މޯލްޑިވްސް ކަރެކްޝަނަލް ސާވިސް

އަނިޔާވީ އަސްލަމުގެ ބޮލަށް، މަރުގެ ސަބަބު ދެނެނުގަނެވޭ

ހުޅުމާލެ ޖަލުގައި ތިން އަހަރުގެެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދިޔަ ގައިދީއަކު ރޭ މަރުވެފައިވާއިރު އެ މީހާ މަރުވި ސަބަބު ދެނެގަނެވިފައިނުވާ ކަމަށް ޑޮކްޓަރުންނާއި ހަވާލާދީ ކަރެކްޝަނުން ބުނެފި އެވެ.

ކަރެކްޝަނުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އަސްލަމް، ޔާޑް ސަރަހައްދުގައި އިށީންދެ އިންދާ ވެއްޓުމާއި ގުޅިގެން 8 މިނެޓް ތެރޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. އަދި ހާދިސާ ހިނގިތާ 30 މިނެޓްގެ ތެރޭގައި އާއިލާއާ ގުޅަން މަސައްކަތް ކުރިނަމަވެސް އާއިލާއާ ގުޅިފައިވަނީ 45 މިނެޓް ފަހުން ކަމަށެވެ.

އަސްލަމްގެ ބޮލަށް އަނިޔާވެފައިވާކަން ފާހަގަކޮށް އެއީ ވެއްޓުމާއި ގުޅިގެން ލިބުނު އަނިޔާއެއް ކަމަށް ވަނީ ބުނެފައެވެ. އަދި އެ މަންޒަރު ސީސީފްޓޭޖުން ފެންނަން އެބަހުރި ކަމަށެވެ.

ހޮސްޕިޓަލުން އަސްލަމް މަރުވި ކަމަށް ނިންމާފައިވަނީ 6:55 ގައެވެ. ކަރެކްޝަނަށް އަންގާފައިވަނީ 8:23 ގައެވެ. އަދި މަރުގެ ފޯމްގަައި މަރުވި ސަބަބު ދެނެގަނެވިފައިނުވާ ކަމަށް ބަޔާން ކޮށްފައިވާ ކަމަށް ކަރެކްޝަނުން ބުންޏެވެ.

ކަރެކްޝަނުން ވަނީ އަސްލަމަށް އަނިޔާ ކޮށްފައިވާ ކަމަށް އާއިލާއިން ކުރަމުންދާ ތުހުމަތު ވަނީ ދޮގުކޮށްފައެވެ.