އެލްޖީއޭ

ކައުންސިލްގެ އިހުތިސޯސުން ބިން ނަގާނަމަ ބަދަލުދެނީ

ރަށްރަށުގެ ކައުންސިލިންތަކުގެ އިހުތިސޯސުގައި ހިމެނޭ ބިމާއި މުދާ އަދި އިމާރާތްތައް ސަރުކާރުގެ އެއްވެސް އިދާރާއެއްގެ ބޭނުމަށް ނަގާނަމަ، އެތަނަކާއި މުދަލަކަށް ކައުންސިލުން ކޮށްފައިވާ ހަރަދަށް ބަދަލު ދޭންޖެހޭ އުސޫލެއް ލޯކަލް ގަވަންމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އާންމުކޮށްފި އެވެ.

ކައުންސިލްތަކުން ކޮށްފައިވާ އިންވެސްޓްމަންޓުތަކަށް ބަދަލު ނަގައިދިނުމާ ގުޅޭ އުސޫލު އެލްޖީއޭއިން އިއްޔެ ވަނީ ގެޒެޓްކޮށްފަ އެވެ. އެ އުސޫލައި ބުނެފައި ވަނީ ސިޓީ ކައުންސިލެއް ނޫނީ ރަށު ކައުންސިލެއް ނޫނީ އަތޮޅު ކައުންސިލެއްގެ އިހުތިސޯސުގެ ތެރޭގައި ހިމެނޭ ތަނެއް ނޫނީ މުދަލެއް ސަރުކާރުގެ ބޭނުމަށް ނަގާނަމަ އެކަށީގެންވާ ބަދަލެއް ދޭން ޖެހޭނެ ކަމަށެވެ.

ކައުންސިލުގެ އިހުތިސޯސުގެ ތެރޭގައި ހިމެނޭ މުދަލެއް ނޫނީ ތަނެއް ގައުމީ އިދާރާއެއްގެ ބޭނުމަށް ނަގަން ޖެހޭނީ، ދެ ފަރާތުގެ ދެމެދުގައި އެއްބަސްވުމެއް ވެގެން ކަމަށް ވެސް އެ އުސޫލުގައި ބުނެފައި ވެއެވެ. އެއްބަސްވުމުގައި ކައުންސިލަށް ލިބެން ޖެހޭ ބަދަލާއި، އެ ފައިސާ ލިބެން ޖެހޭ މުއްދަތާއި، ފައިސާ އަދާ ކުރާނެ ގޮތުގެ ތަފުސީލުތައް އޮންނަންވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

އުސޫލުގައި ބުނެފައި ވަނީ ބަދަލުގެ އަދަދު ކަނޑައަޅަނީ ސަރުކާރުގެ އިދާރާ އާއި ކައުންސިލުން އެއްބަސްވާ މިނިވަން އޮޓިޑަރަކު މުދަލުގެ އަގުކުރުމަށް ފަހުގައި ކަމަށާއި އަގުކޮށް ނިމުމުން އުސޫލުގައި ބަޔާންކުރާ ތިން ގޮތުގެ ތެރެއިން ކޮންމެވެސް އެއް ގޮތަކަށް އަގު ކަނޑައަޅައިގެން ބަދަލު ދޭން އެއްބަސްވާނެ ޖެހޭނެ ކަމަށެވެ.

ކައުންސިލްތަކުން ކޮށްފައިވާ އިންވެސްޓްމަންޓުތަކަށް ބަދަލުގެ ގޮތުގައި އަގު ކަނޑައެޅޭ ގޮތަކީ ބާޒާރުގެ އަގު، ކައުންސިލުން ކޮށްފައިވާ އިންވެސްޓްމަންޓް އަގު ނުވަތަ ނަގާ ތަން ނުވަތަ މުދަލުގެ ބަދަލުގައި އެފަދަ ތަނެއް އަޅަން ނޫނީ މުދަލެއް ހޯދަން ހިނގާ ހަރަދެވެ.

ސަރުކާރުގެ އިދާރާއަކާއި ކައުންސިލަކާ ދެމެދު އެއްވެސް އެއްބަސްވުމަކަށް ނާދެވިއްޖެނަމަ މައްސަލައިގައި މަޝްވަރާކޮށްގެން ގޮތް ނިންމާނީ ފިނޭންސް މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެ މަތިން ކަމަށް ވެސް އުސޫލުގައި ބުނެފައި ވެއެެވެ. ފިނޭންސް މިނިސްޓްރީއާ މަޝްވަރާކޮށްގެން އެއްބަސްވުމަކަށް ނާދެވިއްޖެ ހިނދެއްގައި މައްސަލަ ކޯޓަށް ވެސް ހުށަހެޅޭނެ ކަމަށެވެ.