ބޮލީވުޑް

ޖަޔަލަލީތާ ބައޮޕިކް ކުޅެން އޭނާ ބޭނުންވީ އައިޝްވަރިޔާ

އިންޑިއާގެ މަޝްހޫރު ޕޮލިޓީޝިއަން އަދި އިންޑިޔާގެ ޓެމިލް ނާޑޫގެ ކުރީގެ ޗީފް މިނިސްޓަރު ޖަޔަލަލީތާގެ ހަޔާތުގެ މައްޗަށް ކުޅެފައިވާ ފިލްމު "ތަލައިވީ" ގައި ޖާޔާގެ ރޯލު އަދާ ކޮށްފައި ވަނީ ކަންގަނާ ރަނާވަތެވެ. މި ފިލްމު ރިލީޒް ކުރުމާ ދިމާކޮށް ކަންގަނާ ދީފައިވާ އިންޓަވިއު އެއްގައި ވަނީ އެ ރޯލު އޭނާ ކުޅެން ޖާޔާ އައްމާ (ޖާޔާ ލަލީތާ) ވެސް ބޭނުން ވިކަމަށް ގަބޫލު ކުރެވޭ ކަމަށެވެ. އޭނާއަށް އެ ރޯލު ކުޅެން ލިބުނީ ޖާޔާގެ ވެސް ހެޔޮ އެދުމާ އެކުގައި ކަމަށް ކަންގަނާ ދެކެ އެވެ.

ނަމަވެސް ކުރީގެ ބަތަލާއަކީ ޓީވީ ޝޯތައް ހޯސްޓް ކުރާ ސިމީ ގަރެވާލް ބުނި ގޮތުގައި ޖަޔަލަލީތާ ބޭނުންވީ އޭނާގެ ބައޮޕިކްގައި އޭނާގެ ރޯލު އައިޝްވަރިޔާ ރާއީ ލައްވާ ކުޅުވާށެވެ.

"ތަލައިވީ" ގެ ސްކްރީނިންގައި ބައިވެރިވެ ވާހަކަ ދައްކަމުން ސިމީ ބުނީ ޖާޔާ އެގޮތަށް ބޭނުންވި ނަމަވެސް ކަންގަނާ އެ ރޯލު ކުޅެފައިވާ ގޮތާ މެދު ވަރަށް ހިތްހަމަޖެހޭ ކަމަށެވެ. އަދި ޖަޔަލަލީތާ ދުނިޔޭގައި ހުރިނަމަ އެ ރޯލަށް އޭނާގެ ހިތްހަމަޖެހުން ވެސް ލިބުނީސް ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.

ފަހުން ސިމީ ކުރި ޓުވީޓެއްގައި ބުނި ގޮތުގައި ކަންގަނާގެ ހަރުކަށި ވިސްނުމާއި މީހުނާ ދޭތެރޭ ހިތަށް އެރިހާ އެއްޗެއް ކިޔަމުން ދިއުމަށް އޭނާ ތާއީދެއް ނުކުރެ އެވެ. ނަމަވެސް ކަންގަނާގެ ހުނަރަށް އޭނާ ތާއީދު ކުރެ އެވެ. "ތަލައިވީ" އަށް ކަންގަނާ ވަނީ އޭނާގެ ހިތާއި ފުރާނަ ދީފައި ކަމަށާއި ޖާޔާ ދުނިޔޭގައި ހުރިނަމަ ކަންގަނާ ކޮށްފައިވާ މަސައްކަތާ މެދު ހިތްހަމަޖެހުނީސް ކަމަށެވެ.

"ތަލައިވީ" ސިނަމާތަކުގައި ރިލީޒްކުރީ ކޮވިޑް-19 އިގެ ބިރުވެރިކަމާ ހެދި ސިނަމާތަކަށް ފިލްމު ބަލަން ދާން މީހުން ވަރަށް ބޮޑަށް ފަސް ޖެހިފައިވާ ދުވަސްވަރެއްގައި ކަމަށް ވާތީ ބޮކްސް އޮފީހުގައި މި ފިލްމަށް މާ ރަނގަޅު ކާމިޔާބެއް ހޯދިދާނެ ކަމަކަށް ނުބެލެވެ އެވެ. ޚާއްސަކޮށް ފިލްމު ރިލީޒް ކުރުމާ ދިމާކޮށް އިންޓަނެޓުގައި ފިލްމު ލީކުވުމުން އިތުރަށް ފިލްމަށް ގެއްލުން ވާނެ އެވެ.