ވާހަކަ

ސިއްތާ

(12 ސެޕްޓެމްބަރ 2021 އާ ގުޅޭ)

"ކިހިނެއްތަ؟ ރޭގަ ފިލަންތަ އުޅުނީ؟. ނީރާ ބުނީމެންނު އަހަރެން ވެސް ދިރިއުޅުމައިގެން ކުރިއަށްދާށޭ. އެގޮތް ނީރާއަށް ކަމުނުދަނީތަ؟. އަހަރެން ވެސް ކައިވެނި ކުރަން ވިސްނައިފިން. ނީރާ ވެސް މިހާރު ތީ މީހެއްގެ އަނތްބެއް. އީހާނު ކައިރިން ނީރާ ވަރިވާން ބޭނުންނުވާކަން އެނގޭ. އަހަރެން ބޭނުންވާ ގާތްކަން ނީރާއަކަށް ނުދެވޭނެ. އަހަރެން އެކަނިވެފައި ހުންނަން ނީރާ ނޭދޭތީކަން އެނގޭ ދިރިއުޅުމައިގެން ކުރިއަށްދާން ނީރާ ބުނީ. އެކަމަކު ނީރާއަށް އިންތިޒާރުކުރާށޭ ބުނެފިއްޔާ މުޅި އުމުރަށް ވެސް ހުރެދާނަން." ލައިޒަލް ފޮނުވާފައި އޮތް މެސެޖު ނީރާ ކިޔާލިއެވެ.

"އަހަރެން ބުނީއޭ ކިޔާފަ، ލައިޒަލްއަށް ހަމަ އެހާ ފަސޭހަތަ ދިރިއުޅުމައިގެން ކުރިއަށްދާން." ނީރާއަށް ވިސްނާލެވުނީ އަނގައިން ބަސްތައް ނުކުތް ފަހުންނެވެ. ކައިރީގަ އިން ދާލިއާއަށް ބަލާލިއެވެ. އެ އެކުވެރިޔާއަކީ އަޑު އިވުމުން މަހުރޫމުވެފައިވާ މީހަކަށްވީކަން ނަސީބެކޭ ނީރާގެ ހިތަށް މީނޫނީ ނާރައެވެ. ލައިޒަލްއާ އޮތް ގުޅުން ނިމުމަކަށް އައިނަމަވެސް ހަގީގަތަކީ ލައިޒަލްއާ ދުރަށް އަދިވެސް ނީރާއަށް ނުދެވޭކަމެވެ. އެ ހަނދާންތައް ސައުވީސްގަނޑިއިރު އޭނާއާއެކު ވެއެވެ. ރޭގައި ލައިޒަލް ފެނުނުއިރު އޭނާއާއި އުޝާގެ ފަރާތުން ފެނުނީ ގާތްކަމެވެ. ނީރާއާއި އީހާނާ ދެމެދު އޮންނަ ފަދަ ދުރުކަމެއް އެ ގުޅުމުގައި ނެތްކަމެވެ. އޭނާހެން ގަދަކަމުން ހިނިތުންވާތަނެއް ނުފެނެއެވެ. ދެއްކުންތެރިކަމެއް ނުވަނީއެވެ. ނީރާއަށް އަސަރުކުރީ އެހެންވެއެވެ.

"އަމިއްލަ އެދުން އިސްކުރާ ހިތްވޭ. އަހަރެން މީހެއްގެ އަނތްބަކަށް ވިޔަސް، ލައިޒަލް އެފަދަ ގުޅުމަކުން ދުށުމަކަށް ހިތެއްނޭދޭ. އެކަމަކު ނުކުރާށޭ ބުނާނީ ކޮން ހައިސިއްޔަތަކުން." ނީރާ އަމިއްލަ ހިތާ ވާހަކަދެއްކިއެވެ. ޟަމީރުގެ ލަފައަށް އެދުނެވެ. ނަމަވެސް އޭނާގެ މައްޗަށް އަޑުލާ ހަދާ ޟަމީރު ވެސް ހިޔާރު އެކުރީ ހިމޭންކަމެވެ.

ރޮވެނީކަން ނީރާއަށް އެނގުނީ ކައިރިއަށް ޖެހިލި އެކުވެރިޔާ އޭނާގެ މޫނުގައި ހިފާލީމައެވެ. އޭނާގެ ކޯތާފަތް ފުހެލަދިނުމާއެކު އަތުން އޭނާ އަހާލީ ކިހިނެއްވީތޯއެވެ. އެ މޫނުގައިވީ މީގެ ކުރީން ނުފެންނަ ހާސްކަމެކެވެ. ދާލިއާގެ ކުރިމަތީ ނީރާ މީގެ ކުރީން ރޮއެފައެއް ނެތެވެ. އެހެންވީމަ ވެސް އޭނާ ކަންބޮޑުވާނެ ނޫން ހެއްޔެވެ.

"ގޭތެރޭގަ ހުރިހާ ކަމެއް ރަނގަޅުތަ؟" ދާލިއާ ދަބަހުން ނެގި ކުޑަ ޓީޝޫ އުރައިގަ ނީރާ ހިފުމުން އަހާލިއެވެ. ނީރާ ލޯ ކައިރީ ފުހެމުން ބޯޖަހާލިއެވެ.

"އެނގޭތަ!... އަހަރެންގެ މަންމައެއްނެތް. އެކަކުވެސް މިހާރު ނެތް." ނީރާ ބުނީ މީގެ ކުރީން ދުވަހަކުވެސް ނުބުނާ އެއްޗެކެވެ. ދާލިއާގެ މޫނުން ފެނުނީ އިންތިހާ ދަރަޖައިގެ ހައިރާންކަމެވެ. އޭނާއަށް ނީރާގެ ވާހަކަތަކުގައި އެކަކަށްވުރެ ވެސް ގިނައިން މަންމަގެ ވާހަކަދައްކާނެއެވެ. ކަމެއްކޮށްދިނިއްޔާ މަންމަ ކޮށްދީފައޭ ކިޔާނެއެވެ. ކައިރި މާޒީއަށް ބަލާއިރު އެސޯސިއޭޝަންގެ ޑިނާނައިޓްގަ ނީރާ ލައިގެން ހުރި ހެދުން ތައްޔާރުކޮށްދިނީ ވެސް މަންމައޭ ބުނި ހަނދާން ދާލިއާ އެބަހުއްޓެވެ. އެއަށްވުރެ ފަހަށް ބަލާނަމަ ކައިވެނީގެ ހަފުލާއިން ވެސް ނީރާގެ މަންމަ ދާލިއާ ދުށްޓެވެ. ހަމައެއާއެކު މަންމަގެ ލޯބިން ހަލާކުވެފައި ހުރި ދަރިއެއްކަމުގައި ނީރާ ވާނެއޭ ހީކުރީ ވެސް ދާލިއާއެވެ. ބޮޑުވެފައި ހުރިއިރު އަދިވެސް މަންމަގެ އަތުން ކާވާހަކައަކީ ނީރާ ދައްކާފައި ހުރި ވާހަކައެވެ. އެ މަންމަ އޭނާއަށް ޓަކައި ކޮށްދޭ ކަންކަން ކިޔާދޭއިރު އަދަދުކޮށް ހުސްނުވާނެއެވެ. މަންމައޭ ބުނެލާއިރު ނީރާގެ މޫނުން އެ ފާޅުވާ އުފާވެރިކަމުގެ އިންތިހާ އޭނާ ދުށްޓެވެ. ނީރާ ދައްކާ ވާހަކަ އޭނާއަށް ދެކޮޅު ނުޖެހުނީ އެހެންވެއެވެ.

"މަންމައަށް ކިހިނެއްވީ؟" ހާސްވެފައި ދާލިއާ އަތުން އަހާލިއެވެ.

"މިހާރަކުނޫން." ނީރާ ބުނެލިއެވެ. ބުނެވުނީ ކިހާވަރެއްގެ ކީކޭކަން ނީރާއަށް ވިސްނުނީ ކަހަލައެވެ. ނީރާގެ އެ ބުނުމަށް ދާލިއާ ފުރިހަމައަށް އިހްތިރާމް ކުރިއެވެ. ނަމަވެސް ނުތަނަވަސްކަން އެ މޫނުން ފިލާ ނުދިޔައީ އޭނާގެ އެކުވެރިޔާއަށް ކަމެއްވެއްޖެކަން އެނގޭއިރު، ސުވާލެއް ކުރެވެން ނެތީމައެވެ. އެ ސުވާލު ކުރެވޭނީ ކޮންއިރަކުންކަން ވެސް ދާލިއާއަށް ނޭނގޭތީއެވެ.

ދަންފަޅި ނިންމާ ނީރާ ގެއަށް ދިޔައީ އެހެންޏާ ވެސް އޭނާ ބަލާ އައީމައެވެ. ތަފާތަކަށްވީ ދާލިއާ މިއަދު މަޑުކުރުމެވެ. ނީރާ ގޮސް ކާރަށް އަރަންދެން މިއަދު ގޭޓު ކައިރީ ދާލިއާ ހުއްޓެވެ. އޭނާ ހިނގައިގަތީ ނީރާ އެރި ކާރު ދުއްވާލީމައެވެ. އެ ދެމެދުގައި ދެކެވުނު ވާހަކަ ކުރިއަށްގެންދާނޭ ފުރުސަތެއް ނީރާ ނުދިނެވެ.

"ހޭއި..." އިހާނު ގޮވާލިއެވެ. ދޮރުފަތުގެ ބިއްލޫރިގަނޑުން ބޭރު ބަލަން އިން ނީރާ ބޯ އަނބުރާލައި އީހާނަށް ބަލާލިއެވެ.

"ވާހަކައެއް ދައްކާލަން." އީހާނު ބުނެލިއެވެ. ދައްކާށޭ ބުނާ ފަދައިން ނީރާ ބޯޖަހާލިއެވެ. އީހާނާ ޖަދަލުކުރާނޭ ހިތްވަރެއް މިއަދަކު ނީރާގެ ނެތެވެ. ބޭނުންވެފައި އިނީ އަވަހަށް ގެއަށް ގޮސް ޖައްސާލާށެވެ. ނުނިދުނަސް ދެ ލޯ މަރާލައިގެން އެނދުގައި އޮންނާށެވެ. ދުނިޔޭގެ އެހެން އަޑުތަކާ ދުރުގައި މީހަކާ ކުރިމަތިލުމެއްނެތި ވަގުތުކޮޅަކަށް ވިޔަސް އެކަހެރިވެ އޮންނާށެވެ.

"އައި ވޯންޓް ޓު ޓޭކް ޔޫ އައުޓް... އޮން އަ ޑޭޓް." ނީރާ ރުޅިގަދަވާނޭވަރު އެނގޭތީ އީހާނު ޖެހިލުންވެފައި ހުރި ކަހަލައެވެ. އެ އަޑުގައި ޔަގީނުން ވެސް ފަސްޖެހުން އެކުލެވިފައި ވިއެވެ.

"ނޮޓް ނައު... ނޮޓް އަގައިން..." މޫނު އަނބުރާލަމުން ނީރާ ބުނެލިއެވެ.

"އަހަރެންގެ ވައިފް ޒޮމްބީއަކަށް ވެއްޖެ." އީހާނުގެ އަޑުގައިވީ ސަމާސާއެވެ. ނީރާއާ މެދު ރުޅި އަންނަން އޭނާ ވެސް ބޭނުންނުވެފައި އިނީއެވެ. ދެން ވެސް ވާހަކަދެއްކީ އީހާނެވެ.

"ނީރާ... ޕްލީޒް. މިހެން ކިހާ ދުވަހަކު އުޅޭނީ. އެޓްލީސްޓް ގިވް މީ އަ ޗާންސް. މި ގުޅުމުގައި ނީރާ އެކަންޏެއްނޫން ޝާމިލްވަނީ. އަހަރެންގެ ފީލިންގްސްއާ މެދު ކުޑަކޮށް ވެސް ނީރާ ނުވިސްނަންތަ؟. ޔޫ ނޯ އެހެން އަންހެނެއް ކައިރިއަށް އަހަރެން ނުދާނޭކަން. އައި ވޯންޓް މައި ވައިފް."

"އެ ދުވަހު ކައިވެނި އިއުލާންކުރިއިރު މިހެން ވެދާނޭ އީހާނު ހިތަށް އަރުވާލިނަމަ. އަހަރެން ލޯބިވާ މީހަކު ހުރިކަން އެނގިހުރެ އީހާނު ހުރިހާ ކަމެއް ނިންމާލީ. އަހަރެން ވެސް ހިތަށް އަރާ މަންމަ ބުންޏަސް އީހާނު އަހަންނަށް ފުރުސަތެއް ދިންނަމައޭ. އަހަރެން އެދޭ ގޮތަކަށް ކަންތައްތައް ކުރާން. މުޅި އުމުރު އީހާނާއެކު ވޭތިކުރިޔަސް މި ގުޅުން އޮންނާނީ މިހެން." ނަޒަރު ވަކިކޮށްލައިގެން އިނދެ ނީރާ ބުންޏެވެ.

އީހާނު އިތުރަށް ވާހަކައެއް ނުދެއްކިއެވެ. އެހެންވިޔަސް އޭނާގެ ކޯކަށިގަނޑު ހަރަކާތްކޮށްލި ގޮތުން އޭނާ އެ އިނީ ދަތްކުނޑިވިކާލައިގެންނެވެ. ހިތްހަމަނުޖެހިފައެވެ.

* * * * *

އުޝާ ގެން ގޮސް ގެއަށް ލާފައި ލައިޒަލް ވެސް އައީ ގެއަށެވެ. ކާރު ބާއްވާފައި އޭނާ ގެއަށް ވަންނަން އައި ވަގުތު ދުވާރު މަތީ ހުރި އަންހެންކުއްޖަކު އޭނާއަށް ފެނުނެވެ. މީގެ ދެ ދުވަހެއް ކުރީން ވެސް އޭނާއަށް އެ ގޭ ދޮށުން އެ އަންހެންކުއްޖާ ވަނީ ފެނިފައެވެ. ލައިޒަލްއާ ދިމާއަށް ބަލާކަން ފާހަގަކުރެވެއެވެ. ހިމަތޮޅިވެފައި އިސްކޮޅުން ދިގު އަންހެން ކުއްޖެކެވެ. ދިވެހީންގެ ތެރެއިން އާންމުކޮށް ފެންނަ ފަދަ އޮޅަލި ކުލައެވެ. ކޮނޑާ ހަމައަށް އޮތް ރާޅުބާނިކަމެއް ހުރި ފަން އިސްތަށި ގަނޑެވެ. އޭނާ ސީދާ ބަލަނީ ލައިޒަލްއަށް ކަން އެނގޭއިރު ވެސް ފެންނަކަމަށް ނުހަދާ މިފަހަރު ވެސް ގޭތެރެއަށް ވަނީއެވެ.

"އެކޮއެ ހޯދަން ކުއްޖަކު އައި." ގޭގައި އުޅޭ ރަޝީދާއަށް އެތެރެއަށް ވަދެގެން އައި ލައިޒަލް ފެނުމާއެކު ބުނެލިއެވެ.

"ކާކު؟" ލައިޒަލް އަހާލިއެވެ. އެގެއަށް އޭނާ ހޯދަން އަންނަން ހުންނާނީ އެންމެ މީހެކެވެ. އެއީ ޔަމާނެއެވެ. އެނޫން އެއްވެސް އެކުވެރިއަކު ގެއަކަށް އޭނާ ނުގެނެއެވެ. އެންމެން ކަހަލަ ގޮތަކަށް ހީކުރަނީ ލައިޒަލް ދިރިއުޅެނީ އޭނާ މިއުޒިކް ޕްރެކްޓިކްސް ކުރުމަށް ހިފާފައި ހުންނަ އެޕާޓްމެންޓްގައި ކަމެވެ.

"އަންހެންކުއްޖެއް." ރަޝީދާ ވެސް ހުރީ ހައިރާންކަމެއްގެ ތެރޭގައި ކަހަލައެވެ.

"ނީރާ..." ލައިޒަލްގެ ހިތް އަވަސްވެލިއެވެ. ކިހިނެއް ހުރި އަންހެންކުއްޖެއްތޯ ލައިޒަލް އަހާލީ ނިކަން އަވަހަށެވެ. ރަޝީދާއަށް ނީރާ ގެނައި ދުވަހު ފެނުނުކަން އެނގޭތީ ކުރިން ފެނިފައި ހުރިތޯ ވެސް ލައިޒަލް އަހާލިއެވެ. ނަމަވެސް ރަޝީދާ ދެފަރާތަށް ބޯހޫރާލީއެވެ.

"ކުރިއަކުން ނުދެކެން. އެކޮއެ ގެއަކުނެތޭ ބުނީމާ އަންނާނޭ އިރެއް އެހި. ނޭނގެއޭ ބުނީމަ ހިނގައްޖެ. ދައްތަ ވެސް ހަނދާންނެތުނީ ކޮންނަމެއް ކިޔާ ކުއްޖެއް އަހާލަން. ހިމަތޮޅިކޮށް ހުރި ކުއްޖެއް. ސްކޫލް ޔުނީފޯމްގަ ހުރީ... ސީއެޗްއެސްސީ. މެންދުރުފަހު އައީ. ހީވަނީ ސްކޫލް ނިމިގެންހެން އެއައީ." ރަޝީދާ ސާފުކޮށްދިނެވެ.

"ކާފައަށް އެނގޭތަ؟" ވިސްނަން ހުރެފައި ލައިޒަލް އަހާލިއެވެ.

"ހަމްދާނާއެކު ކާފަ ގެއިން ނުކުތް ވަގުތު އެއީ. ދައްތަ އެކަނި އުޅުނީ." ރަޝީދާ ބުންޏެވެ. އެންމެ ރަނގަޅޭ ބުނާފަދައަކުން ލައިޒަލް ބޯޖަހާލާފައި ހިނގައިގަތީއެވެ. އޭނާ ގޮސް ވަނީ ކޮޓަރިއަށެވެ.

* * * * *

ދެ ހަފްތާ ފަހެވެ. ތިނެއް ޖެހީއްސުރެ އެކުވެރީންގެ ގުރޫޕުގައި މެސެޖުތައް ފުނިޖެހެމުން އައިކަން ނީރާއަށް އެނގެއެވެ. ނަމަވެސް ނީރާއަށް ފޯނު ބަލާލާނޭ ވަގުތެއް ނުވިއެވެ. ރައްދު ނުދިނުމުން ލައިޒަލްގެ ޚަބަރެއް ވެސް ފަހުން އޭނާއަށް ނުވިއެވެ. އީހާނު ބަލާ އައުމުން އޭނާ ކާރަށް އެރީއެވެ. އެކްޓިވިޓީތައް ގިނަ ދުވަހެއްވީމަ ނީރާ ހުރީ ވަރުބަލިވެފައެވެ. ގޭޓު ކައިރީ ހުރެފައި ދާލިއާ އަތްހޫރާލިއެވެ. އެހެންވިޔަސް ކާރުގައި ހުރި ބިއްލޫރީގެ ގޮތުން އެތެރޭގައި ތިބޭ މީހުން ސާފުކޮށް ނުފެންނާނޭކަން ނީރާއަށް އެނގެއެވެ. އީހާނު ކާރު ދުއްވާލީއެވެ. އާންމުކޮށް ވެރިވެފައި އޮންނަ ހިމޭންކަން ދަތުރުގައި ވިއެވެ. ނަމަވެސް ގެއާ ހަމައަށް ނުފޯރަނީސް އީހާނު ގޮވާލައިފިއެވެ.

"ލައިޒަލްއާއި އުޝާ މެރީ ކުރަން އުޅޭކަން އެނގޭތަ؟" އީހާނު އަހާލިއެވެ. ނީރާގެ މޫނުން ފާޅުވި ހައިރާންކަން އީހާނަށް ޖަވާބު ލިބުނެވެ.

"ގުރޫޕުގަ ޖަހާފަ އެބައޮތް. މި ވީކަންޑްގަ... ބޮޑު ވެޑިންނެއް ނެތޯ، އެކަމަކު ޑިނާއެއް ފްރެންޑްސުންނަށް ދޭނަމޯ. ޔާނު ވެސް ޝޮކުގަ. ކެން ޔޫ ބިލީވް އިޓް... އެ ދެމީހުން މެރީ ކުރަނީ."

އީހާނު ދެއްކި ވާހަކައިން ފަހުބައި ނީރާއަކަށް ސާފެއް ނުވިއެވެ. އޭނާ އަވަހަށް އަތްދަބަހުން ފޯނު ނެގިއެވެ. އެކުވެރީންގެ ގުރޫޕު ހުޅުވާލިއެވެ. މެސެޖުތައް ބަލަން ފެށިއެވެ. އީހާނު ދޮގެއް ނުހަދައެވެ. ހުރިހާ ވާހަކައެއް އުޝާ ދައްކާފައި އޮތްއިރު އެކަން ޔަގީންކޮށްދީފައި ލައިޒަލް އޮތެވެ. އެ މެސެޖަށް ބަލަން ނީރާއަށް އިނދެވުނީއެވެ.

"ލައިޒަލް މެރީ ކުރަނީތަ؟. ކީއްވެ؟. ލޯބިވެގެންތަ؟. އަހަންނާ ހެދިތަ؟." އަމިއްލަ ނަފްސާ ތަކުރާރުކޮށް ނީރާ ސުވާލުކުރިއެވެ. ހަފްތާ ބަންދޭ ބުނާއިރު ހަފަތް އެ ވަނީ ނިމުމަކަށް އައިސްފައެވެ. ލައިޒަލް އަވަސްއަރުވާލަނީކީ ނޫންބާއޭ ނީރާގެ ހިތަށް އެރިއެވެ. އެކަމަކު އެއީ ކީއްވެ ހެއްޔެވެ.

"ދާންވާނެއެއްނު." ދިރިއުޅޭ އިމާރާތުގެ އެންމެ ތިރީގައިވާ ޕާކިން ސަރަހައްދުގައި ކާރު މަޑުކޮށްލަމުން އީހާނު ބުނެލިއެވެ. ކާރު ހުއްޓުމަކަށް އައުމުން ނީރާ ފޭބީ އަނގައިން ބުނުމެއްނެތިއެވެ.

"އައި ކޭން އަންޑަސްޓޭންޑް. އަދިވެސް ތިހުރީ ޝޮކުގަ. އަހަރެން ވެސް ހިޔެއްނުކުރަން އޭނާ އެހާ އަވަހަށް މީހަކާ އިނދެފާނޭ. ވަޓްއެވާ... ނަސީބެންނު. މަށަށް އޮތް ޗާންސް ބޮޑުވީ." ނީރާއަށް ބަލާލި އީހާނުގެ ހިތުގައި ވިއެވެ.

* * * * *

ސަލީމާ ހުރީ ރުޅިގަދަވެފައެވެ. އުޝާގެ ނިންމުން އިވިފައެވެ. ލައިޒަލްއާ ކައިވެނި ކުރުމަކީ ސަލީމާ އުފާކުރާ ކަމެކެވެ. އެކަމަކު އެ ދެ ޒުވާނުން ކައިވެންޏަކީ ކޯޓުގައި ކުރެވޭ ކައިވެންޏަކަށްވާން ސަލީމާ ނޭދެއެވެ. އެހާ މުހިންމު އުފާވެރި މުނާސަބާއެއްގައި ހާއްސަކަމެއްނެތް ފަދައަކުން ކަންކަން ނިންމާލުމަކީ ސަލިމާ ބޭނުންވާ ގޮތެއް ނޫނެވެ. އޭނާގެ ދަރިފުޅުގެ ކައިވެނި ކުލަ ގަދަކޮށް ބާއްވަން އޭނާ ބޭނުމެވެ. ލައިޒަލްއަކީ އެފަދަ ޚަރަދެއް ނުކުރެވޭހާ ނިކަމެއްޗެއްނޫންކަން ރަނގަޅަށް ސަލީމާއަށް އެނގެއެވެ.

"އޭނާ ދަހިކަމުންތަ؟" ސަލީމާ ބުނެލިއެވެ.

"ޕާޓީއަށްވުރެ މިކައިވެނި ކުރެވުން މާ މުހިންމެއްނު."

"އަނެއްކާ ތިބުނީ ދެ މީހުން އުޅޭނީ ވަކިންނޭ. އޭނާގެ ބޮޑު ގޭގަ ތަންކޮޅެއް ނެތުނީތަ؟. އެހެންވިއްޔާ މިގެއަށް އާދޭ. މިގޭގަ ތީގެ ދެމަފިރިން އުޅޭނޭ ތަން އެބަހުރި." އުޝާ ކިޔާ އެއްޗެއް އަޑުނާހާ ސަލީމާ އެއްޗެހި ކިޔެވެ.

"މަންމާ. ލައިޒަލް ބޭނުންވާ ގޮތަށް މިކައިވެނި ކުރެވޭނީ. މަންމަ ގަބޫލުނޫނިއްޔާ މިކަމުގައި ބައިވެރިނުވޭ. އަހަންނަށް މަންމަ ތިބުނާ އެއްވެސް ކަމެއް މުހިންމެއްނޫން. ލައިޒަލްގެ އަނތްބެއްގެ ގޮތުގައި އިނިއްޔާ އަހަރެން އިންނާނީ އުފަލުން. މަންމަ ބުނީ ވެސް ލައިޒަލްއާ އިންނަން."

"އެކަމަކު ތީއެއްނޫން މަންމަ ބޭނުންވީ ގޮތަކީ." ސަލީމާ ބުންޏެވެ. އޭނާއަށް އުޝާގެ ހިޔާލު ބަދަލުނުކުރެވޭނެކަން އެނގުނެވެ. އެ ދަރިފުޅު އެވަނީ ލައިޒަލްއަށް މިހާރުއްސުރެ ކިޔަމަންވެފައެވެ. ރަންކީ ވެސް އެއްވެސް ހާއްސަކަމެއް ނެތް ފަދައަކުންނެވެ. ފޯމުގައި އަދަދު ޖަހާލަން ޖެހޭތީ އެކަން ނިންމާ އުސޫލުންނެވެ. ރަނުގެ އަދަދު ވަގުތުން ލައިޒަލް ހަވާލުކޮށްލީ ޗެކަކުންނެވެ. މީ ވިޔަފާރީގެ މުއާމަލާތެކޭ ހީވާ ވަރުވިއެވެ. މިހުރިހާކަމެއް ސަލީމާއަށް ބަލައިގަންނަން ދަތިވީއެވެ. ދުށުމަށް އެދޭ ލޯތްބާއި ކުލުންވެރިކަން ލައިޒަލްގެ ޢަމަލުތަކުން އޭނާއަށް ނުފެންނާތީއެވެ. އުޝާއަށް މިކައިވެނިން ލިބެންޖެހޭ ހަގީގީ އުފާވެރިކަން ލިބިދާނޭކަމާމެދު ސަލީމާގެ ހިތުގައި ސުވާލު އުފެދެނީއެވެ. އެހެންވިޔަސް ދަރިފުޅާއި ދެކޮޅު ވެވޭކަށް ނެތެވެ. އުޝާ ކައިވެނިކޮށްފައި ނޫނީ ނުހުއްޓާނޭކަން ޔަގީންވާތީއެވެ.

* * * * *

ޔަމާނުގެ ކޮންމެ ސުވާލަކަށް ލައިޒަލް ދެނީ އެއް ޖަވާބެކެވެ. ކައިވެނި ކުރަން އުޝާ ރަނގަޅުކަމެވެ. މިހާރު ކައިވެނި ކުރަން އޭނާ ވެއްޖެކަމެވެ. އެންމެ ގާތް އެކުވެރިޔާ ކައިރީ ނުބުނީ ކީއްވެކަމެއް ލައިޒަލް ނުބުނެއެވެ. ޔަމާނު އެނގެން ބޭނުންވީ ނުބުނި ސަބަބެވެ. އޭނާއަށް ލައިޒަލް ކޮންމެ މީހަކާ ކައިވެނި ކުރިޔަސް އެންމެ ރަނގަޅެވެ. ލައިޒަލް ރުހޭ މީހަކާ އިންނަންވީއެވެ. އެކަމަކު އެންމެ ގާތް މީހުން ކައިރީ އެވަރު ބޮޑުކަމެއް ނިންމާއިރު ބުނެލަންވާނެ ނޫން ހެއްޔެވެ. ބުނަންވާނީ ހުރިހާކަމެއް ނިންމާފައެއް ނޫންތާއެވެ. ޔަމާނަށް ވެސް އެނގުނީ ގުރޫޕުގައި އުޝާ ބުނީމައެވެ. އޭނާ ގަބޫލުކުރަނީ އެކަން އެނގެން ޖެހޭނީ ލައިޒަލްގެ ފަރާތުން ކަމެވެ.

"އެންމެންނަށް ކިހިނެއްވެފަތަ މިތިބީ؟ އީހާނާއި ނީރާ ވެސް ހެދިނުހެދިއެއް ނޭނގެ. އޭގެ ދެމީހުން ވެސް ކައިވެނި ކުރަނީކަން އެނގުނީ. މިހާރު އަނެއްކާ ލައިޒަލް..." ދެފަރާތަށް ބޯހޫރާލީ ހިތްހަމަނުޖެހިފައި ޔަމާނު އިނދެއެވެ.

"އެނީވޭޒް... އަހަރެން ކީއްކޮށްދޭންވީ. އެނގޭ ލައިޒަލްއަށް ނުވާނެކަމެއް ނޯންނާނެކަން. އެހެންވިޔަސް ބުނޭ. މިއެކުވެރިޔާ ކީއްކޮށްދޭންވީ." ހިތްނުޖެހުން އެއްފަރާތްކޮށްލާފައި ޔަމާނު ބުނެލިއެވެ.

"ޑިނާއަށް އާދޭ... އެޑްރެސް ލާނަން ގުރޫޕަށް. އަހަރެން ދާން މިދަނީ. މާދަމާއަށް އެޕާޓްމެންޓްގެ ކަންކަން ނިންމަން ޖެހޭ." ލައިޒަލް ބުންޏެވެ.

ރެސްޓޯރެންޓުގެ މޭޒު ދޮށުން ފުރަތަމަ ތެދުވީ ލައިޒަލްއެވެ. އޭނާ ވޮލެޓު ނެގުމާއެކު ޔަމާނު ހުއްޓުވިއެވެ. އޭނާ ބިލު ދައްކާނެކަމުގައި ބުންޏެވެ. ލަސްވެގެން އުޅޭ މީހާ ދާށޭ ޔަމާނު ބުނެލިއެވެ. ޔަމާނުގެ ކޮނޑުގައި ލައިޒަލް އަތް ބާއްވާލިއެވެ. ދެން އޭނާ ހިނގައިގަތީ އެތަނުން ނުކުންނާށެވެ.

"އައި ނޯ ޔޫ ޑޯންޓް އީވަން ލައިކް ހާ. ކީއްވެ؟ ކާކާ ހެދި؟ ނީރާތަ؟" ލައިޒަލް ދިޔަ ދިމާއަށް ބަލަން އިނދެ ޔަމާނު އަމިއްލަ ނަފްސާ ވާހަކަދެއްކިއެވެ. ރިދާ ތަކުރާރުކޮށް ލައިޒަލްއާއި ނީރާއާ ދެމެދު ގުޅުމެއްވާކަން އައީ ބުނަމުންނެވެ. ލައިޒަލްއާއި ނީރާ ބައްދަލުކުރާކަމެއް، އެ ދެމެދުގައި ގުޅުމެއް އޮތްކަމެއް ވެސް ޔަމާނަށް ނޭނގެއެވެ. އޭނާއަކީ މީހުންގެ ކަންކަން އެހާވަރަށް ބަލާ މީހެއްނޫނެވެ. އެހެންވެ ކަމެއް ފާހަގަވުމަކީ ދުރުކަމެކެވެ. އެހެންވިޔަސް ލައިޒަލްގެ މި ނިންމުމާމެދު ޔަމާނު ވަރަށް ބޮޑަށް ސުވާލު އުފެދިއްޖެއެވެ. މީ އޭނާއަށް އެނގޭ ލައިޒަލް ކުއްލިއަކަށް ނިންމާނޭ ނިންމުމެއް ނޫނެވެ.

ގެއަށް ލައިޒަލް އޭނާ ހިފާފައި ހުރި އެޕާޓްމެންޓް ބެލުމަށްފަހުއެވެ. ކާފަ ވެސް ހުރީ ލައިޒަލްގެ ނިންމުމާމެދު ގަޔާނުވެފައެވެ. ޅީދަރިފުޅު ގެއަށް ގެންނަން ލައިޒަލް ބޭނުންނުވާތީއެވެ. އެއްފަހަރު ވެސް ލައިޒަލް އިންނަން އުޅޭ ކުއްޖާ ފިރާގަކަށް ނުފެނެއެވެ. ކައިވެނީގެ ކަންކަން ހަމަޖެހެމުންދިޔައިރު ފިރާގުގެ ހިޔާލަކަށް ވެސް ލައިޒަލް ބޭނުންނުވާ ކަހަލައެވެ.

"ހާއި..." ފިކުރުތަކަށް ގެއްލި ހުރެ ގެއަށް ވަންނަން އައި ލައިޒަލްގެ ދާދި ކައިރިން އަންހެންކުއްޖެއްގެ އަޑު އިވުނެވެ. އިސްއުފުލާލެވުނު އިރު ދޮރޯށި ކައިރީ އެއްފަރާތުގައި އެ ހުރީ އޭނާއަށް އެ ގޭ ދޮށުން ފެންނަ އަންހެންކުއްޖާއެވެ. ލާފައި ހުރި ޔުނީފޯމް އިން ލައިޒަލްއަށް ނަގައިގަނެވުނީ ރަޝީދާ ދެއްކީ އެ އަންހެންކުއްޖާ ވާހަކަ ކަމެވެ. ލައިޒަލް ބަލާލުމުން އެ އަންހެންކުއްޖާ ޖެހިލުންވެފައި ހުރިކަން ފާހަގަވިއެވެ.

"ލައިޒަލް... ލައިޒަލް ފަރުހަތް..." އެ އަންހެންކުއްޖާ ޔަގީންކުރާ ފަދައަކުން އަހާލިއެވެ.

"ތީ ކާކު؟" ބޯޖަހާލާފައި ލައިޒަލް އަހާލިއެވެ.

"ޔޯ ސިސްޓާ." ހާސްވެ ކަންބޮޑުވެފައި ހުރެ އެ އަންހެންކުއްޖާ ބުނެލިއެވެ. ލައިޒަލް ފަރުވާތެރިކަމާއެކު އެ އަންހެންކުއްޖާއަށް ބަލާލިއެވެ. ވަގުތުން ދެބުމަ ގޮށްޖަހާލީއެވެ.

"އައި ޑޯންޓް ނޯ ޔޫ." ލައިޒަލް މިހެން ބުނެލުމާއެކު ދޮރޯށި ހުޅުވާލިއެވެ.

"ޕްލީޒް... ޝީ ނީޑްސް ޔޫ." އެ އަންހެންކުއްޖާ ބުނި ނަމަވެސް އެ އަޑު ލައިޒަލް ނޭހިއެވެ. އޭނާ ގޭތެރެއަށް ވަދެ ދޮރޯށި ލައްޕާލީއެވެ. (ނުނިމޭ)