްވެ އުޅުން މަނާ ކޮށްފައި އޮއްވާ އިދިކޮޅު ދެ ޕާޓީގެ މެންބަރުންނާއި ސަޕޯޓަރުންގެ ތެރެއިން ބަޔަކު މިއަދުވެސް މުޒާހަރާއަށް ނިކުމެއްޖެ އެވެ.

މުޒާހަރާގެ ތެރެއިން މިހާތަނަށް ހަތަރު މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި އިދިކޮޅުގެ ހަރަކާތްތައް ރޭވުމުގައި އިސްކޮށް ހުންނެވި ޕީއެންސީގެ ނާއިބު ރައީސް މުހައްމަދު ނިމާލުވެސް ހިމެނެއެވެ.

ކޮވިޑް-19 ގެ ހާލަތު ވަރަށް ގޯސް ދުވަސްވަރަކަށްވާތީ ރައްކާތެރި ކަމުގެ ގޮތުން އެއްވުންތަކާއި ޖަލްސާތައް ބޭއްވުން ވަނީ މަނާކޮށްފަ އެވެ. މި ހާލަތުގައި އެފަދަ އެއްވެސް ހަރަކާތަކަށް ފުުރުސަތު ނުދޭނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ނަމަވެސް އިދިކޮޅުން އަންނަނީ ސިލްސިލާކޮށް ކޮންމެ ހުކުރު ދުވަހަކު މުޒާހަރާ ބާއްވަމުންނެވެ.

އިދިކޮޅު ކޯލިޝަނުން ބުނީ މުޒާހަރާތަކާއި އިހުތިޖާޖުތަކަކީ ގައުމީ މަސައްކަތެއް ކަމަށާ ރައްޔިތުންގެ ހައްގުގައި އަޑުއުފުލުން ހުއްޓާނުލާނެ ކަމަށެވެ. އަދި ހަރަކާތްތައް ކުރިއަށް ގެންދާނީ އެޗްޕީއޭގެ މިންގަނޑުތަކާއި އެއްގޮތަށް ކަމަށާ އެކަމަށް ހުރަސް އަޅަނީ ސަރުކާރުން ކަމަަށެވެ.

އިދިކޮޅުގެ މުޒާހަރާތައް މިދިޔަ ދުވަސްތަކުގައި ކުރިއަށް ގެންދަނީ “ކޮބާ މަގޭ ފްލެޓް” ނަމުގައެވެ. ނަމަވެސް މިއަދުގެ މުޒާހަރާއަކީ އަޅުވެތި ކަމާ ދެކޮޅަށް ކުރާ މުޒާހަރާ އެއް ކަމަށް ބުންޏެވެ.