ރައީސް މައުމޫން އަބްދުލްގައްޔޫމް

ސައްތާރު ފަދައިން ހިދުމަތް ކުރަންވީ ގައުމަށް، ލިބޭ އަގަކަށް މަގާމަކަށް ނޫން: މައުމޫން

ހިދުމަތް ކުރަންޖެހޭނީ ގައުމަށް ކަމަށާއި މަތީ މަގާމެއް ނުވަތަ އެ މަގާމުން ލިބޭ އަގަށް ބަލަން ނުޖެހޭ ކަމަށް ކުރީގެ ރައިސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ. ނިޝާން އިއްޒަތުގެ ވެރިޔާ އަބްދުއްސައްތާރު މޫސާދީދީގެ ހަނދާނުގައި މިރޭ ބޭއްވި ތައުބީނުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ، އަބްދުއްސައްތާރުގެ މުއްސަނދި ހަޔާތުން ޒުވާނުންނަށް ގިނަ ފިލާވަޅުތަކެއް ލިބޭ ކަމަށާއި އެބޭފުޅާއަކީ ހުލްގު ހެޔޮ ކަމާއި އިހުލާސްތެރި ކަމުގެ ލާމަސީލު މިސާލެއް ކަމަށެވެ.

"[އެ ފިލާވަޅަކީ] އެންމެ މުހިންމު އެއް ފިލާވަޅަކީ ހިދުމަތް ކުރަންޖެހޭނީ ގައުމަށް ކަމަށާއި ހިދުމަތް ކުރަންޖެހޭނީ އެއަށް ލިބޭ އަގަށް ބެލުމެއް ނެތި އެ ހުންނަ މަގާމަކަށްކަން،" ރައީސް މައުމޫން ވިދާޅުވި އެވެ.

ރައީސް މައުމޫން ވިދާޅުވީ، އަބްދުސައްތާރަކީ އެއްއިރަކު ވެސް މަތީ މަގާމަކަށް ޝައުގުވެރިވެވަޑައިގެންނެވި ބޭފުޅެން ނޫން ކަމަށެވެ.

"އޭނާއާ ހަވާލުކުރި ކޮންމެ ކަމެއް ކުރެއްވި އޭގެ އެއް ހެއްކަކީ 1972 ވަނަ އަހަރު އޭރުގެ ރައްޔިތުންގެ މަޖިލީހުން ބޮޑުވަޒީރު ކަމުގެ މަގާމަށް އަބްދުސައްތާރު މޫސާދީދީ ހޮއްވެވި އެހެންނަމަވެސް އެކަން ގަބޫލެއް ނުކުރެއްވި،"

ރައީސް މައުމޫން ވިދާޅުވީ އަބްދުއްސައްތާރު ބޭނުންފުޅުވީ މަތީ މަގާމެއް ނޫން ކަމަށާއި އެ ހުންނެވި މަގާމެއްގެ ޒިންމާތައް ފުރިހަމައަށް އަދާކުރައްވައި ރައްޔިތުންނަށް އިހުލާސްތެރި ހިދުމަތްތަކެއް ފޯރުކޮށްދެއްވަން ކަމަށެވެ. ރައީސް މައުމޫން ވިދާޅުވީ ސައްތާރުގެ ހިދުމަތުން ލިބި ވަޑައިގަންނަވާ ފިލާވަޅާއެކު އެއްވެސް މީހަކު ބޭނުންވާންވީ މަތީ މަގާމެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި އެއިރެއްގެ ސަރުކާރުން ނުވަތަ އެ ނޫން ފަރާތަކުން ވެސް އެ ހަވާލުކުރާ މަގާމެއްގެ ހުރެ ހިދުމަތް ކުރެއްވުން ވަރަށް މުހިންމު ކަމަށާއި ގައުމަށް ހިދުމަތް ކުރުމުގައި ފަސްޖެހިވަޑައިނުގަތުން ކަމަށެވެ.

ދައުލަތަށް 51 އަހަރަށްވުރެ ގިނަ އަހަރު އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވި އަބްދުއްސައްތާރުގެ މަސައްކަތްތަކަަށް ރައީސް މައުމޫން އަލިއަޅުއްވާލިއެވެ. އެގޮތުން، ރާއްޖެއަށް ފުރިހަމަ މިނިވަންކަން ހޯދައިދިނުމަށް އަބްދުއްސައްތާރު ކުރެއްވި ބުރަ މަސައްކަތްތައް ފާހަގަކުރައްވައި އެމަނިކުފާނުގެ ރައީސް ކަމުގެ ދައުރުގައި ފިޝަރީޒް މިނިސްޓަރުކަން 10 އަހަރު ކުރައްވައި އެ ދާއިރާއަށް ބޮޑެތި ކުރިއެރުންތަކެއް ހޯދަވައިދެއްވި ކަމަށް މައުމޫން ވިދާޅުވިއެވެ. އޮއިވާލި ކަނދުފަތި އަޅާފައިވަނީ އަބްދުއްސައްތާރުގެ މަސައްކަތުންނެވެ. އަދި ލަންކާއަށް ރާއްޖޭގެ ހިކިމަސް އެކްސްޕޯޓް ކުރުން ފަސޭހަކުރުމަށް ލަންކާއަށް ވަޑައިގެން މަސައްކަތްތަކެއް ކުރައްވާފައިވެއެވެ.

އަބްދުއްސައްތާރު ވަނީ ރައްޔިތުން މަޖިލީހުގައި ގިނަ ދައުރުތަކެއް ފުރުއްވާފައެވެ. ރައީސް މައުމޫންގެ ހާއްސަ މެންބަރެއްގެ ގޮތުގައި މަޖިލީހުގައި ތަމްސީލުކުރައްވާފައިވާ ބޭފުޅެއްވެސްމެއެވެ. އަބްދުއްސައްތާރު ތިން އަހަރު ހެލްތް މިނިސްޓަރުކަން ރައީސް މައުމޫންގެ ދައުރުގައި ކުރައްވާފައިވާއިރު އެޑިއުކޭޝަން މިނިސްޓަރުކަން ވެސް ކުރައްވާފައިވެއެވެ.

ރައީސް މައުމޫން ވިދާޅުވީ، އަބްދުއްސައްތާރަކީ ވަރަށް އިހުލާސްތެރި ބޭފުޅެއް ކަމަށާއި ގާނޫނާއި ގަވާއިދަށް ހުރުމަތްތެރިކޮށް ހިތްތަވާ ބޭފުޅެއް ކަމަށެވެ. އަދި މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ވަރުބަލި ކަމެއް ނެތި މަސައްކަތް ކުރެއްވި ބޭފުޅެއްކަން މައުމޫން ފާހަގަކުރެއްވިއެވެ.

"އަމާނަތްތެރި، ތެދުވެރި، މަޑުމައިތިރި، ހުލްގުހެޔޮ، ލާމަސީލު މިސާލެއް،"

މީގެ އިތުރުން ރައީސް މައުމޫން ވަނީ އަވަހާރަވި ކޮލި އަލީ އުމަރު މަނިކުގެ ހަޔާތްޕުޅަށާއި ހިދުމަތްތަކުގެ މައްޗަށް ވެސް މިިރޭ އަލި އަޅުވާލައްވާފައެވެ. އަދި ވިދާޅުވީ މިދިއަ އަހަރަކީ ރާއްޖެއަށް ހިތާމައިގެ އަހަރެއް ކަމަށާއި ސަބަބަކީ ގައުމަތް ހިދުމަތް ކުރެއްވުމުގައި އެފަދަ ދެވަނައެއް ނެތް ލާމަސީލް ތިން ބޭފުޅަކު ގާތް ގާތުގައި އަވަހާރަވެފައިވާތީ ކަމަށެވެ.

މިހާރު ކުރިއަށްދާ ތައުބީނުގެ ޖަލްސާގައި އަބްދުއްސައްތާރު މޫސާދީދީއަށް ބޮޑުބޭބެ ވިދާޅުވާ، ތިމާވެއްޓާބެހޭ ވަޒީރު ތޯރިގު އިބްރާހިމް ވަނީ އަބްދުއްސައްތާރު މޫސާދީދީގެ ހަޔާތްޕުޅާއި މިޒާޖު ހިއްސާކުރައްވާފައެވެ. އަދި މި ޖަލްސާގައި އަބްދުއްސައްތާރުގެ ތައުޒިޔާގެ ފޮތް ވަނީ އެ ބޭފުޅާގެ އާއިލާއަށް ހަވާލުކޮށްފައެވެ. އަދި އަބްދުއްސައްތާރުގެ ހިދުމަތްތައް ފާހަގަކޮށް ފޮތެއް ވެސް ނެރެފައެވެ. ފޮތް ނެރެދީ، ތައުޒިޔާގެ ފޮތް އާއިލާއަށް ހަވާލުކޮށްދެއްވީ ރައިސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމެވެ.