ބޮލީވުޑް

ފިރިމީހާ އާމިރް ޚާނަށް ފާޑުކިޔުމުން އަންހެނަކު އަމިއްލައަށް މަރުވެއްޖެ

Nov 28, 2015

ކެތްނުކުރެވޭ ވަރަށް ގައުމުގެ ހާލަތު ގޯސްވެފައިވާ ކަމަށް ބުނެ އާމިރް ޚާން ދެއްކި ވާޙަކަތަކާއި ގުޅިގެން މުޅި އިންޑިއާގެ މަސްރަހު ވަނީ ވަރަށް ހޫނުވެފަ އެވެ.

އާމިރްގެ މިވާޙަކަތަކާއި ގުޅިގެން އޭނާއަށް، ފިރިމީހާ ފާޑުކީ ކަމަށް ބުނެ އިންޑިއާގެ އަންހެނަކު ވަނީ ވިހަ ބޮއެގެން މަރުވެފަ އެވެ.

ސޯނަމް ޕާންޑޭ ނަމަކަށް ކިޔާ މިއަންހެންމީހާ ވިހަ ބޮއެގެން މަރުވި މައްސަލަ މިހާރު ފުލުހުން ތަހުގީގުކުރަމުން އަންނައިރު، ފިރިހެން ކުއްޖާގެ ބައްޕަ ބުނެފައިވާ ކަމަށް ނޫސްތަކުގައިވާ އިއްޔެގެ ހެނދުނު މިހާދިސާ ހިނގުމުގެ ކުރިން ސޯނަމް އާއި ފިރިމީހާ މަޔާންކް ދިޔައީ އިންޑިއާގައި ދީނީ ތަފާތުކުރުން އޮންނަ ކަމަށް އާމިރް ބުނެ ދެއްކި ވާހަކަތަކާއި ގުޅޭގޮތުން ވާހަކަދައްކަމުން ކަމަށާއި އަދި އަންހެނުންނާއި ދިމާކުރުމުގެ ރާގަކަށް މަޔާން ސޯނަމް އާއި ދިމާލަށް "އަންހެނުން ބުނެގެން ގައުމު ދޫކޮށް އެހެންގައުމަކަށްދާން މިއީ ކޮންކަހަލަ ބޮލީވުޑްގެ އެކްޓަރަކޭ" ބުނުމުން އޭނާ ރުޅިގަދަވި ކަމަށެވެ.

އަދި މަޔަންކް ފާޑުކިޔުންތަކާއި މެދު ހިތްހަމަނުޖެހިގެން ކޮޓަރިއަށް ވަދެ ސޯނަމް ތަޅުލީކަމަށް މަޔާންކްގެ ބައްޕަ އާރް ޕާންޑޭ ވަނީ ބުނެފަ އެވެ.

އިރުކޮޅެއްފަަހުން ސޯނަމް ހަޅޭލަވާ އަޑުއިވިގެން މަޔަންކް ދިޔައިރު ސޯނަމް ދިޔައީ ހޮޑުލަމުން ކަމަށާއި އަދި ވަގުތުން އޭނާ ހޮސްޕިޓަލަށް ގެންދިޔަކަމަށް ވެސް ވަނީ ބުނެފަ އެވެ.

ނަމަވެސް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް ސޯނަމް ވަނީ މާގިނައިރުތަކެއް ނުވެ މަރުވެފަ އެވެ.

"ލަފާކުރެވެނީ އޭނާ ބުއީ ވިހަ އެއްޗެއް ކަމަށް" އާރް ޕާންޑޭ ބުނެފައިވެ އެވެ.

ކެތް ނުކުރެވޭ ވަރަށް ގަައުމު ހާލަތު ގޯސްވެފައިވާ ކަމަށް ބުނެ އާމިރް ހޯމަ ދުވަހު ވާހަކަދައްކަމުން ވަނީ ގައުމު ދޫކޮށް އެހެންތަނަކަށް ދިއުމަށް އަންހެނުން ލަފާދީފައިވާ ކަމަށް ބުނެފަ އެވެ.

އާމިރްގެ މިވާހަކަތަކާއި ގުޅިގެން ސިޔާސީ ފަރާތްތަކުގެ އިތުރުން ބޮލީވުޑްގެ ބައެއް އެކުވެރިންގެ ވެސް ބަހުގެ ހަމަލާތައް އާމިރަށް އަމާޒުވެފައިވާއިރު، ބައެއް ސިޔާސީ ޕާޓީތަކުން ވެސް އަންނަނީ އާމިރަޑް ފާޑުކިޔަމުންނެވެ. އަދި ބައެއް ފަރާތްތަކުން އާމިރް ދިރިއުޅޭ ގޭގެ ބޭރުގައިވެސް މުޒާހަރާކޮށްފައިވާއިރު، ސިޔާސީ ޕާޓީއެއް ކަމަށްވާ ޝިވް ސޭނާ އިން ވަނީ އާމިރްގެ ގައިގައި ޖެހި މީހަކަށް އެއްލައްކަ ރުޕީޒް ދޭނެކަމަށް ބުނެފަ އެވެ.

އާމިރްގެ ވާހަކަތަކާއި ގުޅިގެން އެކި ފަރާތްތަކުން އޭނާއަށް ފާޑުކިޔަމުން އަންނަނިކޮށް ވަނީ އޭނާ އަދިވެސް ހުރީ އޭނާ ދެއްކި ވާހަކަތަކުގެ މަތީގައި ކަމަށާއި ބައެއްގެ ބަހުގެ ހަމަލާތަކަށް ބިރުން އެވާހަކަތައް އޭނާ ބަދަލުނުކުރާނެ ކަމަށެވެ. އަދި މީހުން ކިތަންމެ ފާޑެއް ކިޔަސް އޭނާ އާއި އަންހެނުން ކިރަން ރާއޯ ގައުމު ދޫކޮށް ދިއުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށްވެސް ބުނެފަ އެވެ.

މިހާރު އާމިރް "ޑަންގާލް"ގެ ޝޫޓިން ލުދިޔާނާގައި ނަގަމުން އަންނައިރު، އާމިރްގެ ސަލާމަތީ ކަންތައްތައް ވަނީ ވަރަށް ވަރުގަދަކޮށްފަ އެވެ.