ފިނޭންސް މިނިސްޓްރީ

އަންހެނުން ކޮމިޓީތަކުގެ މުސާރަ ބޮޑުކޮށް އާ އޮނިގަނޑު އެލްޖީއޭ އަށް ފޮނުވައިފި

Sep 13, 2021
2

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މުސާރަ އަންނަ އަހަރުން ފެށިގެން ބޮޑުކުރުމަށް ނިންމާ، މުސާރައިގެ އާ އޮނިގަނޑު ފިނޭންސް މިނިސްޓްރީން ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ފޮނުވައިފި އެވެ.

އަންހެނުންގެ ކޮމިޓީ ތަކުގެ މެންބަރުންނަށް ލިބޭ މުސާރައާއި އިނާޔަތް ބޮޑުކުރަން ނިންމާފައިވާ ކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ހާމަކުރެއްވީ މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި އެމަނިކުފާނު ތ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި އޮގަސްޓް 18 ވަނަ ދުވަހު ކިނބިދޫ އަންހެނުންގެ ކޮމިޓީގެ މެންބަރުންނާ އެކު ބޭއްވި ބައްދަލުވުމުގަ އެވެ.

ރައީސް ސޯލިހުގެ ނިންމެވުމާ އެއްގޮތަށް އަންހެނުންގެ ކޮމިޓީ ތަކުގެ މުސާރަ އާއި އެލަވަންސް އަންނަ އަހަރު ބޮޑުކުރުމަށް ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ސޮއި ކުރައްވާ އެލްޖީއޭ އަށް މިދިޔަ ހަފްތާގައި ފޮނުއްވި ސިޓީއެއްގައި ވަނީ އަންގަވާފަ އެވެ.

މި ސިޓީގައި ވަނީ މުސާރައާއި އެލަވަންސްތަކަށް އަންނަ ބަދަލުތައް ވެސް ހިއްސާކުރައްވާފަ އެވެ. އެ ބަދަލުތަކާ އެއްގޮތަށް އަންނަ އަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނަށް މުސާރައާއި އެލަވަންސް ދިނުމަށް އެލްޖީއޭއިން ކައުންސިލްތަކަށް އެންގެވުމަށް ސިޓީގައި އެދިވަޑައިގެންފައިވެ އެވެ. އަދި އެ ފައިސާ ކައުންސިލްތަކުގެ ބަޖެޓުގައި ހިމަނައިދެއްވުމަށް ވެސް އެދިފައިވެ އެވެ.

މުސާރައާއި އެލަވަންސް މިހާރު ލިބޭ ގޮތް

ރަށު ކައުންސިލްގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީ:

ރައީސްގެ ފިކްސްޑް އެލަވަންސް: 2،000 ރުފިޔާ
ނައިބް ރައީސްގެ ފިކްސްޑް އެލަވަންސް: 1،500 ރުފިޔާ
މެންބަރެއްގެ ފިކްސްޑް އެލަވަންސް: 1،000 ރުފިޔާ

ސިޓިން އެލަވަންސް: 250 ރުފިޔާ


ސިޓީ ކައުންސިލްގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީ:

ރައީސްގެ ފިކްސްޑް އެލަވަންސް: 2،500 ރުފިޔާ
ނައިބް ރައީސްގެ ފިކްސްޑް އެލަވަންސް: 2،000 ރުފިޔާ
މެންބަރެއްގެ ފިކްސްޑް އެލަވަންސް: 1،500 ރުފިޔާ

ސިޓިން އެލަވަންސް: 250 ރުފިޔާ

މުސާރައާއި އެލަވަންސަށް އަންނަ ބަދަލު

ރަށު ކައުންސިލްގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީ:
ރައީސްގެ ފިކްސްޑް އެލަވަންސް: 4،000 ރުފިޔާ
ނައިބް ރައީސްގެ ފިކްސްޑް އެލަވަންސް: 3،000 ރުފިޔާ
މެންބަރެއްގެ ފިކްސްޑް އެލަވަންސް: 2،000 ރުފިޔާ

ސިޓިން އެލަވަންސް: 500 ރުފިޔާ

ސިޓީ ކައުންސިލްގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީ:
ރައީސްގެ ފިކްސްޑް އެލަވަންސް: 5،000 ރުފިޔާ
ނައިބް ރައީސްގެ ފިކްސްޑް އެލަވަންސް: 4،000 ރުފިޔާ
މެންބަރެއްގެ ފިކްސްޑް އެލަވަންސް: 3،000 ރުފިޔާ

ސިޓިން އެލަވަންސް: 500 ރުފިޔާ

އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ މެންބަރުންނަށް މުސާރަ ދެނީ ކޮންމެ މަހަކު ފިކްސްޑް އެލަވަންސްގެ ގޮތުގައި ލިބޭ އަދަދަކާއި ސިޓިން އެލަވަންސްގެ ގޮތުގައި ކޮންމެ މަހަކު ލިބޭ އަދަދު އެއީ ޖުމްލަ މުސާރައިގެ ގޮތުގައި ބަލައިގެންނެވެ. ފިކްސްޑް އެލަވަންސަކީ އެއްވެސް އުނިއިތުރަކާ ނުލައި ކޮންމެ މެންބަރަކަށް ވެސް ލިބޭ އަދަދެކެވެ. ނަމަވެސް ސިޓިން އެލަވަންސަކީ އެ މެންބަރަކު ހާޒިރުވާ ކޮންމެ ބައްދަލުވުމަކަށް ލިބޭ އެލަވަންސެކެވެ. ފިނޭންސް މިނިސްޓްރީގެ އެންގުމުގައިވާ ގޮތުން ސިޓިން އެލަވަންސް ކޮންމެ މަހަކު ވެސް ދެވެނީ ގިނަވެގެން ހަތަރު ބައްދަލުވުމަށެވެ.

ލާމަރުކަޒީ ގާނޫނަށް ގެެނެސްފައިވާ އަށްވަނަ އިސްލާހުގައިވާ ގޮތުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނަށް ދޭނެ މުސާރައާއި އެލަވަންސް ކަނަޑައަޅަން ޖެހެނީ ލޯކަލް ގަވަމަންޓް އޮތޯރިޓީގެ ލަފާގެ މަތިން ފިނޭންސް މިނިސްޓްރީންނެވެ.