އަބްދުއްސައްތާރު މޫސާދީދީ

އަބްދުއް ސައްތާރު މޫސާދީދީ އަވަހާރަވެއްޖެ

Nov 27, 2015
4

ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި އަބްދުއް ސައްތާރު މޫސާ ދީދީ އަަވަހާރަވެއްޖެ އެވެ. އެ މަނިކުފާނު އަވަހަރާވީ ދާދި ދެންމެއަކު ބެންކޮކުގެ ހޮސްޕިޓަލެއްގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ. އެމަނިކުފާނު އަވަހާރަވީ އުމުރުފުޅުން 79 އަހަރުގަ އެވެ.

ނިޝާން އިއްޒުއްދީނުގެ އިއްޒަތްރެރިވެރިޔާ، އަދި ރާއްޖޭގެ މިނިވަންވުމަށް ކުރި މަސައްކަތުގައި އެންމެ ބުރަކޮށް އޭރުގެ ބޮޑުވަޒީރު އިބްރާހިމް ނާސިރުގެ އަރިހުގައި މަސައްކަތް ކުރެއްވި އޭރު ސިލޯނުގައި ހުންނެވި ދިވެހި ސަފީރަކީ ވެސް އަބްދުއް ސައްތާރު މޫސާދީދީ އެވެ. 

ކެބިނެޓްގެ ވަޒީރުކަން ވެސް ކުރައްވާފައިވާ އަބްދުއްސައްތާރަކީ 50 އަހަރަށް ވުރެ ގިނަ ދުވަހު ސަރުކާރަށް ހިދުމަތްކުރެއްވި ބޭފުޅެކެވެ. ރާއްޖޭގެ ހެލްތު މިނިސްޓަރު ކަމާއި ފިނޭންސް މިނިސްޓަރު ކަމާއި ފިޝަރީޒް މިނިސްޓަރުކަން ވެސް އެމަނިކުފާނު ފުރުއްވެވި އެވެ. އަދި އދ. ހުންނަވާ ރާއްޖޭގެ ދާއިމީ ވަކީލް ކަމުގެ މަގާމުވެސް ފުރުއްވެވި އެވެ.

ރާއްޖެ އިންގިރޭސީންގެ ހިމާޔަތުން މިނިވަންވުމަށް އެގެރިމެންޓްގައި ބޮޑު ވަޒީރު ނާސިރު ސޮއި ކުރެއްވި ގަލަން ކޮޅު އޮތީ ވެސް ސައްތާރުގެ އަތްޕުޅުގަ އެވެ. އެމަނިކުފާނު ވަހާރަވި އިރު އަނބިކަނބަލަކާއި ތިން ބޭފުޅުން ދުނިޔޭގައި އެބަތިއްބެވި އެވެ.

އަދި އެމަނިކުފާނު އަވަހާރަވުމުގެ ހިތާމައިގައި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައި ތަޢުޒިޔާގެ ދަފްތަރެއް ހުޅުއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ. ޢަބްދުއްސައްތާރު މޫސާދީދީއަކީ، ދިވެހިރާއްޖޭގެ ޤައުމީ ޙަޔާތުގައި ވަރަށް މުހިންމު ދައުރެއް އަދާކުރައްވާފައިވާ ވަރަށް ހަރުދަނާ ޤައުމީ ޝަޚްޞިއްޔަތެކެވެ. މަޑުމައިތިރި އަޚްލާޤެއްގެ ވެރިޔެކެވެ. އިޚްލާޞްތެރި ޚާދިމެކެވެ. ހުރަވީ ދަރިކޮޅުގެ ޝާހީ ރަސްކަމުގެ ޢާއިލާއިންނާއި، އެއްގަމުގެއާއި، ހެންވޭރުގޭ ވެރިކަމުގެ ޢާއިލާއިން ވަޑައިގެންނެވި ބޭފުޅެކެވެ.

ޢަބްދުއްސައްތާރު މޫސާދީދީއަކީ، 51 އަހަރަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށް ވަރަށް އިޚްލާޞްތެރި ޚިދްމަތްތަކެއް ކޮށްދެއްވި ބޭފުޅެކެވެ. މާލޭ މަދްރަސަތުއް ސަނިއްޔާ (މަޖީދިއްޔާ) އިން ތަޢުލީމް ޙާޞިލު ކުރައްވައި، ސްރީލަންކާއިން މަތީ ތަޢުލީމް ޙާޞިލް ކުރެއްވުމަށްފަހު، ރާއްޖެ ވަޑައިގެން ޤައުމީ ޚިދްމަތް ފެށްޓެވީ، 5 ފެބުރުވަރީ 1957 ގައެވެ.

ފުރަތަމަ އަދާކުރެއްވީ، ކޮލަމްބޯގައި ހުންނަ ދިވެހި ދައުލަތުގެ ރެޕްރެޒެންޓެޓިވް އޮފީހުގެ ސެކްރެޓަރީ ކަމުގެ މަޤާމެވެ. އެމަނިކުފާނަކީ ސަރުކާރުގެ ވަރަށް އިސް މަޤާމުތަކެއް ފުރުއްވައި، ވަރަށްގިނަ ވުޒާރާތަކުގެ ވަޒީރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. މި މަޤާމުތަކުގައި އެމަނިކުފާނުވަނީ ދިވެހި ދައުލަތަށާއި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރި ޚިދްމަތްތަކެއް ކޮށްދެއްވާފައެވެ. އެމަނިކުފާނު ފުރުއްވި އިސް މަޤާމުތަކުގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކަމުގެ މަޤާމާއި، ކޮޅުނބުގައި ހުންނަވާ ދިވެހި ދައުލަތުގެ ރެޕްރެޒެންޓޭޓިވް ކަމުގެ މަޤާމާއި، އެމްބެސެޑަރ ކަމުގެ މަޤާމާއި، އދ. ގައި ހުންނަވާ ދިވެހިރާއްޖޭގެ ދާއިމީ ވަކީލު ކަމުގެ މަޤާމާއި، އެމެރިކާގައި ހުންނަވާ ދިވެހި ދައުލަތުގެ އެމްބެސެޑަރ ކަމުގެ މަޤާމު ހިމެނެއެވެ. އެމަނިކުފާނު ފުރުއްވި ވަޒީރުކަމުގެ މަޤާމުތަކުގެ ތެރޭގައި، މިނިސްޓަރ އޮފް ފިނޭންސް ކަމުގެ މަޤާމާއި، މިނިސްޓަރ އޮފް އެޑިޔުކޭޝަން ކަމުގެ މަޤާމާއި، މިނިސްޓަރ އޮފް ފިޝަރީޒް ކަމުގެ މަޤާމާއި، މިނިސްޓަރ އޮފް ހެލްތް އެންޑް ވެލްފެއަރ ކަމުގެ މަޤާމު ހިމެނެއެވެ. އޭގެފަހުން އެމަނިކުފާނު ވަނީ ދައުލަތަށް ގިނަދުވަހު ޚިދްމަތް ކުރެއްވި ޢިއްޒަތްތެރިއެއްގެ މަޤާމުވެސް ފުރުއްވާފައެވެ.

މަރްޙޫމް ޢަބްދުއްސައްތާރު މޫސާދީދީގެ ޤައުމީ ޚިދްމަތްތަކުގެ ތެރެއިން އެންމެ ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލެވެނީ، ދިވެހި ދައުލަތުގެ ރެޕްރެޒެންޓޭޓިވް ކަމުގެ މަޤާމުގައި ކޮޅުނބުގައި ހުންނަވައިގެން، އިނގިރޭސިންގެ ޙިމާޔަތުގެ ދަށުން ދިވެހިރާއްޖެއަށް ފުރިހަމަ ސިޔާސީ މިނިވަންކަން ހޯއްދަވައިދެއްވުމަށް ކުރެއްވި މުހިންމު މަސައްކަތްޕުޅުތަކެވެ. އެ ޤައުމީ ޖިހާދުގައި ސުމުއްވުލް އަމީރު އަލްމަރްޙޫމް އިބްރާހީމް ނާޞިރުގެ ލަފާފުޅާއި އިރުޝާދުގެ ދަށުން އެންމެބޮޑު ޙިއްޞާއެއް އަދާކުރެއްވި އެއްބޭފުޅަކީ، ޢަބްދުއްސައްތާރު މޫސާދީދީއެވެ. 1963 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުން ފެށިގެން 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހު، މިނިވަންކަމުގެ އެގްރީމަންޓްގައި ސޮއިކުރެއްވުމާ ހަމަޔަށް، މެދުނުކެނޑި ހަމަ ކޮންމެ ދުވަހަކުހެން ސިލޯނުގައި ޢަބްދުއްސައްތާރު މޫސާދީދީ ގެންދެވީ، ބޮޑުވަޒީރު އިބްރާހީމް ނާޞިރުގެ މަޝްވަރާއާއި ލަފާފުޅާއެކު، ރާއްޖޭގެ މިނިވަންކަމާ ބެހޭގޮތުން އިނގިރޭސި ހައިކޮމިޝަނާ ޑިޕްލޮމެޓިކް މުޢާމަލާތްތައް ކުރައްވަމުންނެވެ. މިކަމުގައި ޢަބްދުއްސައްތާރު މޫސާދީދީ އަދާކުރެއްވި ދައުރަކީ، ދިވެހި ތާރީޚުގައި ރަން އަކުރުން ފަވާލަންޖެހޭ ދައުރެކެވެ.

ދިވެހިރާއްޖެ މިނިވަންވުމަށްފަހު، އދ. ގައި ރާއްޖެ ބައިވެރިވެ، ބައިނަލްއަޤްވާމީ މައިދާނަށް ރާއްޖެ ތަޢާރުފްވެގެން ދިޔުމުގައިވެސް ޢަބްދުއްސައްތާރު މޫސާދީދީ އަދާކުރެއްވި ދައުރު، ތާރީޚުގައި ފާހަގަކުރަންޖެހެއެވެ. އަދި ރާއްޖޭގެ ސިޔާސީ، އިޖްތިމާޢީ، އިޤްތިޞާދީ ތަރައްޤީގައި، 1960ގެ އަހަރުތަކުން ފެށިގެން އެމަނިކުފާނު ވަނީ މަތިވެރި ޙިއްޞާއެއް އަދާކުރައްވާފައެވެ.

ރާއްޖޭގައި އެންމެފަހުން 1975 ވަނަ އަހަރު ކޮލިލެވުނު 3 ބޭފުޅުންގެ ތެރޭގައިވެސް ޢަބްދުއްސައްތާރު މޫސާދީދީ ހިމެނިވަޑައިގެންނެވިއެވެ. އެމަނިކުފާނަށް ލެވުނު ކޮއްޔަކީ ފާމުލަދޭރި ކިލެގެކަމުގެ ކޮއްޔެވެ. ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބް އެމަނިކުފާނަށް އެރުވީ، 2011 ވަނަ އަހަރުގެ މިނިވަންދުވަހުއެވެ.
ޢަބްދުއްސައްތާރު މޫސާދީދީއަށް ވަނީ މިނިވަން 25ގެ ޢާންމު ޚިދްމަތުގެ އިނާމުވެސް ލިބިވަޑައިގެންފައެވެ. އަދި ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ ދަށުން ސަރުކާރުގެ ވަޒީފާއިން ވަކިވެވަޑައިގެންނެވި ބޭފުޅުންގެ ތެރެއިން 50 އަހަރަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށް ޚިދްމަތް ކުރައްވާފައިވާ ބޭފުޅުންނަށް ދެއްވި ޝަރަފުގެ ހަނދާނީ ފިލާވެސް އެމަނިކުފާނަށް ވަނީ ލިބިވަޑައިގެންފައެވެ.

ޢަބްދުއްސައްތާރު މޫސާދީދީ އަވަހާރަވިއިރު އަނބިކަނބަލަކާއި، ތިން ބޭފުޅުން ދުނިޔޭގައި އެބަ ތިއްބެވިއެވެ. އެއީ ފިރިހެން ބޭފުޅަކާއި، އަންހެން ދެ ބޭފުޅުންނެވެ.