މޯލްޑިވްސް ނޭޝަނަލް ޕާޓީ

އެމްއެންޕީ ރަޖިސްޓްރީކުރަން ހުށަހަޅައިފި

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީކުރަން އިލެކްޝަންސް ކޮމިޝަނަށް މިއަދު ހުށަހަޅައިފި އެވެ.

އެމްއެންޕީ ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓަރީކުރަން ހުށަހަޅާފައިވަނީ މިއަދު ހެނދުނު 10:30 ގައި 5،000 މެންބަރުންނަށް ވުރެ ގިނަ ފޯމާ އެކުގަ އެވެ.

މި ރަސްމިއްޔާތުގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން އެމްއެންޕީ އުފެއްދުމުގައި އެންމެ އިސްކޮށް ހުންނެވި ކުރީގެ ޑިފެންސް މިނިސްޓަރު އަދި ދަނގެތީ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ނާޒިމް ވިދާޅުވީ މިއަދަކީ އެމްއެންފީގެ ހަޔާތުގައި ވަރަށް ތާރީހީ ދުވަހެއް ކަމަށެވެ. އެއީ އެތައް ދުވަހެއްގެ ބުރަ މަސައްކަތް ކާމިޔާބުވުމުން ކަމަށް ވެސް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ އެމްއެންޕީން ކޮންމެ ކަމެއް ވެސް ކުރަނީ ގައުމު އިސްކޮށްގެން ކަމަށެވެ. އެގޮތުން ޕާޓީގެ މަސައްކަތް ފަށާފައިވަނީ ޖުލައި މަހުގެ 26-- މިނިވަން ދުވަސް -- ގައި ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެ ދުވަހު މިނިވަންކަންމަތީ ތިބެ މި ގައުމަށް ހިދުމަތްކުރުމުގެ އަޒުމެއް ކަނޑައެޅިން،" ނާޒިމް ވިދާޅުވި އެވެ.

މިއަދަކީ ބައިނަލްއަގްވާމީ ޑިމޮކްރަސީގެ ދުވަސްކަން ފާހަގަކުރައްވަމުން ނާޒިމް ވިދާޅުވީ މިއަދު އެމްއެންޕީ ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓަރީކުރަން ހުށަހެޅީ 5،000 އަށް ވުރެ ގިނަ ފޯމްއާއި އެކުގައި ކަމަށެވެ.

"މި ޕާޓީ އަކީ ޑިމޮކްރެޓިކް އުސޫލުތަކާއި އެއްގޮތަށް ހިންގުމަށް އަޅުގަނޑުމެން އަޒުމު ކަނޑއަޅާފައިވާ ޕާޓީއެއް. މި ޕާޓީގެ ކޮންމެ ކަމެއް ވެސް ހިނގަމުންދާނީ ޑިމޮކްރަސީގެ އެންމެ ފުރިހަމަ މިސާލާ އެއްގޮތަށް." ނާޒިމް ވިދާޅުވި އެވެ.

އެމްއެންޕީގައި އިސްކޮށް ހުންނަވާ ބޭފުޅަކަށް ޕާޓީ ހިންގަން ލިބިވަޑައިގަންނަވާނީ ފަސް އަހަރުގެ ދެ ދައުރު ކަމަށާއި ޕާޓީގައި ކޮންމެ އިންތިހާބެއް ބާއްވާނީ ދެފުށްފެންނަ ގޮތަށް ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ. އަދި އެ ޕާޓީ އަކީ އެހެން ޕާޓީތަކަށް ނަމޫނާއަކަށް ވެގެންދާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އެމްއެންޕީ އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަދި ނާޒިމްގެ ދެބެންގެދެދަރި ކޮއްކޮ އަހްމަދު އުޝާމަށް ދީފައިވަނީ މިދިޔަ ޖުލައި 15 ވަނަ ދުވަހު އެވެ.

އެމްއެންޕީ އުފެއްދުމުގައި ނާޒިމާއި އުޝާމުގެ އިތުރުން މަޖިލީހުގެ ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒުއާއި، ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލްމުހުސިން އަބްދުލްހަމީދު އަދި ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (މޮސްޓާ) މީގެކުރިން މަސައްކަތް ކުރެއްވި އެވެ. ނަމަވެސް މުހުސިނާއި ނަޝީދު މިހާރު ވަނީ އެމްއެންޕީގެ މަސައްކަތްތަކާ ދުރަށް ވަޑައިގެންފަ އެވެ.

އެމްއެންޕީން ވަނީ 2023 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެ ޕާޓީން ކެންޑިޑޭޓަކު ނެރުމަށް ނިންމާފަ އެވެ. ކެންޑިޑޭޓަކު ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ނާޒިމް ވަނީ އިއުލާންކުރައްވާފަ އެވެ.