ބޮލީވުޑް

ކަރީނާ ކަޕޫރު އާއި ކެޓްރީނާ ކައިފްގެ ކުރިމަތިލުމެއް!

Nov 28, 2015


ބަތަލާ ކެޓްރީނާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ އެކްޓަރު ރަންބީރު ކަޕޫރުގެ އާއިލާގެ މީހުންގެ ތެރެއިން ކެޓްރީނާ އާއި އެންމެ ގުޅެނީ ކަރީނާ ކަޕޫރު އާ އެވެ.

ފުރުސަތެއް ލިބުނު އަބަދުވެސް މިދެތަރިން އެކަކު އަނެކަކަށް ތައުރީފުކޮށް ވާހަކަދައްކާއިރު، މިދިޔަ އަހަރު "ކޮފީ ވިތް ކަރަން"ގެ ޝޯގައި ކަރީނާ ވަނީ އޭނާގެ ކޮއްކޮ ރަންބީރާއި އެންމެ ގުޅޭނެ ބައިވެރިޔަކީ ކެޓްރީނާ ކަމަށް ވެސް ބުނެފަ އެވެ.

އަދި މިފަހުންވެސް މިދެތަރިން ވަނީ "ފެންޓަމް" ރިލީޒްކުރުމާ ދިމާކޮށް ކަރީނާ ބޭއްވި ޕާޓީންނާއި އެފިލްމުގެ ހާއްސަ ސްކްރީނިންގައި މަޖާ ވަގުތުތަކެއް ހޭދަކޮށްފަ އެވެ.

ކޮންމެއަކަސް މިފަހުން ކަރީނާ އާއި އަރްޖުން ކަޕޫރު ޝޫޓިން ނިންމާލީ ޑައިރެކްޓަރު އާރް ބަލްކީގެ "ކީ އެންޑް ކާ" އާއި ކަރީނާ އާއި އަދިތްޔަ ރޯއި ކަޕޫރުގެ "ފިތޫރް" އެއް ދުވަހެއް ރިލީޒްކުރުމަށް ނިންމާފައިވާކަން ހާމަކޮށްފަ އެވެ. އެހެންކަމުން، މިދެފިލްމު އެއް ދުވަހެއްގައި ރިލީޒްކުރަން ނިންމުމުން މިއީ ކަޕޫރު އާއިލާގެ ކުރިމަތިލުމެއް ކަމަށް ގިނަބަޔަކު އަންނަނީ ބުނަމުންނެވެ.

މިދެފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އަންނަ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހު އެވެ.

އެންމެ ފުރަތަމަ "ފިތޫރް" ރިލީޒްކުރުމަށް ނިންމާފައި އޮތީ ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހު އެވެ. ނަމަވެސް ފިލްމުގެ ބޮޑުބައެއްގެ ޝޫޓިން ނިމުނު ފަހުން، މުހިންމު ރޯލުން ފެނިގެންދާ ރޭކާ ވަނީ ފިލްމު އުފައްދާ ފަރާތާއި މައްސަލަތަކެއް ޖެހިގެން ފިލްމުން ވަކިވެފަ އެވެ.

ރޭކާ ބަދަލުގައި އެރޯލު ކުޅުމަށް ތާބޫ ހަމަޖައްސައި، ފިލްމުގެ ޝޫޓިންވަނީ ނިމިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގައި ނިންމާލާފަ އެވެ.

މިދެފިލްމު އެއް ދުވަހެއްގައި ރިލީޒްކުރުމަށް ނިންމާފައިވާއިރު، ހުރިހާ ގޮތަކުންވެސް ދެފިލްމުގެ ވާހަކަ ވަރަށް ތަފާތެވެ.

"ކީ އެންޑް ކާ" އަކީ ގެވެހި ފިރިއަކާއި ބިޒީ އަނބިމީހާގެ ދިރިއުޅުން ދައްކުވައިދޭ، ކެރިއަރުގައި ކުރިއަށްދާން ބުރަ މަސައްކަތްކުރާ އަންބަކަށް އެހީތެރިވާ ގެވެހި ފިރިއެއްގެ ވާހަކަ އެވެ. އިންޑިއާގެ ދިއްލީގެ އިތުރުން މިފިލްމުގެ މަންޒަރުތައް ނަގާފައިވަނީ ދުބާއީގައި އެވެ.

މީގެއިތުރުން "ފިތޫރް" އަކީ ޗާލްސް ޑިކެންސްގެ ވާހަކަ ''ދަ ގްރޭޓް އެކްސްޕެކްޓޭޝަން'' ގެ މައްޗަށް އުފައްދާފައިވާ ފިލްމެކެވެ. ކެޓްރީނާ މިފލްމުގައި ޕާކިސްތާނު ޒުވާން އަންހެންކުއްޖެއްގެ ރޯލުން ފެނިގެންދާއިރު، އަދިތްޔަ ވެސް ކުޅެނީ ކަޝްމީރު ޒުވާން ފިރިހެން ކުއްޖެއްގެ ރޯލެވެ.

މިދެފިލްމުގެ ތެރެއިން ކާމިޔާބު ލިބެނީ ކޮން ފިލްމަކަށްކަން ނޭނގޭއިރު، ދެފިލްމަށް ވެސް ބެލުންތެރިން އިންތިޒާރުކުރެ އެވެ. ސަބަބަކީ ދެފިލްމުގައި ވެސް ހިމެނެނީ މަޝްހޫރު ތަރިންނަށް ވުމެވެ.

މިއީ ކަރީނާ އާއި ކެޓްރީނާގެ ފިލްމެއް އެއްދުވަހެއްގައި ރިލީޒްކުރާ ފުރަތަމަ ފަހަރަށްވީއިރު، މިދެތަރިންނަކީ ބޮލީވުޑްގެ އޭ ލިސްޓް ބަތަލާއިންގެ ތެރޭގައި ހިމެނޭ ދެތަރިންނެވެ.