މިނިސްޓްރީ އޮފް އެޑިއުކޭޝަން

ތައުލީމީ ސިޔާސަތުގައި މައްސަލައާ އިހްމާލު

ދައުލަތުގެ ބަޖެޓުން އެންމެ ބޮޑު ހަރަދެއް ކުރާ އެއް ދާއިރާ އަކީ ތައުލީމީ ދާއިރާ އެވެ. ދައުލަތުން މިއަހަރަށް ފާސްކުރި ބަޖެޓުގައި ވެސް އެޑިޔުކޭޝަން މިނިސްޓްރީ އަށް 3.98 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ އެވެ. ތައުލީމީ ދާއިރާ އަށް ކުރާ ހަރަދު ކިތަންމެ ބޮޑު ނަމަވެސް ގައުމުގެ ކުރިއެރުމާއި ތަރައްގީ އަށް އެދޭނަމަ އެއީ ހަރަދުކުރަންޖެހޭ އެންމެ މުހިއްމު އެއް ދާއިރާ އެވެ. ކުރާ ހަރަދާ އެއްވަރުގެ ނަތީޖާއެއް ދައްކައިދިނުމަކީ ތައުލީމީ ދާއިރާ ހިންގުމުގެ މަސްއޫލިއްޔަތު އޮތް އެޑިޔުކޭޝަން މިނިސްޓްރީގެ ޒިންމާ އެކެވެ. އެކަމަކު މިނިސްޓްރީ އަށް އެ ޒިންމާ އަދާކުރެވޭތޯ ސުވާލު އުފެދޭ އެތައް ކަމެއް ދަނީ ފެންމަތިވަމުންނެވެ.

މިއަހަރުގެ ދިރާސީ އާ އަހަރު ފެށީވެސް އެހެން އަހަރުތަކާ ތަފާތުކޮށް އަހަރުގެ ފަހުކޮޅު އެވެ. އެއީ ނިމިގެން ދިޔަ އޯގަސްޓް މަހުގެ 10 ވަނަ ދުވަހު އެވެ. ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމުގެ އެއް ދުވަސްކުރިން ނޫސްވެރިންނާ ބައްދަލުކުރައްވާ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވަނީ އާ އަހަރަށް ތައުލީމީ ދާއިރާ ފުރިހަމައަށް ތައްޔާރުވެފައި އޮތް ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

"ފޮތްތައް ފޮނުވުމުގެ މަސައްކަތް ވަރަށް ދުރާލާ ރާވައިގެން ގިނަ ފޮތްތަކެއް މިހާރު ވަނީ ދަރިވަރުންނަށް ދެވިފައި. ހާޑްކޮޕީ ފޯރުނުކޮށްދެވޭ ކުދިންނަށް އަޅުގަނޑުމެން ވާނީ ސޮފްޓްކޮޕީ ފޯރުކޮށްދީފައި. އެހެންވީމަ އެއްވެސް ގޮތަކުން ކިޔެވުން ކުރިއަށް ގެންދަން ދައްޗަކާ ދިމައެއް ނުވާނެ،" ދިރާސީ އަހަރުގެ ތައްޔާރީތަކާ ގުޅޭގޮތުން މިނިސްޓަރު ވިދާޅުވި އެވެ.

އެކަމަކު މިނިސްޓަރުގެ ވާހަކަތައް ބައެއް ސްކޫލުތަކުގެ ޕްރިންސިޕަލުންނާއި ބައެއް ޓީޗަރުން ދޮގުކުރެއްވި އެެވެ. ވަޒީފާގެ ބިރަށްޓަކައި ނަން ނުޖެހުމަށް ޝަރުތުކޮށް ވާހަކަ ދެއްކެވި ޓީޗަރުން ވަނީ ދިރާސީ އާ އަހަރު ފެށީ ބައެއް ފޮތްތަކާއި ބައެއް ޓީޗަރުން ހަމަނުވަނީސް ކަމަށް ވިދާޅުވެފަ އެވެ.

"މީގެ ކުރީން މިފަދަ މައްސަލަތަކެއް ދިމާވެފައެއް ނެތް. ދިމާވާނެ މައްސަލަތައް ދުރާލައި މިނިސްޓްރީގެ ސަމާލުކަމަށް ގެނައިން. އެކަމަކު ދިރާސީ އާ އަހަރު ފެށުނުއިރު ވެސް ވީކަމެއް ނުފެނުނު،" ޕްރިންސިޕަލަކު ވިދާޅުވި އެވެ.

