މޯލްޑިވްސް ޕޮލިސް ސާވިސް

ވޭމަންޑޫ ހިޔާ ކުދިންނަށް ފުލުހުން އަނިޔާއެއް ނުކުރޭ

ތ. ވޭމަންޑޫ ކުޑަކުދިންގެ ހިޔާގައި އުޅޭ ކުދިން ތަކަކަށް ފުލުހެއް އަނިޔާކުރި ކަމަށް ސޯޝަލް މީޑިއާގައި ދެކެވޭ ވާހަކަތައް ފުލުހުން ދޮގުކޮށްފި އެވެ.

ސޯޝަލް މީޑިއާގައި މީހަކު ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ތ. ވޭމަންޑޫގައި މަސައްކަތްކުރާ ފުލުހަކު ކުޑަކުދިންގެ ހިޔާގައި އުޅޭ ކުއްޖަކަށް އަނިޔާކޮށްފައިވާ ކަމަށެވެ. އަދި އެ ވާހަކަ ފޭސްބުކްގައި ދެއްކުމުން ފުލުސް މީހާ އިންޒާރު ދިން ކަމަށާއި މަޖުބޫރުކޮށްގެން ޕޯސްޓް ރިމޫވްކޮށްފައިވާ ކަމަށެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ ވޭމަންޑޫގައި ކުޑަކުދިންގެ ހިޔާގައި އުޅޭ ކުދިންތަކެއް މިމަހުގެ 12 ވަނަ ދުވަހުގެ ރޭ 10:30ގެ ފަހުން ބޭރުގައި އުޅެމުން ދިޔަ ކަމަށެވެ. އަދި އެ ކުދިން އަނބުރާ ހިޔާއަށް ގެނެސްދިނުމަށް ތ. އަތޮޅު ޖެންޑާއިން ފުލުހުންގެ ކިބައިން އެދުނު ކަމަށެވެ.

ޖެންޑާގެ އެދުމުގެ މަތިން އެކުދިން ހިޔާއަށް ގެންދިއުމަށް ވޭމަންޑޫ ފުލުހުން އެހީތެރިވި ކަމަށްވެސް ފުލުހުންގެ އިދާރާއިން ބުނެ އެވެ.

މިކަމުގެ ތެރޭގައި އެއްވެސް ކުއްޖަކަށް ފުލުހުން އަނިޔާކޮށްފައި ނުވާނެ ކަމަށާއި އެއްވެސް ކުއްޖަކަށް އަނިޔާކުރި ކަމުގެ ޝަކުވާއެއް ލިބިފައި ނުވާ ކަމަށްވެސް ފުލުހުން ބުނެ އެވެ. އަދި އެފަދަ މައްސަލައެއް ހުށަހަޅާފައި ވެސް ނެތް ކަމަށެވެ.