އަބްދުއްސައްތާރު މޫސާދީދީ

އަބްދުއްސައްތާރުގެ ޖަނާޒާގައި ރައީސްގެ ފަރާތުން ޑިފެންސް މިނިސްޓަރު

މިރޭ ބެންކޮކުގައި ބާއްވާ މަރުހޫމް އަބްދުއްސައްތާރު މޫސާ ދީދީގެ ޖަނާޒާގައި ރައީސް އަބްދުﷲ ޔާމީންގެ ހާއްސަ މަންދޫބެއްގެ ގޮތުން ޑިފެންސް މިނިސްޓަރު ޑރ އާދަމް ޝަރީފް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ރައީސްގެ މަންދޫބެއްގެ ގޮތުން އާދަމް ޝަރީފް ޖަނާޒާގައި ބައިވެރިވެވަޑައިގަންނަވަން ހަމަޖެހިފައިވާކަން ރައީސް އޮފީހުން ވަނީ ކަށަވަރުކޮށްދީފަ އެވެ.

ޢަބްދުއްސައްތާރު މޫސާދީދީއަކީ، 51 އަހަރަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށް ވަރަށް އިޚްލާޞްތެރި ޚިދްމަތްތަކެއް ކޮށްދެއްވި ބޭފުޅެކެވެ. މާލޭ މަދްރަސަތުއް ސަނިއްޔާ (މަޖީދިއްޔާ) އިން ތަޢުލީމް ޙާޞިލު ކުރައްވައި، ސްރީލަންކާއިން މަތީ ތަޢުލީމް ޙާޞިލް ކުރެއްވުމަށްފަހު، ރާއްޖެ ވަޑައިގެން ޤައުމީ ޚިދްމަތް ފެށްޓެވީ، 5 ފެބުރުވަރީ 1957 ގައެވެ.

އެމަނިކުފާނަކީ ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބް ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އަދި މިނިވަން 25ގެ ޢާންމު ޚިދްމަތުގެ އިނާމާ، . އަދި ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ ދަށުން ސަރުކާރުގެ ވަޒީފާއިން ވަކިވެވަޑައިގެންނެވި ބޭފުޅުންގެ ތެރެއިން 50 އަހަރަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށް ޚިދްމަތް ކުރައްވާފައިވާ ބޭފުޅުންނަށް ދެއްވި ޝަރަފުގެ ހަނދާނީ ފިލާވެސް އެމަނިކުފާނަށް ވަނީ ލިބިވަޑައިގެންފައެވެ.

އަބްދުއްސައްތާރު މޫސާ ދީދީ އަވަހާރަވުމާ ގުޅިގެން އެކަމުގެ ހިތާމައިގައި ގައުމީ ދިދަ ބައިދަނޑިއަށް ތިރިކޮށްފައިވާއިރު، އެމަނިކުފާނުގެ ހަޔާތުގެ މައްޗަށް ބިނާކޮށް ފޮތެއް ތައްޔާރުކުރުމުގެ މަސައްކަތް ދިވެހި ބަހުގެ އެކަޑެމީން ވަނީ ފަށާފަ އެވެ.