މިއަންނަ މަހު ރާއްޖޭގައި އޮންނަ ސާފް ޗެމްޕިއަންޝިޕްގެ މެޗުތައް ބަލަން ސަޕޯޓަރުން ދަނޑަށް ވައްދަން ހުއްދަ ލިބިއްޖެ އެވެ.
މިފަހުން ކުރިއަށް ގެންދިޔަ މުބާރާތްތަކުގައި ކޮވިޑްގެ ހާލަތާއި އެކު މުބާރާތް ބަލަން ސަޕޯޓަރުން ވައްދާފައެއް ނުވެ އެވެ. އެގޮތުން އެންމެ ފަހުން ކުޅުނު އޭއެފްސީ ކަޕްގެ މެޗުތައް ވެސް ކުޅުނީ ސަޕޯޓަރުން ނުވައްދަ އެވެ.
އެފްއޭއެމްގެ އޮފިޝަލަކު އަވަސް އަށް ވިދާޅުވި ގޮތުގައި މިފަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ސަޕޯޓަރުން ވައްދަން އެޗްޕީއޭއިން ވަނީ މިހާރު ހުއްދަ ދީފަ އެވެ. މީގެ ކުރިން ރައީސް އޮފީހުންނާއި ހެލްތު މިނިސްޓްރީން ސަޕޯޓަރުން ވައްދަން ހުއްދަ ދިން ނަމަވެސް އެޗްޕީއޭއިން މިކަމަށް ހުއްދަ ދީފައެއް ނުވެ އެވެ.
ސަޕޯޓަރުން ދަނޑަށް ވައްދަން ހުއްދަ ލިބުމާއި އެކު ސްޓޭޑިއަމްގެ ސިޑިބަރި މަރާމާތު ކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފަ އެވެ. ގައުމީ ސްޓޭޑިއަމްގެ ބައެއް ސިޑިބަރިތައް މިހާރު ހުރީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފަ އެވެ.
މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް އޮންނާނީ މިއަންނަ އޮކްޓޫބަރު މަހުގެ އެކަކުން 16 އަށެވެ. އެކި ސަބަބު ތަކާއި ހުރެ މިފަހަރުގެ މުބާރާތުގައި ބައިވެރިވާ ޓީމު ތަކުގެ އަދަދު ވަނީ މަދުވެފަ އެވެ. ބޫޓާނުގައި ކޮވިޑްގެ ހާލަތު ގޯސްވުމުގެ ސަބަބުން ޒަރޫރީ ބޭނުންތައް ފިޔަވާ އެހެނިހެން ކަންކަމުގައި އެގައުމުން ބޭރަށް ދިޔުން ވަނީ މަނާކޮށްފަ އެވެ. އެހެންކަމުން މިފަހަރުގެ މުބާރާތުގައި އެޓީމު ބައިވެރި ނުވާނެ އެވެ. އަދި ފީފާގެ ސަސްޕެންޝަނެއްގައި އޮތުމުން ޕާކިސްތާނަށް މިފަހަރުގެ މުބާރާތުގައި ބައިވެރި ނުވެވޭނެ އެވެ.
މީގެ ކުރިން ދެ ގްރޫޕަކަށް ބަހައިގެން މުބާރާތް ކުޅުނު ނަމަވެސް މިފަހަރުގެ މުބާރާތް ކުޅޭނީ ފަސް ޓީމުގެ މެދުގައި ލީގު އުސޫލުންނެވެ. ކޮންމެ ޓީމެއް ވެސް ބާކީ ހަތަރު ޓީމާއި ވާދަ ކުރުމަށްފަހު ފައިނަލުގައި ކުޅޭނީ އެންމެ ރަނގަޅު ނަތީޖާ ހޯދާ ދެ ޓީމެވެ.