އިލެކްޝަންސް ކޮމިޝަންގެ ރައީސްގެ މަގާމަށް ފުއާދު ތައުފީގު އިންތިހާބު ކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަނުން ދެންމެ ބުނީ އެ ކޮމިޝަނަށް ރައީސަކު އިންތިހާބު ކުރުމަށް މެންބަރުންގެ މެދުގައި ނެގުނު ވޯޓުގެ އަޣުލަބިއްޔަތުން ފުއާދު، ރައީސް ކަމަަށް އިންތިހާބު ކޮށްފައިވާ ކަމަަށެވެ. ކޮމިޝަންގެ ނާއިބު ރައީސަކީ އިސްމާއީލް ހަބީބު އެވެ.
އިލެކްޝަންސް ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޒަކަރިއްޔާ ވިދާޅުވީ މިއަދު ހަވީރު ފަހެއް ޖެހިއިރު ބޭއްވި ކޮމިޝަންގެ ބައްދަލްވުމަށް ރައީސްގެ މަގާމަށް ހުށައެޅީ ފުއާދުގެ ނަން އެކަނި ކަމަށެވެ. އަދި ފުއާދު އިންތިހާބު ކޮށްފައިވަނީ ކޮމިޝަންގެ މެންބަރުންގެ އަޣުލަބިއްޔަތުން ކަމަށެވެ.
ފުއާދު ވަނީ ކުރީންވެސް އިލެކްޝަންސް ކޮމިޝަނުން ރައީސް ކަމުގެ މަގާމު ފުރުއްވާފައެވެ. ފުއާދުއަކީ ސިޔާސީ ހުރިހާ ޕާޓީތަކެއްހެން އިތުބާރު ކުރައްވާ އެ މަގާމަށް ގާބިލު ބޭފުޅެއް ކަމަށް ސިޔާސީ ގިނަ ބޭފުޅުން ވިދާޅުވެއެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސް މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި އަހުމަދު ޝަރީފް ޖޫން މަހު އިސްތިއުފާ ދެއްވުމާއި ގުޅިގެނެވެ. ޝަރީފް އިސްތިއުފާ ދެއްވީ މި ސަރުކާރުގެ ސިޔާސީ މަގާމަކަށް ވަޑައިގަތުމަށެވެ. ނަމަވެސް މިއަދާ ހަމައަށްވެސް ޝަރީފު ވަކި މަގާމަކަށް އައްޔަންކޮށްފައެއް ނުވެއެވެ.