ޓީޗަރުންނާއި ފޮތްތައް ހަމަނުވެ ދިރާސީ އާ އަހަރު ފެށުމުން އެ އޮތީ ތައްޔާރު ނުވެވި އެވެ. ކޮވިޑްގެ އުދަނގޫ ހާލަތާ ކޮންމެ ކަމެއް ގުޅުވައި އުޒުރު ދެއްކި ނަމަވެސް ދުރާލައި އުޅުނުނަމަ ފުރިހަމައަށް ތައްޔާރުވެވޭނެ އެވެ. އެހެންކަމުން ދިރާސީ އާ އަހަރު ފެށިފައި އެ އޮތީވެސް ރަނގަޅަކަށް ނޫނެވެ.

ދިރާސީ އާ އަހަރު ފެށުނު ފަހުން އަދި މިވީ އެއް މަސް ދުވަހެވެ. އެކަމަކު ކަންބޮޑުވާން ޖެހޭ އެތައް ކަމެއް މިވީ މަދު ދުވަސްކޮޅު ވެސް ފެންމަތިވެއްޖެ އެވެ. އަރަބި ބަހާއި ގުރުއާން ކިޔަވައިދޭން އިންޑިއާގެ ކެރެލާއިން ޖުމްލަ 10 ޓީޗަރަކު ގެނައުންވީ ބެލެނިވެރިން ވަރަށް ބޮޑަށް ހިތްހަމަނުޖެހުނު ކަމަކަށެވެ. ދިވެހިންގެ ސަގާފަތާ ނުގުޅޭ ބަޔަކު ކިޔަވައިދޭން އައުމުން ބެލެނިވެރިންގެ ޝަކުވާތައް ވެސް ވަރަށް ބޮޑަށް އިތުރުވި އެވެ. އެކަމާ ގުޅިގެން އަމާޒުވި ފާޑުކިޔުންތަކުގެ ދިފާއުގައި އެޑިޔުކޭޝަން މިނިސްޓްރީން ދެއްކީ ގަބޫލުކުރަން ފަސޭހަ ވާހަކަތަކެއް ނޫނެވެ. މިނިސްޓްރީން ބުނާ ގޮތުގައި ގުރުއާނާއި އަރަބި ކިޔަވައިދޭން އިންޑިއާ ޓީޗަރުން ގެނައީ ތަކުރާރުކޮށް މަސައްކަތް ކޮށްގެން ވެސް ދިވެހި ޓީޗަރުން ނުލިބުމުންނެވެ.

އެޑިޔުކޭޝަން މިނިސްޓްރީ އަށް ރާއްޖޭގެ ހުރިހާ ސަރުކާރު ސްކޫލުތަކެއްގެ އިންސާނީ ވަސީލަތް ހުރި ގޮތް އެނގޭނެ އެވެ. ޓީޗަރުން މަދުވާ މާއްދާތަކާއި ޓީޗަރުން ބޭނުންވާ ރަށްތައް ވެސް ދުރާލައި އެނގޭނެ އެވެ. އެ މައުލޫމާތު މިނިސްޓްރީގައި ހުރިއިރު ކަމާ ގުޅޭ އިދާރާތަކާއި ގުޅިގެން އަދި ވަކި ޕްލޭނެއްގެ ދަށުން މީހުން ބިނާކުރުމަށް މަސައްކަތް ކުރުމާއި މީހުން ހޯދުމަކީ މިނިސްޓްރީގެ ޒިންމާ އެކެވެ. އެކަން ކުރަންޖެހޭ މިންވަރާ ގާތަށް ވެސް މިނިސްޓްރީ އަށް އެ މަސައްކަތެއް ނުކުރެވެ އެވެ. އެކަމަކު ސިޔާސީ މަގާމުތަކުގައި ބޮޑެތި ޒިންމާތަަކަކާ ހަވާލުވެ އެތައް ބޭފުޅަކު މިނިސޓްރީގައި އެބަތިއްބެވި އެވެ.

ކޮވިޑް 19ގެ ނުރައްކަލާ ގުޅިގެން މިދިޔަ އަހަރު އެއްކޮށްހެން ދަރިވަރުން ކިޔެވީ ގޭގައި ތިބެގެން އޮންލައިންކޮންނެވެ. އެއީ ދަރިވަރުންނާއި ޓީޗަރުންނަށް ވެސް މުޅިން އަލަށް ކުރަންޖެހުނު ތަޖުރިބާއެއް ކަމަށްވީތީ އެކަމުގެ ސަބަބުން މައްސަލަތަކެއް ނިކުތެވެ. ބައެއް ބެލެނިވެރިންގެ މާލީ ހާލަތު ހުރި ގޮތުން އިންޓަނެޓަށް ހަރަދުކުރަން ފައިސާ ލިބުމުގައި ދަތިތަކެއް ހުއްޓެވެ. އެޑިޔުކޭޝަން މިނިސްޓްރީން އިންޓަނެޓް ޕެކޭޖު ހަމަޖައްސައިދިނީ ވަކި ލިމިޓެއްގެ ތެރެއިންނެވެ. މަސް ނިމުމުގެ ކުރިން ބައެއް ދަރިވަރުންނަށް ޕެކޭޖު ހުސްވެގެން އަމިއްލައަށް އެ ހަރަދު ކުރަންޖެހުނެވެ. އޮންލައިންކޮށް ކިޔަވަން ޖެހުމުން ބައެއް ދަރިވަރުން ކިޔެވުން މަތިން ފޫހިވުމާއި ޝައުގުވެރިކަން ގެއްލުނެވެ. ގޭތެރޭގައި އުޅެންޖެހޭ އުދަނގޫ ދިރިއުޅުމުގެ ސަބަބުން ވަކިން ހާއްސަކޮށް މާލޭގެ އުދަނގޫ ދިރިއުޅުމުގެ ސަބަބުން އެތައް ދަރިވަރަކާއި އެތައް މުދައްރިސަކަށް ނަފްސާނީ މައްސަލަތައް ކުރިމަތިވި އެވެ. އެ މައްސަލަތަކަށް ހައްލެއް ލިބޭ ގޮތަށް މާއެދެވޭ މަސައްކަތްތަކެއް އެ ދުވަސްވަރު މިނިސްޓްރީ އަށް ކުރެވިފައެއް ނުވެ އެވެ.

ކޮވިޑްގެ އުނދަގުލަށްފަހު ލުއިތަކެއް ލިބުމާ ގުޅިގެން ދިރާސީ އާ އަހަރުގެ ކިޔެވުން ފެށީ ދަރިވަރުންނާއި ޓީޗަރުން ސްކޫލުތަކަށް ހާޒިރުވެގެންނެވެ. އެކަމަކު ކޮވިޑްގެ ސަބަބުން ކުރިމަތިވި ނަފްސާނީ މައްސަލަތަކަށް ދަރިވަރުންނާއި ޓީޗަރުންނަށް މާބޮޑު ލުއިތަކެއް ލިބިފައެއް ނުވެ އެވެ. އެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް އެޑިޔުކޭޝަން މިނިސްޓްރީ އަށް ހުށަހެޅީ ޔުނެސްކޯ އިންނެވެ. މިމަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި އެ މިނިސްޓްރީއާއި ޔުނެސްކޯއާއި ގުޅިގެން ދިވެހި ދަރިވަރުންނަށް ހިންގި ޕައިލެޓް ޕްރޮޖެކްޓްގެ މައްސަލަ ވެސް ވަނީ ބޮޑުވެފަ އެވެ. އެ ޕްރޮޖެކްޓުގައި ވަނީ މާތް ﷲ ވޮޑިގެންވާ ކަމާއިމެދު ޝައްކު އުފައްދަން ފުރުސަތު ލިބޭ ގޮތަށް ލެސަންތަކެއް ނަގައިދީފަ އެވެ.

ދިވެހިންގެ އަގީދާ ބަލިކަށިވާ ގޮތަށް މި ސަރުކާރުގެ ތެރެއިން މަސައްކަތްތަކެއް ކުރެވޭ ކަމުގެ ތުހުމަތު ސިޔާސީ ވާދަވެރިން އަބަދުކުރަމުންދެ އެވެ. އެފަދަ ލެސަންތަކެއް ކުރިއަށް ގެންދިއުމުން ތުހުމަތުތަކަށް އިތުރު ހިތްވަރެއް ބަޔަކަށް އެ ދެވެނީ އެވެ. ލެސަންތަކުގައި ބޭނުންކުރި އެއްވެސް ސްލައިޑެއް ދަރިވަރަކަށް ލިބިފައި ނުވާ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެ އެވެ. އެކަމަކު ލެސަންތަކުގައި ކަލަކު ވޮޑިގެންވާ ކަމާ މެދު ޝައްކު އުފެދޭ ގޮތަށް އެއްވެސް މައުލޫމާތެއް ފޯރުކޮށްދީފައި ނުވާނެ ކަމަކަށް މިނިސްޓަރު އައިޝަތު އަލީ ވިދާޅުވެފައެއް ނުވެ އެވެ.

"މި ކޮންޓެންޓު އަޅުގަނޑުމެންނާއި ހަމައަށް އައިއިރު އެކަހަލަ ތިން ސްލައިޑެއް އޭގައި އޮތް. އަޅުގަނޑުމެންނަށް އޭތި ފެނުނު ހިސާބުން އޭތި ވިތުޑްރޯ ކުރިން. އެހެންވީމަ އެ އެއްޗިއްސެއް ކުދިންނާއި ހަމަޔަކަށް ނުއެއްދާނެ. ޝެއާ ކުރެވުނު ފޯކަލް ޕޮއިންޓްސްއާއި އެ އެއްޗެހި ތިބޭފުޅުންނަށް އެ ލިބުނީ" ޔުނެސްކޯ ޕްރޮގްރާމުގެ ދިފާއުގައި މިނިސްޓަރު ވިދާޅުވި އެވެ.

ދަރިވަރުންނާއި ޓީޗަރުންނަށް ހިންގާ ޕްރޮގްރާމުތަކުގައި ބޭނުންކުރާ ކޮންޓެންޓަކީ އެ ޕްރޮގްރާމެއް ފެށުމުގެ ކުރިން އެޑިޔުކޭޝަން މިނިސްޓްރީން ބަލަންޖެހޭނެ ކަމެކެވެ. އެކަމަކު ޔުނެސްކޯ ޕްރޮގްރާމުގެ ކޮންޓެންޓް ބަލާފައިވަނީ ލެސަންތައް ފެށިފަހުންނެވެ. ދިވެހިންގެ ދީނާއި ސަގާފަތާ ނުގުޅޭ ކަންކަން ރާއްޖޭގައި ކުރެވިގެން ނުވާނެ އެވެ. އެއީ މިނިސްޓްރީން ވެސް ސަމާލުވާންޖެހޭ ކަމެކެވެ. އެކަން ނުބެލޭނަމަ އެއީ ވެވޭ އިހްމާލެކެވެ. ދިވެހި ގައުމިއްޔަތާއި ދީނަށް ދެވޭ ގެއްލުމެކެވެ.

ސްކޫލުތަކުގައި ހަރުކަށި ފިކުރު ފެތުރުން ހުއްޓުވުން މައިގަނޑު އަމާޒަކަށް ހަދައިގެން ދާދިފަހުން ޓްރާންސްޕޭރަންސީ މޯލްޑިވްސްއާ އެކު ސޮއި ކުރެވުނު އެއްބަސްވުމާ މެދު ވެސް ޝައްކުގެ ނަޒަރަކުން ބަލަމުންދާ ދީނީ އިލްމުވެރިން އެބަތިއްބެވި އެވެ. އެކަމުގައި ވެސް ބަޔަކަށް ޝައްކެއް އުފައްދަން ފުރުސަތު ނުލިބޭ ގޮތަށް އަމަލުކުރުމަކީ އެޑިޔުކޭޝަން މިނިސްޓްރީ އަށް ކުރެވޭނެ ކަމެކެވެ. ޓްރާންސްޕޭރަންސީއާ އެކު ސޮއި ކުރެވުނު އެއްބަސްވުން ބޭނުންވާ ފަރާތަކަށް ހިއްސާކުރުމުން ޝައްކު އުފައްދާނެ ޖާގައެއް ނޯންނާނެ އެވެ. މައްސަލަ އަކީ ކަންކަން ފޮރުވޭތީ އެވެ. މައުލޫމާތު ހޯދުމުގައިވެސް އެންމެ އުދަނގޫ އެއް މިނިސްޓްރީއަކީ އެޑިޔުކޭޝަން މިނިސްޓްރީ އެވެ.

އެންމެ ފަހުން ފެން މަތިވީ ގުރޭޑް އެކެއް، ދޭއް، ގުރޭޑް 10 އަދި 12ގެ އިސްލާމާއި ޤުރުއާން ފޮތްތަކުގައި ޤުރުއާންގެ އާޔަތްތަކެއް ނުބައިކޮށް ލިޔެ، ޗާޕްކޮށް އަދި އެ ފޮތްތައް ދަރިވަރުންނަށް ދޫކުރި މައްސަލަ އެވެ. މައްސަލަ ސޯޝަލް މީޑިއާގައި ބަޔަކު ފާހަގަކުރުމާ އެކު އެތައް ބައެއްގެ ނުރުހުމާއި ނަފްރަތު އެޑިޔުކޭޝަން މިނިސްޓްރީގެ އިސްވެރިންނަށް އަމާޒުވި އެވެ.

ދިފާއުގައި އެޑިޔުކޭޝަން މިނިސްޓަރާއި އެ މިނިސްޓްރީގެ އިސްވެރިން ދެއްކީ ޒިންމާދާރުކަން ކުޑަ ވާހަކަތަކެކެވެ. އެގޮތުން އެއް ކަމަކަށް ފާހަގަކުރީ ބައެއް ފޮތްތަކުގައި ކުށް ހުރީ 2015 ވަނަ އަހަރުން ފެށިގެން ކަމެވެ. އެހެންކަމުން ކުށް ހުރި ބައެެއް ފޮތްތަކުން ކުށް ފިލުވުމެއް ނެތި ކިޔަވައިދޭތާ ހަ އަހަރުވީ އެވެ. އެކަމަކު ބައެއް ޓީޗަރުން ވިދާޅުވާ ގޮތުގައި ފޮތްތަކުގައި ހުރި ކުށްތައް މިނިސްޓްރީގެ ސަމާލުކަމަށް ތަކުރާރުކޮށް ވާނީ ގެނެސްފަ އެވެ. ކޮންމެ އަހަރަކު ފޮތްތައް ޗާޕް ކުރަނީ އެގޮތަށް ހުށަހަޅާ ޝަކުވާތަކަށް ބެލުމެއް ނެތި ކަމަށްވެސް ޓީޗަރުން ވިދާޅުވެ އެވެ. އެއީ ހަގީގަތެއް ކަމަށްވާނަމަ އެއީ ގަސްދުގައި ބަޔަކު ވެފައިވާ އިހްމާލެކެވެ.

އިސްލާމް ފޮތްތަކާއި ޤުރުއާން ފޮތްތައް ޕްރިންޓްކޮށް ދަރިވަރުންނަށް ދޫކުރުމުގެ ކުރިން ނޭޝަނަލް އިންސްޓިޓިއުޝަން އޮފް އެޑިއުކޭޝަން (އެންއައިއީ) އާއީ އިސްލާމިކް މިނިސްޓްރީގެ ކަމާ ގުޅޭ ބޭފުޅުން އެ ފޮތްތައް ބަލައި ޕްރޫފް ރީޑް ކުރުމުގެ މަރުހަލާއެއް ކުރިއަށް ގެންދެ އެވެ. އެކަން ޒިންމާދާރު ކަމާއި އެކު ކުރާ ނަމަ އަދި ފޮތްތައް ޗާޕްކޮށްގެން ދޫކުރުމުގެ ކުރިން ވެސް ޗެކް ކުރެވޭނަމަ ކުށްތަކާއި އެކު ފޮތްތައް ދޫކުރުމުގެ މައްސަލަ ދިމާވުމަކީ ވަރަށް ދުރު ކަމެކެވެ.

ޤުރުއާންގެ އާޔަތްތަކެއް ނުބައިކޮށް ލިޔެވިފައި އޮތުމަކީ ކުޑަކަމެއް ނޫނެވެ. އިސްލާމިކް މިނިސްޓަރާއި އެޑިޔުކޭޝަން މިނިސްޓަރު ކުށް ގަބޫލުކުރައްވާ، އެކަން އިސްލާހު ކުރުމަށް ފިޔަވަޅުތަކެއް އެޅުއްވި ކަމަށް ވިދާޅުވުމަކުން އެކަނި ނުފުދެ އެވެ. ކުށް ގަބޫލުކުރުން ކަމަށްވާނީ ތައުލީމީ ދާއިރާގެ ތެރޭގައި ތަކުރާރުކުރަމުންދާ ބޮޑެތި މައްސަލަތަކަށް ހައްލު ލިބުމުންނެވެ. އިހްމާލުވުމުގެ ސަބަބުން ދިމާވާ މައްސަލަތައް ހައްލުކުރަން އެހެން ބަޔަކަށް ފުރުސަތު ވެސް ދީގެންނެވެ.