އަބްދުއްސައްތާރު މޫސާދީދީ

ހިތާމައިގައި ގައުމީ ދިދަ ތިން ދުވަހަށް ބައިދަނޑިއަށް

އަބްދުއް ސައްތާރު މޫސާ ދީދީ އަވަހާރަ ވުމާއި ގުޅިގެން ގައުމީ ދިދަ ތިން ދުވަހަށް ބައިދަނޑިޔަށް ތިރިކުރުމަށް ރައީސް އަބްދުﷲ ޔާމިން ނިންމަވައިފި އެވެ.

ގައުމީ ދިދަ ތިން ދުވަހަށް ބައިދަނޑިޔަށް ތިރިކުރުމަށް ރައީސް ޔާމިން ނިންމެވި ކަން ކަށަވަރުކޮށްދީ ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް އަލީ މުއާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަބްދުއް ސައްތާރު މޫސާ ދީދީ އަވަހާރަ ވުމާއި ގުޅިގެން އޭނާގެ އާއިލާއަށް ރައިސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެފައިވާ ކަމަށާއި އެކަމާއި ގުޅިގެން ގައުމީ ދިދަ ތިން ދުވަހަށް ތިރިކުރައްވަން ރައީސް ނިންމަވާފައިވާ ކަމަށެވެ.

ސައްތާރު މޫސާ ދީދީ އަކީ ކެބިނެޓްގެ ވަޒީރުކަން ކުރައްވާ، 50 އަހަރަށް ވުރެ ގިނަ ދުވަހު ސަރުކާރަށް ހިދުމަތްކުރެއްވި ބޭފުޅެކެވެ. އެގޮތުން ރާއްޖޭގެ ހެލްތު މިނިސްޓަރު ކަމާއި ފިނޭންސް މިނިސްޓަރު ކަމާއި ފިޝަރީޒް މިނިސްޓަރުކަން ވެސް އެމަނިކުފާނު ކުރެއްވި އެވެ. އަދި ރާއްޖޭގެ މިނިވަންވުމަށް ކުރި މަސައްކަތުގައި އެންމެ ބުރަކޮށް އޭރުގެ ބޮޑުވަޒީރު އިބްރާހިމް ނާސިރުގެ އަރިހުގައި މަސައްކަތް ކުރެއްވި އޭރު ސިލޯނުގައި ހުންނެވި ދިވެހި ސަފީރަކީ ވެސް އަބްދުއް ސައްތާރު މޫސާދީދީ އެވެ.