ނަޝީދަށް އަމާޒު ކުރި ހަމަލަ

އިސްހާގާއި ފަހުމީގެ ބަންދު މުއްދަތު އިތުރުކޮށްފި

Sep 15, 2021

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާއި ގުޅިގެން ހައްޔަރުކޮށްފައިވާ އިސްހާގާއި ފަހުމީ އަލީގެ ބަންދު މުރާޖައާކޮށް މުއްދަތު އިތުރުކޮށްފި އެވެ.

އެގޮތުން އިސްހާގުގެ ބަންދަށް ކްރިމިނަލް ކޯޓުން އިއްޔެ ޖަހާފައިވަނީ 10 ދުވަހެވެ. ފަހުމީގެ ބަންދަށް ޖަހާފައިވަނީ 15 ދުވަހެވެ.

މި ދެ މީހުންނަށް ޕީޖީ އޮފީހުން ވަނީ ދައުވާކޮށްފަ އެވެ. ފަހުމީ އަލީގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވި ކުށުގެ ދައުވާ އެވެ.

އިސްހާގުގެ މައްޗަށް ދައުލަތުން ވަނީ ތިން ދައުވާއެއް އުފުލާފަ އެވެ. އެއީ ގޮވާ ތަކެތި އެހެން ތަނަކަށް ގެންދިއުން، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުން އަދި ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވި ކަމުގެ ކުށުގެ ދައުވާ އެވެ.

އިސްހާގަކީ ހަމަލާ ދިނުމުގައި އެންމެ އިސްކޮށް ހުރި ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދު އެ ހަމަލާ އަށް ތައްޔާރުކުރި މީހާ ކަމަށް ފުލުހުން ތުހުމަތުކުރެ އެވެ. އަދި ފަހުމީ އަކީ ވެސް ހަމަލާގެ އެކި ކަންކަމުގައި ބައިވެރިވެފައިވާ މީހެއް ކަމަށް ފުލުހުން ތުހުމަތުކުރެ އެވެ.

މި މައްސަލަ އާއި ގުޅިގެން އިތުރު ފަސް މީހެއްގެ މައްޗަށް ވެސް ކޮށްދިނުމަށް އެދި ފޮނުވާފައިވެ އެވެ. އެއީ އއ. މާޅޮސް އަސަރީގެ، މުހައްމަދު ނާޒިމް އާއި، ވ. ތިނަދޫ ލަކީ އަދުހަމް އަހްމަދު އާއި، މއ. ފޭރުގެ މުޖާޒް އަހްމަދާއި، ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހްމަދު އަދި ނ. މަނަދޫ ނޫރީގެ އަލީ ހައިޝަމް އެވެ.

ހަމަލާއާއި ގުޅިގެން ހައްޔަރުކޮށްފައިވާ އެހެން މީހުންނަކީ ހއ. މޮޅަދޫ ބަހާރުގޭ އަބްދުﷲ އަލިމަނިކު އަދި ހއ. ހޯރަފުށީ އަލަނާސިގޭ މުހައްމަދު ތަސްލީމް އެވެ.

މި މައްސަލައާއި ގުޅިގެން ލ. ގަން ދުންފިނިއުފާ އަހުމަދު ފާތިހު ވެސް ހައްޔަރުކުރި އެވެ. ނަމަވެސް އޭނާގެ މައްޗަށް ދައުވާ ކުރެވެން ނެތް ކަމަށް ޕީޖީ އޮފީހުން ކަނޑައެޅުމުން އޭނާ މިހާރު ވަނީ ބަންދުން ދޫކޮށްލާފަ އެވެ.