ރިސޯޓް

މި އަހަރުގެ މިހާތަނަށް ހުޅުވީ ހަތަރު ރިސޯޓް

މި އަހަރުގެ މިހާތަނަށް ހުޅުވާފައި ވަނީ ހަތަރު ރިސޯޓެއް ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނި ގޮތުގައި މި އަހަރުގެ މިހާތަނަށް ހުޅުވާފައި ވަނީ މަޓީނާ މޯލްޑިވްސް ރިސޯޓާއި ރިޒްކާލްޓަން މޯލްޑިވްސް އަދި ކުޑަ ވިލިނގިލީގެ އިތުރުން ލެމަރިޑަން މޯލްޑިވްސް ރިސޯޓް އެންޑް ސްޕާ އެވެ.

މި ހުރިހާ ރިސޯޓަކީ ވެސް ކުރިން ދޫކޮށްފައި ހުރި ރިސޯޓު ތަކެވެ. އަދި މީގެތެރޭގައި ރާއްޖޭގައި މުޅިން އަލަށް ހުޅުވި ދުނިޔޭގެ މަޝްހޫރު ޓޫރިޒަމް ބްރޭންޑުތައް ވެސް ހިމެނެ އެވެ. އެގޮތުން އެންމެ ފާހަގަ ކޮށްލެވޭ އެއް ރިސޯޓަކީ ރިޒްކާލްޓަން ބްރޭންޑުން ރާއްޖޭގައި ހުޅުވި ފަރި އަައިލެންޑެވެ.

ފަޅެއް ހިއްކައިގެން މާލެ އަތޮޅުގައި ތަރައްގީ ކުރި އެ ރިސޯޓަކީ ރައީސް އަބްދުﷲ ޔާމީން ވެރިކަމުގައި ރިސޯޓު ހަދަން ދޫކުރި 25 ފަޅުގެ ތެރެއިން އެއް ފަޅެވެ.

ސަރުކާރުން ކުރިން ބުނެފައިވާ ގޮތުގައި މި އަހަރު 18 ރިސޯޓެއް އަލަށް ހުޅުވާނެ އެވެ.

މި އަހަރަށް މަޖިލީސް ހުޅުވައި ދެއްވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން އެންމެ ބޮޑު ގެއްލުމެއް ލިބުނު ފަތުރުވެރިކަން އަލުން ކޮޅަށްޖެހުމަށް މަސައްކަތް ކުރަމުން އަންނަ ކަމަަށެވެ. މިހާރު ތަރައްގީ ކުރަމުން އަންނަ ރިސޯޓްތަކާއެކު މި އަހަރުގެ ތެރޭގައި ޖުމްލަ 18 ރިސޯޓެއް މުޅިން އަލަށް ހުޅުވައި 5062 އެނދު މާކެޓަށް ނެރެވޭނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ.

މި އަހަރު ހަތަރު ރިސޯޓެއް ހުޅުވިއިރު މި ސަރުކާރުން ރިސޯޓް ހަދަން ދޫކުރި ރަށްތައް އިވޭލުއޭޓްކޮށް ނިމުނު ނަމަވެސް އެ ބިޑްތައް ކާމިޔާބުކުރި ފަރާތްތަކަށް ރަށްތައް އަދި ހަވާލުކޮށްފައެއް ނުވެ އެވެ. ރިސޯޓު ހަދަން ހުޅުވާލި 16 ރަށުގެ ތެރެއިން ހަތް ރަށަކަށް ނުވަ ފަރާތަކުން ކުރިމަތިލާފައިވެ އެވެ. އެ 16 ރަށަށް 18 ބީލަން ފޮތް ގަތެވެ. ރަަށްތަކުގެ ތެރެއިން ނުވަ ފަރާތަކުން ހަތް ރަށަށް 13 ބީލަން ހުށަހެޅި އެވެ. ސަރުކާރުން މި ރަށްތައް ބިޑަށް ހުށަހެޅުމަށް ފަހު ވަނީ އަގު ދަށްކޮށްފަ އެވެ. ރަށްތައް ދޫކޮށްފައި ވަނީ 30 ޕަސެންޓުގެ ޑިސްކައުންޓެއް ދީގެނެވެ. ޓޫރިޒަމް މިނިސްޓްރީން ބުނީ ރަށްތަކުގެ ތެރެއިން އެއްވެސް ފަރާތެއް ކުރިމަތި ނުލާ ރަށްތައް އިތުރަށް ދިރާސާ ކުރާނެ ކަމަށެވެ.

މި އަހަރުގެ ބަޖެޓުގައި ޓޫރިޒަމް ތަރައްގީ ކުރުމަށްޓަކައި 10 ރަށެއް މާކެޓަށް ނެރޭނެ ކަމަށް ބުނެފައިވެ އެވެ. އަދި މި ރަށް ތަކުން ދައުލަތަށް 130 މިލިއަން ރުފިޔާ ހޯދަން ކަނޑައަޅާފައިވެ އެވެ.