ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ އަންނަ މަހުގެ 18 ވަނަ ދުވަހު ރިލީޒްކުރާ "ބާޖީރާއޯ މަސްތާނީ" ތަމަޅަ އާއި ތެލުގު ބަހުން ވެސް ނެރޭގޮތަށް ނިންމައިފި އެވެ.
ހިންދީ ބަހުގެ އިތުރުން ތަމަޅަ އާއި ތެލުގުން ޑަބްކޮށްގެން މިފިލްމު ނެރޭގޮތަށް ނިންމާފައިވާ ކަމަށް ބުނެ ބަންސާލީ ނެރުނު ބަޔާނެއްގައި ވަނީ މިއީ އެފިލްމެއްގެ ވާހަކަ އޭނާ ބެލުންތެރިންނާއި ހަމައަށް ގެނެސްދޭން އެންމެ ބޭނުންވި ފިލްމު ކަމަށާއި އަދި ސައުތް އިންޑިއާގެ ރައްޔިތުންނަށް މިފިލްމު އެމީހުންގެ ބަހުރުވައިން ބެލުމުގެ ފުރުސަތު ލިބޭތީ އެކަމާ އުފާކުރާ ކަމަށެވެ.
"މިފިލްމު އުފެއްދުމަކީ އަހަރެން އެތަކެއް އަހަރެއް ވަންދެން ދެކެމުން އައި ވަރަށް ބޮޑު ހުވަފެނެއް. އުންމީދުކުރަނީ އެކި ކަންކޮޅުތަކުގައި ތިބި މީހުންނަށް އަހަރެންގެ މި ހުވަފެން ބަލާލެވޭނެ ކަމަށް" ބަންސާލީ ބުނެފައިވެ އެވެ.
ބުނެވޭ ގޮތުގައި މިފިލްމު ތަމަޅަ ބަހުންނާއި ތެލުގު ބަހުން އަޑުއަޅައިގެން ރިލީޒްކުރަން ނިންމީ، މިފިލްމާއެކު ޝާހްރުކް ޚާނާއި ކާޖޮލް ލީޑްރޯލުން ފެނިގެންދާ "ދިލްވާލޭ" ރިލީޒްކުރުމަށް ހަމަޖެހިފައިވުމުން، އެފިލްމުގެ ސަބަބުން "ބާޖީރާއޯ މަސްތާނީ"ގެ ވިޔަފާރިއަށް އަސަރެއްކޮށްފާނެތީ ސައުތްގެ މާކެޓް ހޯދުމުގެ ގޮތުން ކަމަށްވެ އެވެ.
އިތުރަށް ބަންސާލީ ވަނީ ފިލްމަށް ތަމަޅަ ބަހުން އަޑުއެޅުމާއި ހަވާލުވީ މަޝްހޫރު ލިރިސިސްޓް މަދަން ކާކީ ކަމަށާއި އަދި ތެލުގު ބަހުން އަޑުއެޅުމާއި ހަވާލުވީ ރަމަޖޯގައްޔާ ޝާސްތީ ކަމަށެވެ.
ރަންވީރު ސިންގް އާއި ދިޕިކާ ޕަދުކޯން އަދި ޕްރިޔަންކާ ޗޯޕްޅާ ލީޑްރޯލުން ފެނިގެންދާ މިފިލްމަކީ 1674 ވަނަ އަހަރުން ފެށިގެން 1818 ގެ ނިޔަލަށް ދެމިއޮތް މަރާތާ އެމްޕަޔާގެ ހަތަރު ވަނަ ބޮޑުވަޒީރު ކަމުގައިވާ ބަޖީރާއޯ އެއް ވަނައިގެ ހަޔާތެވެ. އޭނާ އަކީ ހަނގުރާމައިގެ މައިދާނަށް ނިކަން ކުޅަދާނަ ފަހުލަވާނެއްގެ ގޮތުގައި މަޝްހޫރުވެގެން ދިޔަ ވެރިއެކެވެ. ޕްރިޔަންކާ އާއި ދިޕިކާ ފެނިގެންދާނީ އޭނާގެ އަނބިއަނބިކަނބަލުންގެ ރޯލުންނެވެ.
ޕްރިޔަންކާ އޭނާގެ ފުރަތަމަ އަނބިމީހާ ކަށީބާއީގެ ރޯލުން ފެނިގެންދާއިރު، ދިޕިކާ ފެނިގެންދާނީ މަސްތާނީގެ ރޯލުންނެވެ. އަދި ރަންވީރު ފެނިގެންދާނީ ޕޭޝްވާ ޖެނެރަލެއްގެ ރޯލުންނެވެ.
މިދިޔަ ހަފްތާގައި މިފިލްމުގެ ޓްރެއިލާ އާންމުކޮށްފައިވާއިރު، ފިލްމުގެ ޓަރެއިލާ އިންތިހާ މޮޅު ކަމަށް ގިނަ ފަރާތްތަކުން ވަނީ ބުނެފަ އެވެ.