އޭސީސީ

ސެޓްލްމަންޓް ކޮމިޓީގައި ކޮރަޕްޝަނަށް ފުރުސަތު އޮތް

ދައުލަތުން ގެއްލުމުގެ ބަދަލު ދޭން ޖެހޭ މައްސަލަތަކުގައި ރައީސުލްޖުމްހޫރިއްޔާ އަށް ލަފާ އެރުވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އެކުލަވާލެއްވި ސެޓްލްމެންޓް ކޮމިޓީގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް މައްސަލަތައް ނިންމަން ފުރުސަތު އޮތް ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.

އޭސީސީއިން މިހެން ބުނެފައިވަނީ ދައުލަތުގެ މަޝްރޫއުތަކުގައި ގެއްލުމުގެ ބަދަލު ދިނުމުގެ ނިޒާމުގެ ނަޒާހަތްތެރިކަމާ ގުޅޭގޮތުން އެ އިދާރާއިން އެކުލަވާލާފައިވާ ރިޕޯޓްގަ އެވެ.

މި ރިޕޯޓުގެ ފަސްވަނަ ނަންބަރުގައި ހިމަނާފައިވަނީ ދައުލަތުން ގެއްލުމުގެ ބަދަލު ދިނުމުގައި އަމަލުކުރަމުންދާ ގޮތްތަކުގައި އޭސީސީ އަށް ފާހަގަކުރެވޭ މައްސަލަތަކެވެ. ފަސްވަނަ ނަންބަރުގެ ފުރަތަމަ ޕޮއިންޓް ގޮތުގައި ހިމަނާފައިވަނީ ދައުލަތުން ގެއްލުމުގެ ބަދަލު ދޭން ޖެހޭ މައްސަލަތަކުގައި ރައީސުލްޖުމްހޫރިއްޔާ އަށް ލަފާ އެރުވުމަށް ރައީސް ސޯލިހް އުފައްދަވާފައި ސެޓްލްމެންޓް ކޮމިޓީއާ ގުޅޭ ގޮތުން ފާހަގަކުރެވޭ މައްސަލަތަކެވެ.

ރިޕޯޓްގައި ބުނެފައިވަނީ ސެޓްލްމަންޓް ކޮމިޓީން އަމަލު ކުރުމަށް އުސޫލެއް އެބައޮތް ކަމަށެވެ. ނަމަވެސް، މައްސަލަތައް ނިންމުމުގައި އަމަލުކުރާނެ ވަކި މިންގަނޑެއް ނުވަތަ ރިއާޔަތް ކުރާނޭ ވަކި ކަންތައްތަކެއް އެ އުސޫލުގައި ތަފްސީލުކޮށް ބަޔާންކޮށްފައި ނެތް ކަމަށެވެ.

އެހެންކަމުން އެކި މައްސަލަ އެކިގޮތަށް ނިމުމުގެ ފުރުސަތު ނުވަތަ ކޮމިޓީން އެއިރަކު ބޭނުންވާ ގޮތަކަށް ނިންމުމަށް މަގުފަހިވެފައިވާ ކަމަށެވެ. އަދި ވަކި ބަޔަކަށް ނުވަތަ ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދީ، ނާޖާއިޒު ފައިދާ ލިބިގަތުމުގެ ފުރުސަތު އޮތުމުން ކޮރަޕްޝަނަށް މަގުފަހިވާނެ ކަމަށް ބެލޭ ކަމަށްވެސް ބުނެފައިވެ އެވެ.

ސެޓްލްމެންޓް ކޮމިޓީއާއި ގުޅޭ މައްސަލަތަކުގައި އޭސީސީ އަށް ފެންނަ ލަފާތަކެއްވެސް ވަނީ ހުށަހަޅާފަ އެވެ. އެގޮތުން ދިވެހި ދައުލަތުން ގެއްލުމުގެ ބަދަލުދިނުމާ ގުޅޭ ހަރުދަނާ އުސޫލެއް ހަދައި އެ އުސޫލުގައި ހިމަނަންވީ ނުކުތާތަކެއް ވަނީ ފާހަގަކޮށްފަ އެވެ.

އޭސީސީން ހިމަނަން ބުނާ ނުކުތާތައް

  • ގެއްލުން ލިބުނު ކަމަށް ބުނާ ފަރާތުން، ލިބުނު ގެއްލުން ސާބިތުކޮށްދޭންޖެހުން
  • ބަދަލަށް އެދި ތުހުމަތެއް ކުރާއިރު، ކުރެވުނު ތުހުމަތާއި ނުކުތް ނަތީޖާއާއި ގުޅުން ގާއިމުކޮށް، ލިބުނު ގެއްލުމުގައި ފެކްޗުއަލް ނުވަތަ ލީގަލް ކޮޒޭޝަނެއް ގާއިމްކުރެވިފައިވޭތޯ ކަށަވަރުކުރުން
  • ލިބިފައިވާ ގެއްލުމުގެ ހެކި ވަޒަންކުރާނެ މިންގަނޑެއް އެކުލަވާލުން
  • ސްޓެންޑަޑް އޮފް ޕްރޫފް ނުވަތަ ހެކި ސާބިތުކުރާނެ މިންގަނޑެއް އެކަށައެޅިގެންދާނެ ގޮތެއް ކަނޑައެޅުން
  • ލިބިފައިވާ ގެއްލުމަކީ، އެއްބަސްވުމުގައި ދެފަރާތުން ވެސް އަންދާޒާކޮށްފައިވާ ގެއްލުމެއްކަން ސާބިތުކުރެވުން
  • އެއްބަސްވުމުގައި ލިބިދާނެ ގެއްލުންތައް އަންދާޒާ ކުރެވޭނެ މާއްދާއެއް އޮތްކަން ކަށަވަރުކުރުން
  • ގެއްލުން ކުޑަކުރުމަށް ނުވަތަ މިޓިގޭޓް ކުރުމަށް ކޮށްފައިވާ ކަންތައްތަކަކީ ކޮބައިކަން ބެލުން
  • ގެއްލުމުގެ ބަދަލު ދިނުމުގެ ކުރިން ލިބިފައިވާ ގެއްލުން އަގުކުރުމަށް ހެދޭ އެސެސްމެންޓެއް ހެދުން އަދި މި އެސެސްމެންޓް ހަދާނެ ގޮތުގެ ގައިޑްލައިނެއް އެކުލަވާލުން

ސެޓްލްމަންޓް ކޮމިޓީ އަކީ ދައުލަތުގެ މަސްލަހަތު ހިމެނޭ މައްސަލަތައް ކޯޓުން ބޭރުގައި ހައްލުކުރުމާ ގުޅޭގޮތުން ރައީސް އަށް ލަފާ އެރުވުމަށް ޖެނުއަރީ 27، 2019ގައި ރައީސް ސޯލިހް އެކުލަވާލެއްވި ކޮމިޓީ އެކެވެ. މިއީ ކޯޓަކަށް ނުވަތަ އާބިޓްރޭޝަނަށް ހުށަހެޅިފައިވާ ސަރުކާރު ޝާމިލްވާ އެކިއެކި މައްސަލަތަކާއި، ދިވެހި ސަރުކާރުން ވެފައިވާ އެއްބަސްވުމެއްގެ ދަށުން ރާއްޖެ އާއި ރާއްޖެއިން ބޭރުގެ އެކި ފަރާތްތަކާ ހަވާލުކޮށްގެން ހިންގާފައިވާ އެކި މަޝްރޫއުތަކާއި، އެ މަޝްރޫއުތަކާ ގުޅޭ އެއްބަސްވުންތަކާ ގުޅިގެން އުފެދިފައިވާ މައްސަލަތަކުގެ ތެރެއިން މާލީގޮތުން ދައުލަތުން ބޮޑު ބުރައެއް އުފުލަންޖެހުމުގެ ފުރުސަތު އޮތް މައްސަލަތައް ކޯޓުން ބޭރުގައި ހައްލުކުރުމާ ގުޅޭގޮތުން ރައީސް އަށް ލަފާ އަރުވާ ކޮމިޓީ އެވެ.

މި ކޮމިޓީގައި ހިމެނެނީ އެޓާނީ ޖެނެރަލް، ފިނޭންސް މިނިސްޓަރު، އިކޮނޮމިކް މިނިސްޓަރު، މައްސަލައާ ގުޅުންހުރި ވުޒާރާ ނުވަތަ ވުޒާރާތަކުގެ ވަޒީރުން އަދި ލީގަލް ކައުންސެލް ޓު ދަ ޕްރެޒިޑެންޓެވެ.

ސެޓްލްމަންޓް ކޮމިޓީގެ މައްސަލަތަކާއި އެ މައްސަލަތައް ހައްލުކުރަންވީ ގޮތް އޭސީސީގެ ރިޕޯޓްގައި ބުނެދީ، ރިޕޯޓު ނެރުނުއިރު ރައީސް ސޯލިހް ވަނީ ކޮމިޓީ އުވާލައްވާފަ އެވެ. އޭސީސީގެ ވެބްސައިޓްގައި ރިޕޯޓް އާންމުކުރީ މިމަހުގެ ދެވަނަ ދުވަހު އެވެ. ސެޓްލްމަންޓް ކޮމިޓީ އުވާލެއްވީ ސެޕްޓެމްބަރު 15، 2020 ގައެވެ.