މޯލްޑިވްސް ކަރެކްޝަނަލް ސާވިސް

ގައިދީ މަރުވި މައްސަލަ ތަހުގީގުކުރަން ފަށައިިފި

ހުޅުމާލެ ޖަލުގައި ތިން އަހަރުގެެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދިޔަ ގައިދީއަކު ރޭ މަރުވި މައްސަލަ ކަރެކްޝަނަލް ސާވިސް އިން ތަހުގީގުކުރަން ފަށާއިފި އެވެ.

ހޯމް މިނިސްޓްރީން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ ހުޅުމާލޭ ޖަލުގައި ގައިދީއަކު މަރުވުމާއި ގުޅިގެން ކަރެކްޝަންސް އިން ގެންދަނީ އެމައްސަލަ ތަހުގީގު ކުރަމުން ކަމަށެވެ. ސީީސީޓީވީ ފޫޓޭޖާއި، ޖަލު އޮފިސަރުން އަދި ގައިދީން ދީފައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށް ހާދިސާ ހިނގާދިޔަ ގޮތުގެ ޓައިމްލައިނެއް ވެސް ހޯމް މިނިސްޓްރީން ވަނީ ހިއްސާކޮށްފަ އެވެ.

މަރުވެފައިވަނީ ގދ. ވާދޫ / ޖަނަވަރީގެ މުހައްމަދު އަސްލަމް (40 އަހަރު) އެވެ.

ޓައިމްލައިންގައިވާ ގޮތުން އިއްޔެ ހަވީރު 5:55 ހާއިރު މޭޒެއްގެ މަތީގައި އަސްލަމް އިށީނދެ އިންތައް ސީސީޓީވީ އަށް ރެކޯޑްކުރެވިފައިވެ އެވެ. އަދި 5:59 ގައި މޭޒުމަތިން އަނބުރައިގަނެގެން ވެއްޓުނު ކަމަށާއި އަސްލަމަށް ވަގުތުން އަވަސް ފަރުވާ ދީފައިވާ ކަމަށްވެސް މިނިސްޓްރީން ބުނެ އެވެ.

ހޯމް މިނިސްޓްރީން ބުނީ 6:02 ގައި ކަރެކްޝަންސްގެ އޮފިސަރުން ހާދިސާ ހިނގި ތަނަށް ދިޔަ ކަމަށާއި އެވަގުތު އަސްލަމް އޮތީ ހޭނެތިފައި ކަމަށެވެ. އަދި އިރުއޮއްސި 6:10 ގައި ހޮސްޕިޓަލަށް ގެންދެވުނު ކަމަށާއި 6:30 ގައި އާއިލާގެ މެމްބަރުންނަށް ގުޅުމުގެ މަސައްކަތް ފެށި ކަމަށެވެ. އެކަމަކު އައިލާގެ މީހަކާ ގުޅިފައިވަނީ 6:42 ގައެވެ.

ޓައިމްލައިންގައިވާ ގޮތުން އަސްލަމްގެ ހާލަތު ކަރެންޝަންސްގެ އިންސްޕެކްޓަރުންނަށް ރިޕޯޓް ކޮށްފައިވަނީ އިރުއޮއްސި 6:51 ގައެވެ. އަދި އަސްލަމް މަރުވީ 6:55 ގައެވެ. އިންސްޕެކްޓަރުނަށް ހޮސްޕިޓަލަށް ދެވުނީ ރޭގަނޑު 7:25 ގައެވެ. އޭރު އަސްލަމް ވަނީ މަރުވެފައި ކަމަށްވެސް ޓައިމްލައިންގައި ބުނެފައިވެ އެވެ.

އަސްލަމް މަރުވި މައްސަލަ މަޖިލީހުގެ ހިއުންމަން ރައިޓްސް ކޮމިޓީންނާއި ހޯމް މިނިސްޓްރީން ވެސް ގެންދަނީ ބަލަމުންނެވެ.

އަސްލަމަކީ މަސްތުވާތަކެތީގެ މައްސަލައެއްގައި ޖަލު ހުކުމެއް ތަންފީޒު ކުރަމުންދިޔަ މީހެކެވެ. އަދި މަރުވިއިރު އޭނާއަކީ ބޮޑު ބައްޔަކަށް ބޭސްފަރުވާ ކުރަމުންދިޔަ މީހެއް ނޫން ކަމަށް ކަރެކްޝަނުން ބުނެފައިވެ އެވެ